އިއްޔެ އޮތް ސެމީ ފައިނަލް މެޗަށް ނިއު ނުކުންނަނީ: ބުރު ސްޕޯޓްސް އަތުން ބަލިވީ އެއްވަރުވެގެން ޕެނެލްޓި ޖަހައި، 4-3 އިން

ނިއު ފުރިހަމައަށް ތައްޔާރުވެ އެނބުރި އަންނާނެ: ސޮބާހު

ފައިނަލަށް ދެވުނު ނަމަވެސް މިހާރު އޮތް ޓީމާ އެކު ރެލިގޭޝަންގައި ކާމިޔާބު ހޯދުން ދުރުކަން އޭނާ ފާހަގަކުރި
15 އޯގަސްޓު 2022

މުހިންމު ނުކުތާތައް

ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް

ކުރަން ޖެހުނީ ލިބުނު ވަގުތާ ބަލާއިރު ވަރަށް އަވަސް، ބުރަ މަސައްކަތްތަކެއް

ހޯދުނު ކުޅުންތެރިންނަކީ ތަޖުރިބާގެ ގޮތުން ލިމިޓެޑް ބައެއް

ތިން އަހަރުގެ ސަސްޕެންޝަނެއްގައި އޮއްވާ ފީފާއަށް 3.3 މިލިއަން ރުފިޔާ ދެއްކުމަށް ފަހު ނިއު ރޭޑިއަންޓް ދެ ވަނަ ޑިވިޒަންގައި ވާދަކޮށް، ފައިނަލަށް ނުގޮސް އިއްޔެ ވަނީ ކަޓައިފަ އެވެ. މިއީ އެއް ވަނަ ޑިވިޒަނަށް އަރައި، ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނެ ވަރުގެ ސަޕޯޓަރުން ތިބި ކްލަބަކާ މެދު ގިނަ ބަޔަކު ކުރި އުއްމީދު ފެނަށް ދިޔަ ނަތީޖާއެކެވެ.

ނަމަވެސް ނިއުގެ ކޯޗު ސޮބާހު މުހައްމަދު މިހާ ހިސާބުން އަދި މާޔޫސްއެއް ނުވެ އެވެ. އޭނާ ބުނެދިނީ ކަންކަމުގެ ހަގީގަތެވެ.

ދެ ވަނަ ޑިވިޒަންގެ ސެމީ ފައިނަލްގައި އިއްޔެ ބުރު ސްޕޯޓްސް އަތުން ޕެނެލްޓީ ޖަހައިގެން 4-3 އިން ނިއު ބަލިވުމާ އެކު ރޭ ފަތިހު ސޮބާހު ވަނީ އޭނާގެ އިހުސާސްތައް ފޭސްބުކް ޕޯސްޓެއްގައި ކިޔައިދީފަ އެވެ. ނިއު އެގޮތަށް ކެޓުމުން ބައެއް މީހުންގެ ފާޑުކިއުން، ކުރީގެ ގައުމީ ޓީމާއި ނިއުގެ ދިފާއީ ކުޅުންތެރިޔާއަށް އަމާޒުވި އެވެ. އެކަމަކު ކަމުގެ ހަގީގަތަށް ބަލާ ނަމަ އޭގައި ސަބަބުތަކެއް އެބަ ހުއްޓެވެ.

ސޮބާހު ބުނީ ފީފާގެ ސަސްޕެންޝަނުން ނިއު ސަލާމަތްވި އިރު މުބާރާތަށް އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އެހެންވެ ލިބުނީ "ލިމިޓެޑް ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް" ކަމަށް އޭނާ ބުންޏެވެ.

"ކަންކަން ނިންމަން ޖެހުނީ ލިބިފައި އޮތް ޓައިމްއާ ބަލާފައި ވަރަށް އާޖެންޓްކޮށް، އެލާޓްގައި ތިބެގެން،" ސޮބާހު ބުންޏެވެ.

"ކުރަން ޖެހުނީ ވަރަށް ބުރަ މަސައްކަތްތަކެއް."

ނިއުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ސޮބާހު މުހައްމަދު

ބޭރުގެ ކުޅުންތެރިންނާއި ބޭރުގެ ކޯޗުންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް އަރާފައި އޮތް އަދި އޭގެ ސަބަބުން ފީފާ އާއި އެފްއޭއެމްގެ ސަސްޕެންޝަން އައުމުން 2019 އިން ފެށިގެން ނިއު ވަނީ އަންމުންގެ ލޯމަތިން ގެއްލިފަ އެވެ.

އެކަމަކު ޒުވާން މެނޭޖްމަންޓަކުން ކްލަބް އަލުން ނަގައި، ދެ ވަނަ ޑިވިޒަން ފެށެންވާ އިރަށް ދަރަނިތައް އަދާކޮށް، ސަސްޕެންޝަން އުވާލި އެވެ.

ސޮބާހު ބުނީ އިއްޔެގެ މެޗުން މޮޅުވެ ފައިނަލަށް ދިޔަ ނަމަވެސް އެއް ވަނަ ޑިވިޒަނަށް އަރަން ކުޅެން ޖެހޭ ރެލިގޭޝަންއަކީ ވެސް އުނދަގޫ މަރުހަލާއެއް ކަމަށެވެ.

ނިއު ރޭޑިއަންޓް ދެވަނަ ޑިވިިޒަންގައި ކުޅުނު ނަމަވެސް ރާއްޖޭގެ ޓޮޕް ޑިވިޒަންއަށް ވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ

ސޮބާހު މުހައްމަދު، ނިއު ރޭޑިއަންޓްގެ ކޯޗު

"މިކަން ޔަގީންކަމާ އެކު ކުރަން ވަރުގަދަ ސްކޮޑެއް ބޭނުންވޭ،" ކޯޗެއްގެ ގޮތުން ވެސް ނިއުއަށް ކުރިން ކާމިޔާބީތަކެއް ހޯދައިދީފައިވާ ސޮބާހު ބުންޏެވެ.

އޭނާ ބުނީ މިހާރު އެއްވަނަ ޑިވިޒަންގެ ފުލަށް ދިޔަ ދެ ޓީމަށް ބެލި ނަމަވެެސް އެ ދެ ޓީމުގެ ފެންވަރު ހުރިހާ ގޮތަކުން ވެސް ރަނގަޅު ކަމަށެވެ. އޭނާ އެ ފާހަގަކުރީ އިއްޔެގެ މެޗުން މޮޅުވެ ފައިނަލަށް ދިޔަ ނަމަވެސް މިހާރު އޮތް ޓީމާ އެކު ރެލިގޭޝަންގައި ކާމިޔާބުވުން ދުރު ވާހަކަ ކަމަށް ބެލެވެ އެވެ.

"މެޗު ފިޓްނަސްއަށް ބެއްޔަސް، ކުޅުންތެރިންގެ ކޮލިޓީއަށް ބެލިޔަސް،" އުރީދޫ ޕްރެމިއަ ލީގުގެ ފުލަށް ގޮސް ރެލިގޭޝަނަށް ވެއްޓިފައި އޮތް ދަ ގްރާންޑޭ އާއި ސުޕަ ޔުނައިޓެޑް (ސަސް)އަށް ނިސްބަތްކޮށް، ސޮބާހު ބުންޏެވެ.

"ފުރަތަމަ ޑިވިޒަންގައި ގިނަ މެޗުތަކެއް ކުޅެފައި އަންނަ ދެ ޓީމާ ވާދަކުރުމަކީ ފަސޭހަ ކަމެއް ނޫން."

އެކަމަކު ނިއުގެ ކުރިމަގާ މެދު އޭނާގެ މާޔޫސްކަމެއް ނެތެވެ.

"އިންޝާއަﷲ، ނިއު ރޭޑިއަންޓް ފުރިހަމައަށް ތައްޔާރުވެ އެނބުރި އަންނާނެކަމުގެ ޔަގީންކަން އެބަ އޮތް،" ސޮބާހު ބުންޏެވެ.

ނިއު އާއި ވިކްޓަރީ ފުޓްބޯޅަ ދަނޑަށް އަލުން ނުކުތުމުން ފުޓްބޯޅައިގެ ފޯރި އަރައިފިކަން އޭނާ ފާހަގަކުރި އެވެ. އޭނާ ސިފަކުރި ގޮތުގައި "ދަނޑަށް ދިރުން ލިބިއްޖެ" އެވެ.

"ފުޓްބޯޅައިގެ ރޫހު އޮތްކަން" ވެސް އެނގިއްޖެ ކަމަށް ބުންޏެވެ.

"ނިއު ރޭޑިއަންޓް ދެވަނަ ޑިވިިޒަންގައި ކުޅުނު ނަމަވެސް ރާއްޖޭގެ ޓޮޕް ޑިވިޒަންއަށް ވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަ،" ޕޯސްޓްގައި ސޮބާހު ލިއުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް