ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އާޓް އަދި ފޮޓޯގްރަފީ މައުރަޒުގެ ކުރެހުމެއް މީހަކު ބަލައިލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ރާއްޖެ-ޗައިނާ ގުޅުން ރަމްޒު ކޮށްދިނުމަށް ކުރެހުމާއި ފޮޓޯގެ މައުރަޒެއް
ރާއްޖެ އާއި ޗައިނާ އިން ހާރިޖީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ މައުރަޒެއް މި މަހު 12 އިން 14 އަށް ގައުމީ ދާރުލްއާސާރުގައި ވަނީ ބާއްވައިފަ އެވެ.
މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާ، ނެޝަނަލް ސެންޓާ ފޮ ކަލްޗަރަލް ހެރިޓޭޖު، ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން އަދި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމްކުރި މި މައުރަޒުގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިންގެ މަސައްކަތް ހުށަހަޅައިދިނެވެ. އެކި އުމުރުފުރައިގެ އާޓިސްޓުންގެ ފޮޓޯ އާއި ކުރެހުމުގައި ދެ ގައުމުގެ ގުޅުން ދައްކާލީ ސަގާފީ އަދި އިގްތިސޯދީ ނަޒަރަކުންނެވެ.
މި މައުރަޒުގެ ގިނަ ކުރެހުންތަކުގައި ސިނަމާލެ ބުރިޖާއި ރާއްޖެ އާއި ޗައިނާގެ ސަގާފަތް ދައްކައިދޭ މަސައްކަތްތައް ގިނަކަން ފާހަގަ ކުރެވުނެވެ. މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅާލި ބްރިޖުގެ ސަބަބުން ގިނަ ކަންތައްތަކެއް ފަސޭހަވިކަން އެއް ކުރެހުމަކުން ކިޔައިދިނެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ސަގާފީ ހެދުމާއި ސަގާފީ ތަކެތި އެކި ސްޓައިލުތަކުގައި ކުރަހާފައިވެ އެވެ.
މި މައުރަޒުގައި ވިއްސަކަށް މަސައްކަތް ހިމެނުނެވެ. އޭގެ ތެރެއިން ވަނަތައް ލިބުނު ފަރާތްތައް ފާހަގަަ ކޮށްފައި ހުއްޓެވެ. މައުރަޒު އާއްމުންނަށް ހުޅުވާލާފައި އޮތީ އެންމެ ތިން ދުވަހުގެ މުއްދަތަކަށެވެ.