ދަނޑު ހުޅުވުމަށް ބޭއްވި މެޗުގެ ބައިވެރިންނާ އެފްއޭއެމްގެ ރައީސް ބައްސާމް ސަލާމްކުރައްވަނީ.
ވިލިމާލެ އަށް އެންމެ ފަހުން ޓާފް ދަނޑެއް
އޭއެފްސީގެ އެހީގައި އެފްއޭއެމުން ވިލިމާލޭގައި އެޅި ޓްރެއިނިން ފެސިލިޓީ ރޭ ހުޅުވައިފި އެވެ.
އޭއެފްސީގެ ރައީސް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާގެ 'އޭއެފްސީ ޕްރެސިޑެންޓްސް އިނީޝިއޭޓިވް' ގެ ދަށުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި އަޅާފައިވަނީ ޓާފް ދަނޑެކެވެ.
ފެންވަރު ރަނގަޅު ދަނޑެއް ނެތަސް، މާލޭގެ ފަސް ވަނަ އަވަށް، ވިލިމާލެ އަކީ ފަހަކަށް އައިސް ހުނަރުވެރި ކުޅުންތެރިންތަކެއް ނެރެފައިވާ އަވަށެކެވެ. އެގޮތުން އެ އަވަށަށް ނިސްބަތްވާ ވިޔަންސާ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެ ޓީމުން އޭރު ޕްރެކްޓިސްކުރީ ޓާފް ދަނޑުގައި މިހާރު އަޅާފައިވާ ބިމުގައި އޮތް ވެލި ދަނޑުގަ އެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ފެސިލިޓީ ހުޅުވުމުގެ ގޮތުން އެފްއޭއެމްގެ ޓީމަކާއި ވިލިމާލޭ ޔުނައިޓެޑުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ.
ވިލިމާލޭ ޓީމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަހުމަދު އުޝާމް ކުޅުއްވި އެވެ. އަދި ވިލިމާލޭން ފާހަގަކުރެވުނު ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަހުމަދު ނާޒު (އާކޭ) ވެސް ކުޅުނެވެ. އެފްއޭއެމް ޓީމަށް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ކުޅުނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މި ފެސިލިޓީ ބޭނުންކުރާނީ ކްލަބްތައް ޕްރެކްޓިސްކުރުމަށާއި އެކަޑަމީ އަށް ކަމަށެވެ. އަދި ވިލިމާލޭ ރައްޔިތުން ބޭނުންކުރަން ވެސް ހާއްސަ ގަޑިތަކެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްލަބްތަކާއި އެކަޑަމީތައް ބޭނުންކުރަން މިހާރު ހުރި ފެސިލިޓީތަކަކީ މާފަންނު ސްޓޭޑިއަމުގައި އަޅާފައިވާ ޓާފް ދަނޑުތަކެވެ. އެއީ ފީފާގެ އެހީގައި އެފްއޭއެމުން މީގެ އަހަރުތަކެއް ކުރިން އެޅި ދަނޑުތަކެކެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޓާފް ދަނޑު އެޅުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަމުންނެވެ.