މަގޭ ހުސޭނު
ޝަމީމްގެ 'މަގޭ ހުސޭނު' ފޮންޓް: ބައްޕަގެ ހަނދާންތަކާ އެކު މަންމައަށް ޝަރަފެއް
ޕްރޮސެކިއުޓާ ޖެނެރަލްގެ ހުސެއިން ޝަމީމަކީ ތަފާތު ބޭފުޅެކެވެ. އެހާމެ ތަފާތު ހުނަރުތަކެއްގެ ނަސީބުވެރިއެއް ވެސް މެ އެވެ.
އޭނާ ކުރައްވާ ކޮންމެ ކަމެއްގައި ވެސް އަމާޒަކީ މޮޅަށް އެކަން ކުރެއްވުމެވެ. ކަމަކަށް ކަމެއް ކޮށްލާ ނިންމާލައްވަނީއެއް ނޫނެވެ. ފޫހިވެގެން އެކަމެއް ދޫކުރެއްވުމެއް ވެސް ނެތެވެ. ދުވަން ނުކުންނެވިޔަސް، ފަތަން މޫދަށް ފައިބައިވަޑައިގަތަސް، އަދި ގަނޑަކާއި ގަލަމެއް ލިބި، ތާނައިން އެއްޗެއް ލިއުއްވަން ބޭނުންވިޔަސް، އޭނާގެ އެ އާދަ ދުލެއްނުކުރައްވަ އެވެ.
މިދިއަ ބުދަދުވަހާއި ބުރާސްފަތިދުވަހު އާޓް ގެލެރީގައި ވެސް ޝަމީމް އާންމުންނަށް ދެއްކެވީ އޭނާގެ އެ ސިފަ އެވެ. މިފަހަރު ދިވެހި ރީތި ލިއުމަކުންނެވެ. ނުވަތަ ފޮންޓަކުންނެވެ. އެއީ އޭނާގެ އަމިއްލަ ފޮންޓެވެ. 'މަގޭ ހުސޭނު' ރަސްމީކޮށް ނެރުމުގެ ދައްކާލުމެވެ.
'މަގޭ ހުސޭނު' ތަރައްގީކޮށް އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހެދީ ޓެކް ކުންފުނި ލޫޕްކްރާފްޓާ ގުޅިގެންނެވެ. އެކަމަށް އޭނާ ތިން މަސް ހޭދަކުރެއްވި އެވެ.
"މުޅިން އަމިއްލަ ސްޓައިލެއް މިއީ. ލޫޕްކްރާފްޓާ ގުޅިގެން އެސްތެޓިކްކޮށްލުމަށް އަކުރުތައް އެއްގޮތް ކުރުމަށް މަސައްކަތްތަކެއް ކުރެވުނު،" ޝަމީމް ވިދާޅުވި އެވެ.
މި ފޮންޓް ތައާރަފުކުރަން އާޓް ގެލެރީގައި އިއްޔެގެ ނިޔަލަށް އޮތް މައުރަޒުގައި ޝަމީމް ވަނީ 'ދައުރު'އަށް އޭނާގެ އަތުލިއުމުގެ ވާހަކަތައް ކިޔައިދެއްވައިފަ އެވެ.
މައުރަޒުގައި ހުރި ބޮޑު ފޮޓޯ ލޯގަނޑުން ވެސް އޭނާގެ އެ މަސައްކަތުގެ ކުރު ހުލާސާއެއް ލިބެ އެވެ.
ޝަމީމް ގަބޫލުކުރައްވަނީ އަަވަހާރަވެފައިވާ އޭނާގެ ބައްޕައަކީ އަތުލިއުމުގެ ހުނަރު އޭނާއަށް ލިބިވަޑައިގެންނެވި ސަބަބު ކަމަށެވެ. ގޯނބިލި މުހައްމަދު ޝަމީމްއަކީ ރީތިކޮށް ތާނަ އާއި އަރަބި ލިޔުއްވި ބޭފުޅެކެވެ. އޭރުގެ މަޝްހޫރު ނޫސް 'ހަވީރު'ގެ ސަފުހާތައް އޭނާގެ ރީތި އަތުލިއުމުން ފުރާލި އެވެ. ބައެއް ފަހަރަށް ބައްޕަ ލިއުއްވާ ތަން ބައްލަވަން ކައިރީގައި، ފަންސުރެއް ހިއްޕަވައިގެން، ޝަމީމް ހުންނަވަ އެވެ.
"ކޮލަމަށް ފެތޭ ގޮތަށް ޖާގަ ދީގެން، އަޑުއަހައިގެން، ފަރުވާތެރިކަމާ އެކު އެ މަސައްކަތް ކުރައްވާނެ،" އޭރު 'ހަވީރު'ގެ ބައެއް ސަފުހާތައް ގޭގައި އިންނަވައިގެން ބައްޕަ ލިއުއްވި އިރު ގެންގުޅުއްވި އާދަތައް ކިޔައިދެއްވަމުން ޝަމީމް ވިދާޅުވި އެވެ.
އަތުލިޔުން ރީތި ވުމަކީ ކިހާ މުހިއްމު ކަމެއްކަން ކުޑައިރުއްސުރެ ޝަމީމަށް އޮތީ ވިސްނިވަޑައިގެންފަ އެވެ. އެހެންކަމުން ދިރިއުޅުމުގެ އާދައެއްގެ ގޮތުން ފަތިހު ތެދުވެވަޑައިގެން އަތުލިޔުން ރީތިކުރަން މަލިން މޫސާ ކަލޭފާނުގެ ފޮތެއް ބައްލަވައިގެން ސަފްހާއެއް ލިޔުއްވި ހަނދާން ވެސް އޭނާގެ އެބަ ހުއްޓެވެ.
އަތުލިޔުމަކީ ފަންނެކެވެ. އެ ފަންނުގެ ޝައުގު ޝަމީމްގެ ވަރަށް ބޮޑެވެ. ވަޒީފާގައި ވެސް އޭނާ އެކަމަށް ސަމާލުކަން ބަހައްޓަވަ އެވެ. ހާއްސަކޮށް ދިވެހިން ރީތިކޮށް ލިއުމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ވެބްސައިޓުން ފެށިގެން އޮފީހުގެ ހުރިހާ ލިޔެކިޔުމެއް ހުންނާނީ ދިވެހި ބަހުންނެވެ. ބައްދަލުވުންތަކުގައި ނަންގަވާ ނޯޓްސް ވެސް ލިޔުއްވަނީ ދިވެހި ބަހުންނެވެ. ސްކޫލް ދައުރުން ފެށިގެން އެކަން އޭނާ ކުރެއްވީ އެގޮތަށެވެ.
މި ފަހުން ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަތުލިޔުން މުބާރާތުގައި ޝަމީމް ވާދަކުރެއްވި އެވެ. އެކަމަކު އޭނާ ލިއުއްވާ ގޮތް އާންމުކޮށް ދިވެހި ލިއުންތައް ހުންނަ ގޮތާ ތަފާތެވެ. އާއްމުކޮށް ތާނަ ލިޔެ އުޅެނީ ރޮނގުގެ ތިރީގައި ޖައްސައިގެން ނަމަވެސް ޝަމީމް ލިޔުއްވަނީ ދެ ރޮނގުގެ މެދުގަ އެވެ. އެއީ ތާނަ ލިއުމުގެ ގަވާއިދަށް ނުފެތުމެވެ. އެހެންކަމުން އޭނާގެ ލިއުން ރީތި ނަމަވެސް އެ މުބާރާތުން ވަނައެއް ލިބިވަޑައެއްނުގަންނަވަ އެވެ.
ދިވެހި ބަސް ކުރިއެރުވުމުގެ މަސައްކަތެއް
އިނގިރޭސި ލިޔުމުގައި ވެސް 'ކާސިވް' ސްޓައިލަށް މި ދުވަސްވަރު ބޮޑު މަގުބޫލުކަމެއް އޮތީ ލިބިފަ އެވެ. އެކަަހަލަ ދިވެހި ފޮންޓްތައް ވެސް އަންނަނީ ވައިގައި ހިފަމުންނެވެ.
ޝަމީމް ވިދާޅުވީ އޭނާގެ ތާނަ ލިއުން ފޮންޓަކަށް ހެދޭނެކަން ގަބޫލުކުރައްވަން ފުރަތަމަ އުނދަގޫވި ކަމަށެވެ. ނަމަވެސް މިއަދު އެކަން އެވަނީ ހަގީގަތަކަށް ވެފަ އެވެ.
"ހިއެއް ނުކުރަން ފޮންޓެއް އެއީ ހެދޭނެ އެއްޗެއް ކަމަކަށް،" އޭނާ ވިދާޅުވި އެވެ.
މިފަދަ ކަންކަމުން ޝަމީމް ގަބޫލުކުރައްވަނީ ދިވެހި ބަސް ކުރިއަރުވަން ވެސް އެހީއަކަށް ވާނެ ކަމަށެވެ. ދިވެހި ބަސް ވެސް ކުރިއަށް ދާނީ، އޭނާ ވިދާޅުވި ގޮތުގައި، "ބަސް ކުރިއަރުވަން ކޮންމެވެސް މަސައްކަތް ކުރީމަ" އެވެ.
އޭނާއަށް އޮތް އުފަލަކީ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވުމެވެ.
'މަގޭ ހުސޭނު': މަންމަގެ ލޯބި ގޮވާލުމެއް
'މަގޭ ހުސޭން'ގެ ނަމުން ނަން ދެއްވާ ފޮންޓް ތައާރަފު ކުރެއްވުމުން ގިނަ މީހުންނަށް ހީވާނީ ހަމައެކަނި އަމިއްލަ ނަމަށް ނިސްބަތްކުރީ ކަމަށެވެ. އެކަމަކު މިއީ ޝަމީމް އޭނާގެ މަންމައަށް ދެއްވި ހާއްސަ ގަދަރަކާއި ލޯތްބެއްގެ ރަމްޒެވެ.
ރީތިކޮށް ތާނަ ލިއުއްވުމަކީ ބައްޕަގެ އަރިހުން ދަސްކުރެއްވި ހުނަރެއް ނަމަވެސް މި ހުރިހާ ކަމެއް ކުރެއްވުނީ، ޝަމީމް ވިދާޅުވާ ގޮތުން، މަންމަގެ ސަބަބުންނެވެ.
ޝަމީމްގެ މަންމަ، މަޝްހޫރު ނަމުން ނަމަ، ކަޅުބެ އުމަރުގެ އަޒީޒާގެ 10 ކުދިން ތިބެ އެވެ. ޝަމީމަކީ އޭގެ ތެރެއިން އަށް ވަނަ އެވެ. މަންމަ އަބަދުވެސް އޭނާއަށް ގޮވާލައްވަނީ 'މަގޭ ހުސޭނު'ގެ ނަމުންނެވެ. ދެން ތިބޭ ކުދިންނަށް ނިސްބަތްކުރައްވާނީ، މިސާލަކަށް، 'މިގޭ ހުމެއިދާ، މިގޭ ހާމިދު، މިގޭ ނުޒުހަތު' އެހެންނެވެ.
ހާމިދަކީ ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި ފިޓްނެސް އާއި ކުޅިވަރުގެ ތަޖުރިބާކާރު ހާމިދު އަބްދުލްގަފޫރެވެ. ހުމެއިދާއަކީ އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވާ ހުމެއިދާ އަބްދުލްގަފޫރު (ހުމޭ) އެވެ. ނުޒުހަތަކީ ދިވެހިރާއްޖޭގައި އަޑާއި ޓީވީން ޕްރޮގްރާމް ހުށައެޅުއްވި ނުޒުހަތު ޝަމީމް އެވެ.
ޝަމީމު ވިދާޅުވި ގޮތުގައި އެ 10 ކުދިން ވެސް ބަލާބޮޑުކުރެއްވީ މަންމަގެ ހީވާގިކަމާ އެކު އެވެ. ބައްޕައަށް ލިޔަން އިންނެވުނީ މަންމަގެ މުރާލިކަމުން 10 ކުދިންނާއި ގެ ރަނގަޅަށް ބެލެހެއްޓެވުމުންނެވެ.
ޝަމީމު އަބަދުވެސް ގަބޫލުކުރައްވަނީ މަންމަގެ އެ ހީވާގިކަން ނެތް ނަމަ އޭނާގެ ބައްޕައަށް ލިޔަން ނީންނެވުނީސް ކަމަށެވެ. އަދި ރީތިކޮށް އަތުލިޔުން ދަސްކުރަން އޭނާއަށް ވެސް ފުރުސަތު ލިބިވަޑައިނުގަތީސް ކަމަށެވެ.
"މަންމަ ހާއްސަވޭ. އެހެންވެ މި ނަން ދޭން ނިންމީ،" ޝަމީމް ވިދާޅުވި އެވެ.
މައުރަޒުގައި މި އިންޓަވިއު ދެއްވި ވަގުތު އަޒީޒާ އެ މައުރަޒު ބައްލަވާލަން ޒިޔާރަތް ކުރެއްވި އެވެ. ބޮޑު ހިނިތުންވުމަކާ އެކު އޭނާ ހުންނެވީ ދަރިކަލުންގެ މަސައްކަތާ މެދު ފަހަރުވެރިވެވަޑަައިގެންނެވެ.
"ޝަމީމްގެ މި މަސައްކަތާ މެދު އުފާވޭ،" އޭނާގެ އިހުސާސްތައް ކިޔައިދެއްވި އެވެ.
ޝަމީމަށް 'މަގޭ ހުސޭނު'އޭ ކިޔާ ގޮވާލެއްވެނީ ހާއްސަވުމުން ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުތަކަކީ ކިޔަވާ ވިދާޅުވާން ރަށުން ބޭރުގައި ގިނަ ދުވަހު އުޅުއްވުމެވެ. މިޒާޖެވެ. އެހެން މީހުންނާ މެދު ބާއްވާ ގުޅުމާއި އުޅުން ވެސް ތަފާތުވުމެވެ.
"މަގޭ ހުސޭނޭ ބުނެވުނީ ރަށުގައި ނެތި ގިނަ ދުވަސް ވެސް ވީ. ބޭރުގައި ހަ އަހަރު ވަންދެން ހުރި،" އަޒީޒާ ވިދާޅުވި އެވެ.
ޝަމީމަށް 'މަގޭ ހުސޭނޭ' ކިޔާފައި ގޮވާލެއްވުމަކުން އެހެން ދަރިންގެ ހިތްބަރުކަމެއް ވެސް ނޯންނަކަން އޭނާއަށް ޔަގީނެވެ.
މި ފަހުން ޝަމީމަށް ވަނީ ގްރޫޕަކުން ހަމަލާދީފަ އެވެ. އޭނާގެ ބޮލަށް އަމާޒުކުރި އެ ނުރައްކާތެރި ހަމަލާއިން ދިފާއުވާން ދިއްކުރެއްވީ އަތެވެ. އަތަށް ހަމަލާ އެރުމުން އޭނާގެ ވާތު މުލައްދަނޑީގައި ރެނދުލި އެވެ. އަދިވެސް ހުންނެވީ ޕްލާސްޓަރު އަޅުއްވައިގެންނެވެ.
އަޒީޒާ އޭރު ހުންނެވީ ރަށުން ބޭރުގަ އެވެ.
"ކޮންމެ ކަމެއް ވެސް އެއީ ﷲ މިންވަރު ކުރައްވާ ގޮތް. އަހަރެމެންނަށް އޮތީ ދުއާކުރުން،" އަޒީޒާ ވިދާޅުވި އެވެ.
މަންމަގެ ދުއާއަކީ ނިއުމަތެކެވެ.
ބުނެ އުޅޭ ނޫން ހެއްޔެވެ. ހަޔާތުގައި މުހިއްމީ މީހަކު ހޭދަކުރާ އުމުރަށް ވުރެ އެ ހަޔާތް އެމީހަކު ހޭދަކުރާ ގޮތެވެ. ތަޖުރިބާތަކެވެ. އަމަލެވެ. ބައްޕަގެ އަރިހުން ދަސްކުރެއްވި ހުނަރުގައި، ބައްޕަގެ ހަނދާނެެއްގެ ގޮތުން ނަމަވެސް، ޝަމީމް އެ ހުންނެވީ ހިއްޕަވައިގެންނެވެ. އެ ހަނދާނުގައި އޭނާގެ މަންމަ ބައިވެރިކުރައްވަނީ ލޯތްބާއި އިހްތިރާމާ އެކު އެވެ.
'މަގޭ ހުސޭނު' ފޮންޓަކީ ބައްޕަގެ ހަނދާނެކެވެ. އަދި މަންމައަށް ޝަރަފެކެވެ.
އަހަރެމެން ދިވެހިންނަށް ތާނަ އަކުރުގެ އާ އުފެއްދުމެކެވެ.
"އަޅުގަނޑު ރަށުގެ ނެތީމޭ. [ހަމަލާ އަމާޒުވި ދުވަސްވަރު] މިންވަރު ކުރެއްވި ގޮތް. ކޮންމެ ކަމެއްވެސް އެއީ ﷲ މިންވަރު ކުރައްވާ ގޮތް. އަހަރުމެންނަށް އޮތީ ދުއާ ކުރުން." އަޒީޒާ ވިދާޅުވި އެވެ.
ބުނެ އުޅޭ ނޫން ހެއްޔެވެ. ހަޔާތުގައި މުހިއްމީ މީހަކު ހޭދަ ކުރާ އުމުރަށް ވުރެ އެ ހަޔާތް ހޭދަ ކުރާ ގޮތެވެ. ތަޖުރިބާ ތަކެވެ. އަމަލެވެ. ބައްޕަގެ ގާތުން ދަސްވީކަންކަން ބައްޕަގެ ޒިކުރާ އަދި ހަނދާނެެއްގެ ގޮތުގައި ޝަމީމް އެހުންނެވީ ހިތްޕަވައިގެންނެވެ. އެކަން ކަން އާ ކުރައްވަނީ އެެވެ. އެ ހަނދާނުގައި އޭނާގެ މަންމަ ބައިވެރި ކުރައްވަނީ ލޯތްބާއި އިހްތިރާމާއި އެކު އެވެ.
އެގޮތުން، "މަގޭ ހުސޭނު" ނަމުގައި މަންމަ އަށް އެ ދިނީ ބޮޑު ޝަރަފެކެވެ. ޝަމީމް އެ ވަޑައިގަންނަވަނީ ކުރިއަށެވެ. އޭނާގެ ތަފާތުކަން މަތީގައި އެވެ.
ކޮމެންޓް (1)
ޙައްވަ ދައްތަ