'ދުނިޔެ' ލަވައިގެ ލަވަކިޔުންތެރިޔާ އަންދަލާ ލަވައިގެ މަންޒަރެއް ނެގުމުގެ ތެރެއިން (ފޮޓޯ/އެޓާނަލް ޕިކްޗާސް)
އަންދަލާގެ 'ދުނިޔެ' އަސަރުން ފުރިފައި، މާނަ ފުން
މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓް ކުރާ ފިލްމު 'ލަސްވިޔަސް'ގެ އޮރިޖިނަލް ސައުންޑް ޓްރެކްގައި ހިމެނޭ 'ދުނިޔެ' މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.
'ލަސްވިޔަސް'ގައި 10 ލަވައެއް ހިމެނެ އެވެ. އެ ލަވަތަކުން ބެލުންތެރިން އިތުރަށް ފިލްމުގެ ތެރެއަށް ވައްދާލައި ޖަޒުބާތުތަކާ ކުޅެލާނެ ކަމަށް، ނިޔާޒު ގަބޫލުކުރެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ފިލްމުތަކަށް މިއުޒިކާއި ލަވަ ހަދަނީ ވަރަށް ވިސްނުންތެރިކަމާ އެކުގަ އެވެ.
އޮލިމްޕަހުގައި 12 އޭޕްރީލްގައި އަޅުވާ 'ލަސްވިޔަސް'ގައި ހިމެނޭ ތިން ލަވައެއް މިހާރު ވަނީ ޔޫޓިއުބަށް ލައިފަ އެވެ. އޭގެ ތެރޭގައި 'ދުނިޔެ' ހިމެނެ އެވެ. މިހާތަނަށް 1،300 ވިއުސް އެ ލަވައަށް ލިބިފައިވެ އެވެ.
'ދުނިޔެ' ކިޔާފައިވަނީ އަންދަލާ (އަންޔަ) ހަލީމް އެވެ. މި ލަވަގައި ކުރަނީ މުހިންމު ސުވާލެކެވެ.
"ކާކަށްހޭ އެނގެނީ އަޖަލުގެ ނިޔާ؟"
ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި އެކި މީހުންނަށް ދުނިޔޭގައި އުޅެން ލިބެނީ އެކި އުމުރު ކަމަށް، އެ ލަވައިން ބުނެދެ އެވެ.
މި ލަވަ އަޑުއަހާލުމުން މީހާގެ ނަފްސަށް ތަފާތު ހިމޭންކަމެއް ގެނެސްދެ އެވެ. ފުންކޮށް ވިސްނާލެވެ އެވެ. މިއުޒިކާއި އަޑު ހިތްގައިމެވެ. ކަންފަތަށް އަރާމެވެ.
ލަވައިގެ ޅެން ހަދާފައިވަނީ ރީތި ގިނަ ލަވަތަކެއްގެ ޅެންވެރިޔާ އަހުމަދު ޝަކީބު އެވެ. ސަރުކާރު އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ސެޓެލްކޯ އިން 2000 ވަނަ އަހަރު ބަައިވެރިކުރި 'ހުޅުކޮޅު' ޑްރާމާއަށް މުހައްމަދު ހުޒާމް ކިޔާފައިވާ 'ތަދާއި ވޭނުގައި' ލަވައިގެ ޅެން ވެސް ހެދީ ޝަކީބެވެ. ނިޔާޒުގެ ޑައިރެކްޓްރި އެ ޑްރާމާގެ ލަވަ މިހާރު ވެސް ޓިކްޓޮކްގައި މަގުބޫލެވެ.
'ދުނިޔެ' ހަދަން ހަވާލުކުރަމުން ނިޔާޒު އޭނާ ކައިރީ ބުނީ އެއީ ފިލްމުގެ އެންމެ މުހިންމު ލަވަ ކަމަށެވެ. އެހެންކަމުން ޝަކީބު މަސައްކަތްކުރީ ޑައިރެކްޓަރު ބޭނުންވާ ގޮތަށް، އެ ފުރިހަމަކަން ގެނެސްދެވޭތޯ އެވެ.
"އިންސާނަކު ދުނިޔެއަށް އަންނަ އިރު އޭނާގެ މައިންބަފައިން އޭނާއާ މެދު ކުރާ އުއްމީދުތައް ބޮޑު. ދުނިޔޭގައި މީހަކު ދިރިއުޅޭ އިރު ﷲ ތައާލާ ކަނޑަައަޅުއްވަނީ މީހެއްގެ އަޖަލު. އެއީ ކިހާ ވަގުތެއްތޯ. ކިހާ ދިގު އުމުރެއްތޯ،" ލަވައިގެ ޅެން ހަދަމުން ދިޔަ އިރު ވިސްނި ކަންކަމާ ބެހޭ ގޮތުން ޝަކީބް ބުންޏެވެ.
"މީހަކު މަރުވުމުން ދިރިތިބި މީހުން ބުނާނެ އެ މީހަކު އެ ދިޔައީއޭ. ދިރިތިބި މީހުންގެ އެ ހަނދާންތައް ހުންނާނެ."
އޭނާ ބުނީ އިންސާނަކު ދުނިޔޭގައި ހޭދަކުރާ ވަގުތު އެ ލަވައިގައި ސިފަކޮށްދެވޭތޯ މަސައްކަތްކުރި ކަމަށެވެ.
"އެ ވަގުތުކޮޅުގައި ވެސް ލޯތްބާއި އަޅާލުން، އެކަނިވެރިކަން އަދި ބާކީނުކޮށްލުން މުހިއްމު،" ޝަކީބު ބުންޏެވެ.
ލަވަކިޔުންތެރިޔާ އަންދަލާއަށް ވެސް 'ދުނިޔެ'އަކީ ވަރަށް ތަފާތު ލަވައެކެވެ. އޭނާ ބުނި ގޮތުން ނަމަ "މިއީ މިހާތަނަށް އަހަރެން ކިޔާފައިވާ އެންމެ މާނަ ފުން ލަވަ" އެވެ.
"ޝަކީބް ލަވައިގެ ޅެން ހަދާފައިވަނި ފުރިހަމަކޮށް. މި ލަވައިގެ ރާގު ހެދުމުގައި ބެލީ ވީހާވެސް ސިމްޕަލްކޮށް ހެދޭތޯ. އެއީ ލަވައިގައި ބުނާ އެއްޗެއް ބޮޑަށް ފާޅުވާ ގޮތަށް،" އަންދަލާ ބުންޏެވެ.
މިއީ އާ ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާ މި ފަހުން ކިޔާފައި ހުރި ލަވަތަކަށް ވެސް އާންމުން ޝައުގުވެރިވެ އެވެ. އަދި 'ބިރުވެރި ވާހަކަ' ސިލްސިލާއަށް އަންދަލާ ކިޔައިދިން 'ޝައިތޯނާ' ޗާޓުތަކުގެ އެކެއްގައި ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.
އަންދަލާ ބުނި ގޮތުގައި 'ލަސްވިޔަސް'އަށް ލަވައެއް ކިޔަން ލިބުމަކީ އޭނާ ފަހުރުވެރިވާ ކަމެކެވެ.
'ދުނިޔެ' ލަވައިގެ މިއުޒިކް ހަދާފައިވަނީ މުހައްމަދު އިކްރާމް އާއި އަބްދުލް ބާސިތު އެވެ. ލަވައާ އެކު މިޔުޒިކް ބަދަލުވަމުން ދާ ގޮތް ފުރިހަމަ އެވެ. ލަވަ ކުރިޔަށް ދާ ވަރަކަށް ބޭނުންކުރާ އާލާތްތައް ވެސް އިތުރުވެ އެވެ.
އިކްރާމް ބުނި ގޮތުގައި މި ލަވައިގެ އެރޭންޖްމަންޓާއި އޮކެސްޓްރޭޝަން ހެދީ ނިޔާޒުގެ މަޝްވަރާގެ މަތިންނެވެ. އޭނާ ހުރީ ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިފަ އެވެ.
ލަވައެއް ފުރިހަމަވަނީ އަވަސްކޮށްލާފައި ނިންމުމަށް ވުރެ ބޮޑަށް އޭގެ އުފެއްދުންތެރިކަމަށް ބޭނުންވާ ވަގުތު ވެސް ލިބިގެންނެވެ. އެއިން ކުރެވޭ އިހުސާސްތައް ތަފާތުވުމުންނެވެ. ލަވަ އެންމެ ފުރިހަމައަށް ގެނެސްދޭން ބޭނުންވާ ސަޕޯޓް ވެސް ލިބިގެންނެވެ.
'ދުނިޔެ'އަކީ އެ ހުރިހާ ކަމެއް ފުރިހަމަ ލަވައެއް ކަމަށް ބަލަން ޖެހެ އެވެ. ލަވަ އަޑުއަހާލުމުން އެ އިހުސާސްތައް ކުރެވެ އެވެ.
ކޮމެންޓް (1)
ޟަމީރު