ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އާއި އެސްޕީގެ ލީޑަރު އަކިލޭޝް ޔާދަވް އަންގާރަ ދުވަހު ބޭއްވި ޖަލްސާގެ ތެރެއިން ފޮޓޯ: ޕީޓީއައި
މޯދީ މަސައްކަތް ކުރައްވަނީ ބިލިއަނަރުންގެ ހައްގުގައި، ދަނޑުވެރިންނާއި ވަޒީފާ ނެތް މީހުންންގެ ހައްގުގައެއް ނޫން: އިދިކޮޅު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ބިލިއަނަރުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އޭނާއަކީ ދަނޑުވެރިންނާއި ވަޒީފާ ނެތް ޒުވާނުންނަށް އިހުމާލުވެފައިވާ ބޭފުޅެއް ކަމަށް ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ އާއި ސަމަޖުވާދީ ޕާޓީގެ ލީޑަރު އަކިލޭޝް ޔާދަވް ވިދާޅުވެއްޖެ އެވެ.
ރާނީ ޖާންސީ ސަރަހައްދުގައި ބޭއްވި ޖޮއިންޓް އެއްވުމުގައި ވާހަކަ ދައްކަވަމުން ގުޅިފައިވާ ޕާޓީތަކުން އިއްޔެ ބުނީ 'އިންޑިއާ ބްލޮކް'ގެ ސަރުކާރެއް އަތުވެއްޖެ ނަމަ އެ ސަރުކާރު ވާނީ ޒުވާނުންނާއި ދަނޑުވެރިންނަށް ޓަކައި މަސައްކަތް ކުރާނެ ސަރުކާރަކަށް ކަމަށެވެ.
އުއްތަރަ ޕްރަދޭޝްގެ ލޯކް ސަބާ އިންތިހާބަށް އިދިކޮޅު އިންޑިއާ ބްލޮކްގައި ހިމެނޭ ކޮންގްރެސް ޕާޓީ އާއި ސަމަޖުވާދީ ޕާޓީ (އެސްޕީ) އިން ވާދަކުރަނީ ގުޅިގެންނެވެ. އެ ރެލީ ބޭއްވީ ކޮންގްރެސްގެ ޖާންސީ ކެންޑިޑޭޓް ޕްރަދީޕް ޖެއިން އާއި އަވައްޓެރި ހަމީރުޕޫރުގެ އެސްޕީގެ ކެންޑިޑޭޓް އަޖެންދުރަ ރާޖްޕޫތުއަށް ކެމްޕެއިން ކުރުމަށެވެ.
އެ ރެލީގައި ގާންދީ ވަނީ މޯދީއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އަދި ވިދާޅުވީ އިންޑިއާގައި 100 "ސްމާޓް ސިޓީ" ހައްދަވާނެ ކަމުގެ ފޮނި ވައުދު ބޮޑުވަޒީރު ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ކަމެއް ކުރައްވާފައި ނުކުރައްވާ ކަމަށެވެ.
ޔާދަވް ވިދާޅުވީ ޕާލަމެންޓް އިންތިހާބުގެ ހަތަރު މަރުހަލާއިން ފެންނަ މަންޒަރަކީ "ބީޖޭޕީގެ ގްރާފް ދަށަށް ދާ" ކަމުގެ ހެއްކިތައް ކަމަށާއި ޕާޓީ ބަލިވާނެކަން ޔަގީން ކަމަށެވެ.
ގާންދީ ވިދާޅުވީ ބީޖޭޕީ އިތުރު ދައުރަކަށް ވެރިކަމަށް އަތުވެއްޖެ ނަމަ ގައުމުގެ ފަގީރުންގެ އައްޑަނަ ކަމުގައިވާ ގާނޫނު އަސާސީ ވީދާ ނެތިކޮށްލާނެ ކަމަށެވެ.
ނަމަވެސް ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ ބީޖޭޕީ ކޯލިޝަނުން ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން 400 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ޕާޓީއަކީ އަގުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ތާރީހެއް އޮތް ޕާޓީއެއް ނޫން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައީ ކޮންގްރެސްގެ ސަރުކާރެއްގައި ކަމަށެވެ.
ލޯކް ސަބާ އިންތިހާބުގެ ފަސް ވަނަ ފިޔަވަހީގައި ހަމީރުޕޫރާއި ޖާންސީގައި ވޯޓުލުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.