ރަހީމުއްލާ ހައްގާނީ: މީގެ ކުރިން އޭނާއަށް އަމާޒުކޮށް ދެ ހަމަލާއެއް ދިން (ފޮޓޯ/ އަލްޖަޒީރާ)
އަންހެނުންނަށް ތައުލީމު ދޭން ގޮވާލެއްވި އިލްމުވެރިޔާ އަވަހާރަކޮށްލައިފި
އަފްގާނިސްތާނުގެ އަންހެނުންނަށް ތައުލީމު ދޭން ގޮވާލައްވަމުން ގެންދަވާ މަޝްހޫރު ދީނީ އިލްމުވެރިެއް ކަމަށްވާ ރަހީމުﷲ ހައްގާނީ، އައިއެސް އިން ދިން ހަމަލާއެއްގައި އިއްޔެ އަވަހާރަކޮށްލައިފި އެވެ.
މިއީ ތާލިބާނުން އަފްގާނިސްތާންގެ ވެރިކަމަށް އަލުން އައި ފަހުން އެ ގައުމުގައި އަވަހާރަކޮށްލި އެންމެ އިސް ބޭފުޅެވެ.
"ވަރަށް ހިތާމައާ އެކު ބުނަން ޖެހެނީ އިހްތިރާމު ލިބިގެންވާ އިލްމުވެރިޔާ [ޝޭހް ރަހީމުއްލާ ހައްގާނީ] ދުޝްމަނުން ދިން ހަމަލައެއްގައި ޝަހީދުވެފަވާ ކަމަށް،" ތާލިބާންގެ ތަރުޖަމާން ބިލާލް ކަރީމީ ވިދާޅުވި އެވެ.
މި ހަމަލާގެ ޒިންމާ އަފްގާނިސްތާންގެ އައިއެސް އިން ވަނީ ނަގާފަ އެވެ.
ހަމަލާދިނީ ފައި ބުރިކޮށްލާފައިވާ މީހަކު ޖަހާފައި ހުރި ޕްލާސްޓިކު ފަޔަކަށް ގޮވާތަކެތި އަޅައިގެން އަމިއްލައަށް މަރުވެގެން ކަމަށް ތާލިބާނުންގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
"[މި ހަމަލަދީފައިވާ މީހަކީ] ކާކުކަމާއި އޭނާ މި މުހިންމު ތަނަށް އައިސް ޝޭހް ރަހީމުﷲ ހައްގާނީގެ އޮފީހަށް ވަން ގޮތެއް އަހަރެމެން މިދަނީ ތަހްގީގު ކުރަމުން. މީ އިސްލާމިކް އެމިރޭޓް އޮފް އަފްގާނިސްތާނަށް ވަރަށް ބޮޑު ގެއްލުމެއް،" އަފްގާނިސްތާނުގެ ދާހިލީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހައްގާނީއަކީ ތާލިބާނާ އެއްކޮޅަށް ވަކާލާތުކުރެއްވި އަދި އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަން ވެސް ގޮވާލައްވަމުން ގެންދެވި އެންމެ މުހިންމު އެއް އިލްމުވެރިޔާ އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހައްގާނީ ވަބީ އަފްގާނިސްތާނުގައި އަންހެނުންނަށް ތައުލީމު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އަންހެނުން އިލްމު އުނގެނެން އިސްލާމް ދީން ހުރަސް ނާޅާ ކަމަށެވެ. އެކި ދާއިރާތަކަށް ތައުލީމީ އަންހެނުން ނެރެގެން ނޫނީ އަންހެނުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ވެސް ނުދެވޭނެ ކަމަށް، މިސާލު ދައްކަވަމުން އޭނާ ވިދާޅުވެފައިވެ އެވެ.
އެކަމަކު ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ވަރަށް މަދު ޕްރޮވިންސެއްގައި ނޫނީ އަންހެން ކުދިންނަށް ސެކަންޑަރީ ތައުލީމު ދިނުން ވަނީ ހުއްޓާލައިފަ އެވެ.
ހައްގާނީ އަވަހާރަކޮށްލަން މީގެ ކުރިން ވެސް ހަމަލަތާކެއް ދިނެވެ. އޭގެ ތެރޭގައި 2020 ވަނަ އަހަރު ޕާކިސްތާނުގެ އުތުރުގައި އޮންނަ ޕިޝާވަރުގައި ހަތް މީހަކު މަރުވި ހަމަލާއެއް ވެސް ހިމެނެ އެވެ.
އައިސްއިން އަންނަނީ އަފްގާނިސްތާނުގައި ގިނަ ހަމަލާތަކެއް ދެމުންނެވެ. ހުސްވި ޖޫން މަހު ސިކުންގެ ފައްޅިއަކަށް ހަމަލަދީ ދެ މީހަކު މަރާލި އެވެ.
އައިއެސްއިން އަފްގާނިސްތާނުގައި އޮޕަރޭޓު ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރެވެ. މިއީ ތާލިބާނުގެ ވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ތާލިބާނުން ދެކެ އެވެ.