އެއާޕޯޓް (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބުގައި؛ ބައި މިލިއަން ހަމަކޮށްފި

ރާއްޖެއިން މިއަހަރު އަމާޒުކޮށްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެންނަން
27 މާރިޗު 2023

ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް މިއަހަރު ކަނޑައެޅި އަމާޒު ހާސިލް ކުރުމުުގައި ރާއްޖެ ހުރީ ރަނގަޅު މިސްރާބުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މައުސޫމް އެހެން ވިދާޅުވީ އިއްޔެއާ ހަމައަށް ރާއްޖެއަށް 500،000 ނުވަތަ ބައި މިލިއަން ޓޫރިސްޓުން ހަމަވުމާ ވިދިގެންނެވެ. މައުސޫމް މިއަދު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • އާދިއްތައާ ހަމައަށް 500،597 ޓޫރިސްޓަކު ވަނީ ރާއްޖެ އައިސްފައި

  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %22.3 އިތުރު އަދަދެއް

  • ދުވާލެއްގެ މައްޗަށް 6،501 ޓޫރިސްޓަކު ރާއްޖެ އާދޭ

  • ރާއްޖެ އަންނަ ޓޫރިސްޓަކު އެވްރެޖްކޮށް 8 ރޭ ރާއްޖޭގައި ހޭދަކުރޭ

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއަށް މިއަހަރު ގެންނަން އަމާޒުކޮށްފައި ވަނީ 1.8 މިލިއަން ޓޫރިސްޓުންނެވެ. އެހެން ކަމުން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ރާއްޖެއިން މިވަނީ: 

  • ޓާގެޓްގެ %27.8 މި ވަނީ ހާސިލްވެފައި  

  • އަދި އިތުރަށް 1.2 މިލިއަން ޓޫރިސްޓުން ރާއްޖެއިން ގެންނަން ޖެހޭ 

މިދިޔަ އަހަރު ރާއްޖެ އައިސްފައި ވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ.

ބުނީ ކީކޭ؟ - ޓޫރިޒަމްގެ ފަހުގެ ނަމްބަރުތައް ހިއްސާކުރައްވަމުން މައުސޫމް ވިދާޅުވި ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ފާއިތު ނުވަނީސް ބައި މިލިއަން ޓޫރިސްޓުން ހަމަވުމަކީ ކާމިޔާބެކެވެ. އަދި މިއީ ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތްތަކުގެ މަސައްކަތާއި ހިތްވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމް މިއަހަރު މިއޮތީ ރަނގަޅު މިސްރާބުގައި،" މައުސޫމް ވިދާޅުވި އެވެ.

އެންމެ ގިނަ ޓޫރިސްޓުން ރަޝިޔާއިން

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ހަނގުރާމައެއްގެ ތެރޭގައި އޮތް ރަޝިޔާއިންނެވެ. އެގޮތުން: 

  • އެ ގައުމުން 60،590 ޓޫރިސްޓުން ރާއްޖެ އައިސްފައިވޭ

  • އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ %12.1

ދެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކަކީ: 

  • އިންޑިއާ - 52،734 ޓޫރިސްޓުން

  • އިނގިރޭސިވިލާތް - 45،545 ޓޫރިސްޓުން 

  • އިޓަލީ - 43,869 ޓޫރިސްޓުން 

  • ޖާމަނީ - 34,516 ޓޫރިސްޓުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް