ފްލޮރިޑާގެ ޖަންގަލިން ހިފި 18 ފޫޓުގެ ޕައިތަން (ފޮޓޯ/ބީބީސީ)
ފްލޮރިޑާގެ ޖަންގަލިން 18 ފޫޓުގެ ބިޔަ ހަރުފައެއް ހިފައިފި
މުހިންމު ނުކުތާތައް
އޭތި ހިފި ވަގުތު ވެސް އޮތީ ފުއްލާާއެއް ކާލައިގެން ކަމަށްވޭ
އޮޅުކޮށްގެން ގެންގުޅުމަށް ފަހު ޒިންމާދާރުކަން ކުޑަކޮށް ދޫކޮށްލުމުގެ ސަބަބުން ފްލޮރިޑާގެ ޖަންގަލިތަކުގައި ޕައިތަން ވަނީ ގިނަވެފައި
އެހެނިހެން ޖަނަވާރުން ހިމާޔަތްކުރުމަށް ފްލޮރިޑާގައި ޕައިތަން ހިފާތާ 10 އަހަރު ވެއްޖެ
ދިގުމިނުގައި 18 ފޫޓު އަދި ބަރުދަނުގައި 95 ކިލޯ ހުރި ހަރުފައިގެ ވައްތަރެއް ކަމުގައިވާ ބާމީސް ޕައިތަނެއް އެމެރިކާގެ ފްލޮރިޑާގެ ޖަންގައްޔަކުން ހިފައި މަރާލައިފި އެވެ. މިއީ ފްލޮރިޑާ އިން މިހާތަނަށް ހިފި އެންމެ ބޮޑު ހަރުފަ އެވެ.
ފްލޮރިޑާގެ ޖަންގަލިތަކުގައި އާދަޔާހިލާފަށް ބޮޑެތި ހަރުފަ ގިނަވެ އޭގެ އުނދަގޫ ވަނީ ކުރިމަތިވެފަ އެވެ. ޖަންގަލިތަކުގައި އުޅޭ އެހެން ޖަނަވާރުން ޝިކާރަކޮށްގެން ޕައިތަން ކަ އެވެ. އެކަމަކު ޕައިތަން ޝިކާރަ ކުރާ އެހެން އެއްވެސް ޖަނަވާރެއް ނޫޅެ އެވެ. މިކަމަކުގެ ސަބަބުން އެ މާހައުލުގައި އުޅޭ އެހެން ދިރޭ ތަކެތީގެ އާބާދީއަށް އަސަރު ކުރެ އެވެ.
ރިސާޗަރުންނާއި ބަޔޮލޮޖިސްޓުންގެ ޓީމަކުން މި އަންހެން ޕައިތަން ހިފީ ފިރިހެން ޕައިތަނެއް ބޭނުންކޮށްގެންނެވެ. އެ ވަގުތު ވެސް އޭތި އޮތީ ހުދު ނިގޫލީ ފުއްލާާއަކަށް ހަމަލާދީ، ޝިކާރަކޮށް ކާލައިގެން ކަމަށްވެ އެވެ.
ޕައިތަން ހިފުމަށް މަސައްކަތް ކުރި ޓީމުގެ ބަޔޮލޮޖިސްޓުންނާ އޭތި ކުރިމަތިލި އެވެ. އެ މީހުންނަށް އޭތި ކޮންޓްރޯލް ކުރެވުނީ 20 މިނެޓުން ކަމަށް ބީބީސީ އަށް ކިޔައިދީފައިވެ އެވެ.
ފްލޮރިޑާގެ ޖަންގަލިތަކުގައި ޕައިތަން ގިނަވެފައި ވަނީ އޮޅުކޮށްގެން ގެންގުޅުމަށް ފަހު ޒިންމާދާރުކަން ކުޑަކޮށް ޖަންގަލިތަކަށް މީގެ އަހަރުތަކެއް ކުރިން ދޫކޮށްލުމުގެ ސަބަބުންނެވެ. އަދި އެ ތަނުގެ ސަބްޓްރޮޕިކަލް މޫސުމަކީ ޕައިތަން އާލާވުމަަށް އެންމެ އެކަށީގެންވާ މޫސުން ކަމުން އެ ތަކެތި އެ ސަރަހައްދުގައި ބޮޑުވަނީ އެވެ.
'ކޮންޒަވެންސީ އޮފް ސައުތު ވެސްޓް ފްްލޮރިޑާ' އިން ހިފައި މަރާލި ބާމީސް ޕައިތަން ކޮޅަށް ނަގައިފި ނަމަ ޖިރާފެއްގެ އިސްކޮޅު ހުންނާނެ ކަމަށް ބެލެވެ އެވެ.
ފްލޮރިޑާގެ އެވަގްލޭޑްސް ފޮރެސްޓްގައި އުޅެމުން އައި އެ ޕައިތަން ހިފުމަށް 'ޑައޮނީސަސް' ނަމަކަށް ކިޔާ ފިރިހެން ޕައިތަނެއްގައި ރޭޑިއޯ ޓްރާންސްމިޓަރެއް ހަރުކުރި އެވެ. ޖަންގަލީގެ ހުޅަނގު ފަރާތުގައި ފިރިހެން ޕައިތަން މަޑުކޮށްލުމާ އެކު އަންހެން އެތި އައިސްފައިވާ ކަމަށް ބަޔޮލޮޖިސްޓް އިއަން ބާޓޯޒެސްކް ބީބީސީއަށް ކިޔައިދިނެވެ.
"އަހަރެމެންނަށް އެނގިއްޖެ ކަމެއް ވެގެންކަން އޭތި އެ ތަނުގައި މަޑުކުރީ. ދެން ފެނުނީ މިހާތަނަށް ފެނުނު އެންމެ ބޮޑު އަންހެން ޕައިތަން،" އޭނާ ބުންޏެވެ.
ޕައިތަން ހިފި އިރު އޭގެ ބަނޑުގައި 122 ބިސް އޮތެވެ. ބެލެވޭ ގޮތުގައި އޭގެ އުމުރަކީ 20 އަހަރެެވެ.
މި ޖަންގަލިން މީގެ ކުރިން ފެނިފައިވާ އެންމެ ބޮޑު ޕައިތަނުގެ ދިގުމިނުގައި 16 ފޫޓު ހުރި އިރު ބަރުދަނުގައި ހުރީ 63.5 ކިލޯ އެވެ.
ފްލޮރިޑާގެ ޖަންގަލިތަކުގައި ރިސާޗަރުން ޕައިތަން ހިފާތާ މިހާރު 10 އަހަރުވެއްޖެ އެވެ. މިއީ އެ ސަރަހައްދުގެ އީކޯސިސްޓަމްތަކާއި އެ ތަނުގައި ހާއްސަކޮށް ދިރިއުޅޭ ޖަނަވާރުން ހިމާޔަތް ކުރުމަށް ކުރާ ކަމެކެވެ.
ކޮންޒަވެންސީ އޮފް ސައުތުވެސްޓް ފްލޮރިޑާގެ ޕައިތަން ޕްރޮގްރާމް އުފެދުނު ފަހުން ހުޅަނގު ދެކުނު ފްލޮރިޑާގެ ޖަންގަލީގެ 100 އަކަ މޭލުގެ ސަރަހައްދަކުން 1،000 ޕައިތަން ވަނީ ނައްތާލާފަ އެވެ.
ފްލޮރިޑާގައި ޕައިތަން ހިފުމަށް އާއްމުންގެ އެހީތެރިކަން ހޯދާ މުބާރާތެއް ވެސް ބާއްވަ އެވެ. 'ދަ ޕައިތަން ޗެލެންޖް' 5-14 އޮގަސްޓުގައި ކުރިއަށް ދާ އިރު 25 ސްޓޭޓަކުން 600 މީހުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
މުބާރާތުގައި އެންމެ ގިނަ ހަރުފަ ހިފާ ފަރާތަކަށް 2،500 ޑޮލަރު ދޭނެ އެވެ. އަދި އެންމެ ދިގު ހަރުފަ ހިފާ ފަރާތަކަށް 1،500 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު އެއްވަނަ ހޯދި މީހާ ވަނީ 223 ޕައިތަން ހިފާފަ އެވެ. އަދި މިދިޔަ އަހަރު ހިފި އެންމެ ދިގު ޕައިތަނުގެ ދިގުމިނުގައި 15 ފޫޓު ހުއްޓެވެ.
ހުރިހާ ހަރުފަތަކެއް ވެސް ނައްތާލަނީ އެ އެއްޗެއްސަށް ވީހާ ވެސް ތަކުލީފު ކުޑަވާ ގޮތަށެވެ.