އައިފޯނު ވިޔަފާރިއަށް ފަހު ކުއާޓަރުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެޕަލް އިން ވަނީ ބުނެފައި (ފޮޓޯ/އޭއެފްޕީ)

އެޕަލް އާއި ގޫގުލްގެ ފައިދާ ވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދަށަށް ހިނގައްޖެ

އިގްތިސާދީ ހީނަރުކަމާ އެކު ޓެކްނޮލޮޖީ ސިނާއަތަށް މާލީ ގޮތުން މި އަހަރު ގޮންޖެހުންތަކެއް ކުރިމަތިވާނޭ ކަމަށް ވަނީ ބެލެެވިފައި

ހުސްވި އަހަރުގެ ފަހު ކުއާޓަރުގައި އެޕަލް އާއި ގޫގުލް އަށް ލިބުނު އާމްދަނީ އާއި ފައިދާގެ މިންވަރު ދަށްވެއްޖެ އެވެ.

ދުނިޔޭގައި މި ވަގުތު އޮތް އެންމެ އަގުބޮޑު ކުންފުނި އެޕަލް އިން ބުނި ގޮތުގައި ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދަށަށް ދިޔައީ ޗައިނާގައި ހިންގަމުން އަންނަ އެ ކުންފުނީގެ ކާރުހާނާތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެ އައިފޯންގެ ވިޔަފާރި ދަށަށް ދިޔުމުގެ ސަބަބުންނެވެ.

އެޕަލް އަށް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު %5.4 ދަށަށް ގޮސް 117.1 ބިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އަދި މި މުއްދަތުގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާ 30 ބިލިއަން ޑޮަލަރުގައި ހުރި އިރު، އާމްދަނީ އާއި ފައިދާ ވެސް ލިބިފައި ވަނީ މާހިރުން އަންދާޒާ ކުރި މިންވަރަށް ވުރެ ދަށުންނެވެ.

އެޕަލްގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ އައިފޯނު އެންމެ ގިނައިން އުފައްދަމުން އަންނަ ޗައިނާގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޒީރޯ-ކޮވިޑު ސިޔާސަތާ އެކު އެޕަލް ކުންފުނީގެ ކާރުހާނާތައް ބަންދުކުރަން މަޖުބޫރުވި އެވެ. އަދި މި ސަބަބާ ހުރެ، އަހަރު ނިމުމާ ދިމާކޮށް އަންނަ ޗުއްޓީ މޫސުމަށް ޑެލިވެރީތައް ކުރުމަށް އެޕަލްއަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ޗައިނާގެ ހަރުކަށި ކޮވިޑު ސިޔާސަތު މިހާރު އުވާލާފައިވީ ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ހީނަރުކަން އަދިވެސް އޮތީ ކުރިއަށެވެ. ހަކަތައިގެ އަގުތައް އުފުލުމާ ވިދިގެން އުފުލެމުން އަންނަ އެހެން އަގުތަކާ ގުޅިގެން ދުނިޔޭގެ ވަރުގަދަ އިގްތިސާދުތަކުގެ ސެންޓްރަލް ބޭންކުތަކުން ގެންދަނީ އިންޓްރެސްޓް ރޭޓު މައްޗަށް ޖައްސައި އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބޮޑެތި އިގްތިސާދުތަކުގައި މީހުން އަންނަނީ ހަރަދުކުރުން މަދުކުރަމުންނެވެ.

އެޕަލް، އެމެޒޯން އަދި ގޫގުލްގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތަކާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

އެޕަލްގެ އިތުރުން ގޫގުލް އިން ވެސް ވަނީ މިދިޔަ ކުއާޓަރުގެ އާމްދަނީ އާއި ފައިދާ ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ. މީގެ މައިގަނޑު ސަަަބަބެއް ކަމަށް ގޫގުލްގެ ބެލެނިވެރި އަލްފަބެޓް ކުންފުނިން ބުނީ އިޝްތިހާރު ކުރުމުގެ އާމްދަނީ ދަށްވުމެވެ. 

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ގޫގުލްއަށް ލިބިފައިވާ ފައިދާ ހުރީ 13.6 ބިލިއަން ޑޮލަރުގަ އެވެ. މިއީ އެ ކުންފުނި 2004 ވަނަ އަހަރު ހިއްސާގެ ބާޒާރަށް ނުކުތް ފަހުން ފައިދާ ދަށަށް ދިޔަ ހަމައެކަނި ދެވަނަ ކުއާޓަރެވެ.

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ޓެކްނޮލޮޖީ ކުންފުނިތަކަށް ވިޔަފާރީގެ ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަމުގައިވީ ނަމަވެސް ފާއިތުވެދިޔަ ދެތިން މަސް ތެރޭ ގިނަ ކުންފުނިތަކަކުން ވަނީ މުވައްޒަފުންގެ އަދަދު މަދުކޮށް ހަރަދު ކުޑަކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް