ޕޫޓިން ވަނީ ހަނގުރާމައިގައި ބައިވެރިވާ ސިފައިންގެ މައިންނާ ބައްދަލު ކުރައްވާފައި (ފޮޓޯ/އީޕީއޭ)

ރަޝިޔާ

ސިފައިންގެ މައިންގެ ވޭނުގައި ބައިވެރިވަން: ޕޫޓިން

ޕޫޓިންގެ ހަނގުރާމައާ ދެކޮޅަށް ރަޝިޔާގައި އަޑުތައް އަންނަނީ ގަދަވަމުން
26 ނޮވެމްބަރު 2022

ޔޫކްރެއިނު ހަނގުރާމައިގައި ބައިވެރިވަމުންދާ އަދި ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ މައިންގެ "ވޭނުގައި އަހަރެމެން ބައިވެރިވަން" ކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެމީހުންނާ ވާހަކަދައްކަވައިފި އެވެ. 

މޮސްކޯގައި ހުންނަ ޕޫޓިންގެ ގޭގައި ބޭއްވި ބައްދަލުވުމެއްގައި، އަސްކަރިއްޔާއަށް ނިސްބަތްވާ 17 މީހެއްގެ މަންމައިން ވަނީ ބައިވެރިވެފަ އެވެ. 

"އަހަރެން ބޭނުން ތިމީހުންނަށް އެނގެން، އަހަރެން އަމިއްލަ ގޮތުން ވެސް އަދި މި ގައުމުގެ ވެރިން ވެސް ތިމީހުންގެ ވޭނުގައި ބައިވެރިވާކަން،" ޕޫޓިން ވިދާޅުވި އެވެ. 

"ތިމީހުންގެ ހަނދާން ނެތިގެން ނުދާނޭ ގޮތަށް އަހަރެމެން ހުރިހާ ކަމެއް ކުރާނަން،" ޓީވީ އާއި އިންޓަނެޓުން ފެންނަ ދޮގުތައް ގަބޫލު ނުކުރުމަށް އެދިވަޑައިގަންނަވަމުން ޕޫޓިން ވިދާޅުވި އެވެ. 

"ގެއްލުނު ދަރިޔެއް އަނބުރާ ހޯދޭނެ ގޮތެއް ނޯންނާނެ،" ޓީވީ އިން ދުރަށް ދައްކަމުންދިޔަ މި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވި އެވެ. ނަމަވެސް މި ހިސާބުން ޓީވީ ފުޓޭޖު ވަނީ މެދުކެނޑިފަ އެވެ. 

މި ބައްދަލުވުމުގައި ބައިވެރިވި އަންހެނުން ހޮވާފައި ވަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް ކުރެވޭ ތުހުމަތުތަކަށް ކްރެމްލިން އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ސިފައިންގެ ބައެއްގެ މަންމައިންނާ އެކު ޕޫޓިން ބޭއްވެވި ބައްދަލު ކުރެއްވުން (ވީޑީއޯ/ ދަ ޓެލެގްރާފް)

ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށް ޕޫޓިން ނިންމެވި ނިންމެވުމާ އިދިކޮޅަށް އަޑުއުފުލާ ފަރާތްތައް ރަޝިޔާގައި އަންނަނީ އިތުރުވަމުންނެވެ. ސިފައިންނަށް ބޭނުންވާ ތަމްރީނު ފުރިހަމައަށް ނުދީ، ހަތިޔާރާއި ފިނިމޫސުމުގައި ބޭނުން ކުރާނެ ހެދުން ނުދީ ހަނގުރާމައިގެ މައިދާނަށް ފޮނުވަމުންދާ ކަމަށް ރަޝިޔާގެ އެކި ސަރަހައްދުތަކުން މައިން އަންނަނީ ޝަކުވާ ކުރަމުންނެވެ. 

އަދި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ ސިފައިން ކުރީ ސަފަށް ނެރެ މަރުވުމަށް ދޫކޮށްލަމުންދާ ކަމަށް ވެސް ރަޝިޔާގެ ބަޔެއް ފަރާތްތަކުން ބުނަމުންދެ އެވެ. 

ރަޝިޔާގެ އަސްކަރިއްޔާއަށް މީހުން އިތުރު ކުރުމަށް ހިންގި ހަރަކާތްތަކުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ކްރެމްލިން އިން ވަނީ ސެޕްޓެމްބަރު މަހު އެއްބަސްވެފަ އެވެ. 

މިހާތަނަށް މި ހަނގުރާމައިގައި ރަޝިޔާ އާއި ޔޫކްރެއިިން އިން ކޮންމެ ގައުމަކުން މަދުވެގެން 100،000 ސިފައިން މަރުވެ ނުވަތަ އަނިޔާވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އެންމެ މަތީ ޖެނެރަލް މާކް މިލީ ވަނީ މި މަހު ކުރީ ކޮޅު އަންދާޒާ ކުރައްވާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް