ކުރީގެ ފޮރިން މިނިސްޓަރު ޕްރޮފެސަރު އަހުމަދު ޝަހީދު، 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
މާޔޫސްވެއްޖެ، އެކަމަކު ޝަހީދު ވިދާޅުވަނީ އެހެން ވާހަކައެއް
މުހިންމު ނުކުތާތައް
ސިޔާސީ ވެރިންގެ އިތުރުން އާންމުންނަށް ވެސް ކޮންމެ ކަމެއް ވަރިހަމަ
ހިޔާނާތް ރަނގަޅު ކަމަށް ގަބޫލުކުރެވޭ ނިޒާމް އުފައްދަނީ ސިޔާސީ ވެރިންގެ އަމިއްލަ ފައިދާއަށް
އުއްމީދު ކަނޑާލައިގެން ނުވާނެ، ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ
މިއީ 'ދައުރު'ގެ އެޑިޓަރު މޫސާ ލަތީފުގެ 'ސީދާ' ޕޮޑްކާސްޓްއަށް ޕްރޮފެސަރު އަހުމަދު ޝަހީދު ދެއްވި އިންޓަވިއުގެ މައްޗަށް ބިނާކޮށް ލިއުނު ފުރަތަމަ ރިޕޯޓެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު ވެރިކަން ނިމުމަކަށް ގެންނަން ފެށި ހަރަކާތްތައް ވަރުގަދަ އެވެ. މާފުށީ ޖަލުގެ އެ ބޮޑު ލޭ އޮހޮރުވުމުގެ ތެރެއިން 2003ގައި ލިބުނު ހިތްވަރުގައި ނެރުނު ފޯރީގެ މައިގަނޑު އުއްމީދަކީ، އިންސާފުވެރި، ތެދުވެރި، އަދި އަމާނާތްތެރި ސަރުކާރުތަކެއް، ކުރިމަގުގައި ގާއިމްކުރުމެވެ.
އެކަމަކު ސިޔާސީ އެ ބަދަލުން ގައުމުގެ ވެރިކަން ހިންގުން ވަކި ރީއްޗެއް ނުކުރެވުނެވެ. ވީ ގޯހެވެ. އާ ގާނޫނުއަސާސީން އެތައް މިނިވަންކަމެއް ލިބި އަދި އަސާސީ ހައްގުތައް ކަށަވަރުވިޔަސް، ދައުލަތުގެ ވެރިންނާ މެދު ކުރެވޭ ބޮޑެތި ތުހުމަތުތައް، މައުމޫންގެ 30 އަހަރުގެ ވެރިކަމުގެ ހާލަތަށް ވުރެ މާ ހުތުރެވެ. މާ ގިނަ އެވެ.
ސިޔާސީ ވެރިންގެ އަމަލްތަކާ މެދު ވިސްނާ ދިވެހިން ހަގީގަތުގައި މިހާރު ތިބީ މާޔޫސްވެފަ އެވެ. އެ މީހުންގެ ކަންބޮޑުވުމަކީ، އާ ގާނޫނުއަސާސީން ގައުމަށް 'ހޯދައިދިން' އިހުލާސްތެރި، ތެދުވެރި ސިޔާސީ ވެރިން ކޮބައި ހެއްޔެވެ؟ އޭގެ ފަހުން ދެން އޮތް ކަންބޮޑުވުމަކީ ހަރާބުވެފައިވާ ސިޔާސީ ހަރަކާތްތަކާ އެކު އާންމު ގިނަ މީހުންގެ ވިސްނުން ވެސް ހަރާބުވުމެވެ.
މީގެ 18 އަހަރު ކުރިން ފެށި ޒަމާނީ ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެ ކުރި ތަޖުރިބާތަކާ ބެހޭ ގޮތުން ސުވާލުކުރަން، ކުރީގެ ފޮރިން މިނިސްޓަރު ޕްރޮފެސަރު އަހުމަދު ޝަހީދަށް ވުރެ އެކަށީގެންވާ ބޭފުޅުން މަދުވާނެ އެވެ. މިހާރު އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކުގެ ގާނޫނީ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން އަންނަ ޝަހީދަކީ މައުމޫންގެ އިސްލާހީ އެޖެންޑާގެ އިސް އެއް މޭސްތިރި އެވެ. މައުމޫންގެ އަރިހުގައި އެ ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި 30 އަހަރަށް ދެމިގެންދިޔަ ވެރިކަމުގެ މޫނުމަތި، ބައިނަލްއަގުވާމީ ދުނިޔޭގައި ރީތިކުރެވޭތޯ ވެސް ވަރަށް ހިތްވަރުކުރެއްވި އެވެ.
ގިނަ ކަންކަން ހާސިލެއްނުވި
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012ގައި ވެއްޓުމާ އެކުހެން އިނގިރޭސިވިލާތަށް ޝަހީދު ދިރިއުޅުން ބަދަލުކުރެއްވި ފަހުން، ދިގު ފުރަތަމަ ޗުއްޓީ އާއިލާއާ އެކު ދާދި ފަހުން ރައްޖޭގައި ހޭދަކުރެއްވި އެވެ. 'ދައުރު'ގެ ޕޮޑްކާސްޓް 'ސީދާ'އަށް އިންޓަވިއު ދެއްވީ އެ ޗުއްޓީގެ ތެރޭގަ އެވެ.
ޝަހީދަށް އަމާޒުކުރި ފުރަތަމަ ސުވާލަކީ ވެސް އާ ގާނޫނުއަސާސީއާ އެކު އޭރު ގިނަ ދިވެހިން އުއްމީދުކުރި ވަރުގެ ބަދަލުތަކެއް އައިތޯ އެވެ؟ ޖަވާބު ވަރަށް ތަފުސީލެވެ. ހުލާސާއަކީ މި އެވެ؛ ކުރިން ނެތް އެތައް މިނިވަންކަމެކެވެ. ސިއްހީ ހިދުމަތްތައް އެތައް ތަނަކުން ރަނގަޅުވި އެވެ. ތައުލީމީ ފުރުސަތު ގިނަވި އެވެ. ސިޔާސީ ހަރަކާތްތަކަށް މަގު ހުޅުވުނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ވެސް ލިބުނެވެ.
އެކަމަކު ތެދުވެރި، އަމާނާތްތެރި އަދި އިހުލާސްތެރި ސިޔާސީ ވެރިންނާއި ދައުލަތުގެ މަސްއޫލު ފަރާތްތަކުގެ އިތުރުން އެ ރީތި ސިފަތަކުގެ ހެދުން އަޅައިގެން ތިބި އާންމުންގެ އަދަދު ވެސް، އޭރު އުއްމީދުކުރި ވަރަކަށް ނުދިޔަ އެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ފާޅުގައި އެނގިގެން ހިންގާ ހިޔާނާތާއި އާންމުންނަށް ނޭނގި ކުރަމުން ދާ ގޯސް އެތައް އަމަލެއްގެ ސަބަބުން މުޅި މުޖުތަމައުއަށް އޭގެ ނުބައި އަސަރު ވަނީ ކޮށްފަ އެވެ.
ހިޔާނާތުން އުފެދޭ މުއްސަނދިކަމާއި ނުބައި ގޮތްގޮތަށް ހޯދާ ފައިސާ، މިހާރު ގިނަ މީހުންނަށް 'އޯކޭ' އެވެ. އަދި އެ ހިޔާނާތް ހިންގާ ދައުލަތުގެ ވެރިން ވެސް ގިނަ މީހުންނަށް 'އޯކޭ' އެވެ. އެކަމަކު އިސްލާހީ ހަރަކާތުގެ ދުވަސްވަރު އާންމު ރައްޔިތުން އުއްމީދުކުރީ އެފަދަ 'އޯކޭ' ނުވަތަ 'ވަރިހަމަކަން' ދުވަހަކު ވެސް ދިވެހިން ދެން ގަބޫލުނުކުރާނެ ކަމަށެވެ.
"ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރުމުގައި އޭރު ދެއްކި ވާހަކަތަކާ އަޅާބަލައިފިއްޔާ ވަރަށް ގިނަ ކަންކަން ހުރީ ހާސިލްނުވެ،" އަޅުގަނޑު ދެންނެވި ސުވާލުގެ ތަފުސީލީ ޖަވާބުގައި، ޝަހީދު ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ވަށައިޖެއްސުމުގެ ތެރޭގައި، މުޅި ނިޒާމް ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައި ވަރަށް އާދައިގެ މިސާލެއް ނެންގެވި އެވެ. އެކަމަކު އެއީ އެއް ގޮތަކުން ވަރަށް ފުރިހަމަ ވެސް މިސާލެއް މެ އެވެ. އެއީ ސިވިލް ސާވިސް ވަޒީފާއަކަށް ކުރިމަތިލާ މީހާ ވަކި ކަހަލަ ފާސްތަކެއް ހުށައަޅަން ޖެހޭ އިރު، އެ އެންމެންގެ މައްޗަށް މިތިބޭ ސިޔާސީ މީހުންނަށް އެފަދަ ފާހެއް ބޭނުންނުވުމެވެ.
"މި ގޮތަށް ދިމާވީމާ ބައެއް ކަހަލަ މައްސަލަތައް ހުރޭ. މި ހުރިހާ އެއްޗެއް އެއްކޮށްލީމާ އަންނަ ނަތީޖާއަކީ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދުތަކެއް ވަނީ [ޑިމޮކްރަސީގެ މި ދަތުރުގައި] ހާސިލްނުކުރެވި،" ޝަހީދު ވިދާޅުވި އެވެ.
އެކަމަކު ތައުލީމީ މީހަކަށް ވުމަކީ ގައުމަށާއި ދީނަށާއި އާންމު އުސޫލުތަކަށް ތެދުވެރި މީހަކަށް ވުމެއް ވެސް ނޫނެވެ. އޭގެ މިސާލު އަޅުގަނޑު ދެއްކީ ކުރީގެ ރައީސުން ކަމަށްވާ މައުމޫނާއި މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީންގެ ނަން ގެނެސްގެންނެވެ. އެއިން ކޮންމެ ބޭފުޅަކު ވެސް ވަނީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރައްވައިފަ އެވެ. އަދި އެހާމެ މޮޅު ވެސް މެ އެވެ.
ޝަހީދު ވިދާޅުވީ ތައުލީމުގެ ސެޓްފިކެޓާއި މީހެއްގެ އަހުލާގާއި ސުލޫކު އަދި މުޅިން ތަފާތު ކަމަށެވެ. ތައުލީމު އޭނާ ނެންގެވީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. މިސާލަކަށް ހިޔާނާތުގެ ފައިސާ ރަނގަޅު ކަމަށާއި ހިޔާނާތްތެރިންނަކީ 'މޮޅު ބައެއް' ކަމަށް އާންމު މުޖުތަމައު ގަބޫލުކުރާނީ، އާންމުންގެ ހޭލުންތެރިކަން އެ މިންވަރަށް ނެތުމުންނެވެ. އެ ހޭލުންތެރިކަން ފުރަތަމަ އަންނަން ޖެހޭނީ ތައުލީމީ ދާއިރާއިންނެވެ. ސްކޫލްތަކުންނެވެ. އެކަމަކު މިނިވަން ޑިމޮކްރަސީގައި އެ ހޭލުންތެރިކަން އިންތިޒާމީ ރޭވުމެއްގެ ތެރެއިން މުޅި މުޖުތަމައުއަށް ފެތުރިގެންނެއް ނުދިޔަ އެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލްކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަރަށް ގިނަ އެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި އެންމެ ކުޑަވެގެން އޯ ލެވެލް އިން ފާސްނުވާ މީހަކަށް ވެސް، މިހާރުގެ ތައުލީމީ ނިޒާމުން ޖާގަ ލިބޭތީ، އެތައް ހާސް ބަޔަކު އަންނަނީ އެ ސެޓްފިކެޓަށް ކިޔަވަމުންނެވެ. އެކަމަކު މި 'ތައުލީމީ' މުޖުތަމައުގެ ގިނަ ބަޔަކު މި ތިބީ ސިޔާސީ ވެރިންގެ ހިޔާނާތްތައް ގަބޫލުކޮށްގެންނެވެ. އެފަދަ ތުހުމަތުތަކާ މެދު އަޅާލުމެއް ވެސް ނެތި އެވެ.
ޝަހީދު ވެސް އެއްބަސްވެވަޑައިގަތެވެ.
"މިއަދު ހިތާމައާ އެކު ދަންނަވަން ޖެެހެނީ ކޮރަޕްޝަނާ ދެކޮޅަށް [އުޅުއްވާ]، ކޮރަޕްޝަންގައި ނުޖެހޭ ބޭފުޅަކު އާންމުން ބަލަނީ މޮޔައެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް [ސިޔާސީ ބޭފުޅަކު ވެސް] އަމިއްލަފުޅު ފައިދާއެއް ނުނަންގަވައިފިއްޔާ [އެއީ] މޮޔައެއް."
މިއީ ގައުމަކުން ފެންނާނެ އެންމެ ނުބައި ސިފަ އެވެ. އާންމު މުޖުތަމައުގައި އެ ސިފަ ހުރެއްޖެ ނަމަ ތެދުވެރި ގައުމެއް އުފައްދާނެ ގޮތެއް ނޯންނާނެ އެވެ. އެކަމަކު ހަގީގަތުގައި އެއީ ސިޔާސީ ފައިދާއަށް ވަކި ބަޔަކު ބައްޓަން ކުރަމުން އަންނަ ނިޒާމެކެވެ. ޝަހީދުގެ ބަހުން ނަމަ މި ހިސާބަށް ރާއްޖެ ދިޔައީ "އަޅުގަނޑުމެންގެ ވެރިންގެ ގޯސްކަމުންނެ"ވެ.
"އަޅުގަނޑުމެންގެ ވެރިންނަށް ފައިދާކުރޭ ރައްޔިތުން އެގޮތަށް ކަން ކުރަމުން [ހިޔާނާތާއި ވެރިންގެ ގޯސް އަމަލްތައް ދިފާއުކުރުން] ގެންދިއައްޔާ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ރައްޔިތުންނަށް ދަސްކޮށްދީފައި މި އޮތީ، އެމީހުންނަށް ވެސް ފައިދާ ވާނީ އެހެން އުޅުނިއްޔާއޭ."
ބަދަލުގެ ބިންގާ ވަނީ ގުޑާފައި
މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެމްޑީޕީ އިސްކޮށް އޮވެ އޭރުގެ ސަރުކާރަށް ކުރި ޕްރެޝަރުތަކުގެ މައިގަނޑު ބިންގަލަކީ ސާފުތާހިރު ސިޔާސީ ވެރިންނާއި ރައްޔިތުން ހިމެނޭ މުޖުތަމައުއެއް އުފެއްދުމެވެ. އެކަމަކު ދިވެހިންނޭވެ! ޒަމާނީ ޑިމޮކްރަސީގެ ސިފަތަކެއް ޖެހުނަސް، އަހަރެމެންގެ މައިގަނޑު އެ ބިންގާ ވަނީ ވަރަށް ބޮޑަށް ގުޑައިފަ އެވެ. މިއަދު ގިނަ ދިވެހިން މި ތިބީ ދައުލަތުގެ ވެރިކަމުގެ ނިޒާމް، އޭގެ ތެރޭގައި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތަށް، ހިޔާނާތުން ހަރާބު ވިޔަސް އެންމެ ރަނގަޅު ކަމަށް ގަބޫލުކޮށްގެންނެވެ.
ޝަހީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ތެރެއަށް ގައުމު ވަންނަނީ "އާންމު މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު މުހިންމުކުރެވުނީމަ" އެވެ.
"ދަސްވެފައި މި ހުންނަނީ އެމީހަކަށް ލިބުނު އެއްޗެއް ނެގިއްޔާއޭ ފައިދާއެއްކުރާނީ،" ޝަހީދު ވިދާޅުވި އެވެ.
"މި ނިޒާމަކީ ވެރިން ގާއިމްކުރި ނިޒާމެއް."
މާޔޫސްވެއްޖެ އެވެ. މާޔޫސްވެފައި ތިބި ދިވެހިން ގިނަ އެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ވިސްނާ މީހުން ވެސް އެބަ އުޅެ އެވެ. ރާއްޖެއިން ރަނގަޅު ވެރިން ފެންނާނެކަމާ މެދު އެ މީހުންގެ އުއްމީދު ކުޑަ އެވެ. އެކަމަކު ޝަހީދު ވިދާޅުވީ އުއްމީދު ކަނޑާލައިގެން ނުވާނެ ކަމަށެވެ. މާޔޫސްވިޔަސް، އަބަދުވެސް އުއްމީދު އޮންނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ގޯސް އެތައް ކަމެއް އާންމު ވިޔަސް، ރަނގަޅު އެތައް ކަމެއް ވެސް ފެންނާތީ އެވެ. އޭގެ އެއް މިސާލަކީ މިނިވަން އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮތުމެވެ.
ނަމަވެސް އެ އިންތިހާބުގައި ވޯޓު ލާން އާންމުންނަށް ލިބެނީ ހިޔާނާތުގެ ތުހުމަތުތަކާއި ގައުމަށް ގެއްލުން ހުރި އެތައް ކަމެއް ކުރައްވަފާނެ ފަދަ ކެންޑިޑޭޓުންތަކެއް ނަމަ، ދެން އުއްމީދުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟
ޕްރޮފެސަރު ޝަހީދުގެ ބަހަކީ، ކޮންމެވެސް ދުވަހަކުން ރަނގަޅުވާނެ އެވެ. ހުރިހާ ހަރާބެއްގެ ތެރެއިން ވެސް ރަނގަޅު ބަޔަކު ފެނިދާނެ އެވެ.
އާއެނކެވެ. ކޮންމެވެސް ދުވަހަކުންނެވެ.
ކޮމެންޓް (10)
ލުޒީޝާ
ނިއު މޯލްޑިވްސް
ޞޮވަަސް
އަދީބު
ސިކުނޑި
ސަލާހް އަހްމަދު
ކަލަެފާނު
އަހުމަދު
ނަޖްވާ
ނަޖްވާ