ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދި ސިޓީތަކުގައި ސޮއިކުރުމުގެ ހަރަކާތުގެ ތެރެއިން. (ފޮޓޯ/ހިޔާ ޔޫނިއަން)

ހިޔާ ފްލެޓްތައް

ހިޔާގެ ކުލި ކުޑަކޮށްދޭން އެދި 1،500 މީހެއްގެ ސިޓީ އެޗްޑީސީއަށް ހުށަހަޅައިފި

އަދިވެސް އިތުރު މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހިޔާގެ ރަށްވެހިންގެ ޖަމިއްޔާއިން ބުނޭ

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ނެގުމަށް ނިންމާފައި ވާއިރު، ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަކީ ބޮޑު އަދަދެއް ކަމަށް ބުނެ، މަހު ކުލި 5،600ރ.އަށް ކުޑަކޮށްދިނުމަށް އެދި އެ ފްލެޓުތަކުގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މިއަދު ހުށަހަޅައިފި އެވެ. އަދިވެސް އިތުރު މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ވީ ކިހިނެއް؟ - ހިޔާގެ ރަށްވެހިންގެ ޖަމިއްޔާ، ހިޔާ ޔޫނިއަންއިން އިސް ނަގައިގެން ސިޓީތަކުގައި ސޮއިކުރުމުގެ ހަރަކާތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ބުނީ ކީކޭ؟ - ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ 12 ގަޑިއިރު ކުރި މަސައްކަތުން 1،500 މީހުންގެ ސޮއި ހޯދާފައިވާ ކަމަށެވެ. އެ ސިޓީތައް މިއަދު 2ގައި އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަރަކާތް އަދިވެސް ކުރިއަށްދާނެ. އުއްމީދަކީ ހިޔާގެ ހުރިހާ ރަށްވެހިން ވެސް މި ހަރަކާތުގައި ބައިވެރިވެ، ސިޓީތަކުގައި ސޮއިކުރުން،" އަމްޒަލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން އެދި ސިޓީތަކުގައި ސޮއިކުރުމުގެ ހަރަކާތުގެ ތެރެއިން. (ފޮޓޯ/ހިޔާ ޔޫނިއަން)

އެނގުން މުހިއްމު -

  • ސިޓީތަކުގައި ސޮއިކުރުން ކުރިއަށްގެންދަނީ ކޮވިޑުގެ ސާމްޕަލް ނަގާ ސެންޓަރެއް ކުރިން ހިންގި އެޗް-8 ފްލެޓް ކައިރީގައި

  •  ސޮއިކުރުން ކުރިއަށްދާނީ ހަވީރު 4އިން ރޭގަނޑު 11އަށް 

  • މާދަމާ ވެސް މި ހަރަކާތް ކުރިއަށް ގެންދާނެ

އެޗްޑީސީގެ ބަސް - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އިއްޔެ 'ދައުރު'އަށް ވިދާޅުވީ އަންނަ މަހުން ފެށިގެން ކުލި ނަގަން ފަށަން ނިންމި ނިންމުމަށް އަދި ބަދަލެއް ނުގެންނަ ކަމަށެވެ. ނަމަވެސް، ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ދެނެގަތުމަށް މިހާރު ކުރިއަށްގެންދާ ސާވޭ ނިމުމުން އެ ނިންމުން މުރާޖައާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ،

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް