ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން؛ (ފޮޓޯ/މަޖިލިސް)
ގެވެށި އަނިޔާ ކުރާ މީހުން އިސްލާހުކުރަން ޕްރޮގްރާމެއް ފަށަން ތައްޔާރުވަނީ
ގެވެށި އަނިޔާކުރާ މީހުން އިސްލާހުކުރުމަށް، 'ޕާޕެޓްރޭޓާ ރީހެބިލިޓޭޝަން ޕްރޮގްރާމް'ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޕްރޮގްރާމްގެ ފަރުވާއާ ގުޅޭ މެނުއަލް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ އެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
ތަފްސީލް - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އިބްރާހިމް ތޮއްޔިބު ވިދާޅުވީ، އެ ޕްރޮގްރާމްގެ ބޭނުމަކީ ގެވެށި އަނިޔާކުރާ ފަރާތްތައް އިސްލާހުކޮށް، މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުން ކަމަށެވެ.
އެފަދަ މީހުންނަށް އަމާޒުކޮށް މިހާރު ރުޅި ކޮންޓްރޯލް ކުރުމަށް އެންގާ މެނޭޖްމަންޓް ޕްރޮގްރާމްތަކާއި ކަޕުލް ކައުންސެލިން ފަދަ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް، އެކަމުން އެންމެ އެދެވޭ ނަތީޖާއެއް ނުނުކުންނަ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
އެހެންކަމުން، ޔޫއެންޑީޕީ އާއި ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން ރީހެބިލިޓޭޝަން ޕްރޮގްރާމް އެއް އެކުލަވާލުމުފެ މަސައްކަތް ފެށީ އެ ބައިތަކާއި އަދި ވެސް އެހެން ބައިތައް ހިމެނޭ "ކޮމްޕްރިހެންސިވް" ޕްރޮގްރާމެއް ރާއްޖޭގައި ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "މިދިޔަ އަހަރާއި މި އަހަރު ކުރި މަސައްކަތުން، ޕްރޮގްރާމް ޓްރީޓްމަންޓް މެނުއަލް މިހާރު އެކުލަވާލާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ޕްރޮގްރާމް މިހާރު ފަރުމާ ކޮށްފައި އޮތް ގޮތުން ބައެއް ކަހަލަ ގޮންޖެހުންތައް އެބަހުރި ކަމަށާއި އިތުރަށް ރަނގަޅު ކުރެވެން ހުރި ކަންކަން އިސްލާހު ކުރުމަށާއި އެކަމާ ގުޅޭ އުސޫލެއް ތައްޔާރުކުރަން ޔޫއެންޑީޕީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.
"މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި އިމްޕްލިމެންޓޭޝަން ފެށޭނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
ޕްރޮގްރާމް ރާވާފައިވާ ގޮތް:
-
ޓާގެޓް ޕޮޕިއުލޭޝަން އަކީ އަލަށް ކުށް ކުރާ މީހުންނާއި ތަކުރާރުކޮށް ކުށް ކުރާ މީހުން
-
ޕްރޮގްރާމް ކުރިއަށް ގެންދާނީ ގްރޫޕް ތެރަޕީ ޕްރޮގްރާމް އެއްގެ ގޮތުގައި
-
ކޮންމެ ގްރޫޕެއްގައި ހިމެނޭނީ 12-15 މެމްބަރުން
-
ކޮންމެ ގްރޫޕަކަށް ވެސް އެއް އަހަރު ތެރަޕީ ދޭނެ
-
އެއީ ޖުމްލަ 52 ސެޝަން؛ ހަފްތާއަކު 2 ގަޑިއިރުގެ ސެޝަން އެއް
-
'ހޯމްވޯކް' ވެސް ދިނުމަށް ހަމަޖެހިފައިވޭ
-
ޕްރޮގްރާމް ކުރިއަށް ގެންދާނީ 'ކްލޯސްޑް' ޕްރޮގްރާމެއްގެ ގޮތުގައި؛ އެހެން ގްރޫޕެއް ނަގާނީ ފުރަތަމަ ފަށާ ގްރޫޕުގެ ފަރުވާ އެއްކޮށް ނިމުމުން
ޖެންޑާ މިނިސްޓްރީގެގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުނީޒާ އަފީފް ވިދާޅުވީ ތެރަޕީގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ގްރޫޕުގައި ހިމެނޭ މީހުންގެ އަދަދު މަދުކުރުމުން ކަމަށް ސްޓޭކްހޯލްޑަރުން ލަފާދީފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ރާވާފައި އޮތް ޕްރޮގްރާމް އިތުރަށް ރިވިއު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ، އަމާޒަކީ މިއީ ޖަލުން ބޭރުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ހެދުން ކަމަށެވެ. ނަމަވެސް އެ ހިސާބަށް ދިއުމަށް އަދި ވަރަށް ގިނަ ވަސީލަތްތަކާއި އުސޫލުތައް ވެސް ބޭނުންވާނެ ކަމަށާއި 'ޕައިލެޓް' ޕްރޮސެސް އެއްގެ ގޮތުގައި މި ޕްރޮގްރާމް ފުރަތަމަ ފަށާނީ ޖަލުން ކަމަށެވެ.
"ކެރެކްޝަންސް އާއެކީ މިހާރު މަޝްވަރާކޮށްފިން ޖަލުގައި ތިބި މިކަހަލަ އަނިޔާތައް ހިންގާ މީހުންނަށް މި ޕްރޮގްރާމް ހިންގަން،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ، ގެވެށި އަނިޔާއާ ގުޅޭ ދިރާސާއެއް ނެތި މިފަދަ ޕްރޮގްރާމެއް ފަށައިގެން ނަތީޖާ ހާސިލުކުރެވިދާނެ ކަމާމެދު އެވެ.
އެކަމާ ގުޅިގެން ތޮއްޔިބު ވިދާޅުވީ މިހާރު އެފަދަ ދިރާސާއަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ދިރާސާގެ ހުރިހާ ކަމެއް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2024 ގައި ކަމަށެވެ.
ނަމަވެސް މި ޕްރޮގްރާމް ފަށަން މިއީ ރަނގަޅު ވަގުތު ކަމަށާއި ޕްރޮގްރާމް ފަށަން ބޭނުންވާ ވަރަށް ތަފާސްހިސާބު ވެސް އެބަހުރި ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.
"އަޅުގަނޑުމެންގެ އަތުގައި އެބަހުރި އެޑިކުއެޓް މައުލޫމާތު މިފަދަ ޕްރޮގްރާމެއް ފަށއިގަންނަން. އަދި އެ ޕްރޮގްރާމް ފަށައިގެން އޭގެ ރަނގަޅު އިފެކްޓިވް މޮނިޓަރިން ސިސްޓަމް އެއްގެ ތެރެއިން މޮނިޓާކޮށް އިވެލުއޭޓް ކުރެވޭ ނަމަ ކުރިއަށް އޮތް ތަނުގައި ޕްރޮގްރާމް އިތުރަށް ފުރިހަމަ ކުރެވެން ވެސް އެބަ އޮތް،" ތޮއްޔިބު ވިދާޅުވި އެވެ.
ގެވެށި އަނިޔާއާ ގުޅޭ ޖެންޑާގެ ތަފާސްހިސާބުތައް:
-
2019 ވަނަ އަހަރު 2719 ކޭސް
-
2020 ވަނަ އަހަރު 2510 ކޭސް
-
2021 ވަނަ އަހަރު 2420 ކޭސް
-
މި އަހަރުގެ ޖުލައިގެ ނިޔަލަށް 1669 ކޭސް
ތޮއްޔިބު ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވަން ކުރެވޭނެ އެންމެ މުހިންމު ކަމަކީ، އަނިޔާކުރުމުގެ ކުރިން އެކަން ހުއްޓުވުން ކަމަށެވެ. އެހެންކަމުން، ރީހެބިލިޓޭޝަން ޕްރޮގްރާމްގައި އަމިއްލައަށް އިސްނަގައިގެން ބައިވެރިވެވޭ ގޮތަށް ހުޅުވާލުމަކީ އިސްކަންދެއްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުމަކީ އަނިޔާކުރެވިދާނެ ކަމުގެ ބިރު ނޫނީ އެކަހަލަ ޓްރެއިޓްސް އަމިއްލައަށް ފާހަގަވެގެން އެކަމުން ރައްކާތެރިވުން." އޭނާ ވިދާޅުވި އެވެ.