ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ

ވާހަކަ: ހަޔާތުގެ ސިއްރު

16 މާރިޗު 2023

އެޕިސޯޑް 19

ކާރު ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ފޫހި ގޮތަކަށް ފައިސަލް ކާރު ދުއްވަމުން ދިޔަ އެވެ. ފައިސަލްގެ ބޮލު ތެރޭގައި ހިނގާ ކަންކަން ދެކޮޅު ނުޖެހޭކަން ވެސް ފައިސަލްއަށް އެނގެ އެވެ. ދެ މަންމައިންގެ ހާޒިރުގައި ބޮޑު ހައިޖާނަކަށް ވާފަދަ ކަމެއް ކުރުމަކީ ބުއްދިވެރި ކަމެއް ނޫންކަން ފައިސަލް އަށް ގަބޫލުކުރެވެ އެވެ. މި ހުރިހާ ދުވަހު ވެސް ފައިސަލް ބަލަމުން އައީ ހަމަޖެހިގެން ހުރިކަން ދެއްކޭތޯ އެވެ. ކާރު ދުއްވަމުން ގޮސް، މަޑުކޮށްލީ ދޮންތަމެން ގޭދޮށަށެވެ.

ދަރިފުޅު އޮތީ މަންމަ އަތުގަ އެވެ. ރަމްލާގެ މަންމަ ރަމްލާގެ ކޮނޑުގައި ހިފާލައިގެން ގޮސް ގޭތެރެއަށް ވަނެވެ. ގެނައި ސާމާނުތައް ގެއަށް ލާން، އެމީހުންގެ ފަހަތުން، ފައިސަލް ވެސް ގެއަށް ވަނެވެ. ގެނައި ތަކެތި ކޮޓަރިއަށް ވެއްދުމަށް ފަހު މަންމަ އަތުން ދަރިފުޅު ނަގައި ފައިސަލް ދަރިފުޅު އުރާލި އެވެ. ގަޔާ ލައި ބޮނޑިކޮށްލުމަށް ފަހު ދަރިފުޅުގެ މޫނަށް ބަލަން ހުރެ އެތައް އިހުސާސްތަކެއް ހިއްސާކުރި އެވެ. އެ ދެމެދުގައި ވަނީ ވަރުގަދަ ކުލުނެކެވެ. މި ވީ ދުވަސްތަކުގައި ހުރިހާ ކަމެއްގައި އެހީތެރިވެ އުޅެވުނު ނަމަވެސް ދެން އެގޮތް ނުވާނެ ކަން ފައިސަލް އަށް އެނގެ އެވެ. އެއީ ފައިސަލްގެ ހިތުގައި އަޅާނެ ބޮޑު ވޭނެކެވެ. އެކަން ރަމްލާއަށް އިހުސާސް ވާ ކަމަކަށް ފައިސަލް ގަބޫލެއް ނުކުރެ އެވެ. އެކަން އޭނާ ގަބޫލުކުރާ ނަމަ އެފަދަ މަޖުބޫރީ ހާލަތެއް ފައިސަލްއަށް ކުރިމަތި ނުކުރީހެވެ.

އެ ކޮޓަރި ވަނީ ދަރިފުޅަށްޓަކައި ތައްޔާރުކޮށްފަ އެވެ. އެއީ ރަމްލާ ހޮސްޕިޓަލުގައި އޮތް އިރު ވެސް ހޯދާފައިވާ ތަކެއްޗެވެ. ރަމްލާ އަންނަން ބުނާނީ އެގެއަށް ކަން ޔަގީންވި ހިސާބުން ފައިސަލް އަވަހަށް ކޮޓަރި ތައްޔާރުކޮށްލީ އެވެ. ކިޔާ އެއްޗެއް ނޭނގުނު ނަމަވެސް، ފައިސަލްގެ އިހުސާސްތައް ދެނެ ނުގަނެވުނު ނަމަވެސް، ފައިސަލް އެ ދަރިފުޅު ގާތު ވަރަށް ވާހަކަ ދެއްކި އެވެ. ދަރިފުޅު ގާތު ހުންނަން ބޭނުން ވިޔަސް އެ ފުރުސަތު ދަރިފުޅުގެ މަންމަ ނުދިންކަމުގެ ޝަކުވާ ވެސް ކުރި އެވެ. އެ ހުރިހާ ވާހަކައެއް އަޑުއިވޭ ހިސާބުގައި، ފައިސަލްގެ މޫނަށް އަންނަ ބަދަލުތައް ފެންނަ ހިސާބުގައި ރަމްލާ ވެސް ހުއްޓެވެ. ފައިސަލް ހީކުރީ ރަމްލާއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށެވެ. ނަމަވެސް ފައިސަލްއަށް އެކަމުގެ ނިޝާނެއް ނުފެނުނެވެ. އެންމެ ފަހުން، ދަރިފުޅު ތަންމަތީގައި ބޭއްވުމަށް ފަހު ފައިސަލް ނުކުމެގެން ދިޔަ އެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ފައިސަލް އެންމެ އެދޭ ގޮތަކަށް ނޫނެވެ. ފައިސަލް އުޅެނީ ފައިސަލްމެން ގޭގަ އެވެ. ރަމްލާގެ ދެމައިން ދޮންތަ ގޭގައި އުޅޭއިރު ފައިސަލް އެގެއަށް ކޮންމެ ދުވަހަކު އެއްފަހަރު ދެ އެވެ. ފައިސަލް އައުމުން ރަމްލާގެ ފަރާތުން ފައިސަލްއަކަށް ސަމާލުކަމެއް ނުލިބެ އެވެ. ދަރިފުޅު އުރާލައި އެކުގައި ވަގުތު ހޭދަކޮށްލުމަށް ފަހު ފައިސަލް ބަރު ހިތަކައިގެން ކޮންމެ ދުވަހަކު ވެސް ޖެހެނީ ދާށެވެ.

އެ ދިރިއުޅުން އެނޫން ގޮތަކަށް ބަދަލުވުމުގެ އެއްވެސް އުންމީދެއް، ދަރިފުޅު ވިހޭތާ މަހެއް ވީއިރު ވެސް ފެންނަ ގޮތް ނުވުމުން ފައިސަލްގެ މާޔޫސްކަން ބޮޑުވާން ފެށި އެވެ. މައިންބަފައިންގެ ޝަކުވާތަކާއި ރައްޓެހިންގެ ސުވާލުތަކާ ކުރިމަތިލާން ފޫހިވާން ފެށި އެވެ. ފައިސަލްއަށް އަމިއްލަ ނަފްސު އޮޅެން ފެށި އެވެ. ފައިސަލްއަކީ ވަރަށް ހަރުދަނާ އުޅުމެއް އުޅެމުން އައި މީހެކެވެ. ނަމަވެސް މިހާރު އެ އުޅެވެނީ ފައިސަލްގެ ދިރިއުޅުން ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބެއް ނޭނގި، ތަހައްމަލް ކުރަން ޖެހިގެން އުޅޭ ހިތްދަތިކަމަށް އަޅާ ނުލައި އުޅެން އުނދަގޫވާން ފެށި އެވެ. ދަރިފުޅަށް އެއް މަސް ފުރުނު ދުވަހު އެގެއަށް ފައިސަލް ދިޔައީ ގިނަ ހަދިޔާތަކެއް ވެސް ހިފައިގެންނެވެ. އަދި ފައިސަލްގެ އަތުގައި ހުރި ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ބައެއް ލިޔެކިޔުންތައް ވެސް ހިފައިގެންނެވެ. އެތަކެތި ރަމްލާއާ ހަވާލު ކުރުމަށެވެ. އެހެން ދުވަސް ދުވަހު، ދަރިފުޅުގެ ގާތުގައި ވަގުތު ކޮޅެއް ހޭދަކޮށްލާފައި ދާހާ އަވަހަށް އެދުވަހު ފައިސަލް އެނބުރި ނުދިޔަ އެވެ. ދަރިފުޅު ނިދުމުން ރަމްލާއާ ވާހަކަ ދައްކަން ފެށި އެވެ.

ދަރިފުޅުގެ ލިޔެކިއުންތައް ރަމްލާއާ ހަވާލުކުރި އެވެ. އަދި އެ ދެ މީހުންގެ ދިރިއުޅުން އެއީ ދިރިއުޅުމެއް ނޫން ކަމަށް ރަމްލާއަށް ވިސްނައިދިނެވެ. ފައިސަލް ބޭނުންވަނީ ރަމްލާ އެނޫން ގޮތެއް އިހްތިޔާރުކުރުން ކަން ފައިސަލް ސާފުކޮށް ބުންޏެވެ. އެއީ ފައިސަލްއާ އެކު ގެއަށް ދިޔުން ނޫނީ، ރަމްލާގެ މައިންބަފައިން ގާތަށް ރަށަށް ދިޔުން ކަމުގައި ވިޔަސް އެގޮތް ވެސް އެންމެ ރަނގަޅު ކަމަށެވެ. އެއީ ފައިސަލް ވެސް ރަމްލާއާ އެކު ރަށަށް ދާ ގޮތަށެވެ. މި ވީހާ ދުވަހު ވެސް ބޭނުންވާ ކަންކަން ދޫކޮށްލައިގެން ފައިސަލް ގުރުބާނީތަކެއް ވެއްޖެ އެވެ. އެހެން ނަމަވެސް ދެން ވާން ބޭނުން ވަނީ ރަމްލާ އާއި ދަރިފުޅާ ވެސް އެކުގައި އުޅުމަށްޓަކައި ވާން ޖެހޭ ގުރުބާނީ އެވެ. އެއީ ފައިސަލްގެ މައިންބަފައިންނާއި ކުރަމުން ދާ މަސައްކަތް ދޫކޮށް ދިއުން ކަމުގައި ވިޔަސް ވެހެވެ.

ރަމްލާ ސީދާ ސީދަލަށް ނިންމުމެއް ނުނިންމަ އެވެ. ނަމަވެސް ރަމްލާގެ ވާހަކަތަކުން ފައިސަލްއަށް ވިސްނުނީ އެނބުރި ފައިސަލްމެން ގެއަށް ދިޔުން އެއީ ރަމްލާ ކުރާނެ ކަމެއް ނޫން ކަމެވެ. ނޭނގެނީ ސަބަބެވެ. އެނބުރި ފައިސަލް ގެއަށް ދިޔައީ ރަމްލާއާ އެކު ރަމްލާމެންގެ ރަށަށް ދިޔުމުގެ ހިޔާލު މަންމަމެންނާ މަޝްވަރާ ކުރާށެވެ.

ފައިސަލްގެ މަންމަ ވަރަށް ދެރަވި އެވެ. ފުރަތަމަ މާމަ ދަރި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުރަށް ދާތީ އެވެ. ލޯބިން ބަލައި ބޮޑުކުރި ދަރިފުޅު ވެސް ދުރަށް ދާން އުޅޭތީ އެވެ. އަދި އެއަށް ވުރެ ބޮޑަށް ކަންބޮޑުވީ އެ މަންމަގެ ހިޔާވެހީގައި ނޫޅެވޭ ވަރުގެ ކަމެއް ކުރިމަތިވާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ. ފައިސަލްގެ ވާހަކަތައް އަޑުއެހުމަށް ފަހު މަންމަގެ ހިޔާލުތައް ދިނެވެ. އަދި ފައިސަލްގެ ރުހުމާ އެކު މަންމަ ބޭނުންވީ ސީދާ ރަމްލާއާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްލުމަށެވެ.

"ރަމްލާ އަށް ކޮން ކަމެއް ހިތްހަމަނުޖެހޭތީ މަންމަ ގޭގައި އުޅެން ބޭނުންނުވަނީ؟ މާ ގިނަ ބަޔަކު ވެސް އުޅޭ ތަނެއް ނޫނެއްނު؟ މިއުޅެނީ އަހަރެމެން ދެމަފިރިންނާއި ދޮންބެ، ދެން އެ އުޅެނީ ދެ ކޮއްކޮ. ދޮންބެއަކީ އަތްނބަކު ދަރިއަކު ހުރި މީހެއް ނޫން. އަބަދު ހޮސްޕިޓަލުގައި އެ އުޅެނީ. ދެން ނިޝާމެން ވެސް ރަމްލާއާ ނުލާހިކު ގުޅޭ. ކޮބާތަ ދެން މައްސަލައަކީ؟"

"މަންމާ. އަހަންނަށް ވަރަށް އުނދަގޫ ތިޔަށް ޖަވާބު ދޭން. އެކަމަކު މަންމަމެންގެ އެއްވެސް ކަމަކާ އަހަރެން ހިތްހަމަނުޖެހިގެނެއް ނޫން. އެކަމަކު އަހަންނަށް ދެން ތިގޭގައި އުޅެވޭނެ ހެނެއް ހިއެއްނުވޭ،" ރަމްލާ މީގެ ކުރިން އެހާ ސީދާކޮށް މަންމަ ގާތުގައި ނުބުނެ އެވެ.

"ދަރިފުޅުމެން ބޭނުން ވަންޏާ، ގޭގެ މަތީ ފްލޯ ވެސް ހުސްކޮށްލެވިދާނެ. ތި ތިންމައިން އުޅެން. މިއައީ ވެސް މި ހިޔާލު ދޭން. މަންމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫން ތި ތިންމައިން މަންމައާ އެހާ ދުރަށް ދާކަށް. ކީކޭ ބުނަނީ؟"

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް