ރޭގެ މެޗުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ނެދަލެންޑްސްގެ ލުޝަރެލް ގީޓްރިއިޑާ ބޯޅަ ހޯދަން މަސައްކަތްކުރަނީ
އެމްބާޕޭގެ ކެޕްޓަންކަމުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް އަތުން ތަފާތު ބޮޑު މޮޅެއް
ކީލިއަން އެމްބާޕޭގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް ކުޅުނު ފުރަތަމަ މެޗު ރޭ، ނެދަލެންޑްސް އަތުން 4-0ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.
އަންނަ އަހަރުގެ ޔޫރޯއަށް ކޮލިފައިވާން ގްރޫޕް ބީގައި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މި ތަފާތު ނަތީޖާ ނެރެން 24 އަހަރުގެ އެމްބާޕޭ ޖަހާލި ރީތި ދެ ލަނޑު ވެސް ހިމެނެ އެވެ.
މެޗުގެ ފުރަތަމަ ހާފާ އެކު ގާތްގަނޑަކަށް ނަތީޖާ އޮތީ ފްރާންސް ކޮޅަށް ބުރަވެފަ އެވެ. ދެވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމެން އާއި ދިފާއީ ކުޅުންތެރިޔާ އުޕަމެކާނޯ، އަށް ވަނަ މިނިޓްގައި، 2-0 އަށް ނަތީޖާ ބަދަލުކޮށްލި އެވެ. ފްރާންސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން 3-0އަށް އެ ނަތީޖާ ތަފާތުކޮށްލީ އެމްބާޕޭގެ ރީތި ލަނޑުންނެވެ.
މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް އޭނާގެ ދެވަނަ ލަނޑު ޖެހީ، ނެދަލެންޑްސްގެ ދިފާއީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް ފަހު އެވެ.
އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ނެދަލެންޑްސްއަށް ސުން ކަނޑުވާލަން ޕެނެލްޓީއެއް ލިބުނެވެ. އެކަމަކު މެމްފިސް ޑީޕާއީގެ ޕެނެލްޓީ، މަތަކުރީ ފްރާންސްގެ ކުރީގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ކީޕަރުގެ ޒިންމާއާ އަލަށް ހަވާލުވި މައިކް މައިގްނަން އެވެ.
މިއީ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި މެޗަށް ފަހު ފްރާންސް ކުޅުނު ފުރަތަމަ މެޗެވެ.
ނެދަލޭންޑްސްގެ ކޯޗުކަމާ ދެވަނަ ފަހަރަށް ހަވާލުވެ ރޮނާލްޑް ކޯމަންގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމަކު މެޗުގެ ކުރިން ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ބަލިވެ، ފޮނުވާލަން ޖެހުމަކީ އޭގެ އެއް ސަބަބަށް ވެދާނެ އެވެ.
މިގްރޫޕުގެ އެހެން މެޗެއްގައި ޖިބްރާލްޓާއާ ދެކޮޅަށް ކުޅެ ގްރީސް ވަނީ 0-3ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.