ފުޓްބޯޅަ

ޕޮގްބާ އެނބުރި ޔުވެންޓަސް އަށް

އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ

މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބް، ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންވެ ޓްރާންސްފާ ފީއެއް ނެތި އޭނާ އަށް ބޭނުން ކްލަބަކަށް ބަދަލުވެވޭނެ އެވެ.

އިޓަލީގެ މަޝްހޫރު ކުޅިވަރު ރިޕޯޓަރު ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޕޮގްބާ އާއި ޔުވެންޓަސް އިން ކޮންޓްރެކްޓެއް ހެދުމަށް ހުރިހާ ކަމަކަށް އެއްބަސްވެފައިވާ ކަމަށާއި އަންނަ މަހުގެ ކުރީކޮޅު ކޮންޓްރެކްޓުގައި ސޮއިކުރެވޭނެ ކަމަށެވެ.

"ދެ ހަފުތާގެ ތެރޭ ޕޮގްބާ އިޓަލީ އަށް ދާނެ،" ފަބްރީޒިއޯ ބުންޏެވެ.

ޔުވެންޓަސްއާ އެކު ޕޮގްބާ އެއްބަސްވެފައިވަނީ އަހަރަކު 10 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދާށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެއަށް ވުރެ ރަނގަޅު އޮފާއެއް ޕީއެސްޖީން ވެސް އޭނާ އަށް ދިނެވެ. އެކަމަކު ޕްރިމިއާ ލީގުގެ ތަޖުރިބާއަށް ބަލައި ސަޕޯޓަރުންނާއި މީޑިއާއާ ރަނގަޅު ގުޅުމެއް އޮތް ގައުމަކަށް ބަދަލުވާން އޭނާ ބޭނުންވީ އެވެ.

ޔުނައިޓެޑުގެ އެކެޑެމީން ތަމްރީންވެ ޕޮގްބާ ސީނިއާ ޓީމަށް ކުޅެން ފެށިތާ އަހަރެއްގެ ތެރޭ އޭނާ 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނީ ހިލޭ އެވެ. އެއީ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި އޭނާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިދާނެ ކަމަށް ގަބޫލުނުކުރެވުމުންނެވެ.

ޔުވެންޓަސްގައި އޭނާ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. އަންދްރޭ ޕިރްލޯ އާއި ކްލައުޑިއޭ މާކީޒިއޯ އާއި އަރޫޓޯ ވިޑާލްއާ އެކު އޭނާ ޔުވެންޓަސްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެވެ.

އެއާ އެކު 2016 ވަނަ އަހަރު ޔުނައިޓެޑުން އޭރުގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށް ޕޮގްބާ ގަތެވެ. އެކަމަކު ޔުނައިޓެޑަށް ގޮސް ތަފާތު ސަބަބުތަކާ ހެދި ކުރީގެ ނުފޫޒު ގަދަ ކުޅުން ތަކުރާރުކުރެވޭ ގޮތެއް ނުވި އެވެ. އަދި ފަހަކަށް އައިސް ކްލަބުގެ ސަޕޯޓަރުންނާ ވެސް މައްސަލަ ޖެހުނެވެ.

ޕޮގްބާ ގެންދަން މެންޗެސްޓާ ސިޓީން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ޔުނައިޓެޑުގެ ސަޕޯޓަރުން އިތުރަށް ހިތްހަމަނުޖެހޭނެތީ އޭނާ އެ އޮފާއަށް ފުރަގަސް ދިނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް