ރާއްޖޭގެ ހަމްޒާ (ވ) އަތުން ބޯޅަ ހޯދަން އުޒްބެކިސްތާނުގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. (އެފްއޭއެމް ފޮޓޯ/ އިބްރާހިމް ފާއިދު)
އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސީ ގައި ދިވެހިރާއްޖެ ކުޅުނު ދެ ވަނަ މެޗުން މިރޭ އުޒްބެކިސްތާން އަތުން 4-0 އިން ބަލިވެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލިއްޖެ އެވެ.
ދެ މެޗު ކުޅުނުއިރު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އުޒްބެކިސްތާނެވެ. ދެ ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތައިލެންޑެވެ. މިރޭ ތައިލެންޑް އަތުން 2-0 އިން ބަލިވި ލަންކާ އޮތީ ޕޮއިންޓެއް ނުލިބި ތިން ވަނައިގަ އެވެ. ލަންކާ އަށް ވެސް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެކަމަކު ރާއްޖެ އަށް ވުރެ ލަންކާގެ ލަނޑުގެ ތަފާތު ރަނގަޅެވެ.
ރާއްޖެ އަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލުނީ ބާކީ އޮތް ލަންކާ މެޗުން މޮޅުވިޔަސް ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނުގެ ފުރުސަތު ނެތުމުންނެވެ.
ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަކަށް އޭޝިއަން ކަޕުން ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ހޯދާ ޓީމަށް ޖެހޭނީ، ހަ ގްރޫޕުން ދެ ވަނަ ހޯދާ ހަ ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމުގެ ތެރޭގައި ހިމެނޭށެވެ.
އުޒްބެކިސްތާނުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން އެލްޑޯ ޝޮމޮރުޑޯފް ވަނީ ރާއްޖެ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ. އޭނާ އަކީ އިޓާލިއަން ލީގުގެ އޭއެސް ރޯމާ އަށް ކުޅޭ ފޯވާޑެކެވެ.
ދާދި ފަހުން ރޯމާއާ އެކު ޔުރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ޝޮމޮރުޑޯފް ވަނީ މެޗުގެ ދެ ވަނަ މިނެޓުގައި ރާއްޖޭގެ ގޯލް ހުޅުވައިފަ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ބާކީބައިގައި އެ ޓީމަށް ރާއްޖެ ކޮޅަށް އިތުރު ގޯލެއް ނުޖެހެ އެވެ.
އުޒްބެކިސްތާނުން ލީޑު ފުޅާކުރީ ޝޮމޮރުޑޯފް 51 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އަދި އޭނާ 80 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ގޯލް ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ. އެ ޓީމުގެ ހަތަރު ވަނަ ގޯލް 86 ވަނަ މިނެޓުގައި ޖެހީ ރަޝިއާގެ ސްޕާޓަކް މޮސްކޯގެ ކުރީގެ ފޯވާޑް އޮސްޓޮން އުރުނޯފް އެވެ.
މިއީ އޭޝިއަން ކަޕަށް ކޮލިފައިވާން ރާއްޖެ އަށް ފަހަކަށް އައިސް ލިބުނު އެންމެ ރަނގަޅު ފުރުސަތު ނަމަވެސް މާބޮޑު ތައްޔާރުވުންތަކެއް ނެތެވެ. ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި، ކޮލިފައިންގެ ކުރިން ރާއްޖޭން މި އަހަރު ކުޅުނީ ބައިނަލްއަގްވާމީ އެންމެ މެޗެކެވެ. އެއީ މާޗު މަހު މާލޭގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި މެޗެވެ.
ކޮލިފައިންގެ ކުރިން ރާއްޖޭން އެކުވެރިކަމުގެ މެޗެއް ނުކުޅެ އެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް ތަމްރީން ކޭމްޕެއް ވެސް ނުބާއްވަ އެވެ.
އެފްއޭއެމުން ބުނީ އޭގެ ސަބަބަކީ އެކަށީގެންވާ ވަގުތު ނެތުމުން، އިތުރު ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވާނެތީވެ، ޓެކްޓިކްސް އަށް މަސައްކަތްކުރަން އެ ވަގުތު ބޭނުކުރަން ކޯޗު ލަފާ ދިނުމެވެ. ރާއްޖެ އަށް ތައްޔާރުވާން ވަގުތު ގެއްލުނީ ގައުމީ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ހިމެނޭ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރަން ޖެހުމެވެ. އެ ޓީމުގެ ކުޅުންތެރިން އެނބުރި އައިސް ގައުމީ ޓީމުގެ ފުލް ސްކޮޑަށް އެއްކޮށް ތައްޔާރުވާން ލިބުނީ ދެ ހަފުތާއެއްހާ ދުވަހެވެ.
ކޮމެންޓް (1)
މުޙައްމަދު