ކޭ-ޕާކް މަމްދޫހު، މެދުގައި: އޭނާ މަޝްހޫރުވީ ޒުވާން ވިޔަފާރިވެރިއެއްގެ ގޮތުގައި
އަގުބޮޑު ދިރިއުޅުމާއި ފައިސާ ތަޅައި ބުރުވާލުން ދެން ހިޔާނާތުގެ އަޑުތައް
ރަހުމަތްތެރިންނާ އެކު ގޭމްގަނޑެއް ކުޅެ ނިންމާލުމަށް ފަހު، މޮޅުވި ރަހުމަތްތެރިޔާއާ ދިމާލަށް އޭނާ އެއްލައިލަނީ 25،000ރ.ގެ ބޮނޑިއެކެވެ. ހުޅުމާލެއިން އަގުބޮޑު ފްލެޓެއް ގަނެ، ތަނުގެ އެތެރޭގެ މަސައްކަތްތަކަށް އެކަނި 100،000 ޑޮލަރު (1.7 މިލިއަން ރުފިޔާ) ހަރަދުކޮށްލި އެވެ. އެންމެ ފަހުގެ 40 އައިފޯން އެއްފަހަރާ ގަނެ މުވައްޒަފުންނާއި ރަހުމަތްތެރިންނަށް ބަހާލި އެވެ. އާއިލާއާ އެކު މުޅި ދުނިޔެ ވަށައި ބުރު ޖަހައި އަގު ބޮޑު ބްރޭންޑްތަކުގެ ގަހަނާ އާއި އަތް ދަބަހާއި ކާރު ފަދަ ތަކެތި ގަންނަމުން ދިޔަ އެވެ.
މިއީ ހުޅުމާލޭގައި ހަދާ މަތީ ފެންވަރުގެ ކޭ-ޕާކް ފްލެޓްތަކުގެ 'ވެރިޔާ' ކަމަށް ބުނާ ހަސަން މަމްދޫހު (މަންޑޭ)ގެ އަގުބޮޑު، ޗާލާކީ ދިރިއުޅުމުގެ ބައެއް ވާހަކަ އެވެ. ކޭ-ޕާކްގެ މައި ހިއްސާދާރަށް އޮޅުވާލައި ހިޔާނާތްވިކަމުގެ ތުހުމަތުގައި ފުލުހުން މިހާރު މައްސަލަ ބަލަމުން އަންނަ މަމްދޫހު މަޝްހޫރުކޮށްފައި އޮތީ 'ހާހުން، ލައްކައިން، މިލިއަނުން' މީހުންނަށް އެހީދޭ ދީލަތި ޒުވާން ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ. ބުނެވޭ ގޮތުގައި މި އާ ވިޔަފާރިވެރިޔާ ހުރީ ދުނިޔޭގެ ކޮންމެ އުފަލަކަށް ވެސް އަތްފޯރާ ހިސާބުގަ އެވެ.
ކުއްލިއަކަށް ލިބުނު އެ މުއްސަނދިކަމާއި ޗާލާކީ ދިރިއުޅުމާ އެ ދެއްކި ދީލަތިކަމާއި ހެޔޮ ކަމުގެ ފަހަތުގައި އޮތީ މުޅިން އެހެން ވާހަކަތަކެއް ކަން، އޭނާއާ ބެހޭ ގޮތުން ފެތުރިފައިވާ އަޑުތަކުން އެނގެ އެވެ.
ހަންބޯ ކުންފުނި އުފަންވުން
މަމްދޫހު ދިވެހިންނަށް ފެންނަން ފެށީ 2016ގައި، އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ބޭރުގެ އެހެން ބައެއްގެ ހިއްސާއާ އެކު ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކުރި، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ އެކު އެވެ.
އެ ލިޔުންތަކުގެ ކޮޕީ 'ދައުރު'އަށް ލިބިފައިވެ އެވެ. ކުރީގެ އެޗްޑީސީ، މިހާރު ނަމަ އާބަންކޯގެ ލިޔުންތަކުން ދައްކާ ގޮތުގައި، ކޭ-ޕާކް ފްލެޓްތައް އަޅަން 21،246 އަކަފޫޓްގެ ބިން، ހުޅުމާލޭ ލޮޓް ނަމްބަރު: ޑީ-2 އެލްބީ، ލިބުމުގެ އެއްބަސްވުމުގައި ހަންބޯ ކުންފުނިން ސޮއިކުރީ 9 އޮކްޓޯބަރު 2016ގަ އެވެ.
އޭގެ ފަހުން، 12 އޮގަސްޓް 2018ގައި އެ ކުންފުނީގައި އޮތް އިންޑިއާގެ، ރަވީ ރާޖެންދުރަންގެ %50 ހިއްސާ އާއި މަމްދޫހުގެ %35 ހިއްސާ އާއި ކޮރެއާގެ ހަމްބޯ ކޮމްޕެނީ ލިމިޓެޑްގެ %10 ހިއްސާ ޗައިނާގެ، ޖިންއަށް ބަދަލުކުރެ އެވެ. އެހެންކަމުން ޖިންއަށް ވަނީ އެ ކުންފުނީގެ %95 ހިއްސާ ވިއްކާލައިފަ އެވެ. އަދި އެ ދުވަހުން ފެށިގެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ހަމަޖައްސާފައި ވަނީ ވެސް ޖިން އެވެ.
ހިއްސާ ބަދަލުވި ގޮތް:
-
ޖިން ޝިހޫ، މެނޭޖިން ޑިރެކްޓަރު - %95 ހިއްސާ
-
ހަސަން މަމްދޫހު - %5 ހިއްސާ
ލިޔުންތަކުން ފެންނަ ގޮތުގައި ކޭ-ޕާކް ފްލެޓްތަކުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނީގެ ހިއްސާ މިހާރުވެސް އޮތީ ހަމަ މި ގޮތަށެވެ. އެއްވެސް އިރެއްގައި މަމްދޫހުއަކީ 13 ބުރިއަށް ހަދާފައި އެ ހުރި، ކޭ-ޕާކް ފްލެޓް އިމާރާތުގެ ވެރިޔާއެއް ނޫނެވެ. އެތަނުގެ މައިގަނޑު ހިއްސާދާރަކީ ޗައިނާގެ ޖިން އެވެ.
މަމްދޫހާ އެކު މީގެ ކުރިން މަސައްކަތް ކުރި މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، 'ދައުރު'އަށް ކިޔައިދިން ގޮތުގައި ކޭ-ޕާކް ފްލެޓްތަކަކީ ޖިންގެ އިންވެސްޓްމަންޓެކެވެ. މަމްދޫހަށް ކުންފުނީގެ ކުޑަ ހިއްސާއެއް ދިނީ، ޖިންއަށް ރާއްޖެ އައިސް އަބަދު ނުހުރެވޭނެތީ މަޝްރޫއުގެ ކަންކަން ދުވަހުން ދުވަހަށް ބެލުމަށާއި އޮފީހުގެ ކަންކަން ހިންގުމުގެ ގޮތުންނެވެ.
ކޭ-ޕާކަށް އިންވެސްޓަރެއްގެ ގޮތުގައި ޖިން ހޯދައި މަމްދޫހު ތައާރަފްކޮށްދެނީ ހަމްބޯގެ ކޮރެއާ ކުންފުނީގެ ބްރޯކަރެއް ކަމަށްވާ، ސޫން ސޫ ކިމް އެވެ. އޭނާއަކީ ކޮރެއާގެ ރައްޔިތެކެވެ. ލިޔުންތަކުން ފެންނަނީ ހަމްބޯގެ ކޮރެއާ ކުންފުނީގެ ފަރާތުން ލިޔެކިޔުންތަކުގައި ސޮއިކޮށްފައި ހުރީ ކިމް ކަމެވެ. އެކަމަކު އެއީ އެއްވެސް އިރެއްގައި ހިއްސާދާރެއް ނޫނެވެ.
"ވާ ގޮތަކީ ކިމްއަކީ ބްރޯކަރެއް އަސްލު. ކިމްގެ ރަށްޓެއްސެއް މަމްދޫހަކީ. ވަރަށް ގާތްވާނެ އެ ދެ މީހުން. ކިމް ހޯދި އިންވެސްޓަރެއް ޖިންއަކީ،" އޭނާ ކިޔައިދިނެވެ.
މަޝްރޫއުގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގޭ އެހެން މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ މަޝްރޫއު ބާރަށް ކުރިއަށް ދާން ފެށީ ޖިންއަށް 2018ގައި ހިއްސާ ވިއްކާލައި ވިޔަފާރިއާ އޭނާ ހަވާލުވި ހިސާބުންނެވެ. މަމްދޫހުގެ ބެލުމުގެ ދަށުން ހިންގާ، ކޭ-ޕާކުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ހުރި ޕްރޮޖެކްޓް ކުރިއަށް ދާ ގޮތުގެ ފޮޓޯތަކުން ވެސް އެކަމަށް ބާރު ލިބެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އޮގަސްޓް 2018ގެ ކުރިން ޕްރޮޖެކްޓް ކުރިއަށް ދިޔައީ ވަރަށް މަޑު ދުވެލީގަ އެވެ. ނަމަވެސް އޭގެ ފަހުން ކޮންކްރީޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގޮސް ނިންމާލި އެވެ. އެއީ ހުޅުމާލޭގައި އެންމެ އަވަހަށް އެވަރުގެ ބޮޑު ސްޓްރަކްޗާއެއް ނިންމާލި މަސައްކަތެވެ.
"ޖިން ކުންފުނި ގަތް ހިސާބުން ވަރަށް އަވަހަށް ސްޓްރަކްޗާ ނިންމާލައިފި. އެ ހިސާބުން މީހުންނަށް ކޮންފިޑެންސް ލިބިގެން ގަންނަން ފެށީވެސް،" އޭނާ ބުންޏެވެ.
ނަމަވެސް މަމްދޫހު އެންމެންނަށް ވެސް ދައްކަމުން ދިޔައީ ކޭ-ޕާކްގެ ވެރިޔަކީ އޭނާ ކަމެވެ. އޭނާގެ އިންވެސްޓްމަންޓެއް ކަމަށް ހަދައި މަޝްހޫރުކަން ހޯދި އެވެ.
ލިޔުންތަކުން ފެންނަ ހަގީގަތަކީ ޖިން މަޝްރޫއުއާ ހަވާލުވި ފަހުން ކުންފުނީގެ ހިއްސާއަށް ބަދަލުތައް އައި ނަމަވެސް އާބަންކޯއިން އެ މަޝްރޫއު ހަވާލުކުރި ކުންފުނި ބަދަލުކޮށްފައިނުވާ ކަމެވެ. އާބަންކޯއިން ހުރިހާ ހުއްދަތަކެއް ދީފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހަންބޯ ކުންފުންޏަށެވެ. ޕާފޯމަންސް ގެރެންޓީ ވެސް ދިނީ ޖިންގެ ބޮޑު ހިއްސާ އޮންނަ އެ ކުންފުނިންނެވެ.
ނަމަވެސް މަމްދޫހު އިއްޔެ ވަނީ އާ ވާހަކައެއް އުފަންކޮށްފަ އެވެ.
އޭނާއަށް ކުރި ތުހުމަތުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހަންބޯ ކުންފުންޏަކީ ކޮރެއާގެ ހަންބޯ ޓެކްގެ ރާއްޖޭގެ އެޖެންޓް ކަމަށެވެ. އެޖެންޓުގެ ދައުރަކީ ހަމައެކަނި އެޕާޓްމަންޓް ގަނެ ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދިޔުން ކަމަށް ބުންޏެވެ. އެ ހުއްދަ ދިނީ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ބޯޑް ރިޒޮލިއުޝަންއަކުން ކަމަށް ވާއިރު، ކޮރެއާގެ ކުންފުނީގެ އެ ރިޒޮލިއުޝަން މިހާރު ބާތިލްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެފަދަ ބޯޑް ރިޒޮލިއުޝަނެއް އޮތް ކަމަށް ބުނި ނަމަވެސް، އޭގެ ހެއްކެއް، ނޫސްބަޔާނުގައި، ހިމަނާފައެއް ނުވެ އެވެ. 'ދައުރު' އަށް ލިބިފައިވާ، ލިޔެކިޔުންތަކަށް ބަލާއިރު ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށް ވިޔަފާރި ކުރުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުނި އުފައްދާފައި ވަނީ ކޭ-ޕާކް ފްލެޓްތައް އިމާރާތްކޮށް އެކަމާ ގުޅޭ ވިޔަފާރިތައް ރާއްޖޭގައި ކުރަންކަން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅި ލިޔުންތަކުން އެނގެ އެވެ. މީގެ އިތުރުން، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާއި ކުންފުންޏާ ބެހޭ ގާނޫނު ބުނާ ގޮތުން ފޮރިން އިންވެސްޓްމަންޓެއް ރަޖިސްޓްރީނުކޮށް ބޭރުގެ ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރިކުރުން މަނާވެ އެވެ.
އެތައް ކުންފުންޏެއް ހަދައި އޮޅުވާލުމުގެ ތުހުމަތު
ކޭ-ޕާކް މަޝްރޫއުގެ މައި ހިއްސާދާރު ޖިންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ކިޔައިދެއްވި ގޮތުގައި ކޭ-ޕާކް އިމާރާތުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސީ ޖިންގެ ހިއްސާ އޮންނަ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ހޮންކޮންގްގެ ކުންފުންޏެއް ކަމަށްވާ ޝީޖިއާ ގްރޫޕެވެ.
'ޝީޖިއާ ގްރޫޕް މޯލްޑިވްސް'ގެ ނަމުގައި 30 އޮކްޓޯބަރު 2017ގައި މަމްދޫހު އާއި އިތުރު މީހަކު ބައިވެރިވެގެން ވަނީ އިކޮނޮމިކް މިނިސްޓްރީގައި ކުންފުންޏެއް ރަޖިސްޓްރީކޮށްފަ އެވެ.
ޖިންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، މަމްދޫހު އެ ކުންފުނި އުފެއްދީ ޖިންއަށް އެނގުމެއް ނެތި އެވެ. އެކަން ކުރުމުގެ ބޭނުމަކީ ކޭ-ޕާކްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ކުންފުންޏަކީ ވެސް އޭނާގެ ކުންފުންޏެއްކަން ދެއްކުން ކަމަށް ޖިން ތުހުމަތުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލައިގެ ނާޒުކުކަމުން ނުރައްކާ ވެދާނެތީ ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެޕާޓްމަންޓްތައް ވިއްކައިގެން ލިބުނު ބައެއް ފައިސާ ޖަމާކުރީ ޝީޖިއާ ގްރޫޕް މޯލްޑިވްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. އެގޮތުން ބައެއް އެޕާޓްމަންޓްތައް ގަތް މީހުން އެ ކުންފުންޏަށް އެޑްރެސްކޮށް ދީފައިވާ ޗެކްތަކުގެ ކޮޕީތައް 'ދައުރު'އަށް ލިބިފައިވެ އެވެ.
"ޖިންއަށް އެއްވެސް ވަރަކަށް އެނގުމެއް ނެތި ހަދާފައި އޮތް ކުންފުންޏެއް އެއީ. އެ ކުންފުނީގެ ނަމުގައި އެކައުންޓެއް ހަދައިގެން އެބަހުރި އެޕާޓްމަންޓް ވިއްކި މީހުންގެ އަތުން ފައިސާ އެ އެކައުންޓަށް ޖަމާކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ކޭ-ޕާކާ ގުޅުވައި، މަމްދޫހު ވަނީ ތިން ކުންފުންޏެއް ރަޖިސްޓްރީކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި 22 ޖެނުއަރީ 2019ގައި މަމްދޫހު އިސްވެ އިތުރު ތިން މީހަކު ބައިވެރިވެގެން 'ދިކޯ އިންވެސްޓްމަންޓްސް އެންޑް ކޮންސަލްޓިން ގްރޫޕް'ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ކުންފުންޏެއް ރަޖިސްޓްރީކުރި އެވެ.
އާބަންކޯގެ ޑިވަލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި 2014އިން ފެށިގެން މަސައްކަތް ކުރުމަށް ފަހު މިހާރު އެ ކުންފުނީގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި އަބްދުލް ނާފިއު މުހައްމަދު ވެސް ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުގައި ކޭ-ޕާކް މަޝްރޫއަކީ އެ ކުންފުނީގެ އިންވެސްޓްމަންޓެކެވެ. އަދި އެއީ އެ ކުންފުނީގެ އެންމެ ބޮޑު އަދި ފުރަތަމަ އިންވެސްޓްމަންޓެވެ. މީގެ އިތުރަށް ރިސޯޓް ހެދުމާއި އެފްއޭއެމްގެ ދަނޑުތަކާއި އިމާރާތްތައް ހެދުމުގެ މަޝްރޫއުތައް ހިންގަނީ އެ ކުންފުނިން ކަމަށް ބުނެފައިވެ އެވެ. އެކަމަކު، އެ މަޝްރޫއު ވެސް އޮތީ މިހާރު މައްސަލަގަނޑެއްގެ ތެރޭ ހުއްޓިފަ އެވެ.
ޖިންގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ދިކޯގެ ނަމުގައި ވެސް މަމްދޫހު ވަނީ ކޭ-ޕާކްގެ ފްލެޓްތައް ވިއްކުމުގެ މުއާމަލާތްތައް ހިންގާފަ އެވެ.
ނާފިއުގެ ލިންކްޑްއިންގައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާގެ ވަޒީފާއަކީ އާބަންކޯއަށް ލިބޭ އިންވެސްޓްމަންޓްތަކުގެ އިވެލުއޭޝަންތައް ހަދައި އެފަދަ ފަރާތްތަކާ ބައްދަލުކުރުމެވެ. އެހެންކަމުން މަމްދޫހު ހިންގި މުއާމަލާތްތަކުގައި އާބަންކޯގެ އެތެރެއިން ބައެއް މުވައްޒަފުން ނުވަތަ މުވައްޒަފަކު ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބަ އޮތެވެ.
އާބަންކޯއިން ވެސް މިހާރު ވަނީ ކޭ-ޕާކުގެ ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހެދި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ފުލުހުގައި އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ އިތުރު ބަހެއް ނުލިބެ އެވެ.
މަމްދޫހު ވަނީ ޖައިޝަން ސައީދުގެ ކިޔާ މީހަކު ހިއްސާވާ ގޮތަށް 'ކޯދި އިންވެސްޓްމަންޓް'ގެ ނަމުގައި ވެސް ކުންފުންޏެއް އުފައްދައިފަ އެވެ. އެ ކުންފުނީގެ ލިޔުންތަކުން ފެންނަ ގޮތުގައި، 'ކޭ-ޕާކް ރެސިޑެންސް'ގެ ނަމުގައި އެ ކުންފުނިން ވަނީ ވިޔަފާރި ނަމެއް ރަޖިސްޓްރީކޮށްފަ އެވެ.
ޖިންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުން ކޯދި އިންވެސްޓްމަންޓުގެ ނަމުގައި މަމްދޫހާއި ޖައިޝަން ވެސް ވަނީ ފްލެޓްތައް ވިއްކުމުގެ މުއާމަލާތްތަކެއް ހިންގައިފަ އެވެ. އެކަމަކު އެއްވެސް އިރެއްގައި އަދި އެއްވެސް ލިޔެކިޔުމަކުން ވެސް ކޭ-ޕާކް ފްލެޓްތައް ވިއްކުމުގެ ބާރު ކޯދި އިންވެސްޓްމަންޓަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޅުވާލުމުގެ ތެރެއިން މުއާމަލާތްތައް ހިންގަން ވެގެން މި ތިން ކުންފުނި މި ހުރީ އުފައްދާފައި ކަމަށް އަޅުގަނޑުމެންނަށް ތުހުމަތު އެބަ ކުރެވޭ. މި ހުރިހާ ކުންފުންޏެއް ވެސް މި ހަދަނީ ޖިންއަށް އޮޅުވާލަން ކަމަށް އޭނާ ގަބޫލުކުރޭ،" އެ ބޭފުޅާ ވިދާޅުވި އެވެ.
ފްލެޓްތައް ނުއަގުގައި އަދި ޑަބަލްކޮށް ވެސް ވަނީ ވިއްކާފައި
'ދައުރު'އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު މިހާތަނަށް 18 އެޕާޓްމަންޓެއްގެ ފައިސާ އެއްވެސް ގޮތަކަށް ކުންފުންޏަށް ނުލިބި، މަމްދޫހުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހަދާފައި ހުރި ކުންފުނިތައް މެދުވެރިކޮށް ވިއްކައިގެން ފައިސާ ރޯލްކޮށްފައި ހުރިކަން އެނގެ އެވެ. ބައެއް އެޕާޓްމަންޓުތައް ޑަބަލްކޮށް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާފައި ހުރިކަން އެނގޭ އެގްރިމަންޓުތަކުގެ ކޮޕީ ވެސް 'ދައުރު'އަށް ލިބިފައިވެ އެވެ.
ޖިންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އެ ގޮތަށް ފާހަގަވެފައި ހުރި މުއާމަލާތްތަކުގެ އަގު 100 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް މިހާރު ވަނީ ގޮސްފަ އެވެ. އޭގެ ތެރެއިން ބައެއް ފައިސާ މަމްދޫހު ނަގާފައި ވަނީ ޖިންގެ ސޮއި ފޯޖްކޮށްގެން ފޭކް ބޯޑް ރިޒޮލިއުޝަންތަކެއް ހަދައި ބީއެމްއެލްގައި ހަންބޯ ކުންފުނީގެ ނަމުގައި އެކައުންޓެއް ހުޅުވައިގެން ކަމަށް ތުހުމަތުކުރެވެ އެވެ.
"އަސްލު އެކައުންޓް އޮންނަނީ އެސްބީއައިގައި ހަދާފައި. އެކަމަކު އެ އެކައުންޓް ބާއްވާފައި ކޮވިޑް ތެރޭ ޖިންއަށް ރާއްޖެ ނޭދެވި ހުއްޓާ ބީއެމްއެލްގައި އެކައުންޓެއް ހަދައިގެން އޭގެ ތެރެއިން ވެސް ފައިސާތައް [މަމްދޫހު] ރޯލްކޮށްފައި އެބަހުރި،" އެބޭފުޅާ ވިދާޅުވި އެވެ.
ކޭ-ޕާކްގައި މަސައްކަތް ކުރި މުވައްޒަފަކު، ނަން ހާމަނުކުރަން އެދި، ބުނި ގޮތުގައި ބީއެމްއެލްގައި ހުޅުވި ހަމްބޯ ކުންފުނީގެ އެކައުންޓުގެ ހުރިހާ ބާރުތަކެއް އޮންނަނީ މަމްދޫހުގެ އަތުގަ އެވެ. އެ ކުންފުނީގެ އެކައުންޓެއް ބީއެމްއެލްގައި އޮންނަކަން ޖިންއަށް ނުވެސް އެނގެ އެވެ.
"އެ އެކައުންޓަށް 2 މިލިއަން ވަނީމާ ހަމަ އެ ހަފްތާ ތެރޭ އެ ފައިސާ ނަގާ އެބަ ހުސްކޮށްލާ. ޖިންގެ އެކައުންޓެންޓެއް އޮފީހުގައި އިނަސް މަންޑޭ ބުނާނެ އޭނާއަށް ކަންކަން ނާންގާށޭ. އޭނާއަށް ނޭނގޭ ގޮތަށް ހުރިހާ ކަމެއް ސިއްރު ކުރަނީ،" އެ މުވައްޒަފު ބުންޏެވެ.
ނަމަވެސް މަމްދޫހު ނެރުނު ބަޔާނުގައި ބުނީ ޖިންގެ އެކައުންޓެންޓަށް މުއާމަލާތްތައް އެނގޭނެ ކަމަށެވެ. އެހެންކަމުން އެއްވެސް ކަމެއް ޖިންއަށް ނޭނގޭ ކަމަށް ބުނާ ވާހަކަ މަމްދޫހު ދޮގުކުރެ އެވެ.
ޖިންއަށް ހިއްސާ ވިއްކާލުމަށް 2018ގައި ހެދި އެގްރިމަންޓުގެ ކޮޕީ 'ދައުރު'އަށް ލިބިފައިވާ އިރު ކޭ-ޕާކުގައި މުޅިއަކު ހުރި 110 އެޕާޓްމަންޓުގެ ތެރެއިން ވިކިފައިވާ އެޕާޓްމަންޓުގެ ލިސްޓެއް ވެސް ހިމެނެ އެވެ. އޭގައިވާ ގޮތުން ޖިން ހިއްސާ ގަތުމާ ހަމަޔަށް ވިކިފައި ހުރީ 33 އެޕާޓްމަންޓެވެ. އެއަށް ފަހު އެއްވެސް އެޕާޓްމަންޓެއް ނުވިކިގެން އުޅޭ ކަމަށް މަމްދޫހު ޖިންއަށް މައުލޫމާތު ދެމުން ގޮސްފައިވާ ކަމަށް ޖިންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"ޖިންއަކީ ރަނގަޅަށް އިނގިރޭސި ބަސް ވެސް ނޭނގޭ ބޭފުޅެއް ވީމާ މަމްދޫހު ދައްކާ ވާހަކަތައް އޭނާ ގަބޫލުކުރަމުން ދިޔައީ. ސުވާލުކުރުމުން އެޕާޓްމަންޓްތައް ނުވިކޭ ކަމަށް މި ބުނަނީ. [ކޮވިޑަށް ފަހު] ޗައިނާ ހުޅުވުނީމާ [ޖިން] އަށް ރާއްޖެ އާދެވޭ ގޮތްވެ، އެ ޕާޓްމަންޓްތައް ބަލައިލަން އައި ބައެއްގެ ފަރާތުން ޝަކުވާ މި ލިބެނީ އެހެން ބަޔަކަށް ވެސް އެ އެޕާޓްމަންޓް ވިއްކާފައޭ އޮތީ. އެ ހިސާބުން އޭނާއަށް މި އެނގެނީ ގޯސްތަކެއް އުޅޭކަން،" ކުރީބައިގައި މަމްދޫހާ މެދު ޖިން ޝަކުވާ ނުކޮށް އިތުބާރުކޮށްގެން ހުރި ސަބަބާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
'ދައުރު'އަށް ލިބިފައިވާ އެގްރިމަންޓްތަކުގެ ކޮޕީއަށް ބަލާއިރު ކޭ-ޕާކްގެ 11 ވަނަ ފަންގިފިލައިން ތިން ރޫމްގެ އެޕާޓްމަންޓެއް 2021ގެ ކުރީކޮޅު 2.5 މިލިއަން ރުފިޔާއަށް މީހަކަށް ވިއްކާލި އެވެ. އެ އެގްރިމަންޓުގައި އެޕާޓްމަންޓް ވިއްކަން ސޮއިކޮށްފައި ވަނީ ހަމްބޯ ކޮމްޕެނީގެ ޑިރެކްޓަރުގެ ހައިސިއްޔަތުން މަމްދޫހު އެވެ. އޭގައި ހަމްބޯގެ ތައްގަނޑު ވެސް ޖަހާފައިވެ އެވެ. އެ ކުންފުނީގެ ހެއްކެއްގެ ގޮތުގައި ސޮއިކޮށް ފައިސާ ބަލައިގެންފައި ވަނީ ޖައިޝަން އެވެ. އަނެއްކާ ހަމަ އެ ފްލެޓް އެހެން މީހަކަށް މިދިޔަ އަހަރުގެ މެދު ތެރޭ ވިއްކާލާފައި ވަނީ 3.9 މިލިއަން ރުފިޔާއަށެވެ. އެ އެގްރިމަންޓުގައި ވެސް ސޮއިކޮށްފައި ވަނީ މަމްދޫހާއި ޖައިޝަން އެވެ. އެގްރިމަންޓްތައް ހަދާފައި ހުރީ ދިވެހި ބަހުންނެވެ.
ލިޔުންތަކުން އެނގޭ ގޮތުގައި އެޕާޓްމަންޓްތައް ވިއްކަން ފައިސާ ބަލައިގަތް ކަމަށް ސޮއިކޮށްފައި ވަނީ ވެސް އެ ދެ މީހުންނެވެ.
މަމްދޫހަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެމުން އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެޕާޓްމަންޓްތައް ވިއްކާކަމުގެ މައުލޫމާތު ޖިންއަށް އެނގޭނެ އެވެ. ނަމަވެސް މައި ހިއްސާދާރު ޖިންގެ ފަރާތުން ސޮއިކުރި ލިޔުމެއް ފެންނާކަށް ނެތެވެ. އެގްރިމަންޓްތައް ހުރީ ވެސް ދިވެހި ބަހުން ކަމަށް ވުމުން ޖިންއަށް އެ މުއާމަލާތްތައް އެނގޭނެ ކަމަށް ބުނާ ވާހަކައަށް ބާރެއް ނުލިބެ އެވެ.
އާބަންކޯއިން މީގެ ކުރިން އިއުލާންކޮށްފައިވާ ކޭ-ޕާކްގެ އެޕާޓްމަންޓްތައް ވިއްކާ އަގުތަކުގެ ލިސްޓާ އަޅާބަލާއިރު، މަމްދޫހު އެޕާޓްމަންޓުތައް ވިއްކި އަގުތައް ދަށްކަން ފާހަގަވެ އެވެ. އެހެންކަމުން މާކެޓް ރޭޓަށް ވުރެ މާ ދަށްކޮށް، ނުއަގުގައި އެޕާޓްމަންޓްތައް ވިއްކާފައި ހުރި ކަމަށް ބެލެވެ އެވެ.
ރާއްޖެއިން ބޭރަށް ދަތުރެއް ދާންވީމާ އެބަ ވިއްކާލާ އެޕާޓްމަންޓެއް މީހަކަށް ވަގުތުން ކޭޝްދޭ ގޮތަށް. ޑޮމެއިން ޖެހި ކާރެއް ދޭ މަތިން ވެސް އެބަހުރި އެޕާޓްމަންޓް ދީފައި
މަމްދޫހުގެ މުވައްޒަފެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރި މީހަކު ކިޔައިދިން ގޮތުގައި އެޕާޓްމަންޓްތައް ވިއްކަމުން ގެންދިޔައީ އެ އިރެއްގައި މަމްދޫހް ކުރަން ޖެހޭ ހަރަދުތައް ހަމަޖައްސާލުމަށެވެ.
"ރާއްޖެއިން ބޭރަށް ދަތުރެއް ދާންވީމާ އެބަ ވިއްކާލާ އެޕާޓްމަންޓެއް މީހަކަށް ވަގުތުން ކޭޝް ދޭ ގޮތަށް. ޑޮމެއިން ޖެހި ކާރެއް ދޭ މަތިން ވެސް އެބަހުރި އެޕާޓްމަންޓް ދީފައި،" ކުރީގެ މުވައްޒަފު ބުންޏެވެ.
މަމްދޫހުގެ ބަޔާނުގައި ވެސް އެޕާޓްމަންޓްތައް ވިއްކައިގެން ފައިސާ ލިބިފައިވާ ކަމަށް އިއުތިރާފްވެ އެވެ. އެކަން ދިފާއުކުރަމުން އޭނާ ބުނަނީ އެ ހުރިހާ ފައިސާއެއް ވެސް ހޭދަކުރީ ޕްރޮޖެކްޓަށެވެ. ނަމަވެސް ޕްރޮޖެކްޓްގެ %80 ނިމުނު ގޮތަށް ހުއްޓިފައި ހުންނަތާ ކިތަންމެ ދުވަހެކެވެ.
އެޕާޓްމަންޓްތައް ނިމުން ލަސްވާތީ ޝަކުވާކުރާ މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދެމުން ދިޔައީ 'ޕިރަމިޑް ސްކީމް' ހިންގާ އުސޫލާ އެއްގޮތަށެވެ. އެއީ ފަހުން އެޕާޓްމަންޓްތައް ގަންނަ މީހުންގެ އަތުން ލިބޭ ފައިސާ އަނެއް ބަޔަކަށް ދެނީ އެވެ. ޝަކުވާ ކުރާ މީހުންގެ އެގްރިމަންޓްތަކަށް އިސްލާހު ގެނެސް، އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 20،000ރ. ދޭނެ ކަމަށް ބުނެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. އެކަމަކު ފައިސާ ނުލިބިގެން ވެސް އެތައް ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.
ފުލުހުން ގެންދަނީ އެ މައްސަލަތައް ވެސް ބަލަމުންނެވެ.
ޓެކްސްއަށް ވެސް މަކަރު ހެދީތަ؟
މަމްދޫހު ނެރުނު ބަޔާނުގައި ބުނީ އެޕާޓްމަންޓްތައް ވިއްކައިގެން ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް ހަމްބޯ ކުންފުނީގެ ނަމުގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގެ ކޮޕީތަކުން ދައްކަނީ އެޕާޓްމަންޓް ވިއްކި އަގު ނުހިމަނައި، މީރާއަށް ސުން ބަޔާން ހިމަނައިގެން ޓެކްސް ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރު މީރާއަށް ހުށަހެޅި ޓެކްސް ބަޔާނުން ދައްކާ ގޮތުގައި ހަންބޯ ކުންފުންޏަށް އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. ފައިނޭންޝަލް ސްޓޭޓްމަންޓުގައި ވެސް ލިބުނު އާމްދަނީގެ ބައިގައި ޖަހާފައި އޮތީ ސުމެކެވެ. ނަމަވެސް 'ދައުރު'އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި 2020-2023ގެ ނިޔަލަށް އެޕާޓްމަންޓްތައް ވިއްކާފައިވާއިރު މަދުވެގެން ކޮންމެ އެޕާޓްމަންޓަކުން 1.5 މިލިއަން ރުފިޔާގެ ޑައުންޕޭމަންޓެއް ކުންފުންޏަށް ނެގި އެވެ.
މީގެ އިތުރަށް، މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައިވާ މެނޭޖިން ޑިރެކްޓަރު ޖިންގެ ސޮޔާއި އޭނާ އަސްލު ސޮޔާ ދިމާނުވާ ކަމަށް އޭނާގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ. އެ ލިޔުންތަކުގައި ޖިން ސޮއިނުކުރާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ މައްސަލަ ވެސް ފުލުހަށް ހުށަހަޅައިފަ އެވެ. އަދި ލިޔުންތައް ބެލުމުން ވެސް ސޮއިތަކުގެ ބޮޑު ފަރަގެއް ހުރިކަން ހާމަވެ އެވެ.
ނަމަވެސް، އޮޅުވާލުންތައް ހުރި ކަމަށް ބެލެވޭ ޓެކްސް ބަޔާންތަކަކީ އޮޑިޓްކޮށްފައިވާ އަދި އޮޅުވާލުމެއް ނެތް ސައްހަ ބަޔާންތަކެއް ކަމަށް ބުނެ އޭގައި ޖައިޝަން ސޮއިކޮށްފައިވެ އެވެ.
މި ހުރިހާ ކަމެއް އެއްކޮށްލުމުން ފެންނަނީ މަތީ ފެންވަރުގެ ހިތްގައިމު ކޭ-ޕާކުގެ ފަހަތުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. އެ މަޝްރޫއުގެ ތެރެއިން ކުއްލިއަކަށް ބޮޑު ވިޔަފާރިވެރިއެއް އުފަން ވީއިރު، އެތައް ދިވެހިންނެއްގެ ފައިސާ މި އޮތީ 'ގެއްލިފަ' އެވެ. ޔަގީނެވެ! ކޮންމެވެސް ބަޔަކު އިހުމާލު ވެއްޖެ އެވެ.
ކޮމެންޓް (46)
ހަސަން
ޕާކު ކައިފި
ޖަޖަޖަޖަބަހ
ވޯލް
އެއްކަލަ ކުއްޖާ
ބަނީ
ސްޓެޕް ބުރޯ
އަލީ
ހަސަން
މުޙައްމަދު
އިއްސެ
ދިވެހި ދަރިން
މަފް
ކޭޕާކް 3.5 މިލިއަން
ދައްކަވަން ހުރި ތަނެއް ދައްކަވާނެ
އައި
ކޮރަޕްޓް
އައްސަދު
ހަންބޮންޓޮޓާ
ނާށި
އަހުމަދު
ށުންސަށ
ތެފައާސާ.
ޢަހުމަދު
ޒީނާ
ހަމްބޯ
ޝަހުދާ
ބެންޒް
ސުހޭލު
ޝާނު
ފާއިޒު
ބްރާބަސް
ފޭކް ބްރާބަސް
އައްޑާ
ހިތަދޫ ހުސެން
ރަދީފްއޮފިޝަލް
ހަންބޯ މީހާ
ނޫނު
އަލިފު
އޯކޭ
އޮއްކި
އާއިޝް
ޝަހުދީ
ތެފައާސާ.
ޙަންބޯޓެކް
ކަމަންޑާ