އިނގިރޭސި އެފްއޭ ކަޕްގައި ރޭ ރެޑިން ކޮޅަށް ލަނޑު ޖެހުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑްގެ ކަސެމިރޯ އުފާ ފާޅުކުރަނީ
ކަސެމިރޯގެ ދެ ލަނޑުން ޔުނައިޓެޑް ފަސް ވަނަ ބުރަށް
މެންޗެސްޓަ ޔުނައިޓެޑަށް ބްރެޒިލްގެ ކަސެމިރޯ ގެންދިއުމުން އޭނާގެ ބޭނުންހިފާނީ ކިހިނެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރި އެވެ. އެކަމަކު ރެއާލް މެޑްރިޑުން އޭނާ ގެންގޮސް، ކޯޗު އެރިކް ޓެން ހޭގް ބޭނުންކުރާ ގޮތުން މިހާރު މި އޮތީ ވަރަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފެނިފަ އެވެ.
ރޭ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޔުނައިޓެޑްގެ ދަނޑުގައި، ޗެމްޕިއަންޝިޕްގެ ޓީމެއް ކަމަށްވާ ރެޑިންއާ ދެކޮޅަށް ފުރަތަމަ ހާފުގައި ލަނޑު ނުޖެހި އެއްވަރުވެފައި އޮއްވާ ޔުނައިޓެޑް ސަލާމަތްކޮށްދިނީ، ހަތަރު މިނިޓް ތެރޭގައި ޖަހާލި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު 54 ވަނަ މިނިޓް އަދި ދެ ވަނަ ލަނޑު 58 ވަނަ މިނިޓްގަ އެވެ.
މި މެޗުން ޔުނައިޓެޑް 3-1 އިން މޮޅުކޮށްދިނުމުގައި ތިން ވަނަ ލަނޑު 66 ވަނަ މިނިޓްގައި ޖެހީ ފްރެޑް އެވެ.
"އޭނާގެ ތަޖުރިބާއާ ހުރިހާ އެއްޗަކަށް ބަލާއިރު އެއީ ވަރަށް މުހިންމު ކުޅުންތެރިއެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހޭގް ބުންޏެވެ.
"އޭނާއަކީ އެހާމެ ވިސްނުން ވެސް ތޫނު ކުޅުންތެރިއެއް."
ޓެން ހޭގް ބުނި ގޮތުގައި ދަނޑު މަތީގައި ހުންނަން ވާ ތަން ވަރަށް ރަނގަޅަށް ކަސެމިރޯއަށް އެނގެ އެވެ. ބޯޅަ ގެންގުޅޭނެ ގޮތާއި އުފެއްދުންތެރި ޕާހެއް ދޭ ގޮތް ވެސް އެހާމެ މޮޅެވެ.
"އަސްލު ވަރަށް އުފާވޭ އޭނާއާ މެދު. ޓީމު ރަނގަޅުކުރަން އެހާމެ މުހިންމު ވެސް ކުޅުންތެރިއެއް،" ޓެން ހޭގް ބުންޏެވެ.
އެންމެ ފަހުން ޔުނައިޓެޑަށް އެފްއޭ ކަޕް ކާމިޔާބުކުރެވުނީ 2016ގަ އެވެ. އެހެންވެ މިފަހަރުގެ މުބާރާތް ހޯދަން ވަރަށް މުހިންމު އިސްކަމެއް ޓެން ހޭގް ދެ އެވެ. އެގޮތުން ރޭ ވެސް ނެރުނީ ވަރުގަދަ 11 ކުޅުންތެރިންނެވެ.