މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ސެންޓަރު ހުންނަ އިމާރާތުގެ ބޭރު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ގެނައި ބަދަލަކުން ތެލަސީމިއާ ކުދިންނަށް ބޭސް ނެގުން ބުރައަކަށް
ތެލަސީމިއާ ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ބޭސް، މިފަހަކާ ޖެހެންދެން ދޫކުރަމުން އައީ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިންނެވެ. ތެލަސީމިއާ ސެންޓަރު 1994ގައި ހުޅުވީއްސުރެ ވެސް އެކަން އޮތީ އެގޮތަށެވެ. ލޭ އެޅުމާއި ބޭނުންވާ ހުރިހާ ބޭސް އެއް ފުރާޅެއްގެ ދަށުން ލިބެމުން ދިޔުމަކީ ފަރުވާ ހޯދާ މީހުންނާއި ބެލެނިވެރިންނަށް ވެސް އޮތް ބޮޑު ލުޔެކެވެ.
ތެލަސީމިއާގެ ފަރުވާއާ ގުޅޭ ކަންކަމަށް މި ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިއަށް ވުރެ ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް ވަނީ ރާވާފަ އެވެ. ތެލަސީމިއާ ކުދިންނާއި މީހުންނަށް ޑެސްފަރަލް އާއި އެ ނޫން ވެސް ބޭސް ތެލަސީމިއާ ސެންޓަރުން ދޫކުރުމުގެ ބަދަލުގައި ފާމަސީތަކުން ލިބޭނެ ގޮތަށް މި ސަރުކާރުން ގެނައި ބަދަލަކީ އޭގެ ތެރެއިން ކަމެކެވެ.
ނަމަވެސް އެއީ ތެލަސީމިއާ ކޮމިއުނިޓީން ބަލައިގަންނަ ބަދަލެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ 30 އަހަރު ވަންދެން ބޭސް ނެގުމުގައި ލިބެމުންދިޔަ ލުއިތަކެއް އުވައިލުމެވެ.
ތެލަސީމިއާގެ ފަރުވާ ހޯދަމުން އަންނަ އަބްދުﷲ ޝަނީޒް ކަންބޮޑުވުން ފާޅުކުރަމުން ބުނި ގޮތުގައި ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިންނާއި މީހުން، ހަށިގަނޑުން ދަގަނޑުގެ ބައި މަދުކުރަން ބޭނުންކުރާ ބޭހަކީ އިތުރު ބަޔަކު ގަންނަން ޖެހޭ ވެސް ބޭހެއް ނޫނެވެ. އެހެންވެ، އާންމު ފާމަސީއަކުން އެ ބޭސް ނަގަން ޖެހޭ ގޮތަށް ބަދަލުކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނެ އެވެ.
"ސަރުކާރުން މި ބޭސްތައް ދެނީ ހިލޭ. ތެލަސީމިއާ ސެންޓަރުން މި ބޭހާއި ފަރުވާ ފޯރުކޮށްދިނުމަށް ތެލަސީމިއާ ގާނޫނުން ވެސް ލާޒިމުކުރޭ،" ޝަނީޒް ބުންޏެވެ.
"އެކަމަކު މިހާރު ކަން ކުރަން ޖެހޭ ގޮތަކީ ޑޮކްޓަރު ބޭސް ލިޔެދިނީމަ އެހެން މީހުން ގޮތަށް ބޭސް ސިޓީ ހިފައިގެން ގޮސް، ކިޔޫގައި ޖެހިގެން ބޭސް ނެގުން."
މިވަގުތު ބޭސް ލިބެނީ ވެސް، އޭނާ ބުނި ގޮތުގައި، އެސްޓީއޯގެ ހެންވޭރު ފާމަސީއިން އެކަންޏެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
-
އެމްބީއެސްގެ ރަޖިސްޓްރީގައި ތެލެސީމިއާ ކުދިން/މީހުންގެ އަދަދު - 944
-
ދުނިޔޭގައި ތިބީ - 659، އެއީ މާލޭގައި 346 އަދި ރަށްރަށުގައި ޖުމްލަ 313
ގާނޫނުގައި އޮންނަ ގޮތް
ތެލަސީމިއާ ކޮންޓްރޯޯލް ކުރުމުގެ ގާނޫނުގައި ތެލަސީމިއާ ސެންޓަރުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އަދި ޒިންމާ ސެންޓަރުން ނަގަން ޖެހޭ ކަންތައްތަކެއް ބަޔާންކޮށްފައި އޮވެ އެވެ.
އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (އ) ބުނަނީ:
-
ތެލަސީމިއާ ކުދިންނަށް ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭނެ ކަމަށް
އެ ގާނޫނުގެ 10 ވަނަ މާއްދާގައި، ރާއްޖޭގައި ތެލަސީމިއާ ފެތުރުނަ ނުދިނުމަށްޓަކައި މުޖުތަމައު، ރަށު، އަތޮޅު ނުވަތަ ގައުމީ ފެންވަރުގައި ވިޔަސް ޕްރޮޮގްރާމްތައް ހިންގަން ޖެހޭނީ ވެސް ސެންޓަރުން ކަމުގައި ބަޔާންކޮށްފައި އޮވެ އެވެ.
ސެންޓަރުން ޕްރޮގްރާމްތައް ހިންގުމުގައި ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި އެ މާއްދާގެ (ނ)ގެ 7ގައި އޮންނަނީ:
-
ތެލަސީމިއާ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ މާއްދާތައް ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުންނަ ދަގަނޑުގެ ބައި ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފަރުވާ ދިނުން. އަދި ދެވޭ ފަރުވާ އާއި ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ ނަތީޖާ ހެޔޮ ފަރުވާ އާއި ވަސީލަތްތައް ކަމުގައި ހެދުން
އޭގެ އިތުރުން ތެލަސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި އެ ކުދިންނަށް ގަވާއިދުން ދޭން ޖެހޭ ފަރުވާ ދައުލަތުގެ ހަރަދުގައި ސެންޓަރުން ހަމަޖައްސައިދޭންވާނެ ކަމަށް އެ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮވެ އެވެ.
ގާނޫނު އޮތް ގޮތުން ވެސް އެ ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފެދެ އެވެ.
ރަނގަޅު ބަދަލެއް، ހިދުމަތުގެ ފެންވަރު މަތިވާނެ: އެމްބީއެސް
ތެލަސީމިއާ މީހުންގެ ކަންބޮޑުވުން އޮތް ނަމަވެސް، އެމްބީއެސްގެ އެކްޓިން ހެޑް އަދި ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފައިސަލް އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރަނގަޅު ބަދަލެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެސްޓީއޯއާ އެކު އެމްއޯޔޫއެއް ހަދައި، ފާމަސީތަކުން ބޭސް ލިބޭނެ ގޮތް ހެދުމުން ތެލަސީމިއާ މީހުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ އެވެ.
"މި ދެވޭ ފަރުވާގައި އެންމެ މުހިންމު އެއް ކަމަކީ އެ މީހުންނަށް ގަވާއިދުން މެޑިކޭޝަންސް ލިބޭނެ ގޮތް. ފުރިހަމަ ރަނގަޅު ޓްރީޓްމަންޓެއް ލިބޭ ކަމަށްވާ ނަމަ ސިއްހަތު ވެސް ވަރަށް ފުރިހަމައަށް ހުންނާނެ،" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.
މީގެ ކުރިން ބައެއް ފަހަރު އަތޮޅުތަކުން މި ބޭސްތައް ހޯދަން ދަތިވާ ފަހަރުތައް ކުރިމަތިވި ނަމަވެސް، ފައިސަލް ވިދާޅުވީ މި އެމްއޯޔޫއާ އެކު އެކަމަށް ވެސް ހައްލެއް ލިބޭނެ ކަމަށެވެ.
"މި އެމްއޯޔޫ ހެދުމަށް ފަހު މިހާރު އަޅުގަނޑުމެން އެ މޮނީޓާ ކުރެވޭނެ ގޮތެއް ވެސް މި ދަނީ ބަލަމުން، ގަވާއިދުން ރާއްޖެތެރޭގެ ބޭސްފިހާރަތަކުގައި ބޭސް ހުރޭތޯ ބެލުމަށް. ބަލާފައި ބޭސް ނުލިބޭ ކަމަށްވާ ނަމަ އެސްޓީއޯއާ މަޝްވަރާކޮށްގެން އެ ތަންތަނަށް ބޭސް ފޮނުވާދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮންމެ ދުވަހަކު ވެސް އެ ބޭފުޅުންނަށް ހަނދާން ކޮށްދިނުމަށް މި ދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
'ޕޭޝެންޓުންނަށް ލުޔެއް ނޫން، އިދާރީ ފަސޭހައަކަށް ކުރި ކަމެއް'
އަތޮޅުތަކުގައި ބައެއް ފަހަރު ބޭސް ލިބުން ދަތިވާކަން ގަބޫލުކުރި ނަމަވެސް، ފައިސަލް ދެއްކެވި ވާހަކަތަކާ ތެލެސީމިއާ ކޮމިއުނިޓީގެ ގިނަ މީހުން ދެކޮޅެވެ.
ތެލަސީމިއާގެ ފަރުވާގައި އެތައް އަހަރެއް ހޭދަކޮށް، މިހާރު ވެސް އެކަމުގައި އުޅޭ އަބްދުލް މުއިއްޒު ހަސަން ބުނިގޮތުގައި އަތޮޅުތެރޭގައި ބޭސް ހޯދުން ދަތިވާ މައްސަލައަށް ކިރިޔާ ވެސް ހައްލެއް ލިބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް އަތޮޅުތަކުގައި އެސްޓީއޯ ފާމަސީތައް ހުޅުވައި، އެ ތަނުން ޑެސްފަރަލް އާއި އިތުރު ބޭސްތައް ލިބޭނެ ގޮތް ހަމަޖެއްސުމުންނެވެ.
ނަމަވެސް މިހާރު ވެސް އެކި ސަބަބުތަކާ ހުރެ ބައެއް ހާލަތްތަކުގައި ބޭސް ލިބުން ދަތިވާ ކަމަށް އޭނާ ބުންޏެވެ.
"މިހާރު މި ގެނައި ބަދަލާ އެކު އަތޮޅުތެރޭގައި ކުރިމަތިވާ މައްސަލަ ދެން މާލޭގައި ވެސް ދިމާވާނީ. ރާއްޖޭގެ މުޅި ތެލަސީމިއާ ކޮމިއުނިޓީގެ %50 މިއުޅެނީ މާލޭގައި،" މުއިޒް ބުންޏެވެ.
"ރަށްރަށުގައި ދިމާވާ ހާލަތު މާލެއަށް ގެނައުމަކީ މައްސަލަ ހައްލު ކުރުމެއް ނޫނެއް ނޫންތޯ؟"
މުއިއްޒު ބުނި ގޮތުގައި އަލަށް މި ގެނައި ބަދަލަކީ ޕޭޝަންޓުންނަށް ލުއިތަކެއް ހޯދުމުގެ ބަދަލުގައި އިދާރީ ފަސޭހަތަކެއް ހޯދުމުގެ ނިޔަތުގައި ކުރި ކަމެކެވެ.
"ޕޭޝަންޓުން ނުޖެހޭނެ އިދާރީ ފަސޭހަތަކާއި ދަތިތަކެއް ބަލާކަށް. މިސާލަކަށް [ބޭސް ހުސްވާ މައްސަލައިގައި] ބަފާ ސްޓޮކެއް ބަހައްޓާ ނަމަ، ބޭސް ލިބުން ލަސްވާ މުއްދަތުގައި ވެސް ބޭސް ހުސްނުވެ ލިބެން ހުންނާނެ. ކުރެވޭނެ ކަންކަން އެބަހުރި،" އޭނާ ބުންޏެވެ.
މުއިއްޒު ބުނީ މިފަހަރު ބަދަލު މި ގެނައީ އެއްވެސް އެންގުމަކާ ނުލައި އަދި ތެލަސީމިއާ ކޮމިއުނިޓީގެ މަޝްވަރާއެއް ވެސް ނެތި ކަމަށެވެ. މިއީ ކުރިން އޮތް އެމްޑީޕީ ސަރުކާރުގެ ވެސް ވިސްނުމެއް ނަމަވެސް، މުއިޒް ބުނީ އެ ސަރުކާރުން މި ބަދަލު ގެނައުމަށް ތެލަސީމިއާ ކޮމިއުނިޓީއާ މަޝްވަރާތަކެއް ކުރި ކަމަށެވެ. އެކަން ހުއްޓުނީ ތެލަސީމިއާ މީހުންނަށް ދަތިތަކެއް ކުރިމަތިވާނެކަން ފާހަގަކޮށް ކޮމިއުނިޓީން އެދުނު އެދުމުގެ މަތިންނެވެ.
"މިކަން ފަށައިގެން އުޅޭތާ ހަފްތާއެއްހާ ދުވަސް މިވީ. މީގެ ދެތިން ދުވަސް ކުރިން މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު [ޝިރުނާ] ވިދާޅުވި އެމްއޯޔޫގައި ސޮއިކޮށްފައޭ އޮތީ. ދެން ރިވާސް ނުކުރެވޭނޭ،" މުއިއްޒު ބުންޏެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އެމްއޯޔޫގައި ސޮއިކުރީ މިދިޔަ 24 ޑިސެމްބަރުގަ އެވެ. އަދި އެއަށް އަމަލުކުރަން ފެށީ ހުސްވި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި މުއިއްޒު ވަނީ ކިޔޫގައި ތިބެން ޖެހޭ ޖެހުމެވެ. އޭނާ ބުނި ގޮތުގައި ތެލަސީމިއާ ޕޭޝަންޓުންނަކީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބަޔަކަށް ވާއިރު، މި ބަދަލުގެ ސަބަބުން އެކަމުގެ ނުރައްކާ ބޮޑެވެ.
"އެހެން މީހުންނާ ބަލާފައި ތެލަސީމިއާ ޕޭޝަންޓުންގެ ދިފާއީ ނިޒާމު ވެސް ބަލިކަށި. އެހެން ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ވެސް ބޮޑު. އެބަތިބި ސްޕްލީން (ހުންކޮށި) ނަގާފައި ތިބި ކުދިން ވެސް. އެ މީހުންނަށް އެ ރިސްކު އަދި މާ ބޮޑު،" މުއިއްޒު ބުންޏެވެ.
"އެހެން މީހުންނާ އެއްކޮށް ކިޔޫގައި ތިބެން ޖެހޭ ގޮތަށް ބަދަލު ގެނައިއިރު، ވައިރަލް ރޯގާއެއް އުޅުނަސް އަހަރެމެންނަށް އޭގެ ނުރައްކާ ބޮޑު. ވަކިން ސެންޓަރެއް ހިންގާ، ހިދުމަތްތައް ވަކި ކޮށްފައި ބެހެއްޓީ ވެސް މިކަހަލަ ސަބަބުތަކާ ހުރެ."
އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފައިސަލް އިއްޔެ 'ދައުރު'އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތެލަސީމިއާ ޕޭޝަންޓުންނަކީ ވެސް ސިއްހަތު ރަނގަޅު މީހުން ކަމަށެވެ.
"ބަލި މީހަކު ހުރެގެން އިންފެކްޝަން ޓްރާންސްފާވާ ކަމަށް ބައެއް މީހުން ދައްކާ ވާހަކަތައް އެއީ މުޅިން ގަބޫލުކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއަށް ވުރެ ބޮޑަށް، ފަސޭހައިން ބޭސް ލިބޭނެ ގޮތްތަކެއް ތަަނަވަސް ކުރެވުނު ކަމަށް ކޮންސިޑާ ކުރުން ރަނގަޅު،" ފައިސަލް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ފާމަސީތަކުން ބޭސް ދޫކުރުމުގައި ތެލަސީމިއާ ޕޭޝަންޓުންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުން އެސްޓީއޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ލުއިތަކެއް އަންނާނެ ކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އޭރުން ކިޔޫގައި ނުޖެހި ފަސޭހަ ގޮތަކަށް ފާމަސީތަކުން ބޭސް ނެގުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
އެމްބީއެސްގެ ބަޖެޓު 'ހުސްވެފައި' އޮންނަ އާސަންދައަށް
ބޭސް ދޫކުރާ ތަން ބަދަލުވިޔަސް އޭރު ވެސް މިހާރު ވެސް ބޭސް ލިބެނީ ހިލެ އެވެ. ތަފާތަކީ ހަރަދު ކުރާ ދިމާލެވެ. މީގެ ކުރިން އެ ހަރަދުގައި ހިފަނީ ދައުލަތުގެ ބަޖެޓުގެ ހެލްތު މިނިސްޓްރީ ބައިން އެމްބީއެސްއަށް ހަމަޖައްސައިދޭ ފައިސާއިންނެވެ. މިދިޔަ ދެ އަހަރާ އަޅާބަލާއިރު އެމްބީއެސްއަށް ކަނޑައަޅާފައިވާ ބަޖެޓު ވެސް މި އަހަރު ބޮޑެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ބަޖެޓުކޮށްފައިވާ މިންވަރު
-
2022 - 26.7 މިލިއަން ރުފިޔާ
-
2023 - 45.6 މިލިއަން ރުފިޔާ
-
2024 - 49.7 މިލިއަން ރުފިޔާ
އެމްބީއެސްގެ ބަޖެޓު ބޮޑުކުރިޔަސް، އަލަށް ގެނައި ބަދަލާ އެކު، ތެލަސީމިއާ ކުދިންނާއި މީހުންނަށް އެސްޓީއޯއިން ދޫކުރާ ބޭހުގެ ހަރަދާ ހަވާލުވަނީ އާސަންދައިންނެވެ. އަބަދުވެސް ދައްކަނީ އާސަންދައަށް ބާރުބޮޑުވާ ވާހަކަ އެވެ. އަހަރު ދެބައިވާއިރު އާސަންދަ ބަޖެޓުން ފައިސާ ހުންނަނީ ހުސްވެފަ އެވެ.
"އެންމެ ކުއްޖެއްގެ އެއް މަހުގެ ބޭހަށް އެބަ އަރާ 10،000ރ. އެއީ އެންމެ ބޭހެއް. ކޮންމެ މަހަކު ދެ ބޭސް ނަގާ މީހުން ވެސް އުޅޭ،" ބޭހުގެ އަގު ބޮޑުކަން ފާހަގަކުރަމުން ޝަނީޒް ބުންޏެވެ.
ފައިސަލް ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯއަށް ފައިސާ ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްބީއެސް އާއި އާސަންދައާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެމްބީއެސްގެ ބަޖެޓުން ހަރަދުކޮށްގެން ތެލަސީމިއާ ސެންޓަރުން ބޭސް ދޫކުރަމުން އައި ނަމަވެސް އާސަންދައިގެ ބަޖެޓުން ހަރަދު ކުރަނީ އެންމެ ކަމަކަށް ނޫނެވެ. އަދި ބާރުބޮޑުވެގެން ގޮސް އަހަރު ދެބައިވާއިރު ހުސްވެފައި އޮންނަ ބަޖެޓެކެވެ. އެހެންކަމުން ތެލަސީމިއާ ޕޭޝަންޓުންނަށް ބޭސް ގަންނަ ފައިސާ ދިނުމުން އެ ފައިސާ އާސަންދައިގެ ދަށުން އެހެން ކަންކަމަށް ހަރަދު ނުކުރާނެތޯ ވެސް ސުވާލު އުފެދެ އެވެ.
މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން، ތެލަސީމިއާ ޕޭޝަންޓުންގެ ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވި އެވެ.
"އެއްވެސް މާލީ މައްސަލައެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް. މުހިންމީ ބަރާބަރަށް ބޭސް ލިބިލިބި ހުރުމެއް ނޫންތޯ؟" ފައިސަލް ވިދާޅުވި އެވެ.
ކުރިން އެމްބީއެސްއިން ބޭސް ދޫކުރާ ގޮތަށް އޮތްއިރު ރަށްރަށުން ބޭސް ލިބުމުގައި ހުރި ދަތިތައް ވެސް، ފައިސަލް ވިދާޅުވީ މިހާރު ކުރިމަތިނުވާނެ ކަމަށެވެ. ކުރިން އޮތް ގޮތުން ރަށްރަށުގައި ހުންނަ ފާމަސީތަކަށް ބޭސް ލިބެނީ އެމްބީއެސްއިން ހުއްދަ ދީގެންނެވެ. އެ ހުއްދަ ދިނުމާއި ޕޭމަންޓުގެ ކަންކަމަށް 1-2 ދުވަސް ނަގާއިރު، މިހާރު އެ ލަސްކަން ކުރިމަތިނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އިދާރީ ގޮތުން ގިނަ ފަސޭހަތަކަކާ އެކު ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބުނި ނަމަވެސް، މިއީ ތެލަސީމިއާ ކޮމިއުނިޓީގެ ގިނަ މީހުން އެއްބަސްވާ ކަމެއް ނޫނެވެ.
"ގެންނަ ބަދަލު ފަސޭހަތޯ ނޫންތޯ ނިންމާނީ ހިދުމަތް ލިބޭ ފަރާތުން، ދޭ ފަރާތުންނެއް ނޫން. އަބަދުވެސް ކަން ހިނގާ ގޮތަކީ އެ އިރެއްގައި ހުންނަވާ މިނިސްޓަރަކު ނޫނީ އެމްބީއެސްގެ ވެރިޔަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ނިންމާލަނީ،" މުއިއްޒު ބުންޏެވެ.
މިކަމުގައި ތެލަސީމިއާ ކޮމިއުނިޓީގެ އެދުމަކީ މީގެ ކުރިން އޮތް ގޮތަށް، ތެލަސީމިއާ ސެންޓަރުން ބޭސް ލިބޭނެ ގޮތް އަލުން ހަމަޖައްސައިދިނުމެވެ. އަދި މިފަދަ ކަންކަން ނިންމުމުގެ ކުރިން އެ މީހުންގެ ލަފަޔާއި ހިޔާލު ވެސް ހޯދުމެވެ.
ކޮމެންޓް (14)
ޢަދުލު
ވާނުވާ
ބްލާ ބްލާ
ޕޭޝަންޓެއް
ސަނާ
ހަސަނާ
ތޯބެ
ޕޭޝަންޓް
ލޭއަޅާ މީހެއް
ލޭ އަޅާ މީހެއް
ސަލީމު
މީހެއް
ވާނުވާ
ތެފައާސާ.