އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އިންޓަވިއުއެއް ދެއްވަނީ (ފޮޓޯ/ރާއްޖެއެމްވީ)
އިސްލާހަށް އަމަލު ކުރުން ފަސްކުރިޔަސް، ކަނޑަށް ކުނި އަޅާ ރިސޯޓުތަކަށް އީޕީއޭއިން ފިޔަވަޅު އަޅަނީ
ރިސޯޓުތަކުން ކަނޑަަށް ކުނި އެޅުން މަނާ ކުރުމަށް ފަހު އެކަން މަނާ ކުރި އިސްލާހަށް އަމަލު ކުރުން ލަސް ކުރަން ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ، ރިސޯޓުތަކުން ކުނި އަޅާ ނަމަ އަދިވެސް ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - ކަނޑަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށް އީޕީއޭގެ ކުންޏާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައި ވިޔަސް، ޓޫރިޒަމް މިނިސްޓްރީގެ 'ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވައިދު' މީގެ ކުރިން އޮންނަ ގޮތުން ރިސޯޓުތަކަށް ކަނޑަށް ކުނި އެޅުން ހުއްދަވާ ހާލަތްތަކެއް އޮވެ އެވެ. އެކަމަކު، ކުނި އެޅުމުގެ މައްސަލަ ބޮޑުވެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެ ގަވައިދުގައި ރިސޯޓުތަކަށް ކަނޑަށް ކުނި އެޅުން ހުއްދަ ކުރާ މާއްދާ އުވާލައި އެ ދުވަހުން ފެށިގެން އެގޮތަށް އަމަލު ކުރަން އަންގައިފަ އެވެ.
އެފަހުން ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައި ވަނީ:
-
ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން ހުއްދަ ކުރާ މާއްދާ އުވާލި ގަވައިދުގެ އިސްލާހަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުން ފަށައިގެން ކަމަށް
-
އެގޮތަަށް ނިންމިކަން އެންގީ، ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު، އިބްރާހީމް ފިކްރީ ސޮއިކުރައްވައި، މާަޗު 30 ވަނަ ދުވަހު ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި
ވީ ކިހިނެއް؟ - ޓޫރިޒަމްގެ ގަވައިދު އިސްލާހުކޮށްގެން، ރިސޯޓުތަކަށް އަންނަ އަހަރާ ޖެހެންދެން ކަނޑަށް ކުނި އެޅޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައިވިޔަސް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެކަމާ ދެކޮޅެވެ.
ބުނީ ކީކޭ؟ - އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ދައުރު'އަށް ވިދާޅުވީ، ރިސޯޓުތަކުން ކަނޑަށް ކުނި އެޅުން މަނާ ކުރި އިސްލާހަށް އަމަލު ކުރުން ކުއްލިއަކަށް ފަސް ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ވެސް ގަވައިދަށް ގެންނަ އިސްލާހަކުން ކަމަށެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއިން ސާކިއުލާ ނެރުނަސް، ކަނޑަށް ކުނި އެޅުމުގެ ހުއްދަ މިހާރު އެއްވެސް ރިސޯޓަކަށް ނެތް ކަމަށެވެ.
"އެހެންވީމަ، ޓޫރިޒަމްގެ ގަވައިދުން (ކަނޑަށް ކުނި އަޅަން) ހުއްދަ އޮތް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ، މިހާރު ވެސް ރިސޯޓުތަކުން ކުނި އަޅާ ނަމަ އީޕީއޭގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ނައީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - މީގެ 15 އަހަރު ކުރިން އެކުލަވާލި 'ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވައިދު' އަށް އަމަލު ކުރަން ފެށީ ޖުލައި 2006 ވަނަ އަހަރު އެވެ.
އެ ގަވައިދުގައި ކުރިން ކުނި އެޅުން ހުއްދަ ހާލަތްތައް:
-
ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތުގައި ކަނޑަށް ކުނި އެޅޭ
-
އެފަދަ ހާލަތެއްގައި ކަނޑަށް އެޅޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީވާ ބަޔާއި އެ ކުންޏެއް ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާނެ (ބަޔޯޑީގްރޭޑެބަލް) ތަކެތި
-
އެގޮތަށް ކުނި އުކާލަން ޖެހޭނީ އަތޮޅުން ބޭރަށް އަދި ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް
ކޮމެންޓް (1)
ހިތަދޫ 2