(ފޮޓޯ/ ޝަޓާސްޓޮކް)

ޗައިނާ

ޓެންސެންޓްގެ އާމްދަނީ ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ

ޗައިނާ ސަރުކާރުގެ ފިއްތުންތަކާ ހެދި، އެ ގައުމުގައި އޮޕަރޭޓު ކުރަމުން އަންނަ ޓެކްނޮލޮޖީ ކުންފުނިތަކަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޓެންސެންޓްގެ އާމްދަނީ ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ އެވެ. 

ޓެންސެންޓްގެ މިދިޔަ ކުއާޓަރުގެ އާމްދަނީ ދަށަށް ގޮސްފައި ވަނީ، އެ ކުންފުނިން އުފައްދާ ގޭމުތަކަށް ހުއްދަ ނުލިބުމުގެ ސަބަބުންނާއި ގޭމު ކުޅޭ ވަގުތުތައް މަދުކުރުމަށް ޗައިނާ ސަރުކާރުން ތަންފީޒުކޮށްފައިވާ ގަވާއިދުގެ ސަބަބުންނާއި ކޮވިޑާ ހެދި ޗައިނާގެ އެކި ހިސާބުތައް ލޮކްޑައުން ކުރުމުންނާއި ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހެމުން ދިޔުމާ ގުޅިގެނެވެ.

ޗައިނާގައި މަގުބޫލު ވީޗެޓް އެޕްލިކޭޝަން ވެސް ހިންގާ ޓެންސެންޓުން އަންނަނީ 2004 ވަނަ އަހަރު ހިއްސާގެ ބާޒާރަށް ނުކުތް ފަހުން ގާތްގަނޑަކަށް ކޮންމެ ކުއާޓަރެއްގައިހެން ކުންފުނީގެ އާމްދަނީ މަދުވެގެން %10 އިތުރު ކުރަމުންނެވެ.

ނަމަވެސް ޓެންސެންޓު އާމްދަނީ ކުރިއެރުން މަޑުޖެހެން ފެށީ ޗައިނާގެ ސަރުކާރުން 2020 ވަނަ އަހަރު ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް އަޅަން ފެށި ފިޔަވަޅުތަކާ ހެދި އެވެ.

އަދި ސަރުކާރު ރުއްސުމަށްޓަކައި، ޓެންސެންޓުން 24 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާ ކާބޯތަކެތި ޑެލިވަރީ ކުރާ މެއިޓުއާން ކުންފުނީގެ ހިއްސާތައް ދޫކޮށްލުމަށް ޓެންސެންޓުން ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ވަނީ އަންގާރަ ދުވަހު ރިޕޯޓުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ޓެންސެންޓުން އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، އާމްދަނީ ވަނީ %3 ދަށަށް ގޮސް 19.8 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 20.4 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޓެންސެންޓުގެ އާމްދަނީ ދެވަނަ ކުއާޓަރުގައި ދަށްވާނެ ކަމަށް މާހިރުން ކުރިން ވެސް އޮތީ އަންދާޒާކޮށްފަ އެވެ.

ޓެންސެންޓުގެ އާމްދަނީ ދަށަށް ދިއުމާ ގުޅޭ (ވީޑިއޯ/ ސީއެންބީސީ ޓެލެވިޝަން)

ޓެކްނޮލޮޖީ ކުންފުނިތައް ގާނޫނީ އިމަކަށް ފައްތަން ޗައިނާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، އެ ގައުމުގައި އޮޕަރޭޓުކުރާ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑުތަން ވެއްޓިފަ އެވެ. އެގޮތުން ޓެންސެންޓް ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުރި ވަރާ އަޅާބަލާއިރު %60 ވެއްޓިފަ އެވެ.

ނަމަވެސް، 373 ބިލިއަން ޑޮލަރުގެ އަގަކާ އެކު، ޗައިނާގައި އޮޕަރޭޓުކުރާ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނީގެ މަގާމް ޓެންސެންޓުން ދަނީ ދަމަހައްޓަމުންނެވެ.

ޗައިނާގެ ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓުކުރަމުން އަންނަ އަލީބާބާ އިން ވެސް ވަނީ އެ ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އާމްދަނީ އިތުރުވެފައި ނުވާކަން މި މަހު ކުރީކޮޅު ރިޕޯޓުކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް