ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ސަންރާ ތައުލީމީ ގޮތުން މޮޅު ކުއްޖަކަށް ހަދަން ރަފްހާއަށް ކުރެވުނު ގޮތަކަށް މަސައްކަތް ކުރަން ފެށި އެވެ. އެހެން މީހުންގެ ނަޒަރުގައި ރަނގަޅު ގޮތް ނޫން ނަމަވެސް، ރަފްހާ ހީކުރީ ކާމިޔާބީގެ ފޯމިއުލާއަކީ އެއީ ކަމަށެވެ.
14 ނޮވެމްބަރު 2022

އެޕިސޯޑް 4

ރަފްހާގެ ދެ ލޯ ބޮޑުވި އެވެ.

"އިޝްފާ ކީއް ތި ކުރަނީ ނުނިދާ؟" އިޝްފާ ހުރީ ހެދުން ބަދަލުކުރާށެވެ. އަދި ސިއްސައިގެން ދިޔަ އެވެ. ހަނދާން ނެތި ދޮރު ހުރީ ތަޅު ނުލެވި އެވެ. މޭޒު މަތީގައި ލެޕްޓޮޕް ހުރީ ހުޅުވާފަ އެވެ.

"ދޮންބެ ދައްތަ؟ އަހަރެން ސިއްސައިގެންނޭ ދިޔައީ،" ހެދުން ރީތި ކޮށްލަމުން އިޝްފާ ބުންޏެވެ. "ފިލާވަޅު ދަސްކުރަން އިންދާ ނިދި އަންނަން ފެށީމާ އެއްޗެހި ބަދަލުކޮށްލީ."

ރަފްހާ އިތުރު އެއްޗެއް ނުބުނެ ދޮރު ލައްޕާލި އެވެ. ކޮޓަރިއަށް ވަން އިރު އަޝްރަފް އޮތީ ގަދަ ނިދީގަ އެވެ. އަޝްރަފް އާއި ރަފްހާ ކައިވެނިކުރީ ލޯބިންނެވެ. ދެ ފަރާތުގެ އާއިލާގެ ރުހުމުގަ އެވެ. ކައިވެނީގެ މަތިވެރި ގުޅުން ދަމަހައްޓަން ވައުދު ވަމުންނެވެ. އޮއި ބާރު ދަތުރުގައި އެކަކު އަނެކަކަށް އެހީތެރިވާން ބޭނުން ވެގެންނެވެ. ކަނޑު މަޑުވެ، ވައި މަޑު ދުވަސް ދުވަހުގެ ހިތްގައިމުކަން ދެ މީހުން އުފަލުގައި ހޭދަކުރަން ހިތު ނިޔަތް ގަންނަމުންނެވެ. ނަމަވެސް މިއަދު ރަފްހާއަށް އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ ކަމެއް ނޭނގެ އެވެ. ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް ހުރެ އެވެ. ދުލު ކުރިއަށް ނުގެނެވެނީ ކީއްވެ ހެއްޔެވެ؟ ހިއްސާކުރަން ބޭނުންވާ ކިތަންމެ ކަމެއް ހުރެ އެވެ. އެހެނަސް އެ ކަންކަން ބުނަން ޖެހިލުންވަނީ ކީއްވެ ކަމެއް ޚުދު ރަފްހާއަކަށް ވެސް ނޭނގެ އެވެ. ރަފްހާ ތަނަކަށް ގޮސް ގިނަ އިރު ވެއްޖެ ނަމަ ކޮބައިތޯ ބަލަން އަޝްރަފް ގުޅަ އެވެ. ބައެއް ފަހަރު އުނދަގޫ ވާ ވަރަށް ވެސް ގުޅަ އެވެ. ލިބޭ އުފާތަކަށް ވިސްނާ ނަމަ ޝުކުރު ކުރާހާ ވެ އެވެ. ޝަކުވާތައް މަދުކޮށްފައި ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ރަފްހާ މަސައްކަތް ކުރަނީ އެހެންވެގެންނެވެ. ނަމަވެސް އިންސާނާގެ ހިތަކީ ފުރޭ އެއްޗެއް ނޫނެވެ. ކިތަންމެ ގިނައިން ލިބުނަސް، އަބަދުވެސް ބޭނުން ވާނީ ނުލިބި އޮންނަ އެއްޗެކެވެ. ނުކުރެވި ހުންނަ ކަންކަމެވެ.

ހަސަދަވެރިކަމަކީ ކިހާ ހިތި އެއްޗެއް ހެއްޔެވެ؟ ބަދަލު ނުހިފާނީ ކާކު ހެއްޔެވެ؟ ރަފްހާގެ ހިތުގައި ސުވާލުތަކެއް ނުއުފެދެ އެވެ. ރަފްހާ އުންމީދުކުރީ އާއިލާގެ އެންމެން ވެސް ރަފްހާއާ މެދު ފަޚުރުވެރި ވާނެ ކަމަށެވެ. ތައުރީފު ކުރާނެ ކަމަށެވެ. އަޒްފާއަށް ކުރާ ފަދައިންނެވެ. ހަގީގަތުގައި ހަސަދަވެރި ވެވެނީ ރަފްހާ އަށެވެ. އެކަން ރަފްހާއަށް ވެސް އެނގެ އެވެ. އެކަމަކު ގަބޫލުކުރަން ބޭނުން ނުވަނީ އެވެ.

އަޝްރަފް އާއިލާގެ މީހުން ރަފްހާގެ ކުދިން ދެކެ ވެސް ލޯބި ވެ އެވެ. ނަމަވެސް ތަރުތީބުން އަތުރައިފި ނަމަ ރަފްހާގެ ދަރިންނަށް ޖާގަ ލިބޭނީ އެންމެ ފަހަތުންނެވެ. ކޮންމެ ކުއްޖެއް ވެސް އެ ކުއްޖެއްގެ ވަރުން ކިޔެވުމަށް މަސައްކަތް ކުރެ އެވެ. ކުރިއަރާނީ މަދު ކުއްޖެކެވެ. އެކި ކުދިންގެ ވިސްނުމާއި ސިކުނޑި މަސައްކަތް ކުރާނީ އެކި ވަރަށެވެ. ކުދިންގެ މިޒާޖާއި އުޅުމުގައި ވެސް ތަފާތުތަކެއް ހުންނާނެ އެވެ. ބޮޑެތި މީހުން އެކަން ޖެހޭނީ ގަބޫލުކުރާށެވެ. ބަދަލުގައި، ކުދިން ތަފާތު ކުރުމާއި ވަކި ކުދިންނަށް އިސްކަންދީގެން ގެން ގުޅުމަކީ އެދެވޭ ކަމެއް ނޫނެވެ. ބަލައި ގަނެވޭނެ ކަމެއް ވެސް ނޫނެވެ.

ރަފްހާއަށް ކެތްކުރަން އުނދަގޫ ވާން ފެށި އެވެ. އެ ވާހަކަ މަޑުމަޑުން ގޭތެރޭގައި ދައްކަން ފެށުނެވެ. އިޝްފާ ހޯދާ މާކުސް ސަންރާއަށް ނުހޯދެންވީ ކީއްވެ ހެއްޔެވެ؟ ވިސްނުން ތޫނެވެ. އައިބު އެއްވެސް ކަމެއް ސަންރާގެ ނުހުރެ އެވެ. ހިއްސުތައް ސަލާމަތުން ހުރި ކަމަށް ވާ ނަމަ އެކަން އެ ގޮތަށް ކުރަން ޖެހޭނެ އެވެ. އެންމެ ފަހުން ރަފްހާ ސަންރާއަށް މަޖުބޫރު ކުރަން ފެށި އެވެ. މާކުސް މަތިކުރުމާއި ގޭތެރޭގެ ކަންކަމުގައި އިޝްފާއަށް ވުރެ މުހިންމެ ދައުރެއް އަދާކުރަން އަމުރު ކުރަން ފެށި އެވެ. ފޮތް ކިޔުމާއި ފިލާވަޅުތައް ގަޑިން ގަޑިއަށް ކުރުމަށް ބުނެދިނެވެ. ނަސޭހަތް ދީގެން ރަފްހާ ބޭނުންވި ގޮތް ނުވުމުން މަޖުބޫރު ކުރަން ފެށީ ފަހުން އެ ކަމުން ނުކުންނާނެ ނަތީޖާއަށް އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އެވެ. އަތް އިސްކުރަން ރަފްހާ ބޭނުންނުވި ނަމަވެސް މަދު ފަހަރަކު އެކަން ވެސް ކުރެ އެވެ. އެކަމަށް އެއްވެސް ފަރުވާލެއް ނެތި އެވެ. ފުރާވަރަށް އަޅާފައިވާ ސަންރާގެ ސިކުނޑި ހާސްކަމުގެ ތެރެއަށް ގެނބެން ފެށި އެވެ.

އަޝްރަފް ވިސްނައިދިނެވެ. ރަފްހާގެ އުޅުމެއް ބަދަލެއް ނުވި އެވެ. އެންމެ ފަހުން ގެއަށް ޓީޗަރުން ގެންނަން ފެށި އެވެ. ކޮންމެ މާއްދާއަކަށް ޓީޗަރެކެވެ. ސަންރާގެ ސިކުނޑިއަށް ނުތަކާ ވަރަށް މަސައްކަތް ޖައްސަން ފެށި އެވެ. ފޮތް ކިޔުމުގައި ގިނަ ވަގުތު ހޭދަކުރުވަ އެވެ. އެކި ފޮތް ފިހާރަތަކުން އެކި ބަސް ބަހުގެ ފޮތްތައް ގަންނަން ފެށި އެވެ. ސުކޫލަށް ނޫން ގޮތަކަށް އެއްވެސް ވަރަކަށް ގެއިން ބޭރަކަށް ނުނެރެ އެވެ. ގިނައިން ރަފްހާ އިންނަނީ ކޮޓަރީގަ އެވެ. ސަންރާ ގޮވައިގެންނެވެ. ކާން ވެސް ގެންނަނީ ކޮޓަރި އަށެވެ. ފޮތްތަކުގެ ތެރޭގައި ވަގުތު ހޭދަ ކުރުވަން ވެގެންނެވެ. ފެން ވަރަން ވަނަސް ގިނަ އިރެއް ނުވެ ސަންރާއަށް ގޮވައިގެން ނެރެ އެވެ. ނިދާފައި އޮތަސް ފަތިހާ ގޮވަ އެވެ. ރޭގަނޑު ނިދެނީ ވެސް 2 ޖަހާ ފަހުންނެވެ. ރަފްހާ ހީކުރީ އަޒްފާ ވެސް އިޝްފާއާ ދޭތެރޭ ކަންތައް ކުރީ އެފަދަ ހަރުކަށި އުސޫލަކުން ކަމަށެވެ.

ގޭތެރޭގެ އެންމެންނަށް ވެސް ރަފްހާ އުޅޭ ގޮތާއި ކުރާ ކަންކަން ފެނެ އެވެ. ކޮންމެ މީހަކު ވެސް ނަސޭހަތް ދެ އެވެ. ސަންރާއާ މެދު އެ ގޮތަށް ކަންތައްތައް ނުކުރުމަށް ބުނެދިނެވެ. ރަފްހާއަކީ ނުވިސްނޭ ވަރު ކުޑަ ކުއްޖެއް ނޫނެވެ. މިއަދު އޭނާގެ މަގުސަދު ވަރަށް ސާފެވެ. ބޭނުންވަނީ އިޝްފާއަށް ވުރެ ރަނގަޅު ނަތީޖާއެއް ސަންރާ ނެރޭށެވެ. ރަފްހާ އެކަމަށް އަތުކުރި އޮޅާލީ ވަކި ހިސާބަކުން އެކަން ހުއްޓާލާކަށް ނޫނެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ރަފްހާ އެ ކަމެއް ނުހުއްޓާނެ އެވެ. ސަންރާގެ އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރަން ކުރެވުނު ހާ ކަމެއް ރަފްހާ ކުރާނެ އެވެ.

ކުޑަތަންވަމުން އައި ދުވަސް ޖެހިއްޖެ އެވެ. މާދަމާއަކީ އިޝްފާ އާއި ސަންރާގެ އަހަރީ އިމްތިހާނު ފެށޭ ދުވަހެވެ. ރަނގަޅު ނަތީޖާއެއް ނެރުމަށް ރަފްހާ އެތައް ފަހަރަކު ސަންރާ ގާތު ބުންޏެވެ. ހީވަނީ ރޭޑިއޯއެއް ހެންނެވެ. ހެނދުނު އަލި ވިލުނީއްސުރެ ސަންރާގެ ބޮލަށް އުނދަގޫވާ ވަރަށް ރަފްހާ ވާހަކަ ދެއްކި އެވެ. ނަތީޖާ ދަށް ވެއްޖެ ނަމަ ކުރާނެ ކަންތައް ވެސް ބުންޏެވެ. ސަންރާގެ ކިތަންމެ އުފަލަކުން މަހުރޫމު ކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އެ ވަރުގެ ޅަ ސިކުނޑިއަކާ ދައްކަން ނުވާ ކިތަންމެ ވާހަކައެއް ރަފްހާ ދެއްކި އެވެ. އެދެވޭ ވަރުގެ ނަތީޖާއެއް އިމްތިހާނުން ރަފްހާ އަށް ނުގެނެވިއްޖެ ނަމަ ދެން ވާނެ ގޮތް ސަންރާ ހިތަށް އަރުވާލިއެވެ.

ދެ ކުދިން އެކުއެކީ ކަހަލަ ގޮތަކަށް ސުކޫލަށް ދާން ނުކުތެވެ. ޝަމާން އާއި އަޝްރަފްއާ އެކުގަ އެވެ. އަޒްފާ ހުރީ ހިނިތުންވެލައިގެންނެވެ. ދެ ކުދިންނަށް ވެސް އަޒްފާ ނަސޭހަތް ދިނެވެ. އަދި ދުއާ ކިޔުމަށް ފަހު އިމްތިހާނު ހޯލަށް ވަދެ އިމްތިހާނު ފަށަން ވެސް ނަސޭހަތް ދިނެވެ. އަޒްފާގެ އެދުމަކީ ދެ ކުދިން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ. އާއިލާ އާއި މައިންބަފައިން ފަހުރުވެރިވާ ފަދަ ދަރިންނަށް ވުމެވެ. ދެ ކުދިން ނުކުމެގެން ދިޔުމުން އަޒްފާ ރަފްހާއަށް ބަލައިލި އެވެ. ރަފްހާ އެއްވެސް އެއްޗެއް ނުބުނެ ގޭތެރެއަށް ވަދެގެން ދިޔަ އެވެ. އަޒްފާ ބޭރު ބަލައިލީ އަނދިރި ވުމުންނެވެ. ހެނދުނުގެ އަލި ކަމުގެ ތެރެއަށް ކުރިމަތި ވީ ވިއްސާރަ ވިލާގަނޑެކެވެ. އަޅި ކުލަ އަރާފައިވާ ވިލާގަނޑު އަޒްފާއަށް ސާފުކޮށް ފެންނަން އޮތެވެ. ނުފެނުނީ ބޯމަތި ވަމުން އައި ހަސަދައިގެ ވިލާގަނޑެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް