ބްރެޒިލް ކޮޅަށް ލަނޑު ޖެހުމަށް ފަހު މޮރޮކޯ ކުޅުންތެރިން އުފާ ފާޅުކުރަނީ. މިއީ މޮރޮކޯއަށް ބްރެޒިލް ބަލިކުރެވުނު ފުރަތަމަ ފަހަރު
މޮރޮކޯ އިން ބްރެޒިލް ވެސް ސިއްސުވާލައިފި
ބްރެޒިލްގެ އައު ވަގުތީ ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ 2-1 އިން މޮޅުވެ، ބޮޑު ސިހުމެއް ގެނެސްދީފި އެވެ. މިއީ ބްރެޒިލްގެ މައްޗަށް މޮރޮކޯއަށް މިހާތަނަށް ހޯދުނު ފުރަތަމަ މޮޅެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރި މޮރޮކޯ މި ބޮޑު މޮޅު ހޯދީ އަމިއްލަ ގައުމުގައި ބްރެޒިލްއާ އެކު ކުޅުނު އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗުގަ އެވެ.
މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނިޓްގައި ޖަހައި ކުރި ހޯދައިދިނީ ސޮފިއާން ބޯފަލް އެވެ. ނަމަވެސް ދެވަނަ ހާފުގެ 67 ވަނަ މިނިޓްގައި، މެންޗެސްޓާ ޔުނައިޓެޑްގެ ކަސިމީރޯ ލަނޑެއް ޖަހައި އެއްވަރުކޮށްދިނެވެ.
މެޗު ނިމެން 10 ވަރަކަށް މިނިޓަށް ވެފައިވަނިކޮށް މޮރޮކޯ މޮޅުކޮށްދިން ލަނޑު ޖެހީ އަބްދުލްހާމިދު ސަބްރީ އެވެ.
މި މެޗުގައި ބްރެޒިލްއިން މޮރޮކޯގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލި އެވެ. މިއީ ބްރެޒިލްއާ ދެކޮޅަށް 'ނަސީބު' ވެސް ކުޅުނު މެޗެއް ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން މޮރޮކޯއިން އެ ގެންދަނީ ގަތަރު ވޯލްޑް ކަޕްގައި ދެއްކި ކުޅުމެވެ. މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ އަދި މުސްލިމް ފުރަތަމަ ގައުމު ވެސް މެ އެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނުން ވަނީ ޕެރޫ 2-0 ބަލިކޮށްފަ އެވެ. މެޗުގައި ޖަރުމަންގެ ދެ ލަނޑު ވެސް ޖެހީ ނިކްލަސް ފުލްކްރޫގް އެވެ.
ވޯލްޑް ކަޕުގެ ބޮޑު ބައްޔަށް ފަހު ޖަރުމަން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން އުންމީދީ ކުޅުމެއް ދެއްކި އެވެ. ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ވެސް ޖަރުމަނުންނެވެ.
މި މެޗުގައި ޕެރޫގެ އެންމެ ހަމަލާއެއް ވެސް ޖަރުމަންގެ ގޯލަށް އަމާޒުވެފައެއް ނެތެވެ.