ޑރ. ޝަހީމް އޭނާގެ ހާއްސަ ގަމީހުގައި

ޝަހީމްގެ މި ގަމީހަށް 21 އަހަރު، ސިއްރަކީ ލޯބި

ކުރީގެ އިސްލާމިކް މިނިސްޓަރުގެ ފޭސްބުކް ޕޯސްޓެއްގައި 21 އަހަރުގެ ގަމީހެއްގެ ވާހަކަ ލިއުއްވުމުން ވަރަށް ގިނަ ބަޔަކު ހައިރާންވި
5 އޭޕްރީލު 2023
4

ހަޔާތުގެ މުހިންމު ބައިވެރިންނާ އެކު ބާއްވާ ހާއްސަ ބައްދަލުވުންތަކަށް، ހާއްސަ ހެދުން ލަމު އެވެ. ކައިވެންޏަށް ހާއްސަ ހެދުންތައް ފަހައި، އެ ކައިވެންޏަށް ފަހު ރައްކާކޮށްފައި ވެސް ބާއްވަމު އެވެ.

އެކަމަކު ގިނަ މީހުންނަށް އެ ހެދުންތަކަށް، ފަހުން ދެވޭ ހާއްސަ ކަމެއް ނޯވެ އެވެ. ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އޭނާގެ ފޭސްބުކްގައި ފޮޓޯއާ އެކު ލިއުއްވި ލިއުންކޮޅު ހާއްސަވެފައި، ތަފާތުވަނީ އެހެންވެ އެވެ.

"މި ގަމީހަށް 21 އަހަރު ވީ. އަލްހަމްދުލިއްލާލި،" އޭނާ ލިއުއްވި އެވެ.

ގަމީހުގެ މައިގަނޑު ކުލައަކީ ރީނދުލެވެ. ދެން ހުރީ މަޑު ނޫ ކުލައިގެ، ފަލަ އަދި ޑިޒައިން ރޮނގުތަކެކެވެ. 

ގަމީހެއް، އޭގެ އަސްލު ނުގެއްލި، 21 އަހަރު ވަންދެން ގެންގުޅެވޭނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެވަރުގެ ސަމާލުކަމެއް ދެވޭނީ، އެހާ ހާއްސަ ވެސް ވެގެންނެވެ. އެހެންވެ ސުވާލަކީ މި ގަމީހުގެ ހަގީގަތަކީ ކޮބައިތޯ އެވެ؟ އެ ސުވާލު އަޅުގަނޑު ކުރުމާ އެކު، ޝަހީމް ވަގުތުން ޖަވާބު ދެއްވި އެވެ.

"އެއީ އަޅުގަނޑުގެ ކައިވެނީގައި ލީ ގަމީސް."

އެ ކައިވެންޏަށް ވެސް 21 އަހަރު ވީ އެވެ. އަނބިކަނބަލުންނަކީ ކުރިން ނަރުހެއްގެ ޒިންމާތައް އުފުއްލެވި ފާތުމަތު އާފިޔާ ވަހީދެވެ. 

ޝަހީމް އާއި އަނބިކަނބަލުން ފާތުމަތު އާފިޔާ ކައިވެނީގެ ފޮޓޯގައި. ކައިވެންޏަށް 21 އަހަރު ވީ އިރު ޝަހީމް އަދިވެސް މި ގަމީސް ބޭނުންކުރައްވާ

ފޭސްބުކްގައި އެ ގަމީހުގެ މި ތަފުސީލެއް ޝަހީމް ނުދެއްވަ އެވެ. އެކަމަކު ކޮމެންޓްކުރި ބައެއް މީހުން ފާހަގަކުރީ އެ ގަމީހާއި ޝަހީމްގެ ވަރަށް ހާއްސަ ކަމަކާ ގުޅުން އޮންނާނެ ވާހަކަ އެވެ.

"އެހެންވީމާ ތި ގަމީސް ވާނީ ވަރަށް ހާއްސަ ގަމީހަކަށް. ލޯބީގެ ހަނދާނަކަށްތޯ؟" އެކަކު ލިއުނެވެ. 

އެހާ ގިނަ ދުވަސް ވަންދެން އެހާ ރީތިކޮށް އެ ގަމީސް ގެންގުޅެވިފައި އެވަނީ ވަރަށް މަދުން ލާތީ ކަމަށް، އެއް ބަޔަކު ލަފާކުރި އެވެ. އެގޮތުން އަންހެނަކު ކޮމެންޓްކުރަމުން ބުންޏެވެ: "ކޮންމެ އަހަރަކު އެއް ފަހަރު ލާ ނަމަ އޮވެދާނެ ތިހެން." އެހެން ބުނެފައި އޭނާ ޝަހީމަށް ފޮނުވަނީ އުފަން ދުވަހުގެ ހެޔޮއެދުންތަކެވެ.

އެކަމަކު އަހަރަކު އެއްފަހަރަށް ވުރެ ގިނައިން އެ ގަމީސް ޝަހީމް ބޭނުންކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ވެސް "ވަރަށް ހާއްސަ ހަފުލާތަކުގަ" އެވެ.

ހަގީގަތަކީ 21 އަހަރުގެ ގަމީސް ގުޅިފައި އެ އޮތީ ޝަހީމްގެ ލޯތްބާ ކަމެވެ. އެއީ ކައިވެނީގައި ލާންވެގެން އނބިކަނބަލުން އާފިޔާ ދެއްވި ހަދިޔާ އެވެ.

ބައިނަލްއަގުވާމީ ޖަލްސާއެއްގައި ވާހަކަ ދައްކަވާ އިރު ޝަހީމް އޭނާގެ ކައިވެނީގެ ގަމީހުގައި

"އެ ގަމީހަށް ހާއްސަ ކަމެއް ދެވިފައި އޮތީ އަންހެނުން ހަދިޔާކުރި އެއްޗަކަށް ވާތީ،" ޝަހީމް ވިދާޅުވި އެވެ.

މި ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އޭގެ ތެރެއިން ދޮށީ ދަރިކަލުން، މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި، އިސްލާމިކް ޕޮލިޓިކަލް ސިސްޓަމް ވިތު އިންޓަނޭޝަނަލް ރިލޭޝަންސް އިން ތައުލީމު ހާސިލްކުރައްވާ އިރު، ދަރިކަނބަލުން ކިޔަވާ ވިދާޅުވަނީ އިންޓަނޭޝަނަލް އިސްލާމިކް ކޮލެޖްގައި، އިސްލާމިކް އެޑިޔުކޭޝަންގެ ދާއިރާއިންނެވެ.

ހަގު ދަރިކަލުން އުޅުއްވަނީ ޝަހީމްމެންނާ އެކު ރާއްޖޭގަ އެވެ. 

މިހާރު ދެ ބޭފުޅުންނަށް ކާފަ/މާމަ ވެސް ކިޔައިފި އެވެ. އެހެންކަމުން މިއީ އުފާވެރި އާއިލާއެކެވެ. އަދި ތުރުކުރައްވާ ގަމީހާ ހަމައަށް ވެސް ލޯތްބެވެ.

ހާއްސަ ގަމީސް ބޭނުންކުރައްވާ ކޮންމެ ފަހަރަކު، ޝަހީމްއަށް އޭނާގެ ކައިވެނީގެ ފުރަތަމަ ދުވަހުގެ ހަނދާންތައް އާވެއާވެ ހުންނާނެ އެވެ. އަދި އެ ގަމީސް އެހާ ރީތިކޮށް ބެލެހެއްޓުމުގެ ޒިންމާ އަނބިކަނބަލުން ނަންގަވާ ކަމާ މެދު ޝައްކެއް ނެތެވެ.

ކޮމެންޓް (4)

ހޯހޯ

8 އޭޕްރީލު 2023
އޭރު ޝަޙީމުގެ ފަޓުލޫނު ފައިކުރި ކުރުދޯ! ހީވިގޮތަކަށްވެސް ވެދާނެ.
6 0

ހޯހޯގެ ކޮއްކޮ

9 އޭޕްރީލު 2023
@ހޯހޯ ތިބުނީ ތެދެއް! ފޮޓޯގަ ފެންނަން ހިރީ ކުރުކޮށް. މިހާރު ދިގުކުރީތަ؟
0 1

ސާބެސް

5 އޭޕްރީލު 2023
"ޝަހީމްއަށް އޭނާގެ ކައިވެނީގެ ފުރަތަމަ ދުވަހުގެ ހަނދާންތައް އާވެއާވެ ހުންނާނެ" މޫސަ މި ދައްކަނީ ސުހާގުރާތު ވާހަކަ ތަ؟
7 1

ސާބަސް

8 އޭޕްރީލު 2023
@ސާބެސް ކަލޭ ހާދަ ލާނެތޭ ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް