އިއްޔެ މެޑްރިޑުގައި ބޭއްވި އެއްވުމެއްގެ ތެރެއިން. (ފޮޓޯ/ ރޮއިޓާސް)

ނޭޓޯ

ނޭޓޯގެ ސަމިޓާ ދިމާކޮށް މެޑްރިޑުގައި ގިނަ ބަޔަކު މުޒާހަރާ ކުރަނީ

އެއްވި މީހުން ވަނީ ނޭޓޯ އުވާލައި ސްޕެއިންގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކުރުމަށް ގޮވާލާފައި

ނޭޓޯއާ ދެކޮޅަށް އަޑުއުފުލުމަށް އެތައް ހާސް ބަޔަކު ސްޕެއިންގެ ވެރިރަށް މެޑްރިޑުގައި އެއްވުމެއް ބާއްވައިފި އެވެ.

މެޑްރިޑުގައި އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ނޭޓޯއާ ދެކޮޅަށް އެއްވެފައި މި ވަނީ އަންނަ ބުދަ ދުވަހު ނޭޓޯގެ ވަރުގަދަ ސަމިޓެއް ވެސް މެޑްރިޑުގައި ފެށުމަށް ހަމަޖެހިފައި ވަނިކޮށެވެ. 

އިއްޔެގެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ އެމެރިކާ އިން އިސްވެ ހިންގަމުންދާ ނޭޓޯ އުވާލުމަށާއި ސްޕޭނުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް ބަންދުކުރުމަށް ގޮވާލާފަ އެވެ. އަދި އެއްވުމުގައި ބައިވެރިވި ބައެއް މީހުން ހިފައިގެން ތިބި ލިޔުންތަކުގައި "ނޭޓޯއަށް ނޫން، ހަނގުރާމައަށް ނޫން، ސުލްހައަށް" ޖަހާފައިވެ އެވެ. 

މިފަދަ އިތުރު އެއްވުމެއް އަންނަ ބުދަ ދުވަހު ވެސް މެޑްރިޑުގައި ބޭއްވުމަށް އިންތިޒާމް ކުރި ފަރާތުން މަސައްކަތް ކޮށްފައިވީ ނަމަވެސް، ސްޕެއިންގެ ސަރުކާރުން ވަނީ އެ ދުވަހު ފަށާ ނޭޓޯގެ ސަމިޓާ ގުޅިގެން އެ އެއްވުން މަނާކޮށްފަ އެވެ.

ނޭޓޯއާ ދެކޮޅަށް މެޑްރިޑުގައި ބޭއްވި އެއްވުމެއްގެ ތެރެއިން. (ފޮޓޯ/ ރޮއިޓާސް)

ނޭޓޯގެ ނުފޫޒުގެ ސަބަބުން ޔޫރަޕުން ދިފާއީ ކަންކަމަށް ކުރާ ހަރަދުތައް އިތުރުވަމުން ދިއުމަކީ ސުލްހައަށް އެޅެމުންދާ ހުރަހެއް ކަމަށް އިއްޔެގެ އެއްވުމުގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ.

"ހަތިޔާރުތައް ގިނަކޮށް މީހުން މަރަމުން ދިއުމާ ހެދި މިހާރު ބޮޑު އުނދަގުލަކަށް ވެއްޖެ،" މެޑްރިޑްގައި ދިރިއުޅޭ ރިޓަޔާކޮށްފައިވާ މީހަކު ބުންޏެވެ.

"އަބަދު ވެސް އެ މީހުން ދޭ ހައްލަކީ ހަތިޔާރުތައް ގިނަކޮށް ހަނގުރާމަތައް ކުރުން. ދެން އެ ކަމަށް ހަރަދުކުރަން މި ޖެހެނީ އަހަރެމެންނަށް. އެހެންވެ ނޭޓޯއަށް ހޯހޯ، އަސްކަރީ ބޭސްތަކަށް ހޯހޯ. އެމެރިކާ މީހުން ދޭ. ހަނގުރާމަ އާއި ހަތިޔާރުތައް އަހަރެމެންނާއި ހަަމައަށް ނުގެނެސް އަހަރެމެން ސުލްހަވެރިކަމާ އެކު އުޅުނަދީ."

އިއްޔެގެ އެއްވުމުގައި 5،000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ބުނި ނަމަވެސް އެ އަދަދު ހުރީ 2،200ގައި ކަމަށް ސްޕެއިންގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް