ފެންފުށީގައި މިއަދު މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި ދެ މީހުންގެ ތެރެއިން މަރުވި އީސާ ޖުނާހު މުހައްމަދު. (ފޮޓޯ/ފޭސްބުކް)
ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި ޒުވާނަކު މަރުވެއްޖެ
އދ. ފެންފުށީގައި މިއަދު ހަވީރު މޫދަށް އެރި އުޅެނިކޮށް ހާލު ދެރަވި ދެ މީހުންގެ ތެރެއިން އެކަކު މިރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހާލު ބޮޑުވި ދިވެހި ފިރިހެނަކު ފެންފުށިން އެ އަތޮޅު މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާކަން އެ ހޮސްޕިޓަލުގެ މެނޭޖަރު ބުންޔާމީން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ތަފްސީލް - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފެންފުށީގައި މޫދަށް އެރި އުޅުނު ދެ މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު އިރުއޮއްސި 6 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެއީ:
-
19 އަހަރުގެ ފިރިހެނެއް
-
23 އަހަރުގެ ފިރިހެނެއް
-
އެ ދެ މީހުން ވެސް ވަނީ ފެނިފައި
"އެ ދެ މީހުންގެ ތެރެއިން 23 އަހަރުގެ މީހާ މަރުވެފައިވާ ކަމަށް [މަހިބަދޫގައި ހުންނަ އަތޮޅު] ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މެސެޖުގައިވެ އެވެ.
ފެންފުށިން ވާހަކަދެއްކި މީހުން ބުނި ގޮތުގައި މަރުވެފައި ވަނީ:
-
އީސާ ޖުނާހު މުހައްމަދު
-
އެއީ ތ. ދިޔަމިގިއްޔަށް އުފަން މީހެއް
-
އޭނާ ވަޒީފާ އަދާކުރަނީ އދ. އަތޮޅުގައި އޮންނަ ސަން އައިލެންޑް ރިސޯޓުގައި
އޭނާ އާއި އޭނާގެ އެކުވެރިޔާ މޫދަށް އެރި އުޅުނީ ފެންފުށީ ތުނޑި ސަރަހައްދަށް ކަމަށްވެ އެވެ. ނަމަވެސް، އެ ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ތަނެއް އަދި ސާފެއް ނުވެ އެވެ.
ބުނީ ކީކޭ؟ - ފެންފުށީ ކައުންސިލްގެ ރައީސް އަހުމަދު އަބްދުއްޝުކޫރު 'ދައުރު'އަށް ވިދާޅުވީ ހަތަރު ޒުވާނަކު މޫދަށް އެރެން ގޮސް އުޅެނިކޮށް، ދެ މީހެއްގެ ހާލު ސީރިއަސް ވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވިއްސާރަ ދުވަސްވަރެއް،" އަބްދުއްޝުކޫރު ވިދާޅުވި އެވެ.
ނަމަވެސް މި ހާދިސާގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.