ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް މެދުވެރިކޮށް ޑޮލަރު ނަގަނީ. (ފޮޓޯ/ބީއެމްއެލް)
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މިއަހަރު އިތުރުކޮށްފި
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރު މި އަހަރު އިތުރުކޮށްފައިވާނެ ކަމަށް ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ ބައެއް ބޭންކުތަކުން ވިޔަފާރިވެރިންނަށް ދޫކުރާ ޑޮލަރުގެ އަދަދު މަދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
ތަފްސީލް - މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ޑެޕިއުޓީ ގަވަރުނަރާ ސުވާލު ކުރައްވަމުން ފާހަގަ ކުރެއްވި ގޮތުގައި
-
މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް އިން %25 އަށް ޑޮލަރުދޭ
-
އެކަމަކު މިފަހުން ވަނީ އެ އަދަދު %10 އަށް ދަށް ކޮށްފައި
ޝަރީފްގެ ވާހަކައަށް އިޝާރާތް ކުރައްވައި އިމާދު ވިދާޅުވީ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާާގެ އަދަދު މަދުކޮށްފައި ނުވާނެ ކަމަށެވެ.
"އިތުރު ބަދަލުތަކެއް ނުގެނެވޭ. އެކަމަކު އެބޭފުޅުން [ބީއެމްއެމްލް]ގެ ބިޒްނަސް އޮޕަރޭޝަންތަކަށް ގެނެވިގެން އުޅޭ ބަދަލުތަކެއް ކަމަށް ފާހަގަ ކުރެވެނީ. އެހެން ނަމަވެސް އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ އަދަދު 2023 ވަނަ އަހަރަށް ވުރެ 2024 ވަނަ އަހަރު ދޫކުރާ އަދަދު އިތުރު ވާނެ،" އިމާދު ވިދާޅުވި އެވެ.
ގުޅުން ހުރި - ބީއެމްއެލް އަށް ޑޮލަރު ލިބުމަށް ތާށިކަމެއް ކުރިމަތިވެ، ބައެއް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރު ނުވިއްކޭ ހާލަތަކަށް ގޮސްފައިވާ ކަމަށް އެ ބޭންކުން ވަނީ މި އަހަރުގެ ކުރީކޮޅު ހާމަކޮށްފަ އެވެ.
ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބޭނުންވާ ޑޮލަރު، އެ ވަގުތެއްގައި ބޭންކަށް ދެވެން ހުރި މިންވަރަކަށް ބަލައި، ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭކަމަށް އޭރު ބޭންކުން ބުނެފައިވެ އެވެ.