ނޭޝަނަލް ޑްރަގް އެޖެންސީ: ގިނަ މައްސަލަތަކެއް ހުރި އިރު، އެންޑީއޭގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައި (ފޮޓޯ/ ޕީއެސްއެމް)

އެންޑީއޭ

މަސްތުގެ ފަރުވާދޭ މަރުކަޒުތަކަށް ބޭހާއި މުވައްޒަފުން ނުލިބި، ބޮލަށް ވެއްޓޭ ހާލުގައި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ހުރިހާ މަރުކަޒުތަކެއްގެ ހާލަތު ވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ އިރު، އެންޑީއޭގެ ބޮޑެތި އިހުމާލުތަކެއް ހުރިކަން ވަނީ ހާމާވެފައި
6 ޑިސެމްބަރު 2021

"ފަރުވާ އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންނަށް ނުދެވެނީއޭ. އަނެއްކާ އެމީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް އަޅުގަނޑުމެންނަށް ނުކުރެވެނީއޭ،" މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާ ބެހޭ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގައި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެއްބަސްވެވަޑައިގެންނެވި އެވެ.

އެ ވާހަކައިގެ ފަހަތުގައި ހުރި ބޮޑެތި މައްސަލަތައް މިހާރު ވަނީ ހާމަވެފަ އެވެ. ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ރީސްޓްރަކްޗާ ކުރުމަށް ގޮވާލައި 'ހޭންޑްސް ޓުގެދާ' އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވައިލި ރިޕޯޓުން އެނގުނު ގޮތުގައި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭގެ ބެލުމުގެ ދަށުގައި ހުރި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ.

އެންޑީއޭގެ ބެލުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ މަސްތުވާތަކެތީގެ ފަރުވާ ދޭ މަރުކަޒުތަކަށް ޕެޓިޝަން ކޮމިޓީގެ މެމްބަރުން ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ބެލި އިރު، މަރުކަޒުތައް ހިންގާ އިމާރާތްތައް ބާވެ، ފުރާޅުން ފެން ފައިބަ އެވެ. އަނދާފައި ހުރި ބޮކިތައް ބަދަލުކޮށްލަން ވެސް، އެންޑީއޭ އިން ލިބޭ އެހީތެރިކަމެއް ނެތެވެ. ފަރުވާ ހޯދަން މަރުކަޒުތަކަށް ވަންނަ ބޭނުންވެގެން ކިޔޫއަށް އަރައި ތިބި މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެމީހުންނަށް ފަރުވާ ދޭނެ މުވައްޒަފުންނެއް ނެތެވެ. ބޭހެއް، ވަސީލަތެއް ވެސް ނެތެވެ.

ކޮމިޓީން އެކުލަވާލި ރިޕޯޓުން ފެންނަން ހުރީ މުޅިން ވެސް މައްސަލަތަކެވެ. އެންޑީއޭގެ ބޮޑެތި އިހުމާލުތަކެވެ.

މީހުން ބައިތިއްބަން އެކަށީގެން ނުވާ މަރުކަޒުތަކެއް

ހުޅުމާލޭގައި ގާއިމުކޮށްފައި ހުންނަ ހާފްވޭ ހައުސްއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް އެންމެ މުހިންމު ތަނެވެ. މަރުކަޒުތަކުން ފަރުވާ ލިބުމަށް ފަހު، ހާފްވޭ ހައުސްގައި ވޮކޭޝަނަލް ތަމްރީނުތައް ފުރިހަމަކޮށް، ހީނަރުވެފައިވާ އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި ރަހުމަތްތެރިން ހޯދުމާއި ވަޒީފާ ހޯދުމަށް ބާރު އަޅަ އެވެ. 

ނަމަވެސް މިހާރު އެއީ ބޭނުންކުރެވޭ ހާލަތުގައި ހުރި ތަނެއް ނޫނެވެ. އިމާރާތް ތެރެއަށް ފެން ފައިބާ މައްސަލަ ބޮޑުވެ، އެންމެ ފަހުން ތަން ހުސްކުރަން ޖެހުނެވެ. އަދި އެއީ މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަން އެޗްއާރްސީއެމް އިން އެންގި އެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ބޮކިތައް އަނދައިގެން ވެސް އެންޑީއޭގައި އެދިގެން ބޮތްކެއް ލިބެން ދެ މަސް ދުވަސް ނަގަ އެވެ. ސެންޓަރުތަކުގައި މަސައްކަތް ކުރާ ކައުންސިލަރުން ބޭނުންކުރާ މީޓިން ރޫމް އެހެން ކަންކަމަށް ބޭނުން ކުރަންޖެހުމުން، ސިއްރު މައުލޫމާތު ހިމެނޭ ފައިލްތައް ގެއްލުން ފަދަ، ސީރިއަސް މައްސަލަތައް ދަނީ ދިމާވަމުންނެވެ. 

އެ ސެންޓަރުތަކަށް ފަރުވާ ހޯދަން ވަންނަ މީހުން ބޯހަމަޖައްސާލައި، މުނިފޫހިފިލުވާލުމުގެ ކަމެއް ކުރާނެ ފަދަ ވަސީލަތްތަކެއް ވެސް ނުހުރެ އެވެ. ކުޅިވަރެއް ކުޅެލާނެ ފުރުސަތު ވެސް އެތަނުގައި ބަންދުވެފައި ތިބޭ މީހުންނަކަށް ނުލިބެ އެވެ. ނަތީޖާއަކަށް ވެގެން ދަނީ ފަރުވާ ފުރިހަމަ ނުކޮށް ގިނަ ބަޔަކު މަރުކަޒުތައް ދޫކޮށްލުމެވެ. 

ގިނަ މަރުކަޒުތައް ހުންނަނީ ވެސް ފަސޭހައިން ވަދެ ނުކުމެ އުޅެވޭ ގޮތަކަށެވެ. އެހެންކަމުން ފަރުވާ ފުރިހަމަކުރަން ބޭނުންވާ މުއްދަތު ހަމަވަންދެން ވެސް އެ ތަންތަނުގައި މީހުންނެއް ނުތިބެ އެވެ. އަދި ސެންޓަރުތައް ހުންނަ ގޮތުން، ފަރުވާގެ އެންމެ ފަހުކޮޅުގައި އުޅޭ މީހުންނާއި ވިތުޑްރޯވަލްގައި ތިބޭ މީހުން ވެސް އެކީގައި ތިބެން ޖެހޭތީ ވިތުޑްރޯވަލްގައި އުޅޭ މީހުންނަށް އެކަން ވަނީ އިތުރު ވޭނަކަށެވެ. އެހެންކަމުން އެ ސްޓޭޖުގައި ތިބޭ މީހުން ވެސް މުޅިން ފަރުވާ ފުރިހަމަނުކޮށް ސެންޓަރުތަކުން ނުކުމެ އެވެ. 

މަރުކަޒުތަކަށް ބޭހެއް، ބަޖެޓެއް ނުލިބޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަ ހަތް މަރުކަޒު ރާއްޖޭގައި ހުރި އިރު، އެ ތަންތަނަށް ފަރުވާ ހޯދަން ދާ މީހުންނަށް ޕްރޮގްރާމްތައް ހިންގާނެ ބަޖެޓެއް އެންޑީއޭ އިން ފޯރުކޮށްނުދޭކަން ކޮމިޓީ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. 

މަރުކަޒުތަކުގައި ފަރުވާގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވެނީ ބަޖެޓު ނެތިގެން ކަމަށް އެންޑީއޭ އިން ބުނި ނަމަވެސް، ކޮމިޓީން އެކަމާ އެއްބަހެއް ނުވެ އެވެ. ކޮމިޓީ ރިޕޯޓުގައި ބުނީ ފާއިތުވި ފަސް އަހަރު ވެސް އެންޑީއޭއަށް އެކަށީގެންވާ ބަޖެޓު ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ އަހަރަކު ވަކިވަކި ސެންޓަރުތަކަށް ކަނޑައަޅާ ޖުމްލަ ބަޖެޓުގެ ތަފްސީލް އެންޑީއޭގެ ފަރާތުން އެ ސެންޓަރުތަކަށް ނާންގާތީ، އެ ސެންޓަރުތަކުގެ މަސައްކަތްތަކާއި ފަރުވާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހުރަސްތަކާ ކުރިމަތިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ. އެހެންކަމުން، އެންޑީއޭގެ ފާއިތުވި ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް ހަދަން އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދެން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެންޑީއޭގެ ބަޖެޓާއި ހަރަދު 2016 - 2020
  • ސެންޓަރުތަކުން އަހަރެއްގެ މައްޗަށް ހިންގަން ރާވާ ޕްރޮގްރާމްތަކުގެ ތެރެއިން ބަޖެޓު ލިބެނީ އެންމެ ޕްރޮގްރާމަކަށް 

  •  ކޮންމެ ސެންޓަރަކަށް ޕެޓީ ކޭޝްގެ ގޮތުގައި ލިބެނީ 1000ރ. 

  • ޕެޓީ ކޭޝް ހުސްވުމުން އިތުރަށް ލިބުން ވަރަށް ދަތި

އެންޑީއޭގެ އިހުމާލު އެންމެ ބޮޑަށް ފެންނަން އޮތީ، މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ގަވައިދުން ފޯރުކޮށްދެމުން ނުދާ މައްސަލައިގަ އެވެ. 

މަރުކަޒުތަކުން ބޭސް ހުސްވެ، ތިން-ހަތަރު މަސް ވާއިރު ވެސް ބޭސް ނުލިބޭ ކަމަށް ހުރިހާ މަރުކަޒަކުން ވެސް ވަނީ ބުނެފަ އެވެ. އެންޑީއޭ އިން ބޭސް ނުފޮނުވާތީ ފަރުވާއަށް ވަރަށް ބޮޑަށް ހުރަސްއެޅޭކަން އެ ތަންތަނުން ފާހަގަކުރި އެވެ. އެންޑީއޭ އިން ބޭސް ފޯރުކޮށްނުދޭތީ، ބައެއް ސެންޓަރުތަކުގެ މުވައްޒަފުން އަމިއްލައަށް ބޭސް ގަންނަކަން ވެސް ރިޕޯޓުން ހާމަވި އެވެ. 

ފުވައްމުލަކުގައި ހުންނަ މަރުކަޒަށް އެންމެ ފަހުން ބޭހުގެ ސްޓޮކެއް ލިބުނީ ޖެނުއަރީ 2020 ގައި ކަމަށާއި ބޭހަށް އެދިގެން އަދިވެސް ބޭސް ލިބިފައި ނުވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ. 

މުވައްޒަފުން ހަމައަށް ތިބި އެންމެ ސެންޓަރެއް ވެސް ނެތް 

ފަރުވާ ދިނުމަށާއި ސެންޓަރުތަކުގެ އިދާރީ ކަންކަމަށް ވެސް އެކަށީގެންވާ ވަރަށް މުވައްޒަފުން ނުލިބުމަކީ މަރުކަޒުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މުވައްޒަފުން ނެގެން ނެތް ކަމަށް ބުނެ އެންޑީއޭ އިން ދައްކަނީ ބަޖެޓުގެ ތާށިކަމުގެ ވާހަކަ އެވެ. 

މަސްތުވާތަކެތީގެ ފަރުވާ ދޭ މަރުކަޒުތަކުގައި ހިދުމަތް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކައުންސެލަރުން ކަމަށް ވާއިރު، އެންޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުގައި، ކޮންމެ ކައުންސެލަރަކަށް 19 ކްލަޔަންޓުން ތިބެން ޖެހޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އަދަދެއް ކަމަށްވާތީ، ކައުންސެލަރުންގެ މަސައްކަތް ވަރަށް ބުރަ ކަމަށް ކޮމިޓީން ފާހަގަކުރި އެވެ. 

މުވައްޒަފުން ހަރުދަނާކުރަން ތަމްރީނު ޕްރޮގްރާމުތައް ހިންގަމުން ނުދާއިރު، ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ނުހިންގާތީ، މަރުކަޒުގައި ގިނައީ ބޭސިކް ކޯހެއް ފުރިހަމަކޮށްގެން ތިބި މީހުންނެވެ. ހަމައެއާއެކު، ކައުންސެލަރުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ވަޒީފާއިން ވަކިވާ މުވައްޒަފުން ގިނަވެ، ޕްރައިވެޓް ސެކްޓާއަށް ބަދަލުވާ މީހުން އަންނަނީ އިތުރުވަމުންނެވެ.

ތިނަދޫ ސެންޓަރު

 ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރަކީ ވަކި ހާއްސަ ފަރުވާއެއް ބޭނުންވާ މީހުން ބައިތިއްބާ ތަނެއް ނަމަވެސް، އެ ފަރުވާ ފޯރުކޮށްދޭނެ ގާބިލު މުވައްޒަފުންނެއް އެ ސެންޓަރަކު ނެތެވެ. އެހެންކަމުން އެ ސެންޓަރުން އެކަށީގެންވާ ހިދުމަތެއް ފޯރުކޮށެއް ނުދެވެ އެވެ. 

އެންޑީއޭ އިން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ސެންޓަރުގައި ހުރި ޑޮކްޓަރު، ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ތިނަދޫ ސެންޓަރަށް ޑޮކްޓަރަކު ހަމަޖައްސާފައެއް ނުވެ އެވެ. އެހެންކަމުން އެ ސެންޓަރުން ޑީޓޮކްސް ފަރުވާ ހޯދަން މީހުން ޖެހިލުންވާކަން ވަނީ ފާހަގަވެފަ އެވެ. އެ ސެންޓަރުގައި މިވަގުތު ހުރީ ވެސް އެންމެ ކައުންސެލަރެކެވެ. 

އިދާރީ މަސައްކަތް ކުރުމަށް އެ ތަނުގައި 16 މުވައްޒަފުން ތިބެންޖެހެ އެވެ. ނަމަވެސް މިވަގުތު ތިބީ އެންމެ ހަ މުވައްޒަފުންނެވެ. 

އެ ތަނުގައި ފަރުވާ ހޯދަން އެއްފަހަރާ ނެގެނީ 12 މީހުން ކަމަށް ވާއިރު، އެމީހުންގެ ކަންކަން ބަލަހައްޓާނެ މުވައްޒަފުން ނެތުމުން އެކަން ކުރަމުން އަންނަނީ ވެސް އިދާރީ މުވައްޒަފުންނެވެ. 

މުވައްޒަފުން ނެތުމުމުގެ ސަބަބުން، ފަރުވާ ލިބިގެން ރަނގަޅުވާ މީހުންގެ ފޮލޯއަޕް ހެދޭނެ ގޮތެއް ވެސް ނެތެވެ. 

ފުވައްމުލަކު ސެންޓަރު 

ފުވައްމުލަކު ސެންޓަރުގައި ދެނީ މައިގަނޑު ތިން ފަރުވާއެކެވެ. އެއީ:

  • 1-

    ޑްރަގް ކޯޓުން ކޮމިއުނިޓީ ފަރުވާއަށް ހުކުމްކުރާ މީހުންނަށް ދޭ ފަރުވާ (3-6 މަހުގެ ފަރުވާ)

  • 2-

    ޑިޓޮކްސިފިކޭޝަން ޕްރޮގްރާމް (14 - 21 ދުވަސް)

  • 3-

    އާފްޓަ ކެއާ ޕްރޮގްރާމް 

ސެންޓަރުގައި މުވައްޒަފުން މަދު އިރު އާއިލީ ސަބަބުތައް ނުވަތަ ސިޔާސީ ފިކުރުގެ ސަބަބުން އެންޑީއޭ އިން ތަފާތުކުރުން ގެންގުޅޭ ކަމަށް އެމީހުން ބުނެ އެވެ.  އެ ސެންޓަރުން ޕްރޮގްރާމް ނިންމާ މީހުންނަށް ވަޒީފާ ހަމަޖައްސައިދެވެނީ އެންޑީއޭ މެދުވެރިވެގެން ކަމަށް ވާއިރު، ވަޒީފާ ނުލިބި ގިނަ ދުވަސްތަކެއް ތިބެންޖެހުމުން 'ރިލެޕްސް'ވެ އަލުން ފަރުވާ ދޭން ޖެހޭ މީހުން  ވެސް ދަނީ ގިނަވަމުންނެވެ. 

ފުވައްމުލަކު ސެންޓަރުގެ އިމާރާތުގެ މަރާމާތަށް ބަޖެޓު ހަމަޖެހިފައި ވީ ނަމަވެސް އެންޑީއޭ އިން އޮތީ މަރާމާތްކުރުން ހުއްޓުވައިފަ އެވެ. އަދި ސެންޓަރުގައި ހުރި ދަތިތަކުގެ ވާހަކަ އެންޑީއޭގެ އިސްވެރިންނަށް ދެންނެވުމުން، އެއީ "އުނދަގޫ ބޮޑު" ޝަކުވާ ގިނަ ބަޔަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

ހިތަދޫ ސެންޓަރު

 އައްޑޫ ހިތަދޫ ސެންޓަރުގައި ވެސް ދެނީ މައިގަނޑު ތިން ފަރުވާއެކެވެ. އެއީ:

  • 1-

    ޑިޓޮކްސިފިކޭޝަން ޕްރޮގްރާމް 

  • 2-

    ކޮމިއުނިޓީ ރީހެބިލިޓޭޝަން 

  • 3-

    މެތަޑޯން މެއިންޓެނެންސް ޕްރޮގްރާމް 

ހިތަދޫ ސެންޓަރުގައި މެތަޑޯން ޕްރޮގްރާމް ފެށީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް ޕްރޮގްރާމް ހިންގާނެ އިންފްރާސްޓްރަކްޗެއް އަދި އިންސާނީ ވަސީލަތެއް އެތަނުގައި ނެތެވެ. މެތަޑޯން އަކީ ވަކި ގޮތަކަށް ރައްކާކުރަންޖެހޭ އެއްޗަކަށް ވާއިރު، މެތަޑޯން ރައްކާކުރާނެ ގޮތެއް އެތަނުގައި ހަމަޖެހިފައެއް ނެތެވެ. 

ޕެޓިޝަން ކޮމިޓީގެ ރިޕޯޓުން އެނގުނު ގޮތުގައި 2015 އިން ފެށިގެން އެ ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަނީ އެންމެ ކައުންސެލަރެކެވެ. އައްޑޫ ފަދަ އާބާދީ ބޮޑު އަދި ޑްރަގްގެ މައްސަލަ ބޮޑު ތަނަކަށް އެކަށީގެންވާ ހިދުމަތެއް އެ ސެންޓަރަކުން ނުދެވެ އެވެ. 

ފަރުވާ ދޭން ގިނަ ބަޔަކު އެއްފަހަރާ ނުނެގޭތީ، ގިނަ ބަޔަކު ބައިތިއްބަން ޖެހެނީ ވެއިޓިން ލިސްޓުގަ އެވެ. 

  • މިހާރު ވެސް ކޮމިއުނިޓީ ވެއިޓިން ލިސްޓުގައި 24 މީހުން އެބަތިބި 

  • ޑިޓޮކްސް ވެއިޓިން ލިސްޓުގައި 10 މީހުން  އެބަތިބި 

  • މެތަޑޯން ވެއިޓިން ލިސްޓުގައި އަށް މީހުން އެބަތިބި 

ފަރުވާގެ ޕްރޮގްރާމް ހިންގަނީ އެންމެ އެކަށީގެންވާ ގޮތަކަށް ކަމުގައި ނުވާތީ، ތަކުރާރުކޮށް އެއް ބަޔަކަށް ފަރުވާ ދޭން ޖެހޭކަން އެ ސެންޓަރުގެ މުވައްޒަފުން ވަނީ ފާހަގަކޮށްފަ އެވެ. 

އެ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި މައްސަލައެއް ވެސް އޮތީ ފެންމަތިވެފަ އެވެ. ނަމަވެސް  އެ މައްސަލައިގައި އޭނާއަށް އެޅި ހަމައެކަނި ފިޔަވަޅަކީ ސަސްޕެންޑުކުރުމެވެ. މިވަގުތު ވެސް އެ މުވައްޒަފު ހުރީ ސެންޓަރުގެ ވަޒީފާގައިކަން ކޮމިޓީ ރިޕޯޓުގައި ފާހަގަކުރި އެވެ. 

ހިންމަފުށީ ސެންޓަރު 

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ  ޖާގައަކީ 172 މީހުންނެވެ. ނަމަވެސް އެވަރަށް އެއްފަހަރާ ހިދުމަތް ދޭން ޖެހިއްޖަ ނަމަ، ހިދުމަތް  ދޭން ތިބީ އެންމެ އަށް ކައުންސެލަރުންނެވެ. އެ ސެންޓަރުން ބުނީ، ރިޓަޔާކުރާ މުވައްޒަފުންގެ ބަދަލުގައި އާ މުވައްޒަފުން ނުލިބޭ  ކަމަށާއި މުވައްޒަފުން މަދުވުމުގެ ވާހަކަ އެތައް ފަހަރަކު ދެއްކި ނަމަވެސް ހައްލެއް ނުލިބޭ ކަމަށެވެ. 

ހިންމަފުށީގައި ހުންނަ ޑްރަގް ފަރުވާދޭ މަރުކަޒު (ފޮޓޯ/ ޕީއެސްއެމް)

އެ ސެންޓަރު ހުންނަނީ އައްސޭރި ޖަލާ ޖެހިގެން ކަމަށްވާތީ، ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. ވިއްސަކަށް އަހަރުވީ އެ އިމާރާތުގެ އެކޮމޮޑޭޝަން ބްލޮކްތައް ބޭނުންނުކުރެވި، ސީލިންގް ބޮލަށް ވެއްޓެން ކައިރިވެފައިވާއިރު، އިމާރާތުގެ މަރާމާތުގެ މަސައްކަތް ބަޖެޓުގައި ޖަހާތާ ހަތަރު އަހަރު ވީ އެވެ. ނަމަވެސް މަރާމާތުގެ މަސައްކަތް އަދިވެސް ކުރިއަކަށް ނުދެ އެވެ. 

އެ ސެންޓަރުގައި ކައުންސެލިން ދޭން ހުރީ އެންމެ ތިން ކޮޓަރި އެވެ. އެހެންކަމުން އަށް ކައުންސެލަރުންނަށް އެއްފަހަރާ ސެޝަން ނަގައި ނުދެވި، އެދެވޭ ގޮތުގައި ފަރުވާގެ ކަންކަން ކުރިއަކަށް ނުގެންދެވެ އެވެ. އަދި "ފައިސާގެ ދަތިކަމުގެ ސަބަބުން" ޑިޓޮކްސް ޔުނިޓުގެ މަސައްކަތް ވެސް އޮތީ ހުއްޓިފަ އެވެ. 

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު

 ކ. ގުޅިފަޅުގައި އެ ސެންޓަރު ގާއިމުކޮށް ފަރުވާ ފެށީ މިދިޔަ ފެބުރުއަރީ މަހު އެވެ. 

އެ ތަނުގައި ތިބެނީ، މަސްތުވާތަކެތި ބޭނުންކޮށް، ޕެޑުލްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނެވެ. ހަމައެކަނި 18 އަހަރުން މަތީގެ ފިރިހެނުންނަށް ފަރުވާ ދޭން ގާއިމުކުރި އެ ތަނުގެ ޖާގައަކީ 100 މީހުންނެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް 240 އެއްހާ މީހުން ތިބި އިރު، އެއްވެސް މީހެއްގެ ކޯޓު މަރުހަލާ ނިމިފައެއް ނުވެ އެވެ. 

އެ ތަނުގައި ބައިތިއްބާ މީހުންނަށް ބޭނުންވާ އަސާސީ އެއްޗެހި ވެސް އެންޑީއޭ އިން ފޯރުކޮށްނުދޭތީ، ސާފުތާހިރުވާން ބޭނުންވާ އެއްޗެއްސާއި އަންނައުނު ފަދަ އެއްޗެހި ވެސް ހޯދަނީ އެ ތަނުގައި ތިބި މުވައްޒަފުންގެ ޖީބުން ހަރަދުކޮށްގެންނެވެ. މުވައްޒަފުން މަސައްކަތް ކުރާނެ ގޮނޑި އާއި މޭޒު ވެސް އެ ތަނުގައި އަދިވެސް ނެތެވެ. 

ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުރި ސެންޓަރު ޖެންޑާ މިނިސްޓްރީން އެދިގެން ހުރީ ބަންދުކޮށްފަ އެވެ. އެހެންކަމުން ފަރުވާ ދިނުމަށް އެތަނަށް މީހުން ނެގުން ވަނީ މަޑުޖައްސާލައިފަ އެވެ. ނަމަވެސް ބަންދުކުރި އިރު އެތަނުގައި ވެސް އެހެން ސެންޓަރުތަކުގައި ހުރި މައްސަލަތައް ފުނިޖެހިފައި ހުރިކަން ކޮމިޓީން ފާހަގަކުރި އެވެ. 

މައްސަލަތައް ހައްލުކުރަން ގިނަ ހުށަހެޅުންތަކެއް

އެންޑީއޭގެ ޕެޓިޝަނާ ގުޅިގެން، ސެންޓަރުތަކުގެ ހާލަތު ބެލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ވަނީ ވަރަށް ގިނަ ހުށަހެޅުންތަކެއް ފާސްކޮށްފަ އެވެ.

  • ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒު/ހޮސްޕިޓަލުގައި މެތަޑޯން ފަރުވާ އާއި ޑީޓޮކްސް ފަރުވާ ދެވޭނެ ގޮތް ހެދުން 

  • ފަރުވާދޭ މަރުކަޒުތައް ލާމަރުކަޒުކުރުން 

  • ފަރުވާ ފުރިހަމަކޮށްގެން ނުކުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން 

  •  އެންޑީއޭގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް ހެދުން 

  • މަސްތުވާތަކެއްޗާ ގުޅޭ މާސްޓާ ޕޮލިސީއެއް ހެދުން 

  • މަރުކަޒުތަކަށް ކަނޑައަޅާ ބަޖެޓު ހަވާލުކުރުން 

  • މަރުކަޒުތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން ހަމަޖައްސަން ބަޖެޓު ކަނޑައެޅުން 

  • އެންޑީއޭއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަން ބަޖެޓު ކަނޑައެޅުން 

  • ކޮންމެ ސެންޓަރެއް ހިންގަން ސުޕްރިންޓެންޑެންޓެއް ހަމަޖެއްސުން 

  • ދާއިރާއިން މީހުން ބިނާކުރުމަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް