ޕީއެސްޖީގެ އާ ކޯޗު ގަލްޓިއޭ.
ޕޮޗެޓީނޯގެ ބަދަލުގައި ޕީއެސްޖީގެ ކޯޗަކަށް ގަލްޓިއޭ ހަމަޖައްސައިފި
ޕީއެސްޖީގެ ކޯޗުކަމުން އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށް ފަހު އެ މަގާމަށް ފްރާންސްގެ ކްރިސްޓަފް ގަލްޓިއޭ ހަމަޖައްސައިފި އެވެ.
ޕީއެސްޖީއާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވި ޕޮޗެޓީނޯ އެ ޓީމަށް މިދިޔަ ސީޒަނުގައި ފްރާންސް ލީގު ކާމިޔާބުކޮށްދިން ނަމަވެސް އޭނާ ވަކިކުރީ ޗެމްޕިއަންސް ލީގުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުންނެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީ ކެޓީ އެ މުބާރާތުގެ ދެ ވަނަ ބުރުންނެވެ.
ގަލްޓިއޭގެ ކިބައިގައި ފްރާންސް ބޭރުގެ ކޯޗިންގެ ތަޖުރިބާއެއް ނެތެވެ. އެކަމަކު ފްރާންސްގައި އޭނާ ނިސްބަތުން ކާމިޔާބެވެ. ގަލްޓިއޭ މިދިޔަ ސީޒަނުގައި މަސައްކަތްކުރީ ފްރާންސްގެ ނީސްގަ އެވެ. އެ ޓީމު ލީގު ނިންމާލީ ފަސް ވަނައިގަ އެވެ. އެކަމަކު އޭނާ ވަނީ 2021 ވަނަ އަހަރު ލިލް އަށް ފްރާންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.
ޕީއެސްޖީ އަށް ގަލްޓިއޭ ގެނައުމުގެ ފަހަތުގައި ހުރީ އެ ޓީމުގެ އެޑްވައިޒަރަކަށް ދާދި ފަހުން ހަމަޖެއްސި ލުއިސް ކެމްޕޯސް އެވެ. ގަލްޓިއޭ ލިލްއާ އެކު 2021 ގައި ލީގު ކާމިޔާބު ކުރެވޭ ފެންވަރުގެ ޓީމެއް ބިނާކޮށްދިނީ އެ ޓީމުގެ އޭރުގެ ޓެކްނިކަލް ޑައިރެކްޓަރު ކެމްޕޯސް އެވެ.
ގަލްޓިއޭ ޕީއެސްޖީއާ އެކު ހެދީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އޭނާ އަކީ ގަތަރުގެ ކުންފުންޏަކުން ޕީއެސްޖީއާ 2011 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމަށް ގެނައި ހަތް ވަނަ ކޯޗެވެ.
ގަލްޓިއޭ އަށް ކްލަބުން ދިން ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕީއެސްޖީގައި ލިއޮނަލް މެސީ އާއި ނޭމާ އާއި ކީލިއަން އެމްބާޕޭ އާއި ޖިއަންލުއިޖީ ޑޮންނަރުއްމާ ފަދަ ކުޅުންތެރިން ތިބުމުން އެ މުބާރާތް ކާމިޔާބުކުރެވެން ޖެހޭނެ ކަމަށް މެނޭޖްމަންޓުން ދެކެ އެވެ.
ޕީއެސްޖީން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް ހޯސޭ މޮރީނިއޯ އާއި ޒައިނުއްދީން ޒިދާން ގެންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު މޮރީނިއޯ ރޯމާގައި މަޑުކުރަން ނިންމީ އެވެ. އަނެއްކޮޅުން ޒިދާން ބޭނުންވަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމެވެ.