ވާހަކަ: ކުލަވި މަންޒަރު

ވާހަކަ

ވާހަކަ: ކުލަވި މަންޒަރު

ރަފްހާގެ ރުންކުރުކަމާއި ހިތްހަމަނުޖެހުން އަޒްފާމެންނަށް ފާހަގަވެއެވެ. އަނގައިން ބުނަނީ ކޮންމެހެން ބުނަން ޖެހިގެންނެވެ. އެ ވެސް ހިތްހަމަނުޖެހޭކަން ފާޅުވާ ފަދަ ރާގެއްގައެވެ.
10 ނޮވެމްބަރު 2022

އެޕިސޯޑް 3

ހަނދާނީ ފިލައެއް ހިފައިގެން ހުރި ފޮޓޯގައި މެޑަލްތަކެއް ވެސް ފެންނަން ހުއްޓެވެ.

"އަސްލު ކީއްވެގެންތަ ރަފްހާ އަހަރެން ދެކެ އެހާ ރުޅި އަންނަނީ؟" ބާލީސްތައް ރީތި ކުރަމުން އަޒްފާ ބުންޏެވެ.

"ނޭނގެ. އެއީ އޭނަގެ މިޒާޖެއްނު. ކަމުދާ ނޯންނާނެ އެއްވެސް ކަމެއް. އެއްވެސް މީހެއް ވެސް. އަމިއްލަ ދަރި ވެސް އޭނައަކަށް ކަމަކު ނުދޭ،" އެނދުގައި އޮށޯވެލަމުން ޝަމާން ބުންޏެވެ.

"އެކަމަކު އެއް ގެއެއްގައި އުޅޭ އިރު އެހާ ރުޅިވެރިކަން ބާއްވައިގެން އުޅޭކަށް ނުވާނެ އެއްނު. ދެބެންނާ އިނދެގެން އުޅޭ ދެ މީހުން. އަހަރެންނަށް ވެސް އެނގޭ އެކަކު އަނެކަކު ކިބައިގައި ހިތްހަމަނުޖެހޭ ސިފަތައް ހުންނާނެކަން. އަހަރެން ކިބައިގައި އޭނައަށް ކަމުނުދާ ކިތަންމެ ކަމެއް ހުންނާނެ. އެކަމަކު ބުނީމައެއްނު އެނގޭނީ ރަނގަޅު ކުރަން ވެސް. އަނގައިން ބުނެލާނީ ވެސް ހިތްހަމަނުޖެހޭ އެއްޗެއް ބުނަން. އަސްލު އަހަރެން ހުރީ ދުވަހަކު ވެސް މި ވާހަކަތައް ނުދައްކަން. ދެން މާ ގިނައިން މިކަހަލަ ކަންކަން ވާތީ ހިތަށް އެރީ ޝަމާން ގާތު ބުނެލާނީއޭ،" ޝަމާންގެ މަގަތުގައި އޮށޯވެލަމުން އަޒްފާ ބުނެލިއެވެ.

"އާނ. ތިއީ ތެދެއް. ފަހަކަށް އައިސް އޭނަ ހުންނަނީ ވެސް ވަރަށް ފާޑަކަށް. ނޭނގެ ވެފައި ހުންނަ ގޮތެއް ވެސް. ވެދާނެ އެއްނު އަޝްރަފްއާ މައްސަލައެއް ޖެހިގެން އުޅެނީ ކަމަށް ވެސް. އެކަމަކު އަޝްރަފް ނުބުނޭ އެކަހަލަ އެއްވެސް ކަމެއް. އޭނަގެ އުޅުމުން ވެސް ފާހަގައެއް ނުވޭ." ޝަމާން ވިސްނާލަމުން ބުންޏެވެ. "އަޅާނުލާ. އޭރުން އެންމެ ބޮލަށް ފަސޭހަ ވާނީ. ހިނގާ ނިދަން."

ރަފްހާ ހުރީ ހެނދުނުގެ ނާސްތާއަށް ރޮށި ފިހާށެވެ. އަޒްފާ ގޮވަމުން ދިޔައީ އިޝްފާއަށެވެ. އިޝްފާގެ ހަބަރެއް ނުވުމުން ކޮޓަރިއާ ދިމާލަށް އަޒްފާ ދިޔައެވެ. މޭޒުމަތީގައި ބަހައްޓާފައި ހުރި ކިރު ތައްޓަށް ރަފްހާގެ ނަޒަރު ހުއްޓުނެވެ. ރަފްހާގެ ސިކުނޑި ވިސްނާދެމުން ދިޔަ ކަންތަކަށް އަތެއް ހަރަކާތެއް ނުކުރިއެވެ. އަނެއްކާވެސް ވިސްނުން ބަދަލުވިއެވެ.

ކުއްލިއަކަށް އިޝްފާ އައެވެ. އަދި ކިރުތަށި ބޯލިއެވެ. ރަފްހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ނުބުންޏެވެ. އަޒްފާ އަންނަ ތަން ފެނުމުންނެވެ.

ސުކޫލްގެ އިމްތިހާނުތައް ނިމި ނަތީޖާ ލިބުނު ދުވަހެވެ. އިޝްފާ އާއި ސަންރާ ގެއަށް އައި އިރު ގޭތެރޭ އޮތީ ޒީނަތްތެރި ކޮށްފައެވެ. ދެ ކުދިންނަށް ވެސް ހޫނު މަރުހަބާއެއް ކިއީ އާއިލާގެ ގިނަ މެންބަރުންތަކެކެވެ. ބައެއް ރައްޓެހިންނާއި އަވައްޓެރިން ވެސް ތިއްބެވެ. ސަންރާގެ އެލިފައިވާ ކަރު ފެނުނީ ރަފްހާ އަށެވެ. އިޝްފާގެ ކޮޅަށް ޖެހިފައިވާ ގިރުވާން ވެސް ފެނުނީ ރަފްހާ އަށެވެ. ސަންރާ ބޭނުންވީ ކޮޓަރިއަށް ދާށެވެ. ނަމަވެސް ރަފްހާގެ އިޝާރާތަށް ހުއްޓުނެވެ.

ކުޑަ ސަޔެއް ބޭއްވީ އިޝްފާއަށެވެ. އެއް ހަފުތާ ކުރިން މި ދުވަހަށް ތައްޔާރު ވަމުން ދިޔައީ އަޒްފާ އާއި ޝަމާންއެވެ. އިޝްފާގެ ނަތީޖާ މުޅި ކުލާހުން ވެސް އެންމެ މައްޗެވެ. އެއީ އަބަދުވެސް އެކަން ވާ ގޮތެވެ. އެކަމާ ރަފްހާ ސުވާލު އުފައްދައެވެ. ކުއްޖަކު އެހާ މޮޅުވާންވީ ކީއްވެ ހެއްޔެވެ؟ އަޒްފާ މުދައްރިސުންނަށް ކޮން ކަހަލަ ފޮނި އެއްޗެއް ކާން ދެނީ ހެއްޔެވެ؟

ހަގީގަތުގައި މި ކަމުގައި ބައިވެރިވާކަށް ރަފްހާ ބޭނުމެއް ނުވެއެވެ. ނަމަވެސް އެހެން ގޮތެއް ނެތުމުން ތަނުގައި ހުރީއެވެ. އިޝްފާއަށް އެންމެން ކުރާ ތައުރީފާއި ސަނާގެ އަޑު އަހާކަށް ރަފްހާއަކަށް ފަސޭހައެއް ނުވިއެވެ. އަޒްފާ އާއި ޝަމާންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމާއި ހިތްހަމަޖެހުން ބަލާކަށް ބޭނުމެއް ނުވެއެވެ. އާއިލާގެ މީހުން އިޝްފާއަށް ދޭ އަގުހުރި ހަދިޔާތައް ލިބުން އެންމެ ހައްގު ވަނީ ސަންރާއަށޭ ރަފްހާގެ ހިތަށް އެރިއެވެ. އެ ދުވަސް ގެންނަން ރަފްހާ ދަނީ ކަނޑަނޭޅި މަސައްކަތް ކުރަމުންނެވެ.

ވިއްސާރަ ރެއެކެވެ. ނަމަވެސް މި ވަގުތު ވާރެއެއް ނުވެހެއެވެ. ގޮނޑުދޮށް ފެންނަ ހިސާބުގައި ހުރި ގޮނޑިއެއްގައި ރަފްހާ އިނެވެ. އަނދިރި ލޮނުގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފުން އަނދިރިކަމުގެ ތެރެއިން ނަށަމުން ދިޔަ ރާޅުތަކުގައި ހުދު ފޮނު ހުއްޓެވެ. ކަނޑުން އަރައިގެން އަންނަ ރާޅުތައް ގިނައެވެ. ތޮށިގަނޑު ހުރަސް ކޮށްފައި މަގަށް އޮއްސަމުން ދިޔައެވެ.

ފަހަތުގައި މީހަކު ހުރިހެން ހީވެގެން ރަފްހާ ފަހަތް ބަލާލިއެވެ.

"ސިއްސައިގެން ނުދޭތަ؟" ހެމުން ހެމުން ނައުމާ ބުންޏެވެ. ރަފްހާ އެއްވެސް އެއްޗެއް ނުބުންޏެވެ.

"ދެން ތިހެން އަތް އުރާލައިގެން އިނދެ އެއްވެސް ކަމެއް ވާނެތަ؟ އަޅެ މަ ބުނާ ގޮތެއް ހަދާބަލަ،" ނައުމާ ނިތް އަރުވާލަމުން ބުންޏެވެ. ދެން ވެސް ރަފްހާ އެއްޗެއް ނުބުންޏެވެ.

"ކީއްވެފައިތަ ތި އިންނަނީ؟ އަނެއްކަ ތިއީ ރަފްހާއެއް ނޫންތަ؟ އައޫޒު ކިޔާ." ނައުމާ އެހެން ބުނުމުން ރަފްހާ ހީލިއެވެ. ނަމަވެސް ފޫހި ގޮތަކަށެވެ.

"ދެން ނައުމާ،" ރަފްހާ ބުންޏެވެ.

"މިތާ ކީއްވެފައިތަ ތި އިންނަނީ؟ މިހާ ފިނި ރެއެއްގައި ތިހެން އިންދާ ހުން އަތުވެދާނެ. ހިނގަ ގެއަށް ދާން. މަ ވެސް މި އައީ އާދެވިގެންނެއް ނޫނޭ. ރަފްހާ ބުނީމައި ނޫނެކޭ ނުބުނަން ވެގެން،" ނައުމާ ބުންޏެވެ. ޝަކުވާ އަޑުއަހަން ބޭނުން ނަމަ އެ މީހަކާ އެއް ހަމައަކަށް ތިމާ ވެސް ތިރިވާން ޖެހެއެވެ. އޭނަ އެ ބުނާ އެއްޗެއްގެ އަސްލު މާނަ އެނގޭނީ އޭރުންނެވެ.

"ރަފްހާ! އެއްޗެއް ބުނެބަލަ. ހަމަ އަސްލުގައި ވެސް ރަފްހާގެ ބޮލުގެރިހުމަކީ ސަންރާތަ؟ ނޫނީ ކޮންމެވެސް އެހެން ކަމެއް ގޭތެރޭގައި އުޅެނީތަ؟" ނައުމާ ކުރީ ބޮޑު ސުވާލެކެވެ. ރަފްހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ނައުމާއަށް އެކަން ފާހަގަ ކުރެވުނެވެ. ދެން ވެސް ރަފްހާ އެއްޗެއް ނުބުންޏެވެ.

"އޯކޭ މަ މި ދަނީ. މިތަނަށް މަ އައީ މި އޮތް ލޮނުގަނޑާއި މިހިރަ ގަސްތަކާ ވާހަކަ ދައްކާކަށް ނޫން. ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ ކީއްކުރަން އަންނާށޭ ކިޔާފައި ގުޅީ؟" ނައުމާ ތެދުވެގެން ދާން ހިނގައިގަތެވެ.

"ނޫން ނޫން. މަޑުކޮށްބަލަ. އަހަރެން ކިޔައިދޭނަމޭ. ކިޔައިދޭން ބޭނުން. އެކަމަކު..." ރަފްހާ ގޮވާލުމުން ނައުމާ އައިސް އަނެއްކާވެސް އިށީނެވެ.

"ރަފްހާ. ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ. ހަމަ އެ ގޮތަށް ހައްލެއް ވެސް އޮންނާނެ. ބަންދުވާނީ އެންމެ ދޮރެއްނު؟ ބަދަލުގައި ހުޅުވޭނެ ހަތަރު ދޮރު. ނޫންތަ؟" ނައުމާ އޯގާތެރިކަމާ އެކުގައި ބުންޏެވެ. ވަރަށް ލުއި ގޮތަކަށް ރަފްހާ ހިނިތުންވެލިއެވެ.

"މައްސަލައަކީ ހަމަ ސަންރާ. އޭނަގެ އެ ބޯހަރުކަމާއި ގޮތް ދޫނުކުރުން. ނަސޭހަތް ދީ ދީ އަހަރެން ވަރުބަލިވެއްޖެ. އެކަމަކު އެ ކުއްޖާއަށް އެއްވެސް ބަދަލެއް ނާދޭ. މިހާރު ގޮތް ހުސްވާ ހިސާބަށް ކަންކަން ހިނގައްޖެ،" ރަފްހާ ކިޔައިދިނެވެ.

"އަނެއްކާ މާ ބޮޑު ކަމެއް މިހާރު ހިނގީތަ؟" ނައުމާ ޝައުގުވެރިކަމާއެކު އެހިއެވެ.

"ނޫން އަލަކަށް ވަކި ކަމެއް ނުވޭ. ހަމަ ކޮންމެ ދުވަހަކު ވެސް ވާ ކަންތައްތައް. އެކަމަކު މި ކަންކަމުގެ ސަބަބުން އެއް ގޭގައި އުޅެން ވެސް އުނދަގޫ. އަނެއްކާ ސަންރާއަށް ވެސް މި ކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރޭ. ނަފުސާނީ ގޮތުން ވެސް އޭނަ ހުންނަނީ ބަލިކަށިވެފައި. ކިތަންމެ ބޯ ހަރުވެފައި ގޮތް ދޫނުކުރިޔަސް އޭނަ ވެސް ދެރަ ވާނެ ދޯ؟" އިސްޖަހައިގެން އިނދެ ރަފްހާ ވާހަކަ ދެއްކިއެވެ.

"ރަފްހާ މަ ބުނަންތަ ވާހަކައެއް. ތިކަހަލަ ކަންކަމާ ކިތަންމެ ވަރަކަށް ވިސްނިޔަސް ފައިދާއެއް ނުކުރާނެ. ކަމެއް ހައްލުވާނީ ވިސްނައިގެންނެއް ނޫން. ކަންކަން ހައްލުވާނީ ވާހަކަ ދައްކައިގެން. އަމަލީ ސިފަ އެކަމަކަށް ގެނެވިގެން. އޭރުން އެ ކަމެއްގެ އެދެވޭ ނަތީޖާ ނެރެވޭނީ. ނޫންތަ؟" ނައުމާ ވިސްނައިދޭ ރާގެއްގައި ބުންޏެވެ.

ރަފްހާ ގެއަށް ވަދެފައި ނައުމާ ދެއްކި ވާހަކައާ މެދު ވިސްނާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ސަންރާގެ ކޮޓަރި ހުޅުވާލިއެވެ. ރަފްހާގެ ދެ ލޯ ބޮޑުވިއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް