ސުޕްރީމް ކޯޓު ކައިރިން މީހަކު ހިނގާފައި ދަނީ. (ދައުރު ފައިލް ފޮޓޯ/އަނާމް އަޒްމީލް)

ސުޕްރީމް ކޯޓު

މަސްލަހަތު އޮތް މައްސަލަތައް އަމިއްލައަށް ތަހުގީގުކޮށްގެން ނުވާނެ: ސުޕްރީމް ކޯޓު

ބިދޭސީއަކަށް ފުލުހުން އަނިޔާކުރި މައްސަލަ ތަހުގީގުކުރީ ފުލުހުން އެކަނި؛ އެ ތަހުގީގު ގޯސްކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅި
25 ސެޕްޓެމްބަރު 2022

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި ކަމަށް ބުނި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ހަމައެކަނި ފުލުހުން ކަމަށް ވާތީ، އެ ތަހުގީގު ގޯސްކަމަށް ނިންމައި ފުލުހުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ޖޮއިންޓް އިންވެސްޓިގޭޝަންގެ ތެރެއިން މައްސަލަ ތަހުގީގުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ފުލުހުން ބިދޭސީއަކަށް އަނިޔާކުރީ 5 ޖުލައި 2019 ވަނަ ދުވަހުގެ 19:35 ހާއިރު، މ. އުޖާލާ ގޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ މައްސަލައިގައި 11 ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު، އަށް ފުލުހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.

އެ އަށް ފުލުހުންނަކީ:

  • އަބްދުލްމުހައިމިން، ދިލާސާގެ/ގއ. ކޮލަމާފުށި

  • އާދަމް މުހައްމަދު، ގުރަހާގެ/ގދ. ތިނަދޫ

  • އަފްސަލް ޒާހިރު، ފައްސިޔަ/ގއ. ކޮލަމާފުށި

  • އަހްމަދު ނައުޝާދު، ކެތި/ފ. ނިލަންދޫ

  • އަސްއަދު މޫސާ، މަލާޒް/ހއ. ހޯރަފުށި

  • ހަސަން ފައިސަލް، ހަތިހާ/ހއ.ހޯރަފުށި

  • ހުސައިން ނާފިއު، އޮއިވަރު/ގއ. ކޮލަމާފުށި

  • މުހައްމަދު އަލީ، ހިމާލިޔާ /ރ. ކަނދޮޅުދޫ

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގައި މައްސަލަތަކުގެ ޝަރީއަތް ކުރަން ފެށުމުގެ ކުރިން، އަށް ފުލުހުންގެ ފަރާތުން ވަނީ އެއީ ތަހުގީގުކުރުމުގެ އިހްތިސޯސް ނެތި ފުލުހުން ހިންގާފައިވާ ތަހުގީގެއް ކަމަށް ބުނެ، ދައުވާތައް ބާތިލްކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެއީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ކަމަށެވެ.

ފުލުހަކު މާލޭގައި ފޯރިމަރަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓުން އެގޮތަށް ނިންމި ނަމަވެސް ހައި ކޯޓުން ނިންމީ، އެ ދައުވާތައް ބިނާވާ ތަހުގީގަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ތަހުގީގެއް ކަމަށް ވާތީ، އެއީ ބާތިލު ތަހުގީގެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ބުނެފައި ވަނީ:

  • ފުލުހުން ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސޯސް ހިނގާނަމަ އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށް އެ އިދާރާއަށް މައްސަލަ ހުށަހެޅުން 

  • ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުން

ހައި ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހުނިގެން ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ވަނީ، އެއް އިދާރާއަށް ވުރެ ގިނަ އިދާރާއަށް ކުށެއްގެ ތަހުގީގުކުރުމުގެ ގާނޫނީ އިހްތިސޯސް ލިބޭ ހާލަތުގައި ފުލުހުންގެ ފަރާތުން އެކަނި ތަހުގީގެއް ހިންގައި މައްސަލައާ މެދު ގޮތް ކަނޑައެޅިދާނެ ކަމާ މެދު އުފެދޭ ސުވާލަށް ޖަވާބު ދީފަ އެވެ.

އެނގުން މުހިންމު - ފުލުހުން ހިމެނޭ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމުގެ ބާރާއި މަސްއޫލިއްޔަތު އުފުލަން ޖެހޭ މުއައްސަސާ އަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނެވެ.   

މި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ތަހުގީގު ކުރުމުގެ އިހްތިސޯސް ލިބިގެންވާ ކަމަށް ބެލި ނަމަވެސް، އެ އިދާރާތަކަށް އެ ކުށް ތަހުގީގުކުރުމުގެ 'އެކްސްކްލޫސިވް ޖުރިސްޑިކްޝަން' ލިބިފައި ނުވާތީ، މި މައްސަލައިގައި ގުޅިގެން ހިންގާ ނުވަތަ ޖޮއިންޓް ތަހުގީގެއް ހިންގަން ނުޖެހޭނެ ކަމަށެވެ.

ދައުލަތުން ބުނީ:

  • ހައި ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާ މާނަކޮށްފައި ވަނީ ގޯސްކޮށް ކަމަށް 

  • ހައި ކޯޓުން މާނަކުރާ ގޮތް ރަނގަޅު ނަމަ، ދެ އިދާރާއަކަށް ޖިނާއީ ކުށެއް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ ހާލަތުގައި އެ ދެ އިދާރާ އެކުގައި ނޫން ގޮތަކަށް ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަމަށް

  • ދެ އިދާރާއަކަށް ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ ހާލަތުގައި މައްސަލަ ތަހުގީގު ކުރާނީ ދެ އިދާރާ ގުޅިގެންކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެ ދެ އިދާރާއަށް ލިބިގެންވާ އިހްތިޔާރެއް ކަމަށް

ބުނީ ކީކޭ؟ - އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، މި މައްސަލައިގައި ހިމެނޭ ކުށްތަކަކީ ފުލުހުންގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ އިހްތިސޯސް ލިބޭ ކުށްތަކެއް ކަމާ މެދު ދެބަސްވުމެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ:

  • އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރާ ޖިނާއީ ކުށް ބިނާވަނީ އެ ފަރާތްތަކުން ފުލުހުންގެ ވަޒީފާ އަދާކުރުމުގެ ތެރޭގައި ކުރި އަމަލުތަކެއްގެ މައްޗަށް ކަމަށް 

  • ފުލުހުންގެ ފަރާތުން ކުރާ އެފަދަ އަމަލުތައް ފުލުހުންގެ ފަރާތުން އެކަނި ތަހުގީގު ކުރުމުގައި މަސްލަހަތު ފުށުއެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް

  • އެފަދަ ކަންކަން ބެލުމަށް ފާރަވެރި އިދާރާއެއް ގާއިމުވެ އޮވެމެ، އެ އިދާރާގެ ބަހެއް ނެތި އެފަދަ ތަހުގީގެއް ހިންގުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް

"އެއީ، ފުލުހުން އެކަނި ކުރާ އެފަދަ ތަހުގީގެއްގައި ވަކި ފަރާތަކަށް ބުރަވުމުގެ ނުވަތަ ބަލަން ޖެހި ނުބަލާ ކަންތައްތަކެއް ހުރުމުގެ އިހްތިމާލު އޮތުމުން،" ހުކުމްގައި ބުންޏެވެ.

މުއައްސަސާއެއް ވިޔަސް، އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި އަމިއްލައަށް ގޮތް ނުނިންމުމަކީ ހުރިހާ ގާނޫނީ ނިޒާމެއް ބަލައިގެންފައިވާ ގޮތުން ވެސް ތަބީއީ އިންސާފުގެ އަސާސީ އުސޫލު ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ. އޭގެ އިތުރަށް އެ ކޯޓުން ބުނީ:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާ އެކުލަވާލާފައިވާ ގޮތުން އެއީ އިހްތިޔާރީ މާއްދާއެއް ކަމުގައި ނުދެކޭ ކަމަށް 

  • އެ ނޫން ގޮތަކަށް އެ މާއްދާ މާނަކޮށްފި ނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ގާނޫނުތަކުގައި އެކި އިދާރާތަކާއި މަތިކޮށްފައިވާ މަސްއޫލިއްޔަތާއި ބާރަށް އެ މާނަކުރުމުގެ ސަބަބުން އަސަރުކުރާނެތީ

  • ގުޅިގެން ތަހުގީގު ހިންގުމަށް ލާޒިމުކޮށްފައި އޮތުމަކީ އެކަށީގެންވާ ފަދައަކުން ޖިނާއީ ތަހުގީގުތައް ހިންގުމަށް އޮތް ހުރަހަކަށްވާނަމަ، އެކަމުގެ ފަރުވާ ލިބިދެވޭނީ މަޖިލީހަށް ކަމަށް

އެހެންކަމުން، މައްސަލައިގައި ފުލުހުން ތަހުގީގު ހިންގީ ގޯސްކޮށް ކަމަށް ނިންމައި ހައި ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް