ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން (ވ) އާއި ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ 2017 ވަނަ އަހަރު މަސްދަތުރެއްގައި. (ފޮޓޯ/ ރޮއިޓާސް)
ހަނގުރާމަ ފެށި ފަހުން ޕޫޓިން ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ވަޑައިގަންނަވަނީ
މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކްރެމްލިން އިން ބުނެފި އެވެ.
ރަޝިޔާ ސަރުކާރުގެ 'ރޮއްސިއްޔާ 1' ޓީވީ ޗެނަލުގެ ކްރެމްލިން ކޮރެސްޕޮންޑެންޓް ޕަވެލް ޒަރުބިން ވިދާޅުވި ގޮތުގައި، ޕޫޓިން ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ތަޖިކިސްތާނާއި ތުރްކްމެނިސްތާނަށެވެ. މި ދެ ދަތުރުފުޅު ނިންމާލެވުމަށް ފަހު މޮސްކޯގައި އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯއާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަރުބިން ވިދާޅުވި އެވެ.
ތަޖިކިސްތާނާއި ތުރްކްމެނިސްތާނަކީ 1991 ވަނަ އަހަރު ސޯވިއެޓު ޔޫނިއަން ވެއްޓުމާ އެކު މުޅިން އަލަށް އުފެދެނު ދެ ގައުމެވެ.
ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ތަޖިކިސްތާނުގެ ރައީސް އިމޮމާލީ ރާކްމޮންއާ އެކު ވެރިރަށް ޑުޝާންބޭގައި ޕޫޓިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާއިރު، ތުރްކެމެނިސްތާނުގެ ވެރިރަށް އަޝްބަގަޓްގައި އޮންނަ ކެސްޕިއަން ގައުމުތަކުގެ ސަމިޓެއްގައި ވެސް ޕޫޓިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ސަމިޓުގައި އަޒަބައިޖާން، ކަޒަކްސްތާން، އީރާން އަދި ތުރްކްމެނިސްތާނުގެ ލީޑަރުން ބައިވެރިވެވަޑަގައިގަންނަވާނެކަން ޒަރުބިން ފާހަގަކުރެއްވި އެވެ.
ޕޫޓިން އެންމެ ފަހުން ރަޝިޔާ އިން ބޭރަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޗައިނާގެ ވެރިރަށް ބެއިޖިން އަށެވެ. ބެއިޖިންގައި އޮތް ވިންޓަ އޮލިމްޕިކްސް ރަސްމީކޮށް ފެށުމުގެ ގަޑިއިރުތަކެއް ކުރިން ޕޫޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައްދަލުކުރެއްވުމަށް ފަހު ދެ ގައުމުގެ މެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުމަށް "ހައްދެއް ނެތް" ކަމަށް ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.