ބްރެސްޓް ކެންސާ

ކެންސަރު

އުރަމަތީގެ ކެންސަރަށް ރިސްކު އޮތް މިންވަރު ދެނެގަތުން މުހިއްމު

އުރަމަތީގެ ކެންސަރަށް ހުށަހެޅިދާނެ ސަބަބުތަކުގެ ތެރޭގައި ތިމާގެ ކޮންޓްރޯލްގެ ދަށުގައިވާ ކަންކަމާއި ބަދަލު ނުކުރެވޭނެ ކަންކަން ވެސް ހިމެނޭ
17 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފައިވާ ބައެއް ކަންކަން އެއީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ބަދަލުކޮށްލެވޭނެ ކަންކަން

އުރަމައްޗަށް އަންނަ ބަދަލުތައް ދެނެގަނެ ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭ ކަންކަން ހުރޭ

ރިސްކު މަތި މީހުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން އުމުރުން 30 އަހަރުގައި ފަށަން ޖެހޭ

އެމެރިކާގެ ސެންޓާސް ފޯ ޑިސީޒް ކޮންޓްރޯލް އިން ބުނާ ގޮތުގައި އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ތަފާތު ގިނަ ކަންކަމާ ގުޅިފައިވެ އެވެ. މި ކެންސަރު ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންހެނަކަށް ވުމާއި އުމުރުން ދުވަސްވުން ހިމެނެ އެވެ. ގިނަ ފަހަރަށް އުރަމަތީގެ ކެންސަރު ފެންނަނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިންނެވެ. 

ބައެއް އަންހެނުންގެ ކިބައިން އުރަމަތީގެ ކެންސަރަށް ހުށަހެޅޭ އެއްވެސް ކަމެއް ނުފެނުނު ކަމުގައި ވިޔަސް ކެންސަރާ ކުރިމަތިލަ އެވެ. ރިސްކް ފެކްޓަރެއް ހުރުމަކީ ބަލި ޖެހެން މެދުވެރިވާ ކަމެއް ނޫނެވެ. އަދި ހުރިހާ ރިސްކް ފެކްޓަރެއްގެ އަސަރުތައް އެއްގޮތެއް ނޫނެވެ. ގިނަ އަންހެނުންގެ ކިބައިގައި ރިސްކް ފެކްޓަރު ހުއްޓަސް އުރަމަތީގެ ކެންސަރެއް ނުޖެހެ އެވެ.

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވާ ސަބަބުތަކެއް ހުރެއްޖެ ނަމަ ޑޮކްޓަރާ މަޝްވަރާކޮށްގެން އެ ރިސްކުތައް ކުޑަ ކުރާށެވެ. އަދި އުރަމަތީ ކެންސަރަށް ސްކްރީން ކުރާށެވެ.

ބަދަލު ނުގެނެވޭނެ ފަދަ ސަބަބުތައް

ސީޑީސީ އިން ބުނާ ގޮތުގައި އުމުރުން ދުވަސްވުމަކީ އުރަމަތީ ކެންސަރު ޖެހުމަށް އޮތް ރިސްކެއް
  • 1-

    އުމުރު މަތިވުން: އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް އޮތް ރިސްކެކެވެ. މިއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ގިނަ ފަހަަރަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

  • 2-

    ގުދުރަތީގޮތުން: ބައެއް އަންހެނުންނަށް ވާރުތަކޮށްފައިވާ ޖީންތަކުގައި ބަދަލެއް (ހާއްސަކޮށް ބީއާރުސީއޭ1 އަދި ބީއާރުސީއޭ 2) ހުންނަ ނަމަ އުރަމަތީގެ އަދި އޯވަރީގެ ކެންސަރު ޖެހުމާ ގާތެވެ.

  • 3-

    ދަރިމައިވެވޭ މުއްދަތު: އުމުރުން 12 އަހަރުގެ ކުރިން މައްސަރު ކަންތައް ލައިގަނެ އަދި އުމުރުން 55 އަހަރު ފަހުން އިއްދައިން ކެނޑޭ ނަމަ އަންހެނުން ގިނަ ދުވަހަށް ހޯމޯންތަކަށް ހުށަހެޅިފައިވުމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

  • 4-

    އުރަމަތީގެ ޓިޝޫތައް ހުންނަ ގޮތް: އުރަމަތީގައި ފެޓީ ޓިޝޫއަށް ވުރެ ގިނައިން ކަނެކްޓިވް ޓިޝޫ ހުންނަ މީހުންގެ އުރަމަތީގައި ޓިއުމަރު ހުންނަކަން މެމޯގްރާމް އިން ދެނެގަންނަން އުނދަގުލެވެ. އަދި މިގޮތަށް ޓިޝޫތައް ހުންނަ މީހުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

  • 5-

    އުރަމަތީގެ ކެންސަރު ކުރިން ޖެހިފައި ހުރުން: އުރަމަތީގެ ކެންސަރު އެއްފަހަރު ޖެހިފައި ހުރެއްޖެ ނަމަ ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ކެންސަރު ނޫނަސް އުރަމަތީގެ ބަލިތައް ޖެހިފައިވާ ނަމަ ކެންސަރުގެ ނުރައްކާ ބޮޑެވެ.

  • 6-

    އާއިލާގެ ފަރާތުން: މަންމަ ނުވަތަ ދައްތަ ފަދަ އާއިލީ ގާތް މީހަކަށް އުރަމަތީގެ އަދި ރަހިމުގެ ކެންސަރު ޖެހިފައިވާ ނަމަ އެމީހަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެ އެެވެ. އާއިލާގެ ތެރޭގައި މަންމަ އަދި ބައްޕަގެ ފަރާތުގައި ގިނަ މީހުންގެ އުރަމަތި ނުވަތަ ރަހިމުގެ ކެންސަރު ހުންނަ ނަމަ މި ބަލި ޖެހުން ގާތެވެ.

  • 7-

    ރޭޑިއޭޝަން ތެރަޕީ: މޭމަތި ނުވަތަ އުރަމައްޗަށް ކުރިން ރޭޑިއޭޝަން ތެރަޕީ ހަދާފައިވާ ނަމަ ކެންސަރު ޖެހުން ގާތެވެ.

އަމިއްލަ އަށް ބަދަލުކޮށްލެވިދާނެ ހިރާސްތައް

އާދަޔާހިލާފަށް ހަށިގަނޑު ބަރުވުން ނުވަތަ ފަލަވުމުން އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވޭ
  • 1-

    ކަސްރަތާއި ހެލިފެލިވެއުޅުމާ ދުރު އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އުމުރުން ދުވަސްވެފައިވާ އަންހެނުން ވެސް ހަށިގަނޑުގެ ބަރުދަން އިތުރުވެ އާދަޔާހިލާފަށް ފަލަ ނަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހަކާ އަޅާބަލާއިރު ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

  • 2-

    އިއްދައިން ކެނޑޭ ފަހުން ހޯމޯން ތެރަޕީ ފަސް އަހަރަށް ވުރެ ގިނަ މުއްދަތަކަށް ނަގާ ނަމަ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ދަރިމައިވުމާ ދުރުކުރާ ބައެއް ބޭސް ބޭނުން ކުރާ ނަމަ އުރަމަތީގެ ކެންސަރާ ޖެހުން ގާތެވެ.

  • 3-

    ދަރިމައިވުމުގެ ތަޖުރިބާ އަކީ ވެސް މުހިއްމު ދައުރެއް އަދާ ކުރާ ކަމެކެވެ. އުމުރުން 30 އަަހަރަށް ވުރެ މަތީ އުމުރެއްގައި ފުރަތަމަ ދަރިފުޅު ހޯދާ ނަމަ، ގާތުން ކިރު ނުދޭ ނަމަ އަދި މާބަނޑުވެ ދުވަސް ނުފުރާ ނަމަ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.

  • 4-

    ރާ ބުއިމަކީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. ރާއްޖޭގައި ފޮރުވިގެން ރާ ބޯ މީހުން ގިނަވެފައިވާ އިރު މިއީ އުރަމަތީގެ ކެންސަރަށް އޮތް ރިސްކް ފެކްޓަރެކެވެ.

ޑރ. މުހައްމަދު ޝިފާންގެ ބްލޮގުން

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި 'ދައުރު' ގުޅިގެން ކުރިއަށް ގެންދިޔަ ފޮޑްކާސްޓެއްގެ ރެކޯޑިންގައި ޑރ. މުހައްމަދު ޝިފާން (ކ) ހުށައެޅުންތެރިޔާ މޫސާ ވަސީމް (މ) އަދި ޑރ. އަބްދުލް މަލިކް

އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި އުރަމަތީ ކެންސަރުގެ އެންމެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅަ ނޫނީ ގަނޑެކެވެ. މިއީ ތަދުނުވާ ހަރު ގަނޑުކޮޅެކެވެ. އެހެންކަމުން މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ  ޑޮކްޓަރަކަށް ދައްކައި ޗެކްކުރަން ޑރ. ޝިފާން ލަފާ ދެއްވަ އެވެ.

އެހެނިހެން އަލާމާތްތައް:

  • އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުން (ގަނޑުކޮޅެއް ވަކިން ނެތްކަމުގައި ވިޔަސް)

  • ހަންގަނޑު ރޫޖެހި އެތެރެއަށް ވަދެފައި ހުރުން (އޮރެންޖް ތޮށިގަނޑެއްހެން)

  • އުރަމަތި ނޫނީ ވައްގަނޑުގައި ރިއްސުން

  • ވައްގަނޑު އެތެރެއަށް ވަދެފައި އިނުން

  • ވައްގަނޑު ނޫނީ އުރަމަތީގެ ހަންގަނޑު ބޯވެ، ރަތްވެ، ހަން ނޮޅޭގޮތްވުން

  • ވައްގަނޑުން ކިރު ނޫން އެއްޗެއް އައުން

  • ގޮށެއް ދުޅަވެފައި އިނުން (ބައެއް ފަހަރު އުރަމަތިން ގަނޑެއް ފެނުމުގެ ކުރިން ކިހިލިފަތްދަށުން ނޫނީ ކަރުން ގޮށެއް ފެނިފައި ހުރެދާނެ)

މި އަލާމާތްތައް ފެނިއްޖެ ނަމަ ޑޮކްޓަރަކަށް ދައްކާ ލަފާ ހޯދަން ޖެހޭ ކަންކަން ޑރ. ޝިފާން ފާހަގަ ކުރެއްވި އެވެ.

ސްކްރީން ކުރުން މުހިއްމު

ރިސްކް ފެކްޓަރު ދެނެގަނެ ދެން ސަމާލުކަން ދޭންވީ ސްކްރީން ކުރުމަށް

އަލާމާތްތައް ފެނުމުގެ ކުރިން ވެސް ސްކްރީން ކުރުމަކީ މުހިއްމު ކަމަކެވެ. ސަބަބަކީ ސްކްރީން ކުރުމުގެ އަމާޒަކަށް ވެފައި އޮންނަނީ ބައްޔެއްގެ އަލާމާތްތައް ފެނުމުގެ ކުރިން އެ ބައްޔެއް، ހާއްސަ ވަސީލަތެއް ބޭނުން ކޮށްގެން، ބަލީގެ އެންމެ ކުރީކޮޅު ދެނެގަތުމެވެ.

އަމިއްލަ އަށް އުރަމަތި ބެލުން ނުވަތަ ސެލްފް ބްރެސްޓް އެގްޒެމިނޭޝަން އަދި ސިއްހީ ހިދްމަތްތެރިއެއް ލައްވާ އުރަމަތި ޗެކްކުރުން ނުވަތަ ކްލިނިކަލް ބްރެސްޓް އެގްޒެމިނޭޝަނެއް 20 އަހަރުން މަތިވުމުން ކޮންމެ އަންހެނަކު ވެސް ގަވާއިދުން ހަދަން ޖެހެ އެވެ. މައްސަރު ކަންތަކާ ގުޅުމެއް ނެތި އުރަމައްޗަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެކަން ދެނެގަންނަންވެ އެވެ.

ސްކްރީން ކުރުމުގައި ޑރ. ޝިފާންގެ ލަފާ

ޑރ. ޝިފާން ލިޔުއްވާފައިވާ ގޮތުގައި އުރަމަތީ ކެންސަރުގެ އެވްރެޖު ރިސްކް ގްރޫޕްގައި ހިމެނެނީ ކުރިން އުރަމަތީގެ ކެންސަރު ޖެހިފައި ނުވާ، އާއިލާގައި މަންމަ، ބޮޑުދައިތަ، ދައްތަ ފަދަ މީހެއް އުރަމަތީގެ ކެންސަރަށް ފަރުވާކޮށްފައި ނުވާ، އެނގޭ އެއްވެސް ވާރުތަކުރާ ފަދަ ޖީންއެއް ނެތް އަދި އުމުރުން 30 އަހަރުގެ ކުރިން މޭގެ އެއްވެސް ހިސާބަކަށް ރޭޑިއޭޝަން ލިބިފައި ނުވާ މީހުންނެވެ.

އެފަދަ މީހުން ނަމަ:

  • އުމުރުން 40-44ގެ އަހަރުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމްއެއް ހެދުމުގެ އިހްތިޔާރު އޮވެ އެވެ.

  • އުމުރުން 45-50 އަހަރުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމްއެއް ހަދަން ބާރުއަޅަންވެ އެވެ.

  • އުމުރުން 55 އަހަރާއި އެއަށް ވުރެ ދޮށީ އުމުރުގެ އަންހެނުންނަށް މެމޯގްރާމްއެއް ބޭނުންކޮށްގެން ސްކްރީން ކުރުން ދެ އަހަރުން އެއް އަހަރު ނޫނީ އަހަރަކު އެއްފަހަރު ހެދުން ވެސް އެންމެ ރަނގަޅެވެ.

ޑރ. ޝިފާން އަންހެނަކަށް މައުލޫމާތު ދެއްވަނީ

އަލާމާތްތައް ފެނި އަދި ހައި ރިސްކް ގުރޫޕް ގޮތުގައި ހިމެނޭ އަންހެނުން އަހަރަކު އެއްފަހަރު އެމްއާރްއައި އަދި މެމޯގްރާމްގެ އެހީގައި އުރަމަތި ޗެކްކުރަން ޖެހެ އެވެ. ހައި ރިސްކް ގޮތުގައި ބަލާ ގުރޫޕްގެ މީހުން އުމުރުން 30 އަހަރުން ފެށިގެން ސްކްރީން ކުރަމުން ގެންދަންވާނެ އެވެ.

މި ގްރޫޕްގައި ހިމެނެނީ ރިސްކް ބަލާ ވަސީލަތެއްގެ އެހީގައި، އުރަމަތީގެ ކެންސަރު ޖެހުމުގެ ރިސްކް %25 އަށް ވުރެ އިތުރުވާ މީހުންނެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ އަލާމަތްތައް ފެނިފައިވާ މީހުންނެވެ.

އުރަމަތީގެ ކެންސަރަކީ ބަލީގެ ކުރީކޮޅުގައި ފެނިއްޖެ ނަމަ އެއްކޮށް ޝިފާ ލިބޭ ބައްޔެއްކަން ޑރ. ޝިފާން ފާހަގަ ކުރެއްވި އެވެ. އަދި ބަލި ޖެހުމަށް ފަހު ވެސް، ފަރުވާއަށް އައިސްފައިވާ ބަދަލާ އެކު، ބަލި ބޮޑުވިޔަނުދީ، އެހެނިހެން ދާއިމީ ބަލިތަކެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެއްކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް