ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި އަތުލައިގަތް ޑްރަގުތަކެއް ނައްތާލުމުގެ މަސައްކަތް ކ. ދޫނިދޫގައި ކުރަނީ: ރާއްޖޭގައި ޑްރަގް ވިޔަފާރި ވަރަށް ބޮޑު (ފޮޓޯ/ރައީސް އޮފީސް)
ޑްރަގުގެ ބޮޑުން ދޫވުން: ނިޒާމީ ބޮޑު ރޭވުންގަނޑެއް ބާ؟
މިދިޔަ މަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، އިންޓެލިޖެންސްގެ އިތުރުން ކޯސްޓް ގާޑު ގުޅިގެން ކަނޑުމަތީގައި ހިންގި ބޮޑު ދެ އޮޕަރޭޝަނެއްގައި 315 ކިލޯގެ ޑްރަގު އަތުލައިގަނެ، ދެ މައްސަލައާ ގުޅުން ހުރި ޑްރަގް ޓްރެފިކިން ދެ ނެޓްވޯކެއްގެ 12 މީހަކު ހައްޔަރު ވެސް ކުރި އެވެ. މިއީ ފުލުހުންގެ އޮޕަރޭޝަނެއްގައި މިހާ ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެން ފުރަތަމަ ފަހަރެވެ.
އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނަކީ "އެކަށީގެންވާ" މިންވަރެއްގެ ހެކި ކަމަށް ބަލައި ފުލުހުން އެމީހުން ގޮވައިގެން ކޯޓަށް ދިޔައީ ބަންދުގެ މުއްދަތު އިތުރުކުރާށެވެ. ނަމަވެސް ތަހުގީގު މަރުހަލާގެ އެންމެ ކުރީކޮޅު، ކްރިމިނަލް ކޯޓުން ވަނީ ޑްރަގް ނެޓްވޯކުގެ ބޮޑުން ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ވަގުތުން ދޫކޮށްލައިފަ އެވެ. އެމީހުން ބަންދުގައި ބައިތިއްބައިގެން ފުލުހުންގެ ތަހުގީގު ކުރިއަށް ގެންގޮސް މައްސަލަ ވަރުގަދަކުރާނެ އިތުރު ހެކި ހޯދުމުގެ ފުރުސަތު ވެސް ނުދިނެވެ.
ބަންދުގައި ތިބި އަނެއް 10 މީހުން ގޮވައިގެން ކޯޓަށް ދިއުމުން އޭގެ ތެރެއިން އަނެއްކާވެސް ތިން މީހަކު ކޯޓުން ދޫކޮށްލި އެވެ. އެއީ ވެސް ނެޓްވޯކުގެ އިސް ތިން މީހުން ކަމަށް ފުލުހުން ބުނެ އެވެ. ހައްޔަރުކުރި 12 މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ހަތް މީހެކެވެ.
މިދިޔަ ސެޕްޓެމްބަރު ފަހުކޮޅު ވެސް ކްރިމިނަލް ކޯޓުން ވަނީ ޑްރަގް ބޮޑު ނެޓްވޯކެއްގެ ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފަ އެވެ. އެއީ މިދިޔަ އަހަރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އެންމެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނެވެ. އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ އަތުލައިގަތެވެ. އެ މަސްތުވާތަކެއްޗާއި ފައިސާއާ ގުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން އަށް މީހަކު ހައްޔަރުކޮށް، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެމީހުންގެ މައްޗަށް އުފުލި އެވެ. އެ ދައުވާ ސާބިތުވީ ދެ މީހުންގެ މައްޗަށެވެ. އެ ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށް ބުނާ މީހާ ހިމެނޭ ގޮތުން އަނެއް ހަ މީހުން ސަލާމަތްވި އެވެ.
މި ފަހުން ހައްޔަރުކުރި ޑްރަގް ނެޓްވޯކުތަކުގެ އިސް މީހުން ކޯޓުން ފަސޭހައިން ދޫވާ މައްސަލަ ބޮޑެވެ. ފުލުހުން ހުށަހަޅާ ހެއކިތައް ކޯޓުން ބަލައެއް ނުގަނެ އެވެ. ގިނަ މީހުންނަށް ހީވަނީ ފުލުހުން ގަސްތުގައި އެކަށީގެންވާ ހެކި ހުށަނާޅަނީ ކަމަށެވެ.
"ކީއްކުރަންތޯ އަޅުގަނޑުމެން ގަސްތުގައި އެގޮތަށް ހަދަންވީ؟" ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަނޑުމަތީގައި އެތައް ދުވަހެއް ވަންދެން ސިއްރު އޮޕަރޭޝަންތަކެއް ހިންގާފައި، އެތައް ބައިވަރު މަސްތުވާތަކެތި އަތުލާފައި، އެ އަތުލެވުނު މީހުންގެ ޝަރީއަތް ފެށުމުގެ ކުރިން ވަނަވަރު އާންމުކޮށްފައި، އަދި ޑްރަގް ހާމަކަން ބޮޑު ގޮތެއްގައި ނައްތާލާފައި، އެމީހުންގެ ތަހުގީގު މަރުހަލާގައި އަޅުގަނޑުމެން ގަސްތުގައި ގޯސް ހަދަންވީ ކީއްވެގެންތޯ؟ އެއަށް ވުރެ މާ ރަނގަޅު ނޫންތޯ އެއްވެސް ބަޔަކަށް ނޭނގޭ މަރުހަލާގައި، އޮޕަރޭޝަން ހިންގާ މަރުހަލާގައި ގޯސް ހަދާފައި މިކަން ނުވާ ކަމަކަށް ހެދިއްޔާ. އެއްވެސް މީހަކަށް ނޭނގޭނެ ނޫންތޯ؟"
އެ ވާހަކައަށް ބާރުދިނުމަށް ޝާކިރު ދެން ފާހަގަކުރެއްވީ، 2018 އިން ފެށިގެން މިހާތަނަށް ހިންގި ޑްރަގް ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ތަހުގީގު މަރުހަލާގައި އެއްވެސް މީހަކު ދޫވެފައި ނުވާނެ ކަމަށެވެ.
"ފައިދާ ހޯދަން މީހަކު ދޫކުރުމުގެ ފުރުސަތެއް ނެތް"
ޝާކިރު ވިދާޅުވީ މިފަދަ ބޮޑެތި އޮޕަރޭޝަންތަކަކީ ހަމައެކަނި އެންމެ މީހަކާ ހަވާލުކުރާ ކަންކަން ނޫން ކަމަށެވެ. އެ މައްސަލަތައް ތަހުގީގުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވެސް އެހީތެރިކަމާ އެކު، ޓީމަކުންނެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތް، އެ ތަހުގީގުގައި ނިންމާ ކޮންމެ ނިންމުމެއް ފެންނާނެ ގޮތަށް މުޅި ސިސްޓަމް ވެސް ބަދަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުމަކީ ހަމަ އެފަދަ އެއްވެސް ފުރުސަތެއް ނުދިނުން،" ޝާކިރު ވިދާޅުވި އެވެ.
ޑްރަގް އޮޕަރޭޝަންތަކުގައި ބައެއް ފަހަރު އިޖުރާއީ މައްސަލައެއް، ނުވަތަ ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް ޖެހުމަކީ ހިނގާ ކަންކަމެވެ. ނަމަވެސް ޝާކިރު ވިދާޅުވީ އެފަދަ މައްސަލައެއް އުޅޭ ނަމަ ކޯޓަށް ވެއްދުމުގެ ކުރިން ސިސްޓަމުން އެކަންކަން ފާހަގަވާނެ ކަމަށެވެ. އަދި އެ މައްސަލައެއް ދިމާވި ސަބަބާއި މައްސަލަ ދިމާވީ ކިހާ ހިސާބަކުން، ކާކުގެ ސަބަބުން ކަން ވެސް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކީ ވެސް އޭގަ ޒިންމާވާން ޖެހޭނެ މީހެއް. އެހެންވީމަ އަޅުގަނޑަކަށް ހިއެއް ނުވޭ އެވަރުގެ ރިސްކެއް ނަގާފައި، މިވަރުގެ ތަނެއްގައި މަސައްކަތް ކުރާ މީހަކު ކެރިއާ ކޮމްޕްރޮމައިޒްކޮށްފައި މީހަކަށް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި އެކަހަލަ ކަމެއް ކުރާނެ ކަމަކަށް،" ޝާކިރު ވިދާޅުވި އެވެ.
ތިން އަހަރު ތެރޭ 973 ކިލޯ ޑްރަގް
ޝާކިރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން 14 އޮޕަރޭޝަނެއްގައި ބޮޑެތި އަދަދުތަކުން ވަނީ ޑްރަގް ހޯދައިފަ އެވެ. އެ ތަކެތީގެ ބަރުދަން 973 ކިލޯއަށް އަރަ އެވެ. އެންމެ ގިނަ އަދަދަކަށް ޑްރަގް އަތުލީ 2020 ގަ އެވެ. އެއީ 372 ކިލޯ އެވެ.
ކޯޓުން ދައްކާ ސަބަބުތަކަކީ ކޮބާ؟
މަސްތުވާތަކެތީގެ މައްސަލައެއްގައި، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ބޮޑު ނިންމުމެއް ނިންމި އެވެ. އެއީ އިބްރާހިމް ނާފިޒް (ޗިކާ) ދިރިއުޅުނު ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތިން މަސްތުވާތަކެތި ފެނުނު މައްސަލަ އެވެ. ޖިނާއީ ކޯޓުން ނިންމީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަނާކުރި މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
އެ މައްސަލަ ސާބިތުނުވީ، އެއީ އެހެން މީހުން ވެސް ވަދެނުކުމެ ހަދާ ތަނަކަށް ވާތީ އާއި މަސްތުވާތަކެތި ހުރި ސިޓީ އުރަ އެތަނުގައި ބޭއްވި ކަމަށް އެހެން މީހަކު އެއްބަސްވުމުންނެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އަދި ހިޔާޒަތުން މަސްތުވާތަކެތި ފެނުމާ ގުޅޭ ގޮތުން އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން މުހިންމު ނިންމުމެއް ނިންމި އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ ގާނޫނެއްގައި މަނާކޮށްފައިވާ އެއްޗެއް އިތުރު އެއްވެސް ގަރީނާއެއް ނެތި، ހަމައެކަނި މީހެއްގެ ހިޔާޒަތުން ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުން ނުފުދޭ ކަމަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ މީހަކު ފްރޭމް ކުރުމަށް، މީހެއްގެ ހިޔާޒަތުގައިވާ ތަނަކަށް ގަސްތުގައި ގާނޫނާ ހިލާފު އެއްޗެއް ލައި، އެކަމުގެ ޒިންމާ އެޅުވުމުގެ ފުރުސަތު ނުދިނުމަށެވެ.
އެމީހަކާ ގުޅުން އޮތް މީހަކު ސަލާމަތްކުރަން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށްތަކަށް އިއުތިރާފުވުމަކީ ކޮށްފާނެ ކަމަކަށް ވާތީ، އެފަދަ އިއުތިރާފެއް ކޯޓުތަކުން ބަލައިގަނެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި އޮތީ އަންގައިފަ އެވެ.
މި ނިންމުމަށް ޝާކިރު ވެސް ފުރިހަމައަށް ތާއީދުކުރައްވަ އެވެ.
"ވަރަށް ރަނގަޅު ނިންމުމެއް އެއީ. އަޅުގަނޑުމެން ވެސް ގަބޫލުކުރަނީ އެގޮތަށް،" ޝާކިރު ވިދާޅުވި އެވެ.
ނަމަވެސް އެއީ ހުރިހާ "ކޮންޓެކްސްޓެއްގައި" ބޭނުންކުރެވޭނެ ނިންމުމެއް ކަމަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. ޝާކިރު ވިދާޅުވީ އެ ނިންމުމުގެ ބޭނުންކޮށްގެން، ބައެއް މީހުން ޝަރީއަތުގައި ދިފާއު ބިނާކުރާ ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހައްޔަރުކުރި ބޮޑު ނެޓްވޯކެއް ދޫކޮށްލައި ކްރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ވެސް ޝާކިރުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
އެ އޮޕަރޭޝަންގައި ހަ ގެއެއް ބަލައި ފާސްކޮށް، ތިން ގެއަކުން ފުލުހުން މަސްތުވާތަކެތި ހޯދި އެވެ. މަސްތުވާތަކެތި ފެނުނު އެއް ގެއަކީ ފުލުހުން ދައުވާކުރި އެކަކު ދިރިއުޅުނު ގެ އެވެ. އެ ގެއިން އޭނާގެ ޑީއެންއޭ ފެނުނު ނަމަވެސް އޭނާ ސަލާމަތްވީ، ގެ ބަލައިފާސްކުރުމުގައި ފުލުހުން ހެދި ގޯހެއްގެ ސަބަބުންނެވެ.
އެ ނެޓްވޯކުގެ ބޮޑު މީހާ ކަމަށް ފުލުހުން ތުހުމަތުކުރި މީހާގެ ގެއަކުން މަސްތުވާތަކެއްޗެއް ނުފެނެ އެވެ. ނަމަވެސް އޭނާގެ ގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާއި އެ މައްސަލައިގެ ތުހުމަތުވާ އެހެން މީހެއްގެ ގޭގައި ގިނަ އަދަދެއްގެ ފައިސާ ރައްކާކޮށްފައި ހުރި ތިޖޫރީއެއްގެ ތަޅުދަނޑި ފެނުނެވެ. އޭނާ ބުނީ އެއީ ރަށެއްގައި ހުރި ތިޖޫރީއެއް ކަމަށެވެ. އެ ތަޅުދަނޑިއާ ގުޅޭ ގޮތުން ދޮގު ހެދި ނަމަވެސް، އެކަމަށް ކޯޓުން ރިއާޔަތްކޮށްފައެއް ނެތެވެ.
ކޮޓަރިން ފެނުނީ ހުއިފިލަނޑާ ނެގުމުގެ ވިޔަފާރިން ލިބުނު ފައިސާކަމަށް ބުނެ، ދިފާއީ ހެކި ވެސް އޭނާގެ ފަރާތުން ހުށަހެޅި އެވެ. ނަމަވެސް ޝާކިރު ވަނީ އެ ދިފާއީ ހެކިންގެ އަދުލުވެރިކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. ޝާކިރު ވިދާޅުވީ ދިފާއީ ހެކިންގެ ތެރޭގައި، ގޭންގުތަކާ ގުޅުން އޮންނާތީ ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކު ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެފަދަ މީހެއްގެ ހެކިބަހަށް ބުރަދަނެއް ނުދެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އަޅުގަނޑަކަށް ނޭނގޭ ކޮންތާކު އޮތް ކޮން ގާނޫނެއްގައިކަމެއް މަސްތުވާތަކެތި ޓްރެފިކް ކުރެވޭ މައްސަލައެއްގައި އެމީހުންނަށް ބެނެފިޓް އޮފް ޑައުޓް ދޭންޖެހެނީ.
މައްސަލައިގައި ތުހުމަތުކުރި މީހުންގެ ފޯނުން ފެނުނު މެސެޖުތަކާއި ނޯޓުތަކުން، އެމީހުން ޑިއުޓީ ބަހައިގެން ޑްރަގް ވިޔަފާރިކުރާކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ކޯޓުން ނިންމީ ތުހުމަތުވާ މީހުންނަށް ފަހިވާ ގޮތަށް އެމީހުންނަށް "ބެނެފިޓް އޮފް ޑައުޓު" ދިނުމަށެވެ. އެއީ އެ މެސެޖުތައް އެހެން ގޮތަކަށް ވެސް މާނަކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.
"މިސާލަކަށް މީހަކު ހެނދުނު ތެދުވެ ދޮރު ހުޅުވާލާއިރު، ބިންމަތި ތެމިފައި އޮވެއްޖެ ނަމަ، އެއީ ވާރޭ ވެހުނީ ކަމަށް ބެލެވިދާނެ ސަބަބެކެވެ. ނަމަވެސް ބިންމަތި ތެމިފައި އޮތުމަށް އެހެން ސަބަބުތަކެއް ވެސް މެދުވެރިވެދާނެ އެވެ،" ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމްގައި ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ނޭނގޭ ކޮން ތާކު އޮތް ކޮން ގާނޫނެއްގައި ކަމެއް މަސްތުވާތަކެތި ޓްރެފިކް ކުރެވޭ މައްސަލައެއްގައި އެމީހުންނަށް ބެނެފިޓް އޮފް ޑައުޓް ދޭން ޖެހެނީ،" ޝާކިރު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 22 ވަނަ ބާބުގައި ބުނެފައި ވަނީ:
-
މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ނުވަތަ މަސްތުވާތަކެތި ޕެޑްލްކުރުމުގެ ނުވަތަ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ނުވަތަ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށެއްގެ ތަހުގީގުގައި ފާހަގަކުރެވޭ ވަކި މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ފައިސާއެއްކަމާ މެދު ކުށުގެ ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރެވޭ ހިނދު، އެ މުދަލެއް ނުވަތަ ފައިސާއެއް ލިބުނު ގޮތް ސާފުކޮށް ބަޔާންކޮށް ދިނުމަކީ މި ގާނޫނު އޭނާގެ މައްޗަށް ލާޒިމު ކުރާ ކަމެއް
"އޭނަ މި ބުނަނީ ރަށުގައި ހުރި ގެއެއްގެ ތިޖޫރީއެއްގެ ތަޅުދަނޑިއެކޭ. އެކަމަކު އެ ތަޅުދަނޑިން މަސްތުވާތަކެތި ޓްރެފިކް ކޮށްގެން ހޯދާ ފައިސާ ރައްކާކޮށްފައި ހުރި ފައިސާ ހުރި ތިޖޫރީއެއް ހުޅުވޭއިރު އެއަށް ޖަވާބުދާރީވާން ޖެހޭނެ. ބެނެފިޓް އޮފް ދަ ޑައުޓް ދެވޭނެ ގޮތެއް ނޭނގޭ،" ޝާކިރު ވިދާޅުވި އެވެ.
އޭނާއާ ގުޅޭ ލިޔެކިޔުންތަކެއް ފެނުނު ސައިކަލެއްގެ މަޑި ދަށުން ވެސް މަސްތުވާތަކެތި ފެނުނެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ސައިކަލު މަޑި ދަށަށް އެއްޗެއް ލުމުގެ ފުރުސަތު އޮންނާތީ، އެކަމުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށް ހައި ކޯޓުން އޮތީ ނިންމައިފަ އެވެ.
ޝާކިރު ވިދާޅުވީ އެ މައްސަލައިިގައި ހިމެނޭ އެންމެންގެ މައްޗަށް ވެސް ދައުވާ ސާބިތުކުރެވޭ ވަރަށް ތަހުގީގުގައި މަސައްކަތް ކޮށްފައި ހުރި ކަމަށެވެ. އަދި ހުށަހެޅީ ވެސް ގާނޫނުގައި ބުނާ މިންވަރުގެ ހެކި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ބުނާ މީހާ ވަނީ ތަހުގީގުގެ ވަރަށް ކުރީކޮޅު ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ދޫކޮށްލައިފަ އެވެ. ދެ ފަހަރު ވެސް އޭނާ ބަންދުކުރީ ހައި ކޯޓުންނެވެ. ނަތީޖާއަކަށް ވެގެންދަނީ، ހެއްކަށް ނުފޫޒު ފޯރުވުމަށާއި ހެކި ނައްތާލަން އޭނާއަށް ފުރުސަތާއި ވަގުތު ލިބުމެވެ.
އެންމެ ފަހުން އަތުލި 100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ފުލުހުން ތުހުމަތުކުރި ނެޓްވޯކުގެ ބޮޑެއް ކަމަށް ފުލުހުން ބުނީ މިދުހަތު އިބްރާހީމް، ގއ. ދޭލިޔާގެ، ދެއްވަދޫ، ކަމަށެވެ. އެ މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓު ނުވަތަ ފުލުހުންނަށް ލިބޭ މައުލޫމާތަކީ ކޮންމެވެސް ވަރެއްގެ ހެކީގެ ގޮތުގައި ނުބެލޭނެ ކަމަށެވެ.
އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ބޮޑުކާށިހުރާ ބަލައިފާސްކުރުމާ ގުޅޭ ގޮތުން ބަޔާން ދިން މީހެއްގެ ބަޔާން ވެސް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ދެ ބަޔާނުގައި ވެސް މިދުހަތު ކުށުގެ އަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރިވިކަމަށް ބުނެފައި ނުވާ ކަމަށެވެ.
މިދުހަތުގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް، އެއީ ކުރެވޭ ތުހުމަތާ ތަފާތުކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ އަމުރުގައި ދެން ބުނީ ޖިނާއީ މައްސަލަތަކުގައި މީހަކު ބަންދުގައި ބަހައްޓަން އެދެނީ ދައުލަތުން ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއިން ކަމަށެވެ. ޝަރީއަތުން ކުރާ ކަމަކީ އެ ހެކިތައް މިނެކިރައި، ގާނޫނާއި ގަވާއިދަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި، މީހެއްގެ މައްޗަށް ކިތަންމެ ވަރުގަދަ ތުހުމަތެއް ކުރެވުނަސް، އެމީހަކާ ދެކޮޅަށް ހެކި ގަރީނާ ނެތް ނަމަ އެމީހަކު ބަންދުގައި ނުބެހެއްޓޭނެ އެވެ،" އަމުރުގައިވެ އެވެ.
ނަމަވެސް ޝާކިރު ވިދާޅުވީ ހެކި ނެތް ނަމަ މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަމަށް ކަނޑައަޅައިދޭން ދައުލަތުން ނޭދޭ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް ނިންމައިދޭށޭ. އެކަން ޖަސްޓިފައި ކޮށްދޭކަށް ގާޒީއަކު އުޅުއްވާކަށް ނުޖެހޭނެ. ކީއްވެގެންތޯ ޖަސްޓިފައި ކޮށްދޭން ގާޒީ މަސައްކަތް ކުރަންވީ؟" ޝާކިރު ސުވާލު އުފެއްދެވި އެވެ.
ޝަރީއަތް ލަސްވުން؛ ޓްރެފިކް ކުރާ މީހުންނަށް ލިބޭ ހިތްވަރެއް
ފުލުހުންވަނީ 2019 އިން ފެށިގެން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 300 އަށް ވުރެ ގިނަ މައްސަލަ ކޯޓަށް ވައްދައިފަ އެވެ. އޭގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޓްރެފިކް ކުރުމުގެ 13 މައްސަލަ ހިމެނެ އެވެ. އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ 28 މައްސަލަ އެވެ. ނަމަވެސް ކޯޓުން އޭގެ ތެރެއިން ނިންމީ މަދު މައްސަލައެކެވެ. ގިނަ މައްސަލަތައް އަދިވެސް ހުރީ ޝަރީއަތުގެ މަރުހަލާގަ އެވެ. އިބްތިދާއީ މަރުހަލާގައި ހުރި މައްސަލަތައް ގިނަ އިރު، ގިނަ މައްސަލަތަކުގައި ހެކި ވަޒަންކުރުމާ ހަމައަށް ވެސް އަދި ނުދެ އެވެ.
"ތިން އަހަރު ވާއިރު މި ކަންކަން ކުރިއަށް ނުދާތީ އެމީހުންނަށް އޮތް ފުރުސަތަކީ އެމީހުން އަނެއްކާވެސް ރިކަވާ ވާން ފުރުސަތު އެބަ ލިބޭ. ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ލިބި، އެކަމުގެ ތެރޭގައި އުޅެ ފައިސާގެ ތަނަވަސްކަން ހޯދަން ފުރުސަތު ލިބޭ،" ޝާކިރު ވިދާޅުވި އެވެ.
އޭގެ އެންމެ ފުރިހަމަ މިސާލަކީ، އައްޑޫގެ ޑްރަގް ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) ކަމަށް ޝާކިރު ވިދާޅުވި އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާއާ އިތުރު ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށް، އެކަކު އެތަކެތީގެ ޒިންމާ ނެގި އެވެ. އެހިސާބުން އަބުޗާ ހިމެނޭ ގޮތަށް އެހެން އެންމެ ދޫކޮށްލީ އެވެ. އޭގެ ފަހުން ދެން ފުލުހުންނަށް އަބުޗާ އަތުވީ، ކަނޑުމަތިން ލޯންޗެއްގައި މަސްތުވާތަކެތި ހިފައިގެން ނުކުމެ އުޅެނިކޮށެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި "ކީ ސަސްޕެކްޓަކު" ދޫވެގެން 24 ގަޑިއިރަކީ ވެސް ވަރަށް ގިނަ ވަގުތުކަން ފުލުހުން ފާހަގަކުރެ އެވެ. ދަށު ކޯޓުން މީހަކު ދޫކޮށްލުމުން، އެ ނިންމުން އިސްތިއުނާފުކޮށް އަލުން އޭނާ ބަންދުކުރަން ހޭދަވާ ވަގުތަކީ، ހުރިހާ ހެއްކެއް ވުޖޫދުން ފޮހެލަން ވެސް އެކަށޭނަ ވަގުތެކެވެ.
މީހަކު ހައްޔަރުކުރާ ހިސާބުން ފެށިގެން ތަހުގީގު ނިންމަން ވެސް ގާނޫނުގައި ވަކި މުއްދަތެއް އޮތީ ދީފަ އެވެ. ތަހުގީގު ނިންމައި ދައުވާކުރަން ޕީޖީއަށް ވެސް ވަކި މުއްދަތެއް އޮވެ އެވެ. އެ މުއްދަތުގައި ފުލުހުންނާއި ޕީޖީގެ މަސައްކަތް ނުނިމެއްޖެ ނަމަ މައްސަލަ ކުރިއަކަށް ނުގެންދެވެ އެވެ.
ނަމަވެސް ކޯޓުތަކަށް އެ މުއްދަތު ނުހިނގާތީ ޝާކިރު ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ "ވާނުވާ" އަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތައް ކޯޓު މަރުހަލާގައި ދިގުލައިގެން ދާތީ އެއަށް ހައްލެއް ހޯދަން ވެގެން ގެނައި ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ދެން ނުކުތް ނަތީޖާ އަދި މާ ގޯސްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ޝަރީއަތެއް ނޫން ކުރަނީ. ތިރީސް ދުވަހުން 30 ދުވަހުން ބަންދު ރިވިއުކޮށްފައި މީހުން ދޫކުރުމުގެ މަސައްކަތްތަކެއް ކުރަނީ. ހަގީގަތުގައި 30 ދުވަހުން 30 ދުވަހުން ޝަރީއަތް ކުރުމުގެ ބަދަލުގައި މީހުން ދޫވާނެ އިތުރު ފޯމިއުލާއަކަށް މީތި [ވާނުވާ] މިވީ،" ޝާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޝަރީއަތް ކުރުމެއް ނެތި، ޝަރީއަތް ކުރިއަށް ނުގޮސް މީހުން ބަންދުގައި ބޭތިއްބުމަކީ ފުލުހުން އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ނޫން. އެއަށް ވުރެ މާ ރަނގަޅު ތަހުގީގުގައި މައްސަލައެއް އުޅެންޏާ ސާބިތުނުވާކަމަށް ކަނޑައެޅިޔަސް،" އޭނާ ވިދާޅުވި އެވެ.
ޝަރީއަތް ނުނިމި ބަންދުގައި ގިނަ ދުވަސް ވުމުން ދެން ފެންމަތިވަނީ އެމީހުންގެ ސިއްހީ މައްސަލަތަކެވެ. އަނެއްކާވެސް އެމީހުން ބަންދުން ދޫކޮށްލަން ޖެހޭ ފަދަ ހާލަތެއް އުފެދުނީ އެވެ. އެހެންކަމުން ދީފައި އޮތް މުއްދަތުގައި މައްސަލަތައް ނިންމޭނެ ގޮތަކަށް ބަދަލުވެގެން ނޫނީ މި މައްސަލަ ހައްލުނުކުރެވޭނެ ކަމަށް ޝާކިރު ވިދާޅުވި އެވެ.
އިބްރާހިމް ނާފިޒް (ޗިކާ)ގެ މައްސަލައަކީ ވެސް 2008 ވަނަ އަހަރުގެ މައްސަލައެކެވެ. އެ މައްސަލައިގެ ކޯޓު މަރުހަލާތައް މުޅިން ނިމުނީ އޭގެ 12 އަހަރު ފަހުންނެވެ. ޝާކިރު ވިދާޅުވީ މިހާރު ހުށަހަޅާފައި ހުރި މައްސަލަތައް ނިމެން 12 އަހަރު ނަގާ ނަމަ، މިހާރު ނިޒާމުގައި ހުރި މައްސަލަތައް ވެސް ދެނެގަންނަން އެ މުއްދަތު ނަގާނެ ކަމަށެވެ.
"އެހެންވީމަ އެ ސްޕީޑު އަންނަންވީ، މި ތިން އަހަރުގެ އެއްޗެހިތައް މިހާރު ނިމޭކަމަށް ވާ ނަމަ އެބަ އޮތް ފުރުސަތު މިހާރު ތަހުގީގުގައި ހުރި ކަންކަން ރަނގަޅުކުރަން،" ޝާކިރު ވިދާޅުވި އެވެ.
ކޯޓުގެ ގަޒިއްޔާތައް އަތުރާލުމުން ފުރިހަމަ ދިފާއެއް؟
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ކޯޓުން ގަބޫލުކުރާނެ ހެކިތައް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް ފުލުހުން ދެކެ އެވެ. އެގޮތުން މިހާރު އެފަދަ މައްސަލައެއް ސާބިތުނުވާނެ ހުރިހާ ގޮތެއް ގަޒިއްޔާތަކުން ސާފުވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.
-
ސުޕްރީމް ކޯޓުގެ ގަޒިއްޔާއަށް ބަލާއިރު އަތުން ފެނުމަކީ ސާބިތުވާނެ ކަމެއް ނޫން.
-
ހައި ކޯޓުގެ ގަޒިއްޔާއަކަށް ބަލާއިރު ހަމައެކަނި ފިންގަޕްރިންޓަކީ ސާބިތުވާނެ ސަބަބެއް ނޫން
-
ކްރިމިނަލް ކޯޓުގެ ގަޒިއްޔާތަކަށް ބަލާއިރު ބައިވަރު މީހުން ތިބޭ ތަނަކުން މަސްތުވާތަކެތި ފެނިއްޖެ ހާލަތެއްގައި އެކަކު އެކަނި ޒިންމާ ނަގައިފިޗނަމަ ދެން ތިބި މީހުން ބަރީއަވޭ
-
ކްރިމިނަލް ކޯޓުގެ ގަޒިއްޔާއަކަށް ބަލާއިރު، ކޯޓު އަމުރު ހިފައިގެން ދާއިރު ތުހުމަތުވާ މީހާ ނެތް ނަމަ އެތަކެތި "ޕްލާންޓް" ކުރުމުގެ ފުރުސަތު އޮންނާތީ ސާބިތެއް ނުވޭ
"ދެން ކޮން އެއްޗަކުންތޯ ސާބިތުކުރާނީ؟ ކޯއްޗެއް ހިފައިގެން ގޮސް ކޯއްޗެއް ދައްކައިގެންހޭ ސާބިތުކުރާނީ؟ މިހެން ގޮސް ތަރުތީބުކޮށްލައިގެން، ނިންމާފައި ހުރި ގަޒިއްޔާތައް އަތުރާލީމަ ދެން އަޅުގަނޑުމެން ދާންވީ ކޯއްޗެއް ހިފައިގެންހޭ ސާބިތުކުރަން؟،" ޝާކިރު ސުވާލު އުފެއްދެވި އެވެ.
ތިން އަހަރުވާއިރު މި ކަންކަން ކުރިއަށް ނުދާތީ އެމީހުންނަށް އޮތް ފުރުސަތަކީ އެމީހުން އަނެއްކާވެސް ރިކަވާ ވާން ފުރުސަތު އެބަ ލިބޭ. ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ލިބި، އެކަމުގެ ތެރޭގައި އުޅެ ފައިސާގެ ތަނަވަސްކަން ހޯދަން ފުރުސަތު ލިބޭ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ސާބިތުކުރަން ހުރި ކަންކަން ހަނިވަމުން ހަނިވަމުން ގޮސް، މިހާރު ކޯޓަށް ހުށަހަޅަންވީ އެއްޗެއް ނޭނގޭ ލެވެލްއަށް ބައެއް ގަޒިއްޔާތަކުން ކަންކަން ނިންމާފައިވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ވެސް މިހާރު ހުށަހަޅަން ޖެހެނީ "ޝައްކެއް ނެތް މިންވަރަށް ސާބިތުވާ" ހެކި ކަމަށް ހީވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ލެވެލްއަށް އެބަހުރި ގަޒިއްޔާތައް އަޅާލެވެން ޓްރެފިކް ކުރާ މީހުންނަށް. ނޫނީ ޑިފެންސިވް ސައިޑުން ގަޒިއްޔާތައް މިހެން ތަރުތީބު ކޮށްލައިގެން އަޅާލީމަ މިހާރު އެނގޭނެ މިހުރީ ސާބިތުނުވާނެ ގޮތްތައް ކަން. އެހެންވީމަ ސާބިތުވާނެ އެއްޗެއް ގެންނަން ޖެހޭނީ މިހުރި ހަނި ދޭތެރެތަކުން ކަން،" ޝާކިރު ވިދާޅުވި އެވެ.
ކޯޓުން ބުނަނީ ހެކި ނެތް ނަމަ ބަންދުގައި މީހަކު ނުބެހެއްޓޭނެ ކަމަށެވެ. ފުލުހުން ބުނަނީ ޓްރެފިކިން މައްސަލަތަކުގައި މީހުން ގެންދަނީ އެކަށީގެންވާ ހެއްކާ އެކު ކަމަށެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެއް ނެޓްވޯކެއް ކަމަށް ފުލުހުން ބުނާ މީހުންގެ ތެރެއިން އެއް ބަޔަކަށް ދައުވާތައް ސާބިތުވެ، ނެޓްވޯކުތަކުގެ ބޮޑުން މިނިވަންކަމާ އެކު ކޯޓުން ނުކުމެ މުޖުތަމައުގައި އުޅޭ ކަމެވެ. ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ނެޓްވޯކުތައް ފުޅާވެ، އިންޓަނޭޝަނަލް ނެޓްވޯކުތަކާ ގުޅިގެން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ޑްރަގް އެތެރެކުރާ ކަމެވެ. ނަމަވެސް އެމީހުންނަށް ގާނޫނުގައި އޮންނަ އަދަބު ދެވޭތަނެއް ނުފެނެ އެވެ.
ކަންނެލި ދޯންޏަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހަކު ޖަލުގައި ހުރެގެން ޔަގީންކަން ދެނީ އޭނާ މިނިވަންވެ މަގުމައްޗަށް ނުކުންނާނެ ކަމަށެވެ.