ފެޝަން

ޒާން މާމަގެ ފިޔަވަޅުމަތިން އައިސް މުހިއްމު އަމާޒެއްގައި

ޒާން 'ފަންނުވެރި އެކުވެރިން'ގެ މި އެޕިސޯޑުގައި އޭނާގެ ބްރޭންޑުގެ ތަސައްވުރާއި އޭނާގެ ތަޖުރިބާ އަދި ރާއްޖޭގައި ވެސް ތިމާވެއްޓާ ރައްޓެހި ފެޝަން ދާއިރާއެއް އުފެއްދިދާނެކަން ކިޔައިދިން
30 ނޮވެމްބަރު 2022
1

ޒާން ޒާލިފް އަކީ ރާއްޖޭގެ ފެޝަން ދާއިރާގައި އާ ނަމެއް ނޫނެވެ. ޖަރުމަނުގެ ބާލިންގެ ވައިޒެންޒީ އެކެޑެމީ އޮފް އާޓްސްގައި ސަސްޓެއިނަބަލް ޓެކްސްޓައިލް އިން ފެޝަން ޑިޒައިންގެ ރޮނގުން މާސްޓާޒްއަށް ކިޔަވަމުން އަންނަ ޒާން އަކީ ފްރީލާންސް ފެޝަން ޑިޒައިނަރެކެވެ. ޒާންގެ ފަންނުވެރި ހުނަރުތައް މި ހިސާބުން އަދި ނިމުނީއެއް ނޫނެވެ. އޭނާ ވަނީ ފްރީލާންސް އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި އިންޓީރިއާ ޑިޒައިން މަސައްކަތް ވެސް ކޮށްފަ އެވެ.

ޒާން 'ފަންނުވެރި އެކުވެރިން' ޕޮޑްކާސްޓުގައި އޭނާގެ ތަޖުރިބާތައް ކިޔައިދިނެވެ.

ފެޝަން އަކީ ދުނިޔޭގެ ކާބޮންޑައިއޮކްސައިޑުގެ %10 ނެރެ ދުނިޔެ ތަގައްޔަރު ކުރާ އެއް ދާއިރާ އެވެ. އެހެންކަމުން ފަހުގެ ގިނަ ފެޝަން ބްރޭންޑުތަކުން އަދި ޑިޒައިނަރުން މަސައްކަތް ކުރަމުން އަންނަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެމީހުންގެ މަސައްކަތްތަކާއި އަމަލުތައް ބަހައްޓާށެވެ. ޒާންގެ އަމާޒަކީ ވެސް މި އެވެ. ތިމާވެއްޓަށް ރައްކާތެރި ގޮތަކަށް އަންނައުނު ފަރުމާކުރަން ޒާން އަންނަނީ އެކި ދިރާސާތައް ކުރަމުންނެވެ.

ރާއްޖެ އަކީ ދުނިޔެ ހޫނުވެ ތިމާވެށި ހަލާކުވުމުގެ ނޭދެވޭ އަސަރުތައް ތަޖުރިބާ ކުރާ ނާޒުކު ގައުމަކަށް ވުމުން ޒާންގެ މި މަސައްކަތުގެ މާނަ އަމުދުން ބޮޑެވެ.

ޒާން ބުނިގޮތުގައި މިވަގުތު، އޭނާގެ ބްރޭންޑު 'ޒާން ޒާލިފް'ގެ މައިގަނޑު އަމާޒަކީ އެ ބްރޭންޑުގެ ފަރުމާތަކަށް ބޭނުންވާ ފޮތި ހޯދާ ގޮތާ މެދު ސަމާލުވުމެވެ. އެއީ މުޅިން އާ ފޮތި އުފެއްދުމުގެ ބަދަލުގައި، ފޮތި އުފައްދާ ކާރުހާނާތަކުން ލިބެން ހުންނަ 'ފެކްޓަރީ ރިޖެކްޓް' ނުވަތަ ކުޑަ ގެއްލުމެއް ހުންނަ ރަނގަޅު ފެންވަރުގެ ފޮތި ހޯދުމެވެ. އޭނާ މިފަދަ ފޮތި އަނެއްކާވެސް ތަފާތު ގޮތަކަށް ފަރުމާކޮށް ހެދުމަކަށް ހަދަނީ އެވެ. 

ޒާން ވަނީ ރާއްޖެއިން ވެސް މިގޮތަށް ފޮތި ހޯދައިގެން ހެދުން ފަރުމާ ކޮށްފަ އެވެ. އަދި ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް ދެމެހެއްޓެނިވި ގޮތަކަށް އަންނައުނު ތައްޔާރުކުރާ ދާއިރާއެއް ރާއްޖޭގައި އުފައްދަން ފުރުސަތު އޮތް ކަމަށް އޭނާ ބުންޏެވެ.

ޒާން ކިޔައިދިންގޮތުގައި އޭނާއަށް މި ދާއިރާއަށް ވަދެވުނީ އޭނާގެ މާމަގެ ސަބަބުންނެވެ. ފެޝަން އާއި އާޓް އަކީ އޭނާ ބޮޑުވަމުން އައި އިރު އެކި ފަހަރުމަތިން ފެނި، ތަޖުރިބާ ކުރި ދާއިރާތަކެކެވެ. ޒާންގެ މާމަ އަކީ ވެސް މިގޮތަށް ފަންނުވެރި މަސައްކަތް ކުރާ މީހަކަށް ވުމުން ރަށުގެ އެކި މައުރަޒުތަކުގައި ބައިވެރިވެ އަދި އެހެން ފަންނުވެރިންގެ މަސައްކަތްތަކަށް ޝައުގުވެރިވާ ކަމަށް ޒާން ބުންޏެވެ. އެ މައުރަޒުތަކާއި މަސައްކަތްތައް ގާތުން ބަލައިލަން ޒާންއަށް ފުރުސަތު ލިބުނެވެ.

ޒާންގެ ޑިޒައިންތަކަށް ބަލައިލުމުން ވެސް ފެންނަނީ މިކަމެވެ. އޭނާގެ ހެދުންތައް ތަފާތުވެފައި އެތަކެއް ވާހަކަތަކެއް ކިޔައިދޭ ކަހަލަ އެވެ. ފެޝަން، ތާރީހު އަދި އެކި ސަގާފަތްތައް ދިރާސާކޮށް އޭނާގެ އަމިއްލަ ހިޔާލުން ހެދުން ފަރުމާ ކުރަނީ އެވެ. 

ޒާން ބުނިގޮތުގައި އޭނާ ސްރީ ލަންކާގައި ފެޝަން ޑިޒައިން ކިޔަވަމުން ދިޔަ އިރުގެ ފޮނި އެއް ތަޖުރިބާ އަކީ ލަންކާގެ 'މާސެޑީޒް ފެޝަން ވީކް'ގައި އިވެންޓް މެނޭޖަރެއްގެ ގޮތުގައި ކުރި މަސައްކަތެވެ. އެއީ ވަރަށް ބުރަ މަސައްކަތަކަށް ވިޔަސް އޭނާއަށް އުފާވެރި ގިނަ ތަޖުރިބާތަކެއް ލިބި ދާއިރާގެ ގިނަ ކަންތައްތަކެއް ދަސްވި އެވެ. މީގެ އިތުރުން އޭނާ ކުރިން ތައްޔާރު ކޮށްފައިވާ ޑިޒައިންތަކުން ވެސް ގެނެސްދެނީ ފޮނި ހަނދާންތަކެއް ކަމަށް ޒާން ބުންޏެވެ.

ރާއްޖޭގެ ފެޝަން ދާއިރާ އަންނަނީ ދުވަހުން ދުވަހަށް ފުޅާވަމުންނެވެ. އޭނާ ކަހަލަ ފަންނުވެރި މީހުން ގިނައިން ފާހަގަވެ ފެންނަމުން އައުމަކީ އުފަލެއް ކަމަށް ޒާން ބުންޏެވެ. ދިވެހިންނަށް ވެސް މި ދާއިރާއިން ކުރިއަށްދެވޭނެކަމާ މެދު ޝައްކެއް ނެތެވެ.

ކޮމެންޓް (1)

އެންނީ

1 ޑިސެމްބަރު 2022
ޒާން އަށް ކާމިޔާބީ އެދެން. ހިއްވަރާއެކު ކުރިއަށް ދޭ!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް