އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ފޮޓޯ/ރޮއިޓާސް)

ޓްރަމްޕު ޓެކްސް ދެއްކި ކަމުގެ ލިޔުންތައް ދޫކުރަން ކޯޓުން ހުއްދަދީފި

ޓްރަމްޕުގެ ޓެކްސް ރެކޯޑުތައް ހޯދުމަށް ގާނޫނު ހަދާ މަޖިލިހުގެ ތިރިގެއިން މަސައްކަތް ކުރާތާ ތިން އަހަރު ވަނީ ވެފައި

އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލު އޮންނަ ކޮމިޓީއަކަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޓެކްސް ދެއްކި ކަމުގެ ލިޔުންތައް ހުށައެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި އެވެ. 

ޓްރަމްޕު ޓެކްސް ދެއްކިކަމުގެ ލިޔުންތައް ހުށައެޅުމަށް ކޮންގްރެސްގެ ކޮމިޓީން ކުރި އަމުރަށް އެމެރިކާގެ ދަށު ކޯޓަކުން ވަނީ މިދިޔަ މަހު ހުރަސް އަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ހުއްދައާ އެކު ޓެކްސް ދެއްކި ކަމުގެ ލިޔުންތައް ޓްރަމްޕު ކޮންގްރެސްގެ ކޮމިޓީއަށް ހުށައަޅަން ޖެހިވަޑައިގަންނަވާނެ އެވެ.

އެތައް އަހަރެއް ވަންދެން ޓެކްސް ދެއްކި އަދަދުތައް ސިއްރުކޮށްފައި ބަހައްޓަމުން އައި ޓްރަމްޕަށް މިއީ ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ޓްރަމްޕަކީ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލައްވާ ޓެކްސް ދައްކަަވާފައިވާ ހިސާބުތައް މިދިޔަ 40 އަހަރު ތެރޭ ހިއްސާ ނުކުރެއްވި ހަމަ އެކަނި ބޭފުޅާ އެވެ. 

އަދި އެމެރިކާގެ މަޖިލިހުގެ ތިރިގޭގެ ވޭސް އެންޑް މީންސް ކޮމިޓީ އިން ޓްރަމްޕުގެ ޓެކްސް ރެކޯޑުތައް ހޯދުމަށް 2019 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

ޓްރަމްޕުގެ ޓެކްސް ރެކޯޑުތައް ހުށައެޅުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން އެންގުމާ ގުޅޭ (ވީޑިއޯ/ އެމްއެސްއެންބީސީ)

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ކަމަށް ތިން ވަނަ ފަހަރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ޓްރަމްޕުގެ ވިޔަފާރި މުއާމަލާތުތަކާ ބެހޭ ގޮތުން ގިނަ ތަހްގީގުތަކެއް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގަ އާއި ކޯޓުތަކުގައި އަންނަނީ ހިނގަމުން ނެވެ. ނަމަވެސް އެއްވެސް ގޯސްކަމެއް ކުރައްވާފައި ނުވާނެކަމަށް ޓްރަމްޕު އަންނަނީ ކަށަވަރު ކޮށްދެއްވަމުން ނެވެ.

ސުޕްރީމު ކޯޓުގެ މި ނިންމުމާ އެކު 2015 ވަނަ އަހަރުން 2020 ވަނަ އަހަރަށް ޓްރަމްޕު ޓެކްސް ދައްކަވާފައިވާ ރެކޯޑުތައް މަޖިލިހުގެ ޑިމޮކްރެޓުންގެ ބާރު އޮންނަ ކޮމިޓީއަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ފޮނުވަން ޖެހެ އެވެ. 

ޓްރަމްޕުގެ ޓެކްސް ރެކޯޑުތައް މަޖިލިހަށް ހުށައެޅުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި މިވަނީ ގާނޫނު ހަދާ މަޖިލިހުގެ ތިރިގޭގެ މެޖޯރިޓީއާ ރިޕަބްލިކަން ޕާޓީން ޖަނަވަރީގައި ހަވާލުވާން ތައްޔާރުވެފައި ވަނިކޮށެވެ. އަދި ޓްރަމްޕު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީން މަޖިލިހުގެ ތިރިގޭގެ މެޖޯރިޓީއާ ހަވާޅުވަންދެކަށް ޓެކްސް ރެކޯޑުތައް ހުށަނާޅާ ވޭތޯ ކުރެވުން ހުރި ހުރިހާ ކަމެއް ޓްރަމްޕު ކުރައްވާނެކަމަށް ބެލެވެ އެވެ.  

ކޮމެންޓް (3)

ރަމީ

23 ނޮވެމްބަރު 2022
މި ކަލޭގެއަށް ޖެހޭނީ މި ކަހަލަ ކަންކަން
0 0

އާނޯލްޑް

23 ނޮވެމްބަރު 2022
ކަލޯ އެންމެ ފަހުން ހުއްދަ ލިބިއްޖެ ދޯ
0 0

ޑޮނަލްޑް ޖޭ ޓްރަމްޕު

23 ނޮވެމްބަރު 2022
ކިހާ ދެރަކަމެއް މީ؟ މަނޫން މީހެއް ނުފެނުނީތަ މި ސަކަރާތްޖަަހަން؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް