ފަރީދާ މޮރަދްހާނީ (ފޮޓޯ/ހަލީޖްޓައިމްސް)
އީރާނުގެ ލީޑަރު ހާމެނާއީ އަށް ބޮޑުބޭބެ ވިދާޅުވާ އަންހެނަކު ވެސް ހައްޔަރުކޮށްފި
ބޭރު ގައުމުތަކުގެ ސަރުކާރުތަކުން އީރާނުގެ ސަރުކާރާ ގުޅުން ކަނޑާލުމަށް ގޮވާލުމާ ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުއްލާ އަލީ ހާމެނާއީ އަށް ބޮޑުބޭބެ ވިދާޅުވާ ފަރީދާ މޮރަދްހާނީ ހައްޔަރުކޮށްފި އެވެ.
ފަރީދާ ހައްޔަރުކޮށްފައި ވަނީ ކޯޓަށް ހާޒިރުވުމަށް ފޮނުވުނު ޗިޓަކާ ގުޅިގެން ޕްރޮސެކިއުޓާ އޮފީހަށް ބުދަ ދުވަހު ވަޑައިގެންނެވުމުން ކަމަށް އޭނާގެ ބޭބެ މަހްމޫދު މޮރަދްހާނީ ވަނީ ޓުވީޓު ކުރައްވާފަ އެވެ.
ހައްޔަރު ކުރުމުގެ ކުރިން ފަރީދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މީހުން އެމީހަކު ނިސްބަތްވާ ގައުމެއްގެ ސަރުކާރަށް އީރާނުގެ ސަރުކާރާ އެކު ބާއްވަމުން އަންނަ ގުޅުންތައް ކަނޑާލުމަށް ޕްރެޝަރު ކުރުމަށް ގޮވާލާ ވީޑިއޯއެއް ހަދާފަ އެވެ.
"އޭ މިނިވަން މީހުންނޭވެ. އަހަރުމެންނާ އެކު ތިބޭ. އަދި މި ގަތުލު ކުރާ ކުޑަކުދިން މަރާ ސަރުކާރަށް ކަލޭމެންގެ ސަރުކާރުތަކުން ކުރަމުން އަންނަ ތާއީދުތައް ހުއްޓާލުމަށް ގޮވާލާ. ދީނީ އުސޫލުތަކަށް އެއްގޮތަކަށް ވެސް މިސަރުކާރުން ވަފާތެރިއެއް ނޫން. އަދި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެރިކަން ދެމެހެއްޓުމަށް ބާރު ބޭނުން ކުރުން ނޫން ގާނޫނުތަކެއް މިސަރުކާރަކަށް ނޭނގޭ،" މި ވީޑިއޯގައި ފަރީދާ ވިދާޅުވެފައިވެ އެވެ.
"ތާރީހީގޮތުން ހާއްސަ މި ދަނޑިވަޅުގައި ހުރިހާ އިންސާނުން މިދަނީ އީރާނުގެ ރައްޔިތުން ހުސް އަތާ، ވަރަގަދަ ހިތްވަރާއި ކެރުމާ އެކު ނުލަފާ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ތަން ބަލަމުން. މިދަނޑިވަޅުގައި އީރާނުގެ ރައްޔިތުން އެދަނީ މި ބޮޑު ޒިންމާ އެކަނި އުފުލާ، އަމިއްލަ ފުރާނައިން އަގު ދައްކަމުން،" ފަރީދާ ވިދާޅުވެ އެވެ.
އީރާނުގެ ރައްޔިތުން ހަނގުރާމަ ކުރަމުން މި ދަނީ އީރާނުގެ ސަރުކާރަށް ތާއީދު ކުރާ ސަރުކާރުތަކާ ދެކޮޅަށް ކަމަށް މި ވީޑިއޯގައި ފަރީދާ ފާހަގަ ކުރައްވަ އެވެ. އަދި ޑިމޮކްރެޓިކް ގައުމުތަކުން އެގައުމެއްގައި ތިބި އީރާނުގެ ސަފީރުން ބޭރުކޮށް، އީރާނުގައި ތިބި އެގައުމުތަކުގެ ސަފީރުން އަނބުރާ ގެންދިޔުމަށް ވެސް ފަރީދާ ވަނީ ގޮވާލައްވާފަ އެވެ.
"އެންމެ މުހިންމު ކަމަކީ މުޅި ދުނިޔެ ބަލަމުން ދަނިކޮށް 2019 ވަނަ އަހަރު އެތައް ހާސް އީރާނު ރައްޔިތުންނެއް މަރާލި މި ސަރުކާރަށް ތާއީދު ނުކުރުން."
ފަރީދާ އާއި މަހްމޫދު މޮރަދްހާނީ އަކީ އީރާނުގެ ސަރުކާރާ ދެކޮޅަށް ޒަމާންތަކެއް ވަންދެން އަޑު އުފުއްލަވަމުން ގެންދެވި އިމާމު އަލީ ތެހެރާނީ އާއި އީރާނުގެ ސުޕްރީމް ލީޑަރު ހާމެނާއީގެ ދައްތަ ބަދްރީ ހޮސެއިނީ ހާމެނާއީގެ ދަރިންނެވެ. އަލީ ތެހެރާނީ އަވަހާރަވެފައި ވަނީ މިދިޔަ މަހު އެވެ.
އީރާނުގެ ސަރުކާރުން ވަނީ މި އަހަރުގެ ޖަނަވަރީ މަހު 13 ވަނަ ދުވަހު ވެސް ފަރީދާ ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބަޔެއް ސާމާނުތައް ފުލުހުން ގެންދިޔަ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
އީރާނުގައި މިހާރު ކުރިއަށް ދަމުން އަންނަ ހަމަނުޖެހުންތައް ވަނީ އެގައުމުގެ ހުރިހާ ޕްރޮވިންސަކަށް ފެތުރިފަ އެވެ. މީގެ ތެރޭގައި 150 ސިޓީ އާއި 140 ޔުނިވާސިޓީ ހިމެނޭ އިރު، ކުޑަކުދިން ހިމެނޭ ގޮތަށް 14،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކަމިޝަނަރު ވޮލްކާ ތުރްކު ވަނީ ވިދާޅުވެފަ އެވެ.