ބ. ސޮނޭވާ ފުށި ރިސޯޓް. (ފޮޓޯ/ސޮނޭވާ)

ޓޫރިޒަމް

ރިސޯޓް ހަދަން ރަށްތައް ދީގެން ލަފާކުރި ވަރުގެ އާމްދަނީއެއް ނުލިބުނު

ބަޖެޓްގައި ލަފާކުރި އަދަދަށް ވުރެ ލިބުނު މިންވަރު 1.1 މިލިއަން ރުފިޔާ މަދު

ރިސޯޓް ހަދަން އާ ރަށްތައް ކުއްޔަށް ދީގެން ސަރުކާރުން ހޯދަން ބަޖެޓްގައި އަންދާޒާ ކުރި މިންވަރަށް ވުރެ އާމްދަނީގެ ގޮތުގައި ލިބުނު ވަރު މަދުކަން ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 10 އަތޮޅަކުން 21 ރަށުގެ ބީލަމުގައި 18 ހުށަހެޅުމެއް ލިބުނު ނަމަވެސް ބިޑްތައް ދިރާސާކުރުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހު ނިންމީ ފަސް ރަށެއް އެކި ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް، ފައިސާ ދައްކަން ދިން 60 ދުވަސް ހަމަވިއިރު ފައިސާ ދެއްކީ އޭގެ ތެރެއިން ހަތަރު ފަރާތަކުންނެވެ. އެއީ:

  • މ. ސީދީހުރާ، ސީދީހުރާ ވެލިގަނޑާ އެކު - މާކެޓެކް މޯލްޑިވްސް 

  • ފ. އެނބުލުފުށި - ނައިޑް ޓްރޭޑިން

  • ގދ. ކަނޑަހަލަގަލަ - ޕަޔަނިއާ މޯލްޑިވްސް

  • ފ. ޖިންނަތުގައު - އަކިރި ހޯލްޑިންސް

ހއ. އަލިދުއްފަރުފިނޮޅު ލިބުނު ޔޫއެމްއައި ކުންފުނިން ފައިސާ ނުދައްކާތީ އެ ކުންފުންޏަށް ރަށް ދީފައެއް ނުވެ އެވެ.

އެނގުން މުހިންމު - މިއަހަރުގެ ބަޖެޓްގައި ލަފާކޮށްފައި ވަނީ ރިސޯޓް ހަދަން އަލަށް ދޭ ރަށްތަކުން 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) ލިބޭނޭ ކަމަށެވެ. 

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުތަކުގައިވާ ގޮތުގައި، ހަތަރު ރަށް ކުއްޔަށް ދީގެން ސަރުކާރަށް ވަނީ އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުން އާމްދަނީގެ ގޮތުގައި 153.1 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ބަޖެޓްގައި ލަފާކުރި އަދަދަށް ވުރެ 1.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

  • ސީދީ ހުރާ އާއި ސީދީ ހުރާ ވެލިގަނޑު - 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ)

  • ފ. އެނބުލުފުށި - 3.6 މިލިއަން ޑޮލަރު (55.5 މިލިއަން ރުފިޔާ)

  • ފ. ޖިންނަތުގައު - 2 މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)

  • ގދ. ކަނޑަހަލަގަލަ - 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ)

ތަފްސީލް - މީގެ އިތުރަށް ރަަށްތަކަށް ބިޑްތައް ހުޅުވާލިއިރު ޓޫރިޒަމުން ލަފަކާކޮށްފައި އޮތީ ރަށްތައް ކުއްޔަށް ދީގެން 13 މިލިއަން ޑޮލަރު (200 މިލިއަން ރުފިޔާ)އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދޭނޭ ކަމަށެވެ. ނަމަވެސް އެ އަދަދު ވެސް ނުހޯދުނެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ވެސް 16 ރަށެއް ރިސޯޓް ހަދަން ހުޅުވާލި އެވެ.

ނަމަވެސް، އެ ރަށްތަކަށް ލިބުނު 13 ބިޑްގެ ތެރެއިން ބީލަން ކާމިޔާބުކުރީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނިން ހއ. ވެލިފިނޮޅަށް ހުށަހެޅި ބިޑް އެކަންޏެވެ. އަނެއް 12 ބިޑް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ބިޑް ކޮމިޓީން ވަނީ ބާތިލްކޮށްފަ އެވެ.

އެ ފަހަރު ރަށްތަކަށް ޝައުގުވެރިކަން ކުޑަވެ އެކުޒިޝަން ކޮސްޓް %30 ކުޑަ ވެސް ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް