ކޮވިޑްގެ ކުރިން ޗައިނާގެ ޓޫރިސްޓުންތަކެއް ރާއްޖޭގެ ރިސޯޓެއްގައި: ޗައިނާގެ ޓޫރިސްޓުން މި މަހު ރާއްޖެ އަންނަން ފަށާނެ. (ފޮޓޯ/ސައުތު ޗައިނާ މޯނިން ޕޯސްޓް)

ޓޫރިޒަމް

ރާއްޖެ އަންނަ ޗައިނާގެ ފުރަތަމަ ފްލައިޓުން ވެސް 300 އެއްހާ ޓޫރިސްޓުން އަންނާނެ

ޗައިނާގެ ފުރަތަމަ ފްލައިޓް އޮތީ ބުދަ ދުވަހު؛ އެއާ އެކު ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ
16 ޖެނުއަރީ 2023

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ އިން ރާއްޖެއަށް ސީދާ ދަތުރުތައް އަންނަ ބުދަ ދުވަހު ފަށާއިރު، އެ ފްލައިޓުން ވެސް 300 އެއްހާ ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރު ފަށާ ޗައިނާގެ އެއާލައިނަކީ ބެއިޖިން ކެޕިޓަލް އެއާލައިންސް އެވެ. މައުލޫމާތު އެނގޭ އޭވިއޭޝަން ދާއިރާގެ ބޭފުޅަކު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އެ އެއާލައިނުން އަންނަ ބުދަ ދުވަހު ރާއްޖެއަށް ދަތުރުތައް ފަށާއިރު، އެ ދުވަހު އެ ފްލައިޓުން 303 ޗައިނާގެ ޓޫރިސްޓަކު ރާއްޖެ އަންނަން ބުކިންސް ހަދާފައިވޭ

  • ޗައިނާގެ ވެރިރަށް ބެއިޖިން އިން އަންނަ އެ ފްލައިޓް އެ ދުވަހު ރާއްޖެ ޖައްސާނީ މެންދުރު 12:45ގައި 

  • އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ފްލައިޓަށް މަރުހަބާ ކިޔަން އެއާޕޯޓްގައި ކުޑަ ރަސްމިއްޔާތެއް ބާއްވާނެ

ތަފްސީލް - ބެއިޖިން ކެޕިޓަލް އިން ރާއްޖެއަށް ފަށަނީ ޗާޓަރު ދަތުރުތަކެކެވެ. އެގޮތުން، އެ އެއާލައިނުން ޗާޓަރު ދަތުރުތައް ކުރަން އެދިފައިވާ ގޮތަކީ:

  • ހަތަރު ދަތުރު ކުރުމަށް 

  • މި މަހުގެ 18، 22، 27 އަދި 1 ފެބްރުއަރީގައި އެ އެއާލައިނުން ރާއްޖެއަށް ފްލައިޓެއް ބާއްވާނެ

  • ކޮންމެ ފްލައިޓެއްގައި 300 މީހުންގެ ޖާގަ ހިމެނޭނެ

އެނގުން މުހިންމު - މީގެ އިތުރަށް މި މަހުގެ 28 ވަނަ ދުވަހު ޗައިނާ އީސްޓާންގެ ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އެއާލައިނުން ފަށަނީ ޝެޑިއުލް ދަތުރުތަކެކެވެ. އެ އެއާލައިނުން ވަނީ ކޮންމެ ހޮނިހިރު ދުވަހަކު ދަތުރުތައް ބޭއްވުމަށް ނިންމައިފަ އެވެ.

މުހިންމުވާ ސަބަބު - ޗައިނާ ޓޫރިސްޓުން ރާއްޖެއަށް އަންނަން ފެށުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯ އިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޗައިނާ ޓޫރިސްޓުންނަކީ ރާއްޖެ އަންނަ ޖުމްލަ ޓޫރިސްޓުންގެ %10އަށް ވާނޭ ކަމަށް ވަނީ އެ ޖަމިއްޔާ އިން ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް