އައްޑޫގެ ހިތަދޫ: މުޅި އަތޮޅުން ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވާފައިވާ މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެތައް ގެއްލުމެއް ފެނޭ
އައްޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއިން އަތޮޅުގެ އެތެރެވަރި ހަލާކުވުމުގެ ބިރު
މުޅި އައްޑޫގެ ބިމުގެ ދަތިކަމުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލެއް ގެނައުމަށާއި ވަޒީފާތައް އުފައްދައި އިގްތިސާދު ކުރިއަރުވަން ސަރުކާރުން އައްޑޫގެ އެކި ދިމަދިމާލުން ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އާންމު ދިރިއުޅުމާއި ވިޔަފާރީގެ ބޭނުމަށް ރަށްރަށުން ބިން ހިއްކުމުގެ އިތުރުން ރިޒޯޓު ހަދަން ދޫކުރަން މުޅިން އަލަށް ފަސް ރަށެއް ވެސް އުފައްދާނެ އެވެ.
އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ރާވަމުން އަންނަ މި މަޝްރޫއަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
ވޯޓާ ސޮލޫޝަންސްއިން ތައްޔާރުކުރި އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު މިހާރު އީޕީއޭއަށް ވަނީ ހުށަހަޅައިފަ އެވެ. އެ އެޖެންސީއިން އަންނަނީ ރިޕޯޓު ދިރާސާ ކުރަމުންނެވެ. މަޝްރޫއު ހިންގަން ހުއްދަ ދޭނީ އެއަށް ފަހު އެވެ.
މަޝްރޫއުގެ ތަފްސީލުތައް:
-
މުޅި އައްޑޫ ސިޓީން 236.5 ހެކްޓަރު ހިއްކާނެ
-
ހިތަދޫން 90 ހެކްޓަރު
-
މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރު
-
ހުޅުމީދޫން 32.3 ހެކްޓަރު
-
ރިޒޯޓު ހަދަން ފަޅު ތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް
އީއައިއޭ ރިޕޯޓުގެ ބޭނުމަށް ހެދި ސާވޭގައި ބައިވެރިިވި މީހުންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ އައްޑޫގެ ބިމުގެ މައްސަލަ ހައްލުކުރަން ބިން ހިއްކާށެވެ. އަދި މިއީ އިޖުތިމާއީ، އިގްތިސާދީ ގޮތުން ވެސް ސިޓީ ތަރައްގީކުރަން މުހިންމު މަޝްރޫއެއް ކަމަށް ގިނަ ބައިވެރިން ދެކެ އެވެ.
އެކަމަކު އެ ރިޕޯޓުން އެނގޭ ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅި އައްޑު އަތޮޅުގެ ކަނޑުގެ ބޮޑު ސަރަހައްދަކަށް މި މަޝްރޫއުގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ގާތްގަނޑަކަށް މުޅި އަތޮޅުގެ އެތެރެވަރިއަށެވެ. އަދި އޭގެ އަސަރު މުޅި އަތޮޅުގެ ކަނޑުގެ ދިރުންތަކަށް ކުރުން ވެސް އެކަށީގެންވެ އެވެ.
ކިލަނބުގަނޑުގެ ނުރައްކާ ބޮޑު
މި މަޝްރޫއުއަށް ވެލި ނަގަން ހަމަޖެހިފައި ވަނީ އައްޑު އަތޮޅުގެ އެތެރެވަރިންނެވެ. ވެލި ނެގުމަށް މައިގަނޑު ދެ ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ހިތަދުއާ ދިމާލުން އޮންނަ ސަރަހައްދަކާއި ހުޅުމީދުއާ ދިމާލުން އޮންނަ ސަރަހައްދެކެވެ. ވެލި ނަގާ އެ ދެ ސަރަހައްދު އެއްކޮށްލުމުން އެއީ މުޅި އެތެރެވަރީގެ %42 އެވެ.
މަޝްރޫއަށް ބޭނުންވާ ވެލީގެ ހިސާބުތައް:
-
6.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި
-
އެއީ 465 ފުޓުބޯޅަ ދަނޑަށް ދެ މީޓަރު އުސްކޮށް ވެލި އަޅާލެވޭހާ ގިނަ ވެލި
ބިން ހިއްކުމުގެ މިފަދަ މަޝްރޫއުތައް ހިންގުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ކަމަކީ ވެލި ނަގާއިރު އުފެދޭ ކިލަނބުގަނޑެވެ. މޫދު އަޑީގައި މުރަކަތަކަށް ވެލި އެޅުމުގެ އިތުރުން މޫދު ކިލަނބުވުމުން އެ މުރަކަތަކަށް އަވި ނުލިބި މަރުވެގެންދެ އެވެ. އަދި މަސްތަކުގެ މާހައުލު ވެސް ވިއްސިވިހާލިވެ މަސްތައް ވެސް މަރުވާން ދިމާވެ އެވެ.
މި މަޝްރޫއުގައި ކިލަނބުގަނޑު ފެތުރޭ މިންވަރު ބެލުމަށް ހެދި ހަތް ދުވަހުގެ 'މޮޑެލިން ސްޓަޑީތަކުން' އެތެރެވަރިން ވެލި ނެގުމުން އުފެދޭ ކިލަނބުގެ އަސަރު، ވެލި ނަގާ ސަރަހައްދުން ފެށިގެން އަތޮޅުގެތެރޭގައި ފަސް ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ނުވަތަ އެއަށް ވުރެ ވެސް ބޮޑު ސަރަހައްދަކަށް ކުރާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
އައްޑު އަތޮޅުގައި އޮއި ދައުރުވާ ގޮތަށް އޮންނަނީ ހަތަރު ކަނޑު އޮޅި އެވެ. އެހެންވެ ދެ މޫސުމުގައި ވެސް އޮއިވަރު އަތޮޅު ތެރޭގައި ވަރަށް ބޮޑަށް ހިފެހެއްޓިފައި ހުރެ އެވެ. މިއީ، އީއައިއޭ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، ވެލި ނެގުމުން އުފެދޭ ކިލަނބުގަނޑު އަތޮޅުގެ އެތެރެވަރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި ސާފު ނުވެ ހުންނާނެ ކަމަށް ބެލެވޭ ސަބަބެކެވެ.
ޕްރޮޖެކްޓް ކުރިއަށް ދާއިރު އުފެދޭ ކިލަނބުގަނޑު މުޅި އަތޮޅުގެ އެތެރެވަރީގައި ގިނަ ދުވަހަށް ހިފެހެއްޓިފައި އޮތުމުގެ ސަބަބުން އައްޑު އަތޮޅުގެ އެތެރެވަރީގެ ފަރުތަކަށް އަސަރުކުރާނެ އެވެ. އަދި މަސްމަހާމެއްސަކީ މުރަކައިގެ ހިމާޔަތުގައި އުޅޭ ދިރޭތަކެތި ކަމަށް ވުމުން، މަސްމަހާމެހީގެ އާބާދީއަށް ވެސް މިކަމުގެ އަސަރުކުރާނެ އެވެ.
މީގެ ކުރިން އައްޑޫ ފޭދޫ ހިއްކުމުން ވެސް ގިނަ އަދަދެއްގެ ދިރުންތައް މަރުވެ، އެތެރެވަރި ކިލަނބުވެ މަސްވެރިންނަށް އެން ހޯދަން ވެސް ދަތިވި އެވެ. އެކަމާ ހެދި ބައެއް މަސްވެރިން އެން ހޯދަން ހުވަދު އަތޮޅަށް ވެސް ދަތުރިކުރި އެވެ. ބައެއް މަސްވެރިން ބުނި ގޮތުގައި އެފަހުން އެންވެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ.
އީއައިއޭ ރިޕޯޓުގައިވާ ގޮތުން، މިހާރު ހުށަހަޅާފައިވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނައިގެ މައްޗަށް ވެލި އެޅި ވަޅުލެވިގެންދާނެ އެވެ.
-
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަގުކޮށްފި ނަމަ 21 ހެކްޓަރުގެ މުރަކައިގެ ސަރަހައްދުގެ އަގު 858-343 މިލިއަން ޑޮލަރަށް އަރާ
-
މޫދުވިނައިން މާހައުލީ ނިޒާމަށް ލިބޭ ފައިދާ (އިކޯސިސްޓަމް ސަވިސަސް) ތަކަށް ބަލާއިރު 120 ހެކްޓަރުގެ މޫދުވިނައިން އަހަރަކު ގާތްގަނޑަކަށް 6.4 މިލިއަން ޑޮލަރުގެ އަގުހުރި ފައިދާ ލިބޭ
ހިއްކަން ކަނޑައަޅާފައިވާ ފަޅުގެ ސަރަހައްދަކީ ގިނަ އަދަދަކަށް ކުދިމަސް އާލާވެ ދިރިއުޅޭ ސަރަހައްދެއް ކަމާއި އެ ސަރަހައްދުތައް ސާވޭ ކުރިއިރު ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބު ވެސް، މޫދުވިނަތަކުގެ ތެރެއިން ފެނިފައިވާކަން އީއައިއޭގައި ފާހަގަކުރި އެވެ. ވެލާ ކަހަނބު ފެނުނީ މަރަދޫ/މަރަދޫފޭދޫ ފަޅުގެ ސަރަހައްދާއި ހުޅުދޫ ފަޅުގައި ރިސޯޓު ހަދާ ސަރަހައްދުންނެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގެއްލުންވެދާނެ
އީއައިއޭ ރިޕޯޓުގައި އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި އައްޑޫގެ ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނަށް، މަޝްރޫއުއަށް ބޭނުންވާ ވެލި ނެގުމުން ގެއްލުންވުން ހިމެނެ އެވެ. ވެލި ނަގާ އިރު އުފެދޭ ކިލަނބުގެ އަސަރު، ގުދުރަތީ ގޮތުން މުއްސަނދި މި ސަރަހައްދުތަކަށް ކުރާނެ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ވެލި ނަގާ ސަރަހައްދާ ކައިރީގައި ހުރި ހިމާޔަތްކޮށްފައިވާ ތަންތަން:
-
މާކަނޑު (މަންޓާ ޕޮއިންޓް)
-
ކުޑަ ކަނޑު
-
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް
މާކަނޑަކީ ޓޫރިސްޓުން ވެސް ޑައިވްކުރާ މަންޓާ ޕޮއިންޓަކަށް ވާއިރު، ކިލަނބުގަނޑު ނުފިލައި ގިނަ ދުވަސް ވެއްޖެ ނަމަ ނަމަ އެތަނަށް މަންޓާ ނައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރިޕޯޓުގައި ވެ އެވެ. މީގެ ކުރިން 2016 ގައި އައްޑޫ ފޭދޫ ހިއްކުމުން ވެސް އެ ސަރަހައްދުން މަންޓާ ފެނުނުލެއް ވަރަށް ބޮޑަށް މަދުވި އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސީން ބޭނުން ކުރި ތެޔޮ ޓޭންކަރެއް ކަމަށްވާ ބްރިޓިޝް ލޯޔަލްޓީ ފައްްތާލާފައި އޮންނަ ސަރަހައްދު ވެސް އޮންނަނީ ވެލި ނަގާ ސަރަހައްދާ ވަރަށް ކައިރީގަ އެވެ. ހިމާޔަތްކޮށްފައިވާ އެ ބޯޓުގައި މިހާރު އެތައް ވައްތަރެއްގެ މުރަކަތައް ހެދިފައި ހުރެ އެވެ. އަދި އެ މުރަކަތަކުގައި ގިނަ ބާވަތްތަކުގެ މަސްތައް އުޅެ އެވެ. އެކަމަކު، ވެލި ނަގާ ސަރަހައްދާ ކައިރީގައި އޮތުމުން އެތަނަށް ގެއްލުންވުމުގެ ފުރުސަތު ބޮޑެވެ.
ކުޑަ ކަނޑު ސަރަހައްދަކީ ވެސް މުރަކަ ގިނަ، އަދި މަހުގެ ބާވަތްތަކާއި ދިރުންތައް ވެސް ގިނަ، މުއްސަނދި ތަނެކެވެ. އެތަނުން ވެލަ އާއި މަޑި އާއި، ކޯމަސް ވެސް ފެނެ އެވެ.
މި ހުރިހާ ސަރަހައްދުތަކަށް ވެސް އައްޑޫގައި ޓޫރިސްޓުން ޑައިވް ކުރެ އެވެ. އެތަންތަނަށް ބަރޯސާވާ އެތައް ޑައިވް ސެންޓަރެއް ހުންނާނެ އެވެ. މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގެ އަލީގައި އީއައިއޭގައި ފާހަގަކުރީ މަންޓާގެ އިތުރުން މިޔަރު ފަދަ ދިރުންތައް މަދުވެއްޖެ ނަމަ 17-27.4 މިލިއަން ޑޮލަރުގެ ގެއްލުމެއް މުޅި އައްޑޫގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކޮށްފާނެ ކަމެވެ.
މީގައި ނެތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ނިޔަތެއް
ތިމާވެށި ހިމާޔަތްކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ހަރަކާތުގެ އިސް ވޮލެންޓިއަރެއް ކަމަށްވާ ހުމެއިދާ އަބްދުލްގަފޫރު ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއިން ވާ ގެއްލުން ފައިދާއަށް ވުރެ މާ ބޮޑެވެ. މުޅި އެތެރެވަރީގެ ހުރިހާ ވެއްޔެއް ނަގައިގެން މިފަދަ ބޮޑު މަޝްރޫއެއް ހިންގަން އުޅޭ އިރު އެކަމުން ލިބޭނެ ގެއްލުންތައް އާންމު ރައްޔިތުންނަށް ކިޔައިނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުމޭ ވިދާޅުވި ގޮތުގައި މިފަދަ މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް ލިިބޭ މަންފާއަށް ވުރެ ބޮޑަށް ކޮންމެވެސް ވިޔަފާރިވެރިންތަކެއްގެ މަންފާއަށެވެ. އަދި މިކަންކަމުގެ އަޑީގައި ވަނީ ވަރަށް ނުބައި ނިޔަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި މައްސަލައަކީ މުއައްސަސާތަކަށް ވެސް އެކަށީގެންވާ ގޮތުގައި އެކަންކަން ނުބެލުމެވެ.
ހުމެއިދާ ވިދާޅުވި ގޮތުގައި އައްޑޫގައި މީގެ ކުރިން ހިއްކާފައިވާ ފޭދޫގެ ބިން ވެސް އޮތީ ބޭނުން ނުކޮށެވެ. އަދި މިހާރު ވެސް އައްޑޫ ރިޒޯޓުތައް ހުރި އިރު އެ ތަންތަން ވެސް ރަނގަޅަށް ނުހިންގޭކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އަނެއްކާވެސް ބިން ހިއްކައި، ރިޒޯޓުތައް ހަދާތީ އެކަމާ އޭނާ ސުވާލު އުފެއްދެވި އެވެ.
"ފެންނަނީ ވަރަށް ސިނިސްޓާ އިންޓެންޝަންސްއޭ މީގައި ހުރީ. މީގައި ނެތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ނިޔަތެއް،" އޭނާ ވިދާޅުވި އެވެ.
އީއައިއޭގައިވާ ގޮތުން ގެއްލުން ކުޑަކުރަން އެޅިދާނެ ފިޔަވަޅުތައް:
-
ކިލަނބުގަނޑު ކުޑަކުރަން ޑްރެޖަރުގައި 'ގްރީން ވެލްވްއެއް' ބޭނުން ކުރާނެ
-
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މާކަރު ހަރުކޮށް އެތަންތަނާ ވީހާ ވެސް ދުރުން ވެލި ނެގުން
-
ހިއްކާ ސަރަހައްދުގައި ބަންޑް ވޯލް ޖެހުން
-
ހިއްކާ ސަރަހައްދުން ކިލަނބު ބޭރު ކުރާ ތަނުގައި ސިލްޓް ސްކްރީން ބޭނުން ކުރުން
މި މަޝްރޫއިން ލިބޭ ގެއްލުން ބޮޑުކަމުން ހުއްދަ ނުދޭން އީޕީއޭއިން ނިންމިޔަސް، ސަރުކާރަށް މަޝްރޫއު ކުރިއަށްގެންދެވިދާނެ އެވެ. އެއީ އީޕީއޭގެ އެފަދަ ނިންމުމެއް އިސްތިއުނާފު ކުރަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓްރަށް ކަމުންނެވެ. މިނިސްޓަރަށް ފެނިވަޑައިގަންނަވާ ނަމަ އެ ނިންމުން ބަދަލުކުރެއްވޭނެ އެވެ.
މިގޮތަށް މީގެ ކުރިން ވެސް މި ސަރުކާރުގައި އަމަލުކޮށްފައި އެބަ ހުއްޓެވެ. އެއީ ނ. މާފަރު އެއާޕޯޓުގެ ރަންވޭ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ވަރަށް ބޮޑު ކުރުމަށް ހިންގި މަޝްރޫއުގަ އެވެ. އެ މަޝްރޫއަށް އީޕީއޭއިން ހުއްދަ ނުދިން ނަމަވެސް، އެ ނިންމުން އިސްތިއުނާފު ކުރުމުން އޭރުގެ ތިމާވެށީގެ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ނިންމެވީ މަޝްރޫއަށް ހުއްދަ ދެއްވާށެވެ.
ކޮމެންޓް (4)
އައްޑޫ
ޔ.ނ. 84
އަތޯލާ
ހިތަދޫ 12