ކުރުވާހަކަ: މަންޒިލް

ވާހަކަ

ކުރު ވާހަކަ: މަންޒިލް

އަހަރެންނަށް ހުސެން ދަސްނުވީ ހެއްޔެވެ؟ އެއީ އެހާ ބޮޑު މަކަރުވެރިއެއް ކަމަށް އަހަރެން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟
9 ޖެނުއަރީ 2023

ދެވަނަ ބައި

ހުސެންއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ މައިންބަފައިން ގާތު ބުނީމެވެ. ދޮންބެމެން ވަރަށް ނުގަބޫލުވިއެވެ. ކާކުކަން ނޭނގޭ ނުދަންނަ ސަރަހައްދެއްގެ މީހަކާ އިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެންގެ ހިތެއް އެކަމެއް ގަބޫލެއް ނުކުރިއެވެ. ސިކުނޑި ވެސް އެ އުޒުރަށް އިންކާރު ކުރިއެވެ. އެތައް މަސައްކަތަކުން އަހަރެން އެމީހުންގެ ރުހުން ހޯދީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެމެންގެ ގުޅުމަށް އެއް އަހަރު ފުރުނެވެ. ދިއްލީއަށް ދިއުމަށް ހުސެން، އަހަރެންނަށް ދައުވަތު ދިނެވެ. ހިތުން ރުހުމުން އެކަން ގަބޫލުކޮށް ދިއްލީއަށް ދާން ދަތުރުހެދީމެވެ. އަދި ޓިކެޓު ހަމަޖެހުމުން ފްލައިޓުގައި ފުރީ އެކަންޏެވެ. ދަތުރުކުރުމަކީ އަހަރެންނަށް އާ ކަމަކަށް ވެފައި ނުވަނީ އަހަރެން ކިޔެވީ ވެސް ސިންގަޕޫރު އަދި އޮސްޓްރޭލިޔާއިން ކަމުގައި ވާތީ އެވެ. އަހަރެންގެ މައިންބަފައިން އަހަރެންނަށް އެވަރުގެ ބޮޑު އިތުބާރެއް ކޮށްފައި ފޮނުވީ ވެސް އަހަރެންނާ މެދު އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.

ދިއްލީ އެއާޕޯޓުން އަހަރެންނަށް މަރުހަބާ ކިޔަން ހުސެންގެ މުޅި އާއިލާ އައެވެ. އަހަރެން ވަރަށް އުފާވިއެވެ. ހަމަ ލޮލަށް ހުސެން ފެނުމުން ލޮލުން ކަރުނަ ވެސް އައެވެ. ހުސެންގެ އެންމެ ގާތް ރަހުމަތްތެރިންނަށް އަހަރެން ތައާރަފް ކޮށްދިނުމުގެ ގޮތުން އަހަރެން ދިޔަ ދުވަހުގެ ރޭ އެގޭގައި ކުޑަ ހަފްލާއެއް ބޭއްވިއެވެ. ގެއަކީ ވަރަށް އާސާރީ ގޮތް ރަމްޒުކޮށްދޭ ފަރުނީޗަރު ލައި، ވަރަށް ހިތްގައިމުކޮށް ހަދާފައިވާ ގެއެކެވެ. ގެ ބޮޑުކަމުން، އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ވެސް ދެތިން މިނެޓް ހިނގަން ޖެހެއެވެ.

ލޮޑުވެފައިވާ ހަށިގަނޑަށް އަރާމެއް ހޯދައިދިނުމުގެ ނިޔަތުގައި ނިދާލަން އޮށޯތީ އަހަރެންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ. ލޯމެރިލިހެން ހީވިއެވެ. ކުއްލިއަކަށް މީހަކު އަހަރެންގެ މޫނުމަތީގައި އެއްޗެއް އެޅިއެވެ. އަހަރެންނަށް ހޭވެރިކަން ވީއިރު އޮތީ ވަރަށް ކުޑަ ކުޑަ ކޮޓަރިއެއްގައެވެ. ބޭރުން ވާހަކަ ދައްކާ އަޑު ވަރަށް ސާފުކޮށް އިވެއެވެ. ނަމަވެސް ވާހަކަ ދައްކަނީ ނުދަންނަ ބަހަކުންނެވެ. މަޑުމަޑުން ހިނގާފައި ގޮސް ދޮރު ހުޅުވާލީމެވެ. ބޮލަށް ހުރީ ބަރުވެފައެވެ. ވަރަށް ފުސްކޮށް މަންޒަރު ފެނުނެވެ. ފުރަގަސް ދީގެން ހުރި މީހާ ކޮތަޅެއް ހިފައިގެން ނުކުމެގެން ދާތަން ފެނުނެވެ. ދެން ހުރި މީހާ އައީ އަހަރެން ހުރި ކޮޓަރިއާ ދިމާއަށެވެ. އަވަހަށް ފަހަތަށް ޖެހެން އުޅެނިކޮށް އަހަރެން ވެއްޓުނެވެ. އޭނާ އަހަރެންގެ އަތުގައި ހިފައި ނަގާފައި މަޑުމަޑުން އެނދުމަތީގައި ބޭންދިއެވެ. އަދި އުރުދޫ ބަހުން އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންނަށް އުރުދޫ ބަސް އެނގޭކަން ހުސެންއަށް އެނގޭނެއެވެ. އެހެންކަމުން، އަހަރެންނަށް އުރުދޫ ބަސް އެނގޭކަން އޭނާއަށް އެނގުނީ ކިހިނެއްތޯ އެހީމެވެ. ނަމަވެސް އަހަރެންގެ ސުވާލަށް ސަމާލުކަމެއް ނުދީ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

އޭނާއަށް ކިޔަނީ ސަންތޫ އެވެ. އަހަރެން އެވަގުތު އިނީ ދެހެރަދޫން ކިޔާ އަވަށެއްގައި ކަމަށް ވެސް ބުންޏެވެ. ދެން ބުނި ޖުމްލައިން އަހަރެންގެ ކަންފަތަށް ހީވީ ގުގުރިއެއް ޖެހިހެންނެވެ. އަހަރެން އެއިނީ ވިއްކާލާފައި ކަމާއި އަހަރެން ވިއްކާލީ ހުސެން ކަން ވެސް ބުންޏެވެ. އަދި ހުސެން އަކީ އަންހެންކުދިން ވިއްކުމުގެ ވިޔަފާރި ކުރާ މީހެއް ކަމަށް ވެސް ސަންތޫ ކިޔައިދިނެވެ. އަހަރެންނަށް އެ އަޑުތައް ނީވޭނެ ނަމައޭ، އޭނާގެ އަނގަމަތީގައި އަތް އަޅާފާނަމޭ ހިތަށް އެރި އަދަދެއް ވެސް ނޭނގެއެވެ.

ރުއިމާއި ގަދަހެދުމުގެ އެއްވެސް ބޭނުމެއް އަހަންނަކަށް ނެތެވެ. އަހަރެންގެ އިއްފަތްތެރިކަން އޭނާ ވެއްޔާ މޮޑެލީ ކުޑަ ހިނދުކޮޅެއް ތެރޭގައެވެ. އެ ދުވަހުގެ އިރު އޮއްސުނު ވަގުތު، މޫނު ބުރުގާއެއް އަޅުވައިގެން ބަހެއްގައި އަހަރެން ގޮވައިގެން ދަތުރަކަށް ފެއްޓިއެވެ. ހަޅޭއްލެވުން ފަދަ އެއްވެސް ކަމެއް ކޮށްފި ނަމަ އޭނާ އަހަރެން މަރާލާކަށް ފަހެއް ނުޖެހޭނެ ކަމުގެ އިންޒާރު އޮތީ ދީފައެވެ. ދަތުރު ކުރަމުން ދިޔަ ބަހުގައި އަހަރެން އިނީ ހުސެންގެ ހިޔާލުގައެވެ. މިވީ އެއް އަހަރުގެ ތެރޭގައި އަހަރެންނަށް އޭނާ ދަސްވީ ވަރު މިއީ ހެއްޔެވެ؟ އެތައް ސުވާލެއް ކޮށް، އޭނާ ކުރި ކުށުގެ އަދަބު އޭނާއަށް ދޭން ހިތާހިތުން ކިޔާލަ ކިޔާލައެވެ.

ބަސް މަޑުކޮށްލީ ވަރަށް ފިނި ހިސާބަކަށެވެ. މިއީ މަނާލީ ކިޔާ ސަރަހައްދެއް ކަމަށް ސަންތޫ ބުންޏެވެ. އެހިސާބުން އައި އެހެން މީހަކާ އަހަރެން ހަވާލުކޮށްފައި ފައިސާތަކެއް ހިފައިގެން ސަންތޫ ދިޔައެވެ. މަނާލީއިން އަހަރެން ގަތް މީހާއަށް ކިޔަނީ ހާރޫނެވެ. އޭނާ ވެސް އަހަރެންގެ ފަރާތުން ބޭނުންވީ އެންމެ ކަމެކެވެ. އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރިއެކެވެ. އެ އަނިޔާތަކާއި ވޭނަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ސަލާމަތްވާން އެކި ގޮތްގޮތަށް އަހަރެން ވިސްނީމެވެ. ފޯނެއް އަތުޖެހޭތޯ ވެސް ބެލީމެވެ. އަހަރެންގެ ފޯނު ވީތަނެއް ނޭނގެއެވެ. ހާރޫންގެ ފޯނު ވެސް އަހަރެންގެ އަތަކު ނުޖެހުނެވެ. އެވަގުތު ވެސް ދޮންބެ ދިން ނަސޭހަތުގެ މަތިން ހަނދާން ވިއެވެ. މަންމަ އާއި ބައްޕަ މަތިން ހަނދާން ވެފައި ގިސްލެވެން ފެށުނެވެ.

ދެ ދުވަސް ފަހުން، ހާރޫން، އަހަރެން ގޮވައިގެން ބަހެއްގައި އެހެން ތަނަކަށް ދަތުރު ފެށިއެވެ. ދަނީ ވަކި ކޮން ތަނަކަށް ކަމެއް ނޭނގެއެވެ. މަންޒިލަށް ދެވުމާއެކު ބަހުން މީހުން ފައިބަމުން ގޮސް ހާރޫން އަހަރެން ގޮވައިގެން ފޭބިއެވެ. ފިނިކަން އިންތިހާ ދަރަޖައަށް ހުއްޓެވެ. އަހަރެން ގޮވައިގެން ހާރޫން ގެއަކަށް ވަނެވެ. މީހަކާ އަހަރެން ހަވާލުކޮށްފައި، އޭނާގެ އަތުން ނެގި ކޮތަޅެއް ހިފައިގެން ހާރޫނު ދިޔައެވެ. އެ ގެ ހުރީ ހަފްލާއަކަށް ތައްޔާރު ކޮށްފައެވެ. އެމީހުންގެ ސަގާފަތާ އެއްގޮތަށް އަހަރެން ހެދުން އަޅުވައި، ކައިވެންޏަށް އަހަރެން ތައްޔާރުކުރިއެވެ. އެމީހުންނަކީ ވެސް މުސްލިމުން ކަމުގައި އެމީހުން ބުންޏެވެ.

އެއީ މުސްލިމުން އުޅޭ ގޮތް ހެއްޔެވެ؟ އިންސާނުން ގަނެވިއްކުމުގެ ވިޔަފާރި ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގެނީ ހެއްޔެވެ؟ އެމީހުންގެ އެ އަމަލުތަކަށް ކެތްކުރުން ނޫން ގޮތެއް ނެތެވެ. ގަދަ ހަދާހާ ހިތްވަރެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. ސިކުނޑި ވަނީ ގޮތް ހުސްވެފައެވެ. އަތްފައި ވަނީ ނުކުޅެދިފައެވެ. ލޯ މަރާލައިގެން، ކައިވެނީގެ އެ ހަފްލާގައި އަހަރެން އިނީ އެއަށްވުރެ މަރުވުން ވެސް މާ ރަނގަޅު ކަމުގައި ދެކިގެންނެވެ. އޭގެ ފަހުން އަހަރެންގެ ދިރިއުޅުމަކީ އެއީއެވެ. 

***

ލޯ ހުޅުވާލުމާ އެކު އަހަރެންނަށް ފެނުނީ މަކަރުވެރި ކެހިވެރިޔާއެވެ. އަހަރެންގެ އާރޯވަމުން، ކުރި ފަޅަމުން އައި އުފާވެރި ދިރިއުޅުން ކަށިކުނބުރު ޖަންގައްޔަކަށް ބަދަލުކޮށްލި ރަހުމް ކުޑަ އިންސާނާއެވެ. އަހަރެން ދުވެފައި ގޮސް އޭނާގެ މޫނުގައި އެތިފަހަރެއް ޖެހީމެވެ. އެއްފަހަރާ އެތައް ސުވާލެއް ކުރިމަތި ކުރުވީމެވެ. އެއްޗެހި ކިޔައި، އިލްޒާމް އެޅުވީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެ އޭނާ އަހަރެންގެ ކުރިމަތިން އެއް ފަރާތަށް ޖެހުނެވެ. މިހާރު އަހަރެންގެ ކުރިމަތީގައި ތިބީ އަހަރެންގެ މައިންބަފައިންނެވެ. އަހަރެން ދުވަމުން، ވެއްޓެމުން ގޮސް މަންމަ އާއި ބައްޕަގެ ގައިގައި ހިފައިގަނެ، ގިސްލަގިސްލާފައި ރުއީމެވެ. މަންމަމެން ވާހަކަ ދައްކަން ފެށިއެވެ. ހުސެންގެ ކުށެއް ނެތް ކަމާއި އަހަރެންނަށް އެ ހާލު ޖެއްސީ ހުސެންގެ އެންމެ ގާތް ރަހުމަތްތެރި މިޔާލް ކަން އަހަރެންނަށް ބުނެދިނެވެ. މިޔާލަކީ އަހަރެންނާއި ހުސެން ގުޅުނު ގޮތުގެ މައުލޫމާތު އެނގޭ، ހުސެންގެ ވަރަށް ގިނަ ކަންކަން ހިއްސާކުރާ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް ބަލައިގެން އުޅުނު މީހެކެވެ. މަންމަމެން އިންޑިޔާއަށް ގެނެސް، ދިވެހި އަންހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅައި މީޑީޔާގެ ސަމާލުކަމަށް ގެނެސް، ތަހުގީގު އަވަސް ކުރުވަން ހުސެން މަސައްކަތް ކުރި ކަމާއި މިއަދު އަހަރެން ސަލާމަތްތެރިކަމާ އެކު މި ފެނުނީ ވެސް ހުސެންގެ އެހީތެރިކަމާއި އޭނާގެ ހިތުގައިވާ ތެދުވެރި ސާފު ލޯބީގެ ސަބަބުން ކަން އަހަރެންނަށް ވިސްނައިދިނެވެ. އަދި މިހާރު މިޔާލް ހުރީ ހައްޔަރުކޮށްފައި ކަމަށް ވެސް މަންމަ ބުންޏެވެ.

އެވަގުތު، ފުލުހުން އަހަރެންގެ "ފިރިމީހާ" އަދި އޭނާގެ މަންމަ ޖިޕަށް އަރުވާތަން ފެނެއެވެ. ފަސްއެނބުރި ބަލާލި އިރު، ހުސެން ހުރީ ސްނޯތަކުގެ ތެރޭގައި އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ދެ އަތް ހުޅުވާލައިގެން އަހަރެންނަށް ދައުވަތު ދީގެންނެވެ. ދެ ލޯ ވަނީ ކަރުނުން ފުރިފައެވެ. ނަމަވެސް ތުންފަތަށް ވެރިވެފައި ވަނީ އަސަރުގަދަ ހިނިތުންވުމެކެވެ. އަހަރެން ދުވެފައި ގޮސް އެ އުރު ތެރެއަށް ވަނީ ދެން ދުވަހަކު ވެސް އެ ހޫނުކަމުން ދުރު ނުވާން އުންމީދު ކޮށްގެންނެވެ.

- ނިމުނީ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް