ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ގްލާސްގޯގައި ތިއްބެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އާއި އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ (ވ-2) އަދި ދިވެހި ވަފުދު އެހެން ބައެއް ބޭފުޅުން. (ފޮޓޯ/ރައީސް އޮފީސް)

ކޮޕް26

ކޮޕް26 އިން ދުނިޔެ ސަލާމަތްކުރެވިދާނެތަ؟

ކޮޕް26 ސިފަކުރެވެނީ، މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމަށް ދުނިޔެއަށް ލިބޭ "އެންމެ ފަހު ރަނގަޅު ފުރުސަތު"ގެ ގޮތުގައި
1 ނޮވެމްބަރު 2021

"ދިވެއްސަކަށް ދިރިނޫޅެވި، ދިވެހިރާއްޖެ އަށް ދެމިނޯވެވޭ ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ،" މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ގެއްލުންތަކުގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ ދެމިއޮތުމަށް ނުރައްކާވެފައިވާ ކަމުގެ އިންޒާރު، އެ ގެއްލުންތައް ބަޔާންކޮށް ދިވެހި ކުދިންތަކެއް ލިޔެފައިވާ ސިޓީތަކެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 21ގައި އޮތް އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތިއްބެވި ދުނިޔޭގެ ވެރިންގެ ކުރިމަތީގައި ދައްކާލައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އޭގެ ގާތްގަނޑަކަށް 12 އަހަރު ކުރިން، ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވި ކޮޕް15 ސަމިޓުގައި ރާއްޖޭގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދަ އިންޒާރެއް ދެއްވި އެވެ؛ "އަޅުގަނޑުމެންނަށް [ދިވެހިންނަށް] މިއީ ހަމައެކަނި ބައްދަލުވުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ދިރިހުރުމާއި ނެތިދިއުމާ ގުޅިފައިވާ ކަމެއް."

ކޮޕް15އަށް ފަހު ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ކޮޕްގެ ސަމިޓެއް ރާއްޖެ ގަޑިން މިއަދު މެންދުރުފަހު ފަށާ އިރު، ކުރިމަތީގައި އޮތް އެންމެ މުހިންމު ސުވާލަކީ ކޮޕް26 ވެގެންދާނީ އަނެއްކާވެސް ހުސް ވާހަކަތަކެއް ދައްކާ ތަނަކަށްތޯ ނުވަތަ އެކަށީގެންވާ ނަތީޖާތަކެއް ނެރެވޭ ބައްދަލުވުމަކަށްތޯ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސްގެ ތެރެއިން 21 ސެޕްޓެމްބަރު 2021 ގައި ބޭއްވި ފުރަތަމަ ސެޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ތަގުރީރުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ސިޓީތަކެއް ދުނިޔޭގެ ލީޑަރުންނަށް ދައްކާލައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ތަޖުރިބާ ހިތި ނަމަވެސް އުންމީދު ބޮޑު

ކުރީގެ ތަޖުރިބާއަށް އެކަނި ބަލާ ނަމަ، މިފަހަރުގެ ސަމިޓަށް ވެސް މާ ބޮޑު އުންމީދުތަކެއް ކުރެވޭކަށް ނެތެވެ. ބޮޑެތި ހަރަދުތަކެއްކޮށްގެން މީގެ ކުރިން ބޭއްވި 25 ބައްދަލުވުން ވެސް ނިންމާލަން ޖެހުނީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރަން އެދެވޭ ކަންތައްތަކެއް ނުކުރެވި އެވެ.

މި މަޝްވަރާތައް ކުރާތާ 30 އަހަރު ދުވަސް ވެފައި ވިޔަސް، އަހަރުމެންގެ ދުނިޔޭގެ ހޫނުމިން އިންޑަސްޓްރިއަލް ރިވޮލިއުޝަންގެ ކުރިން ހުރި ވަރަށް ވުރެ މިހާރު 1.1 ޑިގްރީ މައްޗެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރަން މިހާރު ވެފައިވާ ވައުދުތައް ހުރިހާ ގައުމުތަކަކުން ފުއްދިޔަސް، ދުނިޔޭގެ ހޫނުމިން މި ގަރުނު ނިމުމުގެ ކުރިން 2.7 ޑިގްރީ މައްޗަށް ދާނެ އެވެ. މިއީ ބިރުވެރި އިންޒާރެކެވެ.

ކޮޕް26އަށް ދުނިޔޭގެ ވެރިން ސްކޮޓްލަންޑުގެ ގްލާސްގޯއަށް ޖަމާވެފައި ވާއިރު، އެދެވޭ ނަތީޖާތަކެއް ނެރެވިދާނެ ކަމާ މެދު ކުރެވޭ އުންމީދު މީގެ ކުރީގެ ސަމިޓުތަކަށް ވުރެ މި ބައްދަލުވުމަށް ބޮޑެވެ. އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ތަރައްގީވެފައިވާ ގައުމުތަކަށް ކުރާ ވަރު އިތުރުވުމެވެ. މި އަހަރު އެކަނި ޖަރުމަނުގައި ފެންބޮޑުވެ 200 މީހުން މަރުވެއްޖެ އެވެ. ފިނި ކެނެޑާ ހީޓްވޭވެއްގެ ދަށުލި އެވެ. ސައިބީރިއާގެ އާކްޓިކް ސަރަހައްދުގައި އަލިފާން ރޯވި އެވެ.

  • ޖަރުމަނުގެ ސަރަހައްދެއްގައި ފެންބޮޑުވެފައި. (ފޮޓޯ/ގާޑިއަން)
  • ސައިބީރިއާގެ އާކްޓިކް ސަރަހައްދުގައި އަލިފާން ރޯވެ އަނދަނީ. (ބީބީސީ)
  • ޗިލީގެ ޖަންގައްޔެއްގައި އަލިފާން ރޯވެ އަދަނީ. (ފޮޓޯ/ރޮއިޓާސް)

ސައިންސްވެރިންގެ އަތުގައި މިހާރު ހުރި ހެކިތައް ވެސް ދެބަސްވެވޭ ވަރަށް ވުރެ ވަރުގަދަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ފަހަތުގައި ވަނީ އިންސާނުން ކުރާ ކަންކަން ކަމުގެ ސާފު ހެކި ސައިންސްވެރިން މިހާރު ވަނީ ހޯދާފަ އެވެ. މޫސުމީ ކާރިސާތަކުގެ ބާރު ގަދަވެ، ކުރިއަށް ވުރެ ބޮޑަށް މިހާރު އަސަރު ކުރަނީ އަހަރުމެން އަމިއްލައަށް ކުރަމުންދާ ކަންކަމުގެ ސަބަބުންކަން ސައެންސް ވަނީ ހެކިދީފަ އެވެ.

އިންސާނީ ނަސްލު ނެތިގެން ހިނގައިދާނެ މިންވަރަކަށް ދުނިޔޭގެ ހޫނުމިން ނުދާނެކަން ކަށަވަރު ކުރެވޭނީ، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 2030ގެ ކުރިން މިހާރަށް ވުރެ ދެ ބައިކުޅަ އެއް ބަޔަށް ކުޑަކޮށްގެން ކަމާ މެދު ސައިންސްވެރިން މިހާރު އިއްތިފާގުވެ އެވެ. މި ސުން ގަޑި ހަމަވާން ދެން މާ ގިނަ ދުވަހެއް ނެތެވެ. އެހެންވެ، ދުނިޔޭގެ ލީޑަރުންގެ ފޯކަސް އެދެވޭ ނަތީޖާއަކާ ދިމާލަށް އެނބުރުން ގާތެވެ.

ފެނިދާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ހިތަށް ވެސް ނުގެނެވޭ ވަރުގެ ހެޔޮ ބަދަލެއް މިހާރު އެބަ ފެނެ އެވެ؛ ނެޓް ޒީރޯއަށް ދިއުމަށް ބޮޑެތި ބައެއް ގައުމުތަކާއި ކުންފުނިތަކުން އަންނަނީ ވައުދުވަމުންނެވެ. އޭގެ މާނައަކީ، އެ ގައުމުތަކާއި ކުންފުނިތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކާ އެއްވަރު ނުވަތަ އެއަށް ވުރެ ބޮޑު އަދަދެއް ސާފުކުރުމަށް، މިސާލަކަށް ގަސް އިންދައިގެން، ފިޔަވަޅުތަކެއް އެޅުމެވެ.

ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި 2009ގައި ބޭއްވި ކޮޕް15 ބައްދަލުވުން. (ފޮޓޯ/އދ.)

މި ފެންނަ ހެޔޮ ބަދަލުތަކުގެ ހަގީގީ ނަތީޖާ ކޮޕް26 އިން ފެނިދާނެބާ އެވެ؟

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިހާރު ގްލާސްގޯގައި ހުންނެވި ރާއްޖޭގެ އެންވަޔަރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއަށް ވެސް އެ ބަދަލުތައް އިހުސާސްކުރެއްވެ އެވެ. ކޮޕަށް ފުރާވަޑައިގަތުމުގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކޮޕްއަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި އެހެން ގައުމުތަކުގެ ވަޒީރުންނާ އެކު ބައިވެރިވަޑައިގެންނެވި އިރު، ހާއްސަކޮށް ބޮޑެތި ގައުމުތަކުގެ ފަރާތުން، ރަނގަޅު ރޫހެއް ފެނިވަޑައިގެންނެވި އެވެ.

"އަދި ކިރިޔާ ދުނިޔެ މި އަރާ ހަމަކުރީ އަޅުގަނޑުމެން ޒަމާންތަކެއް ވަންދެން ދައްކަމުން އައި ވާހަކައާ،" މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް މިހާރު ކުރަމުންދާކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވި އެވެ.

ކޮޕް26އަށް ފުރާވަޑައިގެންނެވުމުގެ ކުރިން، އެންވަޔަރްމަންޓް މިނިސްޓަރު ޝައުނާ މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއު

އުނދަގޫ މަސައްކަތެއް

ހަގީގަތަކީ އެންމެ ބައްދަލުވުމަކުން، ސަމިޓަކުން ހައްލުކުރެވޭ ވަރަށް ވުރެ މޫސުމީ ކާރިސާ މިހާރު ބޮޑުވެފައިވުމެވެ.

އަހަރަކު އެއް ފަހަރު ބާއްވާ ކޮޕަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތައް އެއްތަން ކުރަން ބާއްވާ ހަމައެކަނި ސަމިޓެވެ. މިއީ އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ ބައްދަލުވުންތަކަކެވެ. މި ސަމިޓުތަކުން ކިތަންމެ ކުޑަ ނަމަވެސް ނަތީޖާއެއް ހާސިލުކުރެވެނީ ގާތްގަނޑަކަށް 200 ގައުމު ރުއްސައިގެންނެވެ.

"200 ބުޅާ އޮޅުކުރުން ފަދަ ކަމެއް،" ކޮޕްގައި ބައިވެރިވެވަޑައިގަންނަވާ އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ބީބީސީއަށް ވިދާޅުވެފައިވެ އެވެ.

ތެލުގެ ގޮތުން މުއްސަނދި އަދި ހަކަތަ އުފެއްދުމަށް ޑީސަލާއި ކޯލް ފަދަ ފޮސިލް ފިއުލްއަށް ބަރޯސާވާ ގައުމުތަކުން ދަނީ ޒަމާނުއްސުރެ މޫސުމީ އެޖެންޑާއާ ދެކޮޅު ހަދަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދުވެލި ލަސްކޮށް، އެއީ ދުނިޔެއަށް މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކަން އެ ގައުމުތަކުން ވަނީ އެކި ފަހަރު އެކި ފިޔަވަޅު އަޅާފަ އެވެ. ދެމިތިބުމާ ގުޅިފައިވާ ކަމެއް ކަމަށް ރާއްޖެ ފަދަ ކުދި ގައުމުތަކުން ވަކާލާތުކުރިޔަސް، އެ އަޑުތަކަށް އެފަދަ މުއްސަނދި ގައުމުތަކުން މިހާތަނަށް އައި އިރު ދިނީ ބީރު ކަންފަތެކެވެ.

މީގެ ކުރިން ބޭއްވި ކޮޕްގެ ގިނަ ސަމިޓުތައް ނިންމާލަން ޖެހުނީ އިތުރަށް ވާހަކަދައްކަން އެއްބަސްވެގެންނެވެ. ބްރެކެޓުތަކުގައި ހުންނަ އަދަދުތަކާއި ލިޔެކިއުންތަކުގެ ފުޓްނޯޓުގައި ހުންނަ ތަފްސީލުކުރުންތަކުގައި ހިފައިގެން، މަޝްވަރާތައް ދިގުދަންމާލައިގެންނެވެ. މި ބައްދަލުވުންތަކަށް ހާޒިރުވުމުގެ ބޭނުމާ މެދު ބައެއް ގައުމުތަކުގެ މަންދޫބުން ސުވާލު އުފައްދާ ހިސާބަށް ކަންކަން ދުއްވާލައިގެންނެވެ.

ނަމަވެސް، އެދެވޭ ނަތީޖާތަކެއް ހާސިލްކުރުމަށްޓަކައި ކޮޕް ނޫން އެހެން ތަނެއް ނެތެވެ. މޫސުމީ ކާރިސާގެ ވާހަކަ ދައްކަން މުޅި ދުނިޔެ އެއްވާ ތަނަކަށް އޮތީ ކޮޕެވެ. އެހެންވެ، ކިތަންމެ އުނދަގުލުގައި ވެސް މި މަޝްވަރާތައް ކޮންމެ އަހަރަކު ކުރިއަށްގެންދިއުމުގެ ނަތީޖާއަކަށްވީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާތަނަށް ސޮއިކުރި އެންމެ މުހިންމު މުއާހަދާ ކަމަށްވާ ޕެރިސް އެގްރީމެންޓަށް 2015ގައި ވާސިލްވެވުމެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި 2015ގައި ބޭއްވި ކޮޕް21 ބައްދަލުވުމުގައި ސޮއިކުރި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދުނިޔޭގެ ލީޑަރުން އުފާ ފާޅުކުރައްވަނީ. (ފައިލް ފޮޓޯ/އދ.)

ކޮޕް21 ބޭއްވި ފްރާންސާއި އެ ގައުމުން އިސް ނަގައިގެން އެކުލަވާލި ކޯލިޝަނަކުން ބުރަ މަސައްކަތްތަކެއް ކޮށްގެން އެކުލަވާލި އެ އެއްބަސްވުމާ އެކު، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލި އެވެ. އުންމީދުތަކެއް އާކޮށްދިނެވެ. ދުނިޔޭގެ ހޫނުމިން 2 ޑިގްރީގައި -- ކުރެވޭ ނަމަ އެއަށް ވުރެ ވެސް ދަށުގައި، 1.5 ޑިގްރީގައި -- ބެހެއްޓުމަށް އޭގެ ކުރިން ދުވަހަކު ވެސް މުޅި ދުނިޔެ އެއްބަސްވެފައެއް ނުވެ އެވެ.

އެއީ މުޅިން ފުރިހަމަ އެއްބަސްވުމެއް ނޫނެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ ކަންކަން ތަފްސީލުކުރާ ބައިތަކާ މެދު ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވުނު އިރު، ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރާ ދުވެލި ކަނޑައެޅުން ވެސް އޮތީ ގައުމުތަކަށް އިހްތިޔާރެއްގެ ގޮތުގައި ދޫކޮށްލާފަ އެވެ.

ރާއްޖެ އޮތީ ދޫކުރާ ގޮތަކަށް ނޫން

ޕެރިސް އެގްރިމެންޓުގައި އުނި ކަންތައްތަކެއް ހުއްޓަސް، އެ އެއްބަސްވުމަށް ފަހު ދުނިޔޭގެ ސަރުކާރުތަކުން ވަނީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަމިއްލަ ލަނޑުދަނޑިތަކެއް ކަނޑައަޅައި ގިނަ މަސައްކަތްތަކެއް ކުރަން ފަށާފަ އެވެ. ދުނިޔެ އެންމެ ބޮޑަށް ތަޣައްޔަރުކުރާ އެއް ގައުމު ކަމަށްވާ ޗައިނާ އިން ބޭރުކުރާ ކާބަންގެ މިންވަރު 2030ގެ ނިޔަލަށް ޕީކަށް ގެންގޮސް، 2060 އަންނަން ވާއިރަށް ކާބަން ނިއުޓްރަލް ކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ އޭގެ މިސާލެކެވެ.

ބޮޑެތި އިންޑަސްޓްރީތައް ވެސް ބަދަލުތަކަކާ ދިމާލަށް ވަނީ މިސްރާބު ޖަހާފަ އެވެ. ޕެޓްރޯލާއި ޑީސަލް ކާރުތައް ދޫކޮށް އިލެކްޓްރިކް ކާރަށް މީހުންގެ ހިތްޖެހެން ފަށައިފި އެވެ. އެންމެ ބޮޑަށް ވައި ނުސާފުކުރާ ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ ސްޓީލާއި ސިމެންތި އުފެއްދުން ވެސް "ފެހި" ކުރަން މިހާރު ވަނީ އަމާޒު ހިފާފަ އެވެ.

ނަމަވެސް، ކޮޕް26 މިއަދު ފަށާ އިރު، އަވަސް ފިޔަވަޅުތަކެއް އިންތިހާއަށް ބޭނުންވެ އެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު 2030ގެ ނިޔަލަށް މިހާރަށް ވުރެ %45 މަދުކުރަން ސައެންސް އެންގިޔަސް، މިހާރު ހުރި މިސްރާބުގައި ކަންކަން ކުރިއަށްދާ ނަމަ އޭރަށް ވާއިރަށް އެންމެ ތަންކޮޅެއް ވެސް މަދެއް ނުވާނެ އެވެ؛ އޭގެ ބަދަލުގައި، އެ މިންވަރު %16 އިތުރުވާނެ އެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ގްލާސްގޯއަށް ވަޑައިގެން ހޮޓަލަށް ވަދެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެހެންވެ، ދުނިޔޭގެ ހޫނުމިން މަތިވިޔަ ނުދީ ހިފަހައްޓަން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުމަށް ރާއްޖެ ފަދަ ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ޕެރިހުގައި ވެފައިވާ ވައުދު ނުފުއްދަ އެވެ.

މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމަށް ދުނިޔެއަށް ލިބޭ 'އެންމެ ފަހު ރަނގަޅު ފުރުސަތު'ގެ ގޮތުގައި ސިފަކުރެވެމުން އަންނަ ކޮޕް26ގައި ރާއްޖޭން ދައްކާނީ މި ވާހަކަތަކެވެ. ހުރިހާ ގައުމުތަކަކުން އެއްބަސްވުމަކަށް ދާން މި ނޫން ފުރުސަތެއް ދެން ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް، ބަދަލެއްގެ ގޮތުގައި، ހިލޭ އެހީ ބޭނުންވާ ވާހަކަ އެވެ.

ކޮޕް26ގެ ކުރިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ބައެއް އާންމުން ދެކޭ ގޮތް.

ރާއްޖެ އާއި އެހެން ވެސް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ގޮވާލާނީ ރައްކާތެރިކަން ހޯދުމުގެ މަޝްރޫއުތަކަށް ފައިސާ ދިނުމަށެވެ. ރާއްޖެ ފަދަ ގައުމުތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ 'ހާޑް އިންޖިނިއަރިން' އަދި އިންފްރާސްޓްރަކްޗާކަން ބުނެދިނުމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުވައިގެން ރިޕޯޓް ހެދުމާއި ސާވޭކުރަން ކޮންމެހެން ފައިސާ ބޭނުން ނުވާ ވާހަކަ އެވެ.

"[ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ] އެންމެ ބޮޑު އެއް ވާހަކައަކީ އަޅުގަނޑުމެން ބޭނުންވަނީ އާޖެންޓް އެޑަޕްޓޭޝަން ނީޑްސްއަށް މިހިރަ ކަންކަން ހައްލުކުރުމަށް ފައިސާއޭ. ރިޕޯޓް ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ސާވޭ ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ލިބޭ ފައިސާކޮޅު ވެސް ކޮންސަލްޓެންޓުންނަށް ހަރަދުކުރުމަކަށް ނޫނޭ ބޭނުންވަނީ،" މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއުގައި ޝައުނާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކުރަންވީ ކީއްކަން."

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮަޅަށް ކުރެވޭ މަސައްކަތަށް ބޮޑު ފޯކަސްއެއް ލިބުނަސް، އެންމެ ބައްދަލުވުމަކުން ދުނިޔެ ބަދަލުކޮށްލާ ފަދަ ނަތީޖާއެއް ނުނެރެވުމުގެ ފުރުސަތު ބޮޑެވެ. ކޮޕް27 މިސްރުގައި އަދި ކޮޕް28 ގަތަރުގައި ބޭއްވުމާ މެދު ވިސްނުންތަކެއް ގެންގުޅެނީ ވެސް ކޮޕް26އާ މެދު ކުރެވޭ އުންމީދުތައް "މެނޭޖުކުރާށެވެ".

އިތުރު އާޓިކަލް

އިތުރު އާޓިކަލް