'ދަރިން ސުވާލުކުރާނެ': ޒުވާނުން އެދެނީ މި ގޮވާލުންތަކުގެ އަޑުއަހަން
ރަށް ގިރަމުން ގޮސް، ގޮނޑުދޮށާ ދެމެދު 100 ފޫޓު ވެސް ނެތް ގޭގެ އެބަހުއްޓެވެ. އުދަ އަރައިފި ނަމަ ގޭ ތެރެއަށް ރާޅު ޖަހާނެ އެވެ. ރަށް ގިރުމުގެ ސަބަބުން ބިމުގެ ބައެއް ގެއްލިއްޖެ އެވެ. ދަނޑުތަކަށް ލޮނުގެ އަސަރުކޮށް، ގަސްތައް ހީނަރުވެ، ދަނޑުވެރިކަމުން ލިބޭ ކާނާ އާއި މަންފާ މަދުވެއްޖެ އެވެ.
ލ. އަތޮޅަށް މޫސުމީ ކާރިސާ ކުރިމަތިވެފައި އޮތް ގޮތް، މި މިސާލުތަކުން ކިޔައިދެމުން އަބްދުﷲ މުނައްވަރު ފާޅުކުރި ކަންބޮޑުވުންތަކުން ސިފަވަނީ ބަނަ ކުރިމަގެކެވެ. ރާއްޖޭގެ މިހާރުގެ ޒުވާނުންނާއި ކުޑަކުދިންނާއި އެ މީހުންގެ ދަރިންގެ ޖީލު ދިރިއުޅޭނެ ތަނެއް، ބޭނުންކުރާނެ ގުދުރަތީ ވަސީލަތްތަކެއް ނެތް ދުވަހެއް އަތުވެދާނެ ކަމުގެ ހަގީގީ ބިރެވެ.
މައްސަލައިގެ އަސްލަކީ ބޮޑެތި ގައުމުތަކުގެ ތަރައްގީއަށް ޖައްވަށް ދޫކުރި އަދި ކުރަމުންދާ ވިހަ ގޭސްތަކުން ދުނިޔެ ހޫނުވެ މޫސުމަށް އަންނަ ބަދަލުތަކެވެ. އެއާއެކު، މުނައްވަރު ފަދަ ޒުވާނުންގެ އަނެއް ކަންބޮޑުވުމަކީ އިހުމާލެވެ. ގުދުރަތީ ވަސީލަތްތައް ހަލާކުކުރުމެވެ. ރާއްޖެ ފަދަ ނާޒުކު ގައުމެއްގައި، އޭގެ ސަބަބުން، މޫސުމީ ކާރިސާތަކުގެ ގެއްލުން އިތުރަށް ބޮޑުވެގެންދާނެ ކަމެވެ.
މިހާރު މި ދާ ރޭޓުގައި ތިމާވެއްޓަށް ގެއްލުންދިނުމާއި މި ގޮތަށް ޑިސިޝަން މޭކިން ދާކަން އަސްލު ވަރަށް ދެރަ. މިއީ ވަރަށް މުހިއްމު ވަގުތުތަކެއް. މިހާރު ހައްލު ނުހޯދިއްޖެއްޔާ މީގެ އަސަރު 10 ނުވަތަ 20 އަހަރު ފަހުން އަންނަ އިރު އަހަރެމެން ތިބޭނީ ވަރަށް ގޯސް ހިސާބެއްގައި.
ލ. ގަމު މުނައްވަރަކީ، ދުނިޔޭގެ ލީޑަރުންގެ ކޮޕް26 ސަމިޓަށް ޒުވާނުންގެ އަޑު ގެންދިޔުމަށް، ސްކޮޓްލަންޑުގެ ގްލާސްގޯގައި މިއަދު ފަށާ ބައްދަލުވުމަކަށް ދިވެހި ޒުވާނުންގެ ޝުއޫރުތައް ފޯރުކޮށްދިނުމުގެ ބައިވެރިއެކެވެ. އދގެ، ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ޔޫތު (ކޯއީ)ގެ 16 ވަނަ ބައްދަލުވުން ނުވަތަ ކޯއީ16 އަށް ރާއްޖެ އިން ހުށަހަޅާފައިވާ ސްޓޭޓްމެންޓުގައި ބައިވެރިވި ހަ ޖަމްއިއްޔާގެ ތެރޭގައި ހިމެނޭ، ގަމުގެ 'ދި އައިލެންޑާސް އެސޯސިއޭޝަން'ގެ ރައީސެވެ.
ކޯއީ16ގައި ރާއްޖެ ބައިވެރިވުމުގެ މަސައްކަތުގެ ކޯޑިނޭޓަރު އައިޝަތު އަޒްލީނާއަށް، އެކަމުގެ ތެރެއިން، މުނައްވަރު ފަދަ ދިވެހިންގެ ފަރާތުން އެތަކެއް ކަންބޮޑުވުންތަކާއި ގޮވާލުންތަކުގެ އަޑު ވަނީ އިވިފަ އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ފެނި، އެކަމާ ކަންބޮޑުވާ ޒުވާނުންގެ އަދަދު ވަރަށް ވެސް ގިނަ،" ކޯއީ16ގައި ބައިވެރިވުމަށް މިހާރު ގްލާސްގޯގައި ހުރި އަޒްލީނާ ބުންޏެވެ.
އޭނާ ފާހަަގަކުރިގޮތުގައި، ހާއްސަކޮށް ރަށް ގިރުމުގެ މައްސަލަ އާއި ތަރައްގީގެ މަޝްރޫއުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް އެތައް ގުނައެއް އިތުރުވަމުންދާ މައްސަލައާ މެދު ޒުވާނުންގެ އުދާސް ބޮޑެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ އިރު، މިކަމުން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނީ މިހާރުގެ ޒުވާނުން، ކުޑަކުދިން އަދި އަންނަން އޮތް ޖީލުތައް.
'ސީރިއަސްކަމެއް ނެތް؛ މިއީ ތިމާވެށީގެ ކަމެއް ނޫން'
ކޯއީ16 އަށް ރާއްޖެ އިން ތައްޔާރުވުމުގެ މަސައްކަތުގެ ވޮލަންޓިއަރެއް ކަމަށްވާ ނަފްހާ އައުޖާޒް އަށް، ރާއްޖެ އިން ފެންނަނީ މޫސުމީ ކާރިސާއާ މެދު ސީރިއަސްކަމެއް ނެތް ތަނެވެ. އޭނާ ބުނީ، ޒުވާނުންނާއި މައުލޫމާތު މުއްސަނދި މީހުން ކަންބޮޑުވުން ފާޅުކުރިޔަސް، އެހެން މީހުންގެ ކިބައިން ފާހަގަކުރެވެނީ ކަމުގެ ގެއްލުންތައް ގަބޫލު ނުކުރުން ނުވަތަ މައްސަލައާ މެދު ފަރުވާލެއް ނެތުން ކަމަށެވެ.
"މިހާރު އަހަރެމެން މި ތިބީ ކްލައިމެޓް ޗޭންޖުގެ ގެއްލުންތައް ވަރަށް ރަނގަޅަށް ފެންނަ ހިސާބެއްގައި. އެކަމަކު ގަބޫލުކުރުމުގެ ބައިގައި އަދިވެސް ވަރަށް ބޮޑެތި މައްސަލަތައް އެބައުޅޭ. އަނެއްކާ، ގަބޫލު ކުރިޔަސް، ލީޑަރުންނާއި ޑިސިޝަން މޭކާސްގެ ހުރީ، ހަމަ ވަރަށް ސީދަލަށް، އަޅާލުމެއް ނެތް ކަހަލަ އެޓިޓިއުޑެއް،" ތިމާވެށީގެ މެނޭޖްމެންޓް ކިޔަވައި ދިރާސާތައް ކޮށްފައިވާ ނަފްހާ ބުންޏެވެ.
"މިހާރު މި ދާ ރޭޓުގައި ތިމާވެއްޓަށް ގެއްލުންދިނުމާއި މި ގޮތަށް ޑިސިޝަން މޭކިން ދާކަން އަސްލު ވަރަށް ދެރަ. މިއީ ވަރަށް މުހިއްމު ވަގުތުތަކެއް. މިހާރު ހައްލު ނުހޯދިއްޖެއްޔާ މީގެ އަސަރު 10 ނުވަތަ 20 އަހަރު ފަހުން އަންނަ އިރު އަހަރެމެން ތިބޭނީ ވަރަށް ގޯސް ހިސާބެއްގައި."
ކަމުގެ ސީރިއަސްކަން ވަޒަން ނުކުރެވޭ އެއް ސަބަބަކީ، ނަފްހާ ދެކޭގޮތުގައި، މޫސުމަށް އަންނަ ބަދަލުތައް، ތިމާވެށީގެ ނަޒަރުން ބެލުމެވެ. އޭނާ ބުނީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން، މީހުންގެ ދިރިއުޅުމާއި ކެއިންބުއިމާއި އާމްދަނީ އާއި އިޖުތިމާއީ އަދި އިގްތިސޯދީ ހަރަކާތްތަކަށް ވެސް އަސަރު ފޯރާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވަނީ ފެންބޮޑުވުން އެކަނި ނޫން ކަމާއި ސިއްހީ މައްސަލަތަކާއި ގެދޮރާއި މުދާ ހަލާކުވުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމާއި އިންޑަސްޓްރީތައް ހީނަރުވުމާ ވެސް ކުރިތިލާން ޖެހޭ ކަމެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި ރާއްޖޭގެ ޓޫރިޒަމް ވެސް ބިނާވެފައި މި އޮންނަނީ ރަށްރަށާއި ކަނޑުގެ މާހައުލަށް. އެހެންވީމާ އަހަރެމެންގެ މުޅި އިގްތިސޯދު ބިނާވަނީ ތިމާވެއްޓަށް. އެކަމަކު ކޮންމެ ފަހަރަކު ވެސް އެ ވާހަކަ ދައްކާ އިރު ތިމާވެށީގެ ނަޒަރުން މި އަންނަނީ،" ނަފްހާ ބުންޏެވެ.
ރަށްތައް ގިރައިގެންދަނީ ރައްކާތެރިކަން ނުލިބި
މުނައްވަރު ބުނިގޮތުގައި ލ. އަތޮޅަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމެވެ. ގަމުންނާއި އަތޮޅުގެ ކުދި ރަށްރަށުން ވެސް އެ މަންޒަރު ފެނެ އެވެ. މައްސަލަ ސީރިއަސް ހިސާބަކަށް ދިޔައީ ފިޔަވަޅުތައް ނޭޅުނީމަ އެވެ. ދެ ކަމެއް މުނައްވަރު ފާހަގަކުރި އެވެ. އެއީ ގޮނޑުދޮށުން ވެލި ނެގުން ނުހުއްޓުވުމާއި ހޭޅިފަށުގައި ހުރި ބޮޑެތި ގަސްތައް ހިމާޔަތް ނުކުރުމެވެ.
ފުރަތަމަ، ރާއްޖެތެރޭގައި މި ހުރި ބިން ބޮޑު ރަށްރަށުގެ ބިންތައް ބޭނުންކުރަންވީ. މި ރަށްރަށް ކުރިއަރުވައިގެން އެ ތަންތަނުގެ ބޭނުންކޮށްފައި ދެން އަދި އިތުރަށް ބިން ބޭނުންވެއްޖެ ނަމަ އިތުރަށް ބިން ހިއްކުން ވެސް މައްސަލައެއް ނެތް.
ކޯއީ16ގެ ނެޝަނަލް ސްޓޭޓްމެންޓަށް ޔޫތު ސްޓޭޓްމެންޓް ތައްޔާރުކުރުމަށް، މުނައްވަރުގެ ޖަމްއިއްޔާ އިން އާއްމުންގެ ހިޔާލު ހޯދި އެވެ. މުނައްވަރު ބުނިގޮތުގައި އެކަމުގައި ބައިވެރިވި 300 އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންގެ ވިސްނުމަކީ، ގަސްތައް ރައްކާތެރިކޮށް، ގޮނޑުދޮށާ ދުރުން ވެލި ނެގުން ލާޒިމްކުރާ ގަވާއިދު ތަންފީޒުކުރި ނަމަ، މި ހާލަތު ކުރިމަތި ނުވީސް ކަމެވެ.
"ގޮނޑުދޮށުން ވެލި ނެގުމަކީ މަނާ ކަމެއް. އެކަމަކު ވެލި ނަގާ ބަޔަކު ވެލި ނަގަނީ. އެކަން ބަލާނެ އެއްވެސް ބަޔަކު ނެތް. ދެން ހަމަ ގޮނޑުދޮށުގައި ހުންނަ ބޮޑެތި ގަސްގަހާގެހި ހުރީ އެއްވެސް ވަރަކަށް އަޅާނުލައި ދޫކޮށްލާފައި. ގަސްތައް ހިމާޔަތްކުރުމުގެ އެއްވެސް ކަހަލަ މަސައްކަތެއް އެއްވެސް އޮތޯރިޓީއަކުން ނުކުރޭ،" މުނައްވަރު ބުންޏެވެ.
ކޯއީ16 އަށް ރާއްޖެ އިން ހުށަހެޅި ސްޓޭޓްމެންޓުގައި، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން:
-
ގޮނޑުދޮށުންނާއި ނާޒުކު ސަރަހައްދުތަކުން ވެލި ނެގުން މަނާކުރުމުގެ ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުން
-
އިމާރާތްކުރުމަށް ބޭނުންކުރާނެ އެހެނިހެން މެޓީރިއަލް ހޯދުމަށް ސަރުކާރުން ލޯކަލް ކައުންސިލްތަކާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ އެކު މަސައްކަތް ފެށުން
-
ރަށް ގިރުން ހުއްޓުވުމަށްޓަކައި ހޭޅިފަށުގައި ގަސް އިންދުން އިތުރުކުރުމަށް ސަރުކާރުން ކައުންސިލްތަކާއި ޒުވާނުންނާ އެކު މަސައްކަތް ފެށުން
'ނުހިއްކާ ވެސް ބިން އެބަހުރި، ރަށްރަށް ކުރިއަރުވަންވީ'
ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު މައްޗަށް ގޮސް، ރާއްޖޭގެ ބިން ތިރި ޖަޒީރާތަކުގެ ބޮޑު ބައެއް ގެއްލި، އަހަރުތަކެއް ފަހުން ގިނަ ރަށްތަކެއް އަޑިއަށް ހިނގައިދާނެކަން އެއީ ދިވެހި ޒުވާނުންނަށް ވަރަށް ހަގީގީ ބިރެކެވެ. ދެވަނައަށް އޮތީ، ތަރައްގީގެ މަޝްރޫއުތަކުން ގުދުރަތީ ނިޒާމުތަކަށް ލިބެމުންދާ ގެއްލުންތަކުގެ އަސަރެވެ.
ރަނގަޅަށް ދިރާސާ ނުކޮށް، ލިބޭނެ ގެއްލުންތަކަށް ބެލުމެއް ނެތި، ސަރުކާރުތަކުން ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ފެނި، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ ބިރު މުނައްވަރު އިހުސާސްކުރެ އެވެ. ފަރުތަކާއި ހޭޅިތަކާއި ކުޅި، ފާ، ޗަސްބިންތައް ނެތިގޮސް، މީހުން ދިރިއުޅެން ބޭނުންވާ ވަސީލަތްތަކާއި ކާރިސާތަކުން ދިފާއުވުމުގެ ގުދުރަތީ ބާރު މުޅިން ނެތިގެން ހިނގައިދާނެތީ އެވެ.
ބިން ހިއްކުމަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކޮންމެހެން ކުރަން ޖެހިދާނެ ކަމެއްކަން މުނައްވަރު ގަބޫލުކުރެ އެވެ. އެކަމަކު އޭނާ ދެކޭގޮތުގައި ފަޅުތައް ކޮނެގެންނާއި ހިއްކައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު، ރާއްޖޭގެ މިހާރުގެ އާބާދީއަށް ފުދޭ މިންވަރަށް ބިން އެބަ ހުއްޓެވެ. އޭނާގެ ރަށް، ގަން މިސާލަކަށް ދައްކަމުން މުނައްވަރު ބުނީ، ފުރަތަމަ ކަމަކީ ބިން ހުރި ބޮޑެތި ރަށްތައް ތަރައްގީކޮށްގެން ބޭނުންކުރުން ކަަމަށެވެ.
"ފުރަތަމަ، ރާއްޖެތެރޭގައި މި ހުރި ބިން ބޮޑު ރަށްރަށުގެ ބިންތައް ބޭނުންކުރަންވީ. މި ރަށްރަށް ކުރިއަރުވައިގެން އެ ތަންތަނުގެ ބޭނުންކޮށްފައި ދެން އަދި އިތުރަށް ބިން ބޭނުންވެއްޖެ ނަމަ އިތުރަށް ބިން ހިއްކުން ވެސް މައްސަލައެއް ނެތް،" މުނައްވަރު ބުންޏެވެ.
ރާއްޖޭގައި ބިން ހިއްކަނީ އާއްމުންގެ ބޭނުންތަކަކަށް އެކަންޏެއް ނޫނެވެ. ޓޫރިޒަމް ފުޅާކުރުމަށް، ހާއްސަކޮށް މި ފަހުގެ އަހަރުތަކުގައި، އިތުރު އެތައް ފަޅެއް ވަނީ ހިއްކައިފަ އެވެ. ކޯއީ16 އަށް ރާއްޖޭގެ ޒުވާނުންގެ ފަރާތުން ހުށަހެޅި ސްޓޭޓްމެންޓްގައި ވަނީ ރިސޯޓު ތަރައްގީކުރުމަށް ފަޅު ހިއްކުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައިފަ އެވެ. ސްޓޭޓްމެންޓްގައި ބުނިގޮތުގައި އެއީ މާލީ ފައިދާއަށްޓަކައި ގުދުރަތީ ރައުސުމާލާއި އެ ތަންތަނުގެ ދިރުންތައް ސުންނާފަތިކުރާ ކަމެކެވެ.
އެ އަތޮޅެއްގެ ކެރީން ކެޕޭސިޓީއަށް ބިނާކޮށް، ކޮންމެ އަތޮޅެއްގައި ރިސޯޓު ތަރައްގީކުރާނެ ވަކި އަދަދެއް ކަނޑައެޅުމަށް ވެސް ސްޓޭޓްމެންޓްގައި ވަނީ ގޮވާލައިފަ އެވެ.
އެންމެ ބޮޑު މައްސަލަ: ޕްލޭނެއް ނެތް
ތިމާވެށި ހަލާކުކުރާ މަޝްރޫއުތަކާ ބެހޭގޮތުން ފަހަކަށް އައިސް ސިޔާސީ ފަރާތްތަކުގެ ޖަވާބަކީ ރައްޔިތުން ޑިމާންޑުކުރާތީ އެފަދަ މަޝްރޫއުތައް ހިންގަން ޖެހެނީ ކަމެވެ. އެކަމަކު ނަފްހާއަށް، ރާއްޖޭގެ ހާލަތަށް ބަލާ އިރު، އެއީ ހުއްޖަތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ރާއްޖޭގެ ތިމާވެއްޓާއި އިގްތިސޯދު އެފަދަ ގެއްލުންތަކަށް ނާޒުކުކަމުންނެވެ. ނަފްހާ ބުނީ ރައްޔިތުން އެދޭތީއޭ ބުނެ، އިއާދަ ނުކުރެވޭ ފަދަ ގެއްލުންތައް ހުރި މަޝްރޫއުތައް ހިންގުމަކީ "ކުޑަކުއްޖަކު ރުއީމާ މެޓާ ދީގެން ދަތްފަނިކެއުން ކަހަލަ ކަމެއް" ކަމަށެވެ.
"ޕްރޮޖެކްޓެއް ހިންގާފައި ދެން އޭގެ ގެއްލުންތައް މި ކުރިމަތިވަނީ ހަމަ އާއްމުންނަށް. ޕްރޮޖެކްޓް ހިންގަނީ ރަނގަޅު ނިޔަތުގައި ކަމަށް ވެދާނެ. އެކަމަކު ސަރުކާރެއްގެ ގޮތުގައި ބުނެވޭކަށް ނޯންނާނެ، [ތިމާވެއްޓަށް ގެއްލުންދެނީ] ރައްޔިތުން ބުނާތީއޭ. ދިރާސާކޮށްގެން އެހެނިހެން ގޮތްތައް ހޯދައި ވަކިން އިންވެސްޓްކޮށްގެން މީހުން ހޭލުންތެރިކުރުމަކީ ސަރުކާރުގެ ޒިންމާއެއް،" ނަފްހާ ބުންޏެވެ.
އޭނާ ބުނީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތުން ރާއްޖެ އިން ބޭރުގެ މީހުން ސުވާލު ވެސް ކުރާ ކަމަށެވެ.
"ބައެއް ފަހަރު ހީވޭ ބޭރު މީހުން ރާއްޖެއާ މެދު މާ ބޮޑަށް ކަންބޮޑުވެއޭ، ރާއްޖޭގެ މީހުންނާއި ރާއްޖޭގައި އެ ޑިސިޝަންސް ނަގަން ތިބި މީހުންނަށް ވުރެ،" ނަފްހާ ބުންޏެވެ.
މައްސަލައިގެ އަސްލު ކަމަށް ނަފްހާ ދެކެނީ ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ޕްލޭނެއް ނެތުމެވެ. އޭނާ ބުނީ ދިރާސާކޮށް މައުލޫމާތު އެއްކޮށްގެން އޭގެ މައްޗަށް ބިނާކޮށް ދިގު މުއްދަތަށް ޕްލޭންކުރުމަށް ފައިސާ ހޭދަނުކޮށް، ހަމައެކަނި އިންފްރާސްޓްރަކްޗާއަށް މިލިއަނުން ބިލިއަނުން ހަރަދުކުުރުމުން ފައިދާއަށް ވުރެ ގެއްލުން މާ ބޮޑު ކަމަށެވެ. ތަސައްވުރެއް، މިސްރާބެއް ނެތި، ބޮޑެތި ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކުން ބިނާކުރާ އަގުބޮޑު ތަންތަން، މޫސުމީ ކާރިސާގެ ތެރޭގައި، ދެމިހުންނާނެތޯ ވެސް އޭނާ ސުވާލުކުރި އެވެ.
ދާއިރާ އިން މީހުން ބިނާކުރުމާއި މައުލޫމާތާއި ޓެކްނޮލޮޖީއަކީ ވެސް ރާއްޖޭގައި އަޅާނުލައި ދޫކޮށްލާފައި ހުރި ކަންކަން ކަން ނަފްހާ ފާހަގަކުރި އެވެ.
"ރާއްޖެއަށް ކުރިއެރެން ހުރި ވަރާ ބަލާފައި، ރާއްޖޭގެ ތަރައްގީގެ ކަންކަމަށް ހަރަދުކުރާ އަދި ހަރަދުކުރެވެން ހުރި ވަރާ ބަލާފައި ރާއްޖެ އަސްލު ވަރަށް، ވަރަށް ފަހަތުގައި މި އުޅެނީ،" ނަފްހާ ބުންޏެވެ.
'ދަރިން ސުވާލުކުރާނެ'
ކޯއީ16ގައި، ގައުމުތަކުގެ ނެޝަނަލް ސްޓޭޓްމެންޓްތަކަށް ބިނާކޮށް، ގްލޯބަލް ޔޫތު ސްޓޭޓްމެންޓެއް އެކުލަވާލައި ކޮޕް26 އަށް ހުށަހަޅާނެ އެވެ. އަޒްލީނާ ބުނިގޮތުގައި މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ނިންމުންތަކުގައި ޒުވާނުންގެ ބަސް ހިމަނައި ގައުމުތަކުގެ އިސް ވެރިން ޒިންމާދާރުކުރުވުމެވެ. ކޯއީ16 އިން ގޮވާލަނީ ކޮޕް26ގެ ނިންމުންތަކުގައި ޒުވާނުންގެ ބަހަށް އިސްކަންދިނުމަށެވެ.
"މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އިތުރުވަމުންދާ އިރު، މިކަމުން ލިބޭ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނީ މިހާރުގެ ޒުވާނުން، ކުޑަކުދިން އަދި އަންނަން އޮތް ޖީލުތައް،" އަޒްލީނާ ބުންޏެވެ. "ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ، އިތުރު ގެއްލުންތައް މަދުކުރުމަކީ ގައުމުތަކުގެ މިހާރުގެ އިސް ވެރިން އަދާކުރަން ޖެހޭ ޒިންމާއެއް."
ރާއްޖޭގެ ހަ ޖަމްއިއްޔާއަކުން ހުށަހެޅި ޔޫތު ސްޓޭޓްމެންޓްތަކުގައި އެއްގޮތް ގޮވާލުންތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން:
-
ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް އިތުރުކުރުން
-
އެހެން ގައުމުތަކާއި ރާއްޖެ އިން ވެސް ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރެވޭނެ ގޮތްތަކަކަށް މަގުފަހިކުރުން
-
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި ތިމާވެއްޓާ ބެހޭ ގަވާއިދުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުން
-
ރާއްޖޭގެ ތައުލީމީ ކަރިކިއުލަމްތަކާއި ކޯސްތަކުގައި ހިމަނައިގެން، ތިމާވެއްޓާއި މޫސުމަށް އަންނަ އަންނަ ބަދަލުތަކާ ބެހޭގޮތުން އިތުރަށް ކިޔަވައިދިނުން
-
ރާއްޖެ ފަދަ ގައުމުތަކުން މޫސުމީ ކާރިސާގެ ގެއްލުންތަކުން ރައްކާތެރިވުމަށް، ތަރައްގީވަމުން އަންނަ ގައުމުތަކުން ދޭން ވައުދުވެފައިވާ ފައިސާ ދިނުން؛ ކްލައިމެޓް ފައިނޭންސިން ހޯދުން ފަސޭހަކުރުން؛ ލިބޭ ފައިސާ ބޭނުންކުރުމުގައި ހާމަކަން ބޮޑުކުރުން
ވެލި ނަގާ ބަޔަކު ވެލި ނަގަނީ. އެކަން ބަލާނެ އެއްވެސް ބަޔަކު ނެތް. ދެން ހަމަ ގޮނޑުދޮށުގައި ހުންނަ ބޮޑެތި ގަސްގަހާގެހި ހުރީ އެއްވެސް ވަރަކަށް އަޅާނުލައި ދޫކޮށްލާފައި.
ކޮޕް26 އާދީއްތަދުވަހު ފަށާ އިރު ލީޑަރުންނަށް މުނައްވަރުގެ އިލްތިމާސަކީ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއަހައި ރަނގަޅު ބަދަލެއް ގެންނަން އެންމެން ވެސް މަސައްކަތްކޮށްދިނުމެވެ. ޖައްވު ހޫނުވަމުންދާ މިންވަރު ދަށްކުރުމުގެ ބާރު އޮތް ބޮޑެތި ގައުމުތަކުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ގެއްލުންތައް ބޮޑުވިޔަ ނުދޭން ރާއްޖެ އިން ތަރައްގީގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހިމެނޭ ގޮތަށެވެ.
އެހެން ނޫން ނަމަ، ނަފްހާ ދެކޭގޮތުގައި، "މީގެ ވިއްސަކަށް އަހަރު ފަހުން އަހަރެމެންގެ ދަރިން އަހަރެމެންނާ ސުވާލުކުރާނެ" އެވެ.
"އަސްލު ވަރަށް ރީއްޗަށް އެނގޭ ކަންކަން ފަސޭހައަކަށް އަޅާނުލައި މި ދަނީ. އަހަރެމެންގެ ލައިފްޓައިމް ފަހަނަޅައި ނުދަނީސް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ގެއްލުންތައް އެހާ ބޮޑެތި. އެހެންވީމާ އަދި އަހަރެމެންގެ ދަރިންގެ ހަޔާތުގައި ކިހިނެއްހޭ ވާނީ؟" ނަފްހާ ބުންޏެވެ.