ހުޅުމާލޭގައި ބަހައްޓާފައި ހުރި ވާޓިކަލް ޕާކިން ސިސްޓަމެއް.
ހުޅުމާލޭ ޕާކިން ސިސްޓަމްތައް ކުއްޔަށް ނަގައިގެން ހިންގާނެ ބަޔަކު ހޯދަނީ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިދިޔަ ސަރުކާރުން ގާއިމްކުރި ނަމަވެސް ބޭނުން ނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ކުއްޔަށް ނަގައިގެން ބަލަހައްޓައި ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ ހަ ސަރަހައްދެއްގައި ބަހައްޓާފައި ހުރި ޕާކިން ސިސްޓަމްތައް ކުއްޔަށް ނަގައިގެން އެ ތަންތަން ހިންގައި ބެލެހެއްޓުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ތަފްސީލު - ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 3ގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ޕާކިން ސިސްޓަމްތައް ހިންގައި ބަލަހައްޓަން ކުއްޔަށް ނަގާ ފަރާތްތަކުން އެ ތަންތަން މަރާމާތުކުރުމުގެ ޒިންމާ އަދާކުރަން ޖެހެ އެވެ.
-
ހަ ސަރަހައްދުގައި ހުރި ޕާކިން ސިސްޓަމްތައް ބަލަހައްޓައި ހިންގަން ޖުމްލަ ދެ ފަރާތެއް ހޮވާނެ
-
ފުރަތަމަ ފަރާތަށް ލޮކޭޝަން 1، 2 އަދި 4 ދޭއިރު އެއީ 88 ޕާކިން ސްލޮޓު
-
ދެވަނަ ފަރާތަށް ލޮކޭޝަން 7 އަދި 9 ދޭއިރު އެއީ 78 ޕާކިން ސްލޮޓު
-
ޕާކިން ސިސްޓަމްތައް ބަލަހައްޓައި ހިންގުމަށް އިންވެސްޓުމެންޓުގެ ހަރަދުގެ ގޮތުގައި 250،000ރ. ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައި
-
ޕާކިން ސްލޮޓުތައް ކުއްޔަށް ދޫކުރާނީ ފުރަތަމަ ދެ އަހަރު މަދުވެގެން މަހަކު 750ރ.އަށް އަދި ތިން ވަނަ އަހަރުން ފެށިގެން ފަސް ވަނަ އަހަރާ ހަމައަށް މަދުވެގެން މަހަކު 1،500ރ.އަށް
-
އޭގެ ފަހުން 10 ވަނަ އަހަރާ ހަމައަށް މަހަކު 2،000ރ. ދައްކަން ޖެހޭނެ
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓާފައި ހުރި ސަރަހައްދުތައް:
-
1-
ލޮކޭޝަން 1: ނިރޮޅު މަގު، 'މަށި ރޯހައުސް'ގެ އިރުމަތިން (36 ސްލޮޓު) - ނިރޮޅު ޕާކިން 1
-
2-
ލޮކޭޝަން 2: ނިރޮޅު މަގު، ދެ ނަންބަރު ފްލެޓުގެ އިރުމަތިން (26 ސްލޮޓު) - ނިރޮޅު ޕާކިން 2
-
3-
ލޮކޭޝަން 4: ކަނީރު މަގު، 'ސަނދުރަ ރޯހައުސް'ގެ ހުޅަނގުން (26 ސްލޮޓު) - ކަނީރު ޕާކިން
-
4-
ލޮކޭޝަން 7: ބޯގަންވިލާ މަގު، ގާޒީ ސްކޫލުގެ ހުޅަނގުން (26 ސްލޮޓު) - ބޯގަންވިލާ ޕާކިން 1އޭ
-
5-
ލޮކޭޝަން 7: ބޯގަންވިލާ މަގު، ގާޒީ ސްކޫލުގެ ހުޅަނގުން (26 ސްލޮޓު) - ބޯގަންވިލާ ޕާކިން 1ބީ
-
6-
ލޮކޭޝަން 9: ބޯގަންވިލާ މަގު، ދިރާގު ޓްރީ ޕާކުގެ އިރުމަތިން (26 ސްލޮޓު) - ބޯގަންވިލާ ޕާކިން 2
ޖުމްލަ 166 ކާރު ޕާކު ކުރެވޭ މި ޕާކިން ސިސްޓަމްތައް ކުރީ ސަރުކާރުގައި ބެހެއްޓި ނަމަވެސް އެ ތަންތަން ބޭނުންކޮށްފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ސިނަމާލެ ބްރިޖާއި ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އައުމާ ގުޅިގެން ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއާ އެކު ޕާކިންގެ މަައްސަލަތައް ކުރިމަތިވާން ވަނީ ފަށާފަ އެވެ.
އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޗްޑީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން:
-
ބަރު އުޅަނދުފަހަރު ޕާކު ކުރާނެ ސަރަހައްދުތައް ކަނޑައަޅައި އެ ތަންތަން ކުއްޔަށް ދޫކޮށްފައިވޭ
-
ސްމާޓް ޕާކިން ޒޯނެއް ހަދައި ޓެސްޓު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން
ކޮމެންޓް (1)
ހިތަދޫ 2