އެމެރިކާގެ ގައުމީ ޖަސޫސީ އިދާރާގެ ޑިރެކްޓަރު ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ ގެޓީ އިމޭޖެސް)
ޔޫކްރެއިނުގެ ބޮޑު ބައެއް ހިފަން ޕޫޓިން އަދިވެސް ބޭނުންވޭ: އެމެރިކާގެ ޖާސޫސީ ވެރިޔާ
ޔޫކްރެއިނުގެ ބޮޑު ސަރަހައްދެއް ހިފުމަށް ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން އަދިވެސް ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރު އެވްރިލް ހެއިންސް ވިދާޅުވެއްޖެ އެވެ.
ރައީސް ޕޫޓިން މިގޮތަށް ބޭނުންފުޅުވި ނަމަވެސް، ހަނގުރާމައިގައި ހަލުވިކަމާ އެކު މާ ބޮޑު ކުރިއެރުންތަކެއް ރަޝިޔާއަށް މިވަގުތު ލިބެމުން ނުދަނީ ރަޝިޔާގެ ފައުޖުތައް ވަރުބަލިވެފައި ވާތީ ކަމަށް ވެސް ހެއިންސް ފާހަގަކުރެއްވި އެވެ. މި ސަބަބާ ހުރެ މި ހަނގުރާމަ ދިގު މުއްދަތަކަށް ކުރިއަށް ދާނެ ކަމަށް ހެއިންސް ވަނީ ލަފާކުރައްވާފަ އެވެ.
ޔޫކްރެއިނުގެ ކީވް އާއި އެހެނިހެން ސަރަހައްދުތައް ހިފުމަށް ނުކެޅި ފަހު، އިރުމަތީގައިވާ ޑޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާއިން މަސައްކަތް ފަށާފައި ވަނީ މާޗު މަހުގެ ތެރޭގަ އެވެ.
އަދި މިހެން މިކަން އޮތް ނަމަވެސް ހަނގުރާމަ ފެށީރު ރައީސް ޕޫޓިންގެ އަމާޒުކަމުގައި ވެފައި އޮތް ޔޫކްރެއިނުގެ ވީހާވެސް ބޮޑު ބައެއް ހިފުމުގެ އަމާޒަށް އަދިވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ނަމަވެސް މި އަމާޒު އަވަސް ފުރުސަތެއްގައި ހާސިލުވުން ދުރުކަމަށް ވެސް ހެއިންސް ފާހަގަކުރެއްވި އެވެ.
"[ރައީސް] ޕޫޓިން ހާސިލުކުރައްވަން ބޭނުންފުޅުވާ ކަންކަމާއި [ރަޝިޔާގެ] އަސްކަރީ ގާބިލުކަމާއި ފަރަގެއް އެބަ ހުރި،" އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުގައި އޮތް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ހެއިންސް ވިދާޅުވި އެވެ.
ޔޫކްރެއިނުގެ ވެރިރަށް ކީވްއާ ކައިރީގައިވާ ސަރަހައްދުތައް ހިފުމަށް ކުރި މަސައްކަތްތައް ދޫކޮށްލުމަށް ފަހު ރަޝިޔާ ބަހުން ވާހަކަދައްކާ މީހުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގާފައިވާ ކަމަށް ޕޫޓިން ތުހުމަތު ކުރައްވާފައިވާ ޑޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާ އިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މި ސަރަހައްދުގައި ރަޝިޔާއަށް ކުރިއެރުންތަކެއް ލިބެމުން ދިޔަ ނަމަވެސް ޔޫކްރެއިނުގެ ފައުޖުތަކުގެ ގޮތްދޫނުކުރުމާ ހެދި މި ކާމިޔާބުތައް ހޯދުމަށް އެތައް ދުވަހެއް ދަނީ ނަގަމުންނެވެ.