ސަލާހުއްދީން ސްކޫލް (ފޮޓޯ/ޕީއެސްއެމް)
އެއް ކްލާހެއްގައި ބުލީ ކުރުމުގެ ޝިކާރައަކަށް ވެފައިވާ އެތައް ކުދިންނެއް
އިއްޔެ ސޯޝަލް މީޑިއާ ހިލުވައިލީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ކުޑަކުޑަ ކުއްޖަކަށް ގަނާ ކޮށް، އޭނާއަށް ދީފައިވާ އަނިޔާތަކުގެ ވާހަކަ ހާމަ ކޮށްފައިވާ ފޭސްބުކް ޕޯސްޓަކުންނެވެ.
ގްރޭޑް 1ގައި ތައުލީމު ހާސިލްކުރާ ދަރިވަރުގެ ބޮޑުދައިތަ ލިޔެފައިވާ އެ ޕޯސްޓުގައި ވާގޮތުން އެ ކުއްޖާ އިއްޔެ ސްކޫލުން ގެއަށް އައި އިރު ހުރީ ކުއްޖާގެ ބޯކޮށާލައި ކުއްޖާ ލައިގެން ހުރި ސޯޓުގެ ކުރިމަތިން ވާގޮތަށް އެތައް ތަނަކުން ކަފާލާފަ އެވެ. ބުލީ ކުރުމުގެ އިންތިހާ އެވެ.
"ތޫނު އެއްޗަކުން ކުއްޖާއަށް މިވަރު ކުރާ އިރު ކުއްޖާއަށް ކުރާނެ އަސަރު ހިތަށް ގެންނަވާ. ބިރުގަންނާނެ ވަރު ހިތަށް ގެންނަވާ،" ޕޯސްޓުގައި ވެ އެވެ.
އެ ޕޯސްޓަށް ސޯޝަލް މީޑިއާގައި ލިބެމުންދާ ސަމާލުކަމާ އެކު، އެތައް ދުވަހެއް ވަންދެން އަޅާނުލެވި އޮތް ބޮޑު މައްސަލައެއް އަނެއްކާވެސް މިވަނީ މުޅި ގައުމަށް ތިލަވެފަ އެވެ.
'މިއީ އިހުމާލުގެ ނަތީޖާ'
މިފަދަ ކަންކަމަކީ ކުއްލިއަކަށް ވާ ކަންކަމެއް ނޫނެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި "މިއަދު މި ލެވެލްއަށް ބުލީ ކުރުން މި ދިޔައީ މީގެ އެތައް ދުވަހެއް ކުރިން ފެށިގެން މިކަން ތަކުރާރު ކޮށް ކުރަމުން ދިޔައިރު ވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު ނޭޅީމަ" އެވެ.
ސަލާހުއްދީން ސްކޫލަށް ދާން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުއްޖާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. ކުއްޖާ ސްކޫލަށް ނުދާން ގަދަހަދައި ސްކޫލަށް ދާންވާ ގަޑިއަށް ބަނޑަށް ތަދުވެ ހޮޑުލަވަ އެވެ. ގަދަކަމުން ސްކޫލަށް ގެންދާ ކޮންމެ ދުވަހަކު ސްކޫލް ގަޑި ނިމުމުން ބަލާ ދާއިރު ހުންނަނީ ގަޔަށް ބޮޑުކަމުދެވިފަ އެވެ.
ކުއްޖާ، ބުލީ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކަން އާއިލާއަށް އެނގުނީ ކްލާހުގެ އެހެން ކުއްޖެއްގެ ފަރާތުންނެވެ. އޭރު ސްކޫލުން އަންނަ އިރު ކުއްޖާގެ ތަކެއްޗަށް ގެއްލުން ދީފައި ހުންނަކަން ވެސް އާއިލާއަށް ފާހަގަވާން ފަށައިފި އެވެ.
އެ ހިސާބުން ކުއްޖާގެ މަންމަ ކްލާސް ޓީޗަރާ ބައްދަލުކޮށް އެކަން ޓީޗަރުގެ ސަމާލުކަމަށް ގެނަ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބި ކަންތައްތައް ގޯސްވަމުން ދާތީ، ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސްގެ ސަމާލުކަމަށް ވެސް އެކަން ގެނަ އެވެ. އެވަރުން ވެސް ތަފާތެއް ނުފެނުނެވެ.
ކްލާހުގެ އެހެން ބައެއް ކުދިންގެ ފަރާތުން ތަކުރާރުކޮށް ބުލީ ކުރުމުގެ ކަންކަން ދިމާވަމުން ގޮސް ކުއްޖާގެ ނަފްސާނީ ހާލަތު ގޯސްވެ، އުމުރުން އެހާ ޅައިރު ނަފްސާނީ ބޭސް ވެސް ކާންދޭން ފަށަން ޖެހުނެވެ. އެ ކުއްޖާގެ މަންމަ 'ދައުރު'އަށް ބުނި ގޮތުގައި، އެ ކުއްޖާގެ ހާލަތު އެހާ ގޯސްވެ ނަފްސާނީ ފަރުވާ ހޯދަން ޖެހޭ ހިސާބަށް ދިޔައީ އޭނާގެ އަޑު ސްކޫލުގެ އެއްވެސް ފަރާތަކުން ނޭހުމުގެ ސަބަބުންނެވެ.
އިންސާފު ލިބެން ޖެހޭ އެތައް ކުދިންނެއް
ގަނާ ކުރުމުގެ ޝިކާރައަކަށްވީ ކުއްޖާގެ މަންމަ 'ދައުރު'އަށް ކިޔައިދިން ގޮތުގައި، އޭނާގެ ދަރިފުޅަކީ އެ ކްލާހުގެ ތެރެއިން އެކަން ތަހައްމަލު ކުރަންޖެހުނު ހަމައެކަނި ކުއްޖާއެއް ނޫނެވެ.
"އަޅުގަނޑު އެކަންޏެއް ނޫން އިނގޭތޯ ހަމަ [ކްލާހުގެ ނަން އުނިކުރެވިފައި]ގެ ވަރަށް ގިނަ ބެލެނިވެރިން އެބަތިބި [އެމީހުންގެ ދަރިންނަށް ވެސް] މިކަހަލަ ކަންކަން ކުރިމަތިވެފައި،" އޭނާ ބުންޏެވެ.
އެފަދަ އެކި ވާހަކަތައް އެ ކްލާހުގެ އެހެން ބެލެނިވެރިން އޭނާއަށް ކިޔައިދީފައި ވެސް ވެ އެވެ.
"އެއް ޕޭރެންޓަކު އެބަހުރި ބުނެފަ ޓީޗަރު ޝަކުވާ ކުރުމުގެ ސަބަބުން މިހާރު [އޭނާގެ ދަރިފުޅު] އަމިއްލައަށް އެބަ ގަބޫލުކުރެއޭ އެ ކުއްޖާ އަކީ އެންމެ ބަސްނާހާ ކުއްޖާގެ ގޮތުގައި. އެ ކުއްޖާ މިހާރު ވަރަށް ބޮޑަށް ސަކަރާތްވެފައި ހުރި ވާހަކަ އެ ކުއްޖާގެ ޕޭރެންޓު ރޮއެފަ އަޅުގަނޑާ ހިއްސާ ކުރި،" އޭނާ ކިޔައިދިނެވެ.
"އެހެންވެ އަސްލު އެ ޕޭރެންޓްސް އަޅުގަނޑާ މިކަންތައް ހިއްސާ ކޮށްލީމައި އަޅުގަނޑު ފެމިލީގެ ފަރާތުން ބޭނުންވީ ހަމަ އަޅުގަނޑުގެ ދަރިފުޅެކޭ އެއްފަދައިން ހަމަ އެ ތުއްތު ކުދިންނަށް ވެސް އިންސާފު ހޯދައިދޭން."
އެ ކްލާހުގެ އެހެން ބެލެނިވެރިއެއް ވެސް 'ދައުރު'އާ ވާހަކަ ދެއްކި އެވެ. އޭނާގެ ދަރިފުޅަށް ވެސް ވަނީ އެކި ފަހަރުމަތިން ބުލީ ކުރުމާ ކުރިމަތިލާން ޖެހިފަ އެވެ. އެފަދަ ކަންކަން ދިމާވާތީ އޭނާ ދަރިފުޅު ސްކޫލަށް ފޮނުވަން ބޭނުންނުވާ ކަމަށް ވެސް ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ޓީޗަރު ކުދިންނަށް މާބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވެ އެވެ. އަދި ޓީޗަރަށް އެއްވެސް ވަރަކަށް ކްލާސް ކޮންޓްރޯލް ނުކުރެވޭ ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ.
ސްކޫލުގައި އޮތް އިތުރު ހަރަކާތެއްގައި ބެލެނިވެރިން ވެސް ތިއްބައި އޭނާގެ ދަރިފުޅުގެ ބަނޑުގައި ކުއްޖަކު ވަރަށް ބާރަށް ގޮށްމުއްކަވާފައި ޖެހުމުން ވެސް، އެތަނުގައި ތިބި އެއްވެސް ޓީޗަރު އެކަމާ އަޅާނުލާ މަންޒަރު އޭނާއަށް ފެނިފައިވާ ކަމަށް ވެސް ބެލެނިވެރިޔާ ކިޔައިދިނެވެ.
"އެކަހަލަ ކަންކަން ކިހާ ގިނައިން ވާނެ އަދި އަހަރެމެން ނުހުންނަ ތަންތަނުގައި؟" އޭނާ ސުވާލު އުފެއްދި އެވެ.
އެންމެ އިސްވާން ޖެހޭނީ ކުއްޖާގެ މަސްލަހަތު
ކޮންމެ ކްލާހެއްގައި ވެސް އެކި މިޒާޖުގެ ކުދިން ތިބޭނެ ކަމާއި އެ އުމުރުގައި އެކަކު އަނެކަކާ ތޮޅި، އުނދަގޫކޮށް ހަދާނެ ކަން ބެލެނިވެރިން ވެސް ގަބޫލުކުރެ އެވެ. ކިތަންމެ ބޮޑަކަށް ކިޔައިދީފައި ފޮނުވިޔަސް، އެ އުމުރުގައި އެކަހަލަ ކަންކަން ހިނގައިފާނެ އެވެ.
އެކަމަކު، ކުދިންނަށް ރީތި ސިފަތައް ދަސްކޮށްދިނުމާއި، އެހެން ކުއްޖަކަށް ގެއްލުން ލިބޭ ކަމެއް ކުރާއިރު އެކަން ހުއްޓުވުމުގެ ޒިންމާ އޮންނާނީ ޓީޗަރުންނަށެވެ.
ބުލީ ކުރުމުގެ ޝިކާރައަކަށްވާ ކުދިންގެ ވާހަކަތަކަކީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ނުދެކި، އެކަމާ އަޅާނުލާ ދޫކޮށްލުމަކީ އެހީތެރިކަން ބޭނުންވާ ކުއްޖަކަށް ދެވޭނެ އެންމެ ބޮޑު އެއް އަނިޔާ އެވެ. އެ ކްލާހުގެ ބެލެނިވެރިން ސްކޫލާ ދޭތެރޭ އެންމެ ބޮޑަށް ހިތްހަމަނުޖެހިފައި ތިބީ ވެސް އެކަމުގެ ސަބަބުންނެވެ.
"ކުދިން ޝަކުވާ ކުރީމަ އެ ކުދިން ޝަކުވާ ކުރާ ވާހަކަ ޕޭރެންޓް ކައިރީގައި [އެބަ] ބުނޭ، ކުދިންނަކީ ބަސްނާހާ ކުދިން ކަމަށް އެ ކުދިންނަށް އިހުސާސްވާ ގޮތަށް،" ބުލީ ކުރުމުގެ ޝިކާރައަކަށްވި ކުއްޖާގެ މަންމަ ބުންޏެވެ.
އެފަދަ މައްސަލަތައް ބޮޑުވެގެން ސްކޫލުގެ ޕްރިންސިޕަލްއާ ހަމައަށް އެކަން ގެންދިޔުމުން ޕްރިންސިޕަލްގެ ވާހަކަތައް ހުރި ގޮތުން އޭނާ އަދި އިތުރަށް ހިތްދަތިވި އެވެ.
"އަޅުގަނޑުގެ ދަރިފުޅަށް، މި ކުޑަކުޑަ ކުއްޖާއަށް އިންސާފު ހޯދުމުގެ ބަދަލުގައި، ޕްރިންސިޕަލް ވާހަކަ ދެއްކީ ޓީޗަރު ދިފާއު ކުރެވޭ ކަހަލަ ގޮތަކަށް،" އޭނާ ބުންޏެވެ.
ޓީޗަރުގެ އިހުމާލު އެކަމުގައި އޮތް ކަމަށް ގިނަ ބަޔަކު ދެކޭއިރު، ސޯޝަލް މީޑިއާގައި މިހާރު ޓީޗަރުގެ ފޮޓޯއެއް ދަނީ ދައުރުވަމުންނެވެ. އެއާއެކު ބައެއް ބެލެނިވެރިން ވަނީ އެ ފޮޓޯ ލީކު ކޮށްލީ ކުއްޖާގެ މަންމަ ކަމަށް ތުހުމަތުކޮށް، މަންމަ ކުށްވެރިކުރަމުންނެވެ. ނަމަވެސް، ކުއްޖާގެ މަންމަ އެކަން ދޮގުކުރެ އެވެ.
"އަޅުގަނޑު ނުކުރާނަން އެފަދަ ނާތަހުޒީބު އަމަލެއް. އަޅުގަނޑު މިއުޅެނީ ބަދަލުހިފާކަށް ނޫން. އަޅުގަނޑު މިއުޅެނީ އަޅުގަނޑުގެ ދަރިފުޅުގެ ހައްގު ހޯދަން،" އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ސްކޫލުން އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެ ކްލާހުގެ އެހެން ބެލެނިވެރިއެއް ވެސް ވާހަކަ ދެއްކި އެވެ. އޭނާ ތުހުމަތު ކުރަނީ ސްކޫލުން އެކަން "މަތި އަޅައި އޮއްބާލަން" މަސައްކަތް ކުރި ކަމަށެވެ.
އަސްލު މައްސަލަ ހައްލު ކުރަން އުޅުމުގެ ބަދަލުގައި، ސްކޫލުގެ ވާހަކަތައް ހުރީ ބެލެނިވެރިންނާއި ދަރިވަރުން ކުށްވެރިކުރާ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
"އެމީހުން ނަގާ ޕޮއިންޓަކީ، ކްލާހުގެ ޕޭރަންޓުން ވައިބާ ގްރޫޕެއް ހަދައިގެން ވާހަކަ ދައްކަނީއޯ، އެއީއޯ މައްސަލައަކީ،" އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ޕްރިންސިޕަލް ނާސިހާގެ ބަހެއް ހޯދަން 'ދައުރު' އިން މަސައްކަތް ކުރި ނަމަވެސް، އޭނާ އެދިވަޑައިގެންނެވީ، އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދަން ބޭނުން ނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމަށެވެ.
ނަމަވެސް، މައްސަލަ ބަލަމުންދާ ކަން ފިޔަވައި އިތުރު މައުލޫމާތެއް މިވަގުތު މިނިސްޓްރީއަކުން ނުދެ އެވެ.
މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި އާއްމު ކުރެ އެވެ. ނަމަވެސް، މިކަމަށް ދޭންޖެހޭ ސަމާލުކަން ގިނަ ފަހަރަށް ދެވެނީ، މި ހާލަތުގައި ކަން ދިމާވި ގޮތަށް ގަނާ ކުރުން އޭގެ އިންތިހާއަށް ގޮސްގެންނެވެ. ހިތް ފަޅައިގެންދާ ފަދަ ކަމެއް ދިމާވެ، އެ ވާހަކަ ހުޅުފަޅައިގެން ދިޔުމުންނެވެ.
މިހާރު އެ މައްސަލަ އޮތީ ކަމާބެހޭ ހުރިހާ އިދާރާއެއްގެ ސަމާލުކަމަށް އައިސްފަ އެވެ. ކްލާހުގެ ބެލެނިވެރިން ބުނި ގޮތުގައި ކްލާސް ޓީޗަރު ވެސް މިހާރު ބަދަލުކޮށްފި އެވެ. ނަމަވެސް، ޓީޗަރާ ދޭތެރޭ އިތުރު ފިޔަވަޅެއް އެޅިކަމެއް ސާފެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ސޯޝަލް މިނިސްޓްރީން ވެސް ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާއިލާއާ އެކު ދަނީ މަސައްކަތް ކުރަމުންނެވެ. ކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާ ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާ ވަނީ ޑޮކްޓަރަށް ވެސް ދައްކާފަ އެވެ.
އެކަމަކު، އަމާޒަކަށް ވާން ޖެހޭނީ ގެއްލުން ލިބި، ވާނެ ވަރަކަށް އަނިޔާވެ، ކުއްޖަކު ނަފްސާނީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓުމުން ފަރުވާ ކުރުމެއް ނޫނެވެ. އަމާޒަކަށް ވާން ޖެހޭނީ އެންމެ ފުރަތަމައިނުން ވެސް ރައްކާތެރި، ހިމާޔަތް ލިބޭ މާހައުލެއް ކަށަވަރުކޮށްދިނުމެވެ. އެއީ ކޮންމެ ކުއްޖަކަށް ލިބެންޖެހޭ ހައްގެކެވެ.
ކޮމެންޓް (16)
ޓީޗަރު މީހާ
ގަސް
ފާތިމަ
ސަފޫ
މުޙައްމަދު
ރެއްކަބޭ
ދީބާ
ޖައިލަމް
ޢަލީބެ
ސްމޭޝް
ވޯލް
ޙޫމް
ރުޅި
ޙަސަންދި
މިސާލު
ޞައްދާމު