އީރާނުގައި މުޒާހަރާތައް ކުރިއަށް މި ދަނީ ހައްޔަރުގައި ހުރި އަންހެނަކު މަރުވުމާ ގުޅިގެން. (ފޮޓޯ/ ގެޓީ އިމޭޖެސް)
އެމެރިކާ އިން އީރާނުގެ އިންޓަނެޓަށް އަޅާފައިވާ ހުރަސްތަކަށް ލުއި ދެނީ
ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކު މަރުވުމާ ގުޅިގެން އީރާނުގައި ހިނގަމުން އަންނަ ވަރުގަދަ ސިލްސިލާ މުޒާހަރާތައް މައިތިރި ކުރުމަށް ތެހެރާނުގެ ސަރުކާރުން އިންޓަނެޓަށް ހުރަސްތަކެއް އަޅާފައި ވަނިކޮށް، އެމެރިކާ އިން އީރާނުގައި އިންޓަނެޓަށް ކުރިން އަޅާފައި ހުރި ހުރަސްތައް ލުއިކުރަން ނިންމައިފި އެވެ.
"އީރާނުގެ ރައްޔިތުން އަނދިރީގައި، އެކެހެރިކޮށް ނުބޭތިއްބޭނެކަން ޔަގީން ކުރުމަށް އަހަރެމެން އެހީތެރިވެދޭނަން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވި އެވެ.
އެމެރިކާގެ މި ނިންމުމާ އެކު އެ ގައުމުގެ ސޮފްޓްވެއާ ކުންފުނިތަކަށް އީރާނުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.
ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގެ ތެރޭގައި އީރާނުގައި ކުރިއަށް ދާ އެންމެ ވަރުގަދަ މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 35 މީހަކު ވަނީ މަރުވެފަ އެވެ.
"އެކަށީގެން ނުވާ ހެދުމެއް" ލައިގެން ހުރި ކަމަށް ބުނެ އީރާނުގެ ފުލުހުން ހައްޔަރުކުރި 22 އަހަރުގެ މަހްސާ އަމީނީ ވަނީ ހައްޔަރު ކުރުމާ އެކު ކޯމާއަކަށް ގޮސްފަ އެވެ. ހައްޔަރުކުރި ފުލުހުން އަމީނީގެ ބޮލުގައި އެއްޗަކުން ތަޅައި އޭނާގެ ބޯ ވެހިކަލެއްގައި ބާރަށް ޖަހާފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ނަމަވެސް، އަމީނީއަށް އަނިޔާކޮށްފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށާއި، އޭނާގެ "ހިތް ކުއްލިއަކަށް ހުއްޓުނީ" ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖެހިޖެހިގެން އަށް ވަނަ ދުވަހަކަށް ސަރުކާރާ ދެކޮޅަށް އިއްޔެ އީރާނުގައި މުޒާހަރާތައް ކުރިއަށް ގޮސްފައި ވާއިރު، ސަރުކާރާ އެއްކޮޅަށް ވެސް ތެހެރާނާއި އެހެނިހެން ސިޓީތަކުގައި އެއްވުންތައް ވަނީ ބާއްވާފަ އެވެ.
އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ އިންޓަނެޓުގެ ހުރަސްތައް ކޮންމެވެސް މިންވަރަކަށް ލުއިކުރަން ނިންމާފައި ވަނީ "އެންމެ އަސާސީ ހައްގުތަކަށް ގޮވާލަމުންދާ އީރާނުގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށް ހަރުދަނާ ފިޔަވަޅެއް އެޅުމަށް" ކަމަށް ބްލިންކެން ވިދާޅުވި އެވެ.
މި ފިޔަވަޅުގެ ސަބަބުން ރައްޔިތުންނަށް "ފާރަލާ ސެންސަރުކުރަން" ތެހެރާނުގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމަށް އެމެރިކާގެ ޓްރެޝަރީން ވަނީ ބުނެފަ އެވެ. ނަމަވެސް، އެމެރިކާގެ މި ފިޔަވަޅާ އެކު މާ ބޮޑު އަސަރުތަކެއް ފެންނާނެ ކަމަކަށް ނުބެލެވެ އެވެ.
ބްލިންކެންގެ އިއުލާނާ ގުޅިގެން އެމެރިކާގެ ބިލިއަނަރު އީލޯން މަސްކު ވަނީ އޭނާގެ ސްޓާލިންކް ސެޓެލައިޓުތަކުން އީރާނަށް އިންޓަނެޓު ފޯރުކޮށްދޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ސްޓާލިންކަކީ ދުނިޔެ ވަށައިގެން ދަތުރުކުރާ އެތައް ހާސް ސެޓެލައިޓުތަކެއް ގުޅާލައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިންޓަނެޓު ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.