އޭސީސީއަށް އަލަން އައްޔަންކުރި ފަސް މެމްބަރުން މަގާމުގެ ހުވާކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އޭސީސީ

އޭސީސީއަށް އާ މެމްބަރުން އައްޔަންކޮށްފި

އޭސީސީގެ ރައީސް ކަމަށް ކަނޑައެޅީ ޝާމިލް، ނައިބަކަށް އަބްދުއްސަލާމް
17 މާރިޗު 2022

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ފަސް މެމްބަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ ކޮމިޝަނަށް އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީއަށް މެމްބަރުން އައްޔަންކޮށްފައި މި ވަނީ، އެއްވެސް މެމްބަރަކު ނެތި އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސް ވީ ފަހުންނެވެ.

އެ ކޮމިޝަން ހުސްވީ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، މަޖިލިސް ޗުއްޓީގައި އޮއްވާ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާ އެކު، ކޮމިޝަންގެ ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމުންނެވެ.

ތަފްސީލް - އޭސީސީއަށް އައްޔަނުކުރެއްވި ފަސް މެމްބަރުންނަކީ:

އާދަމް ޝާމިލް (ތ. ވިލުފުށި/ރަތްވިލާގެ)

އޭސީސީގެ އާ ރައީސް އާދަމް ޝާމިލް. (ފޮޓޯ/ރައީސް އޮފީސް)
  • އޭނާ އެންމެ ފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގައި

  • ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރެއްވި

އަބްދުއްސަލާމް (ށ. ނަރުދޫ/ހަވާ)

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް. (ފޮޓޯ/ރައީސް އޮފީސް)
  • އެންމެ ފަހުން ހުންނެވީ އޭސީސީގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައި

  •  ގައުމީ ޔުނިވާސިޓީން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ވަނީ ހާސިލުކުރައްވާފައި

ތޯހާ މުހައްމަދު (އދ. މާމިގިލި/ކަޅިހާރުގެ)

އޭސީސީގެ މެމްބަރު ތޯހާ މުހައްމަދު. (ފޮޓޯ/ރައީސް އޮފީސް)
  • އޭނާ އަކީ ދަ ލިޓިޖެންޓްސް އެލްއެލްޕީގެ ޕާޓްނަރެއް 

  • ރައީސް އުފެއްދެވި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީގެ މެންބަރުކަން ކުރެއްވި 

  • ގައުމީ ޔުނިވާސިޓީން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލުކުރައްވާފައިވޭ

ޝަޒްނާ ހާޝިމް (ހދ. ނޮޅިވަރަންފަރު/ރިހިވިލު)

އޭސީސީގެ މެމްބަރު ޝަޒްނާ ހާޝިމް. (ފޮޓޯ/ރައީސް އޮފީސް)
  • އެންމެ ފަހުން ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި 

  • މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ބެޗްލާސް ޑިގްރީއިން ކޮމާސް (އެކައުންޓިން) ހާސިލުކުރައްވާފައިވޭ

ޝިޔާމާ މުހައްމަދު (ރ. ހުޅުދުއްފާރު/ނާރެސް)

އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު. (ފޮޓޯ/ރައީސް އޮފީސް)
  • އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި 

  • ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ ވަނީ ހާސިލުކުރައްވާފައި

އޭސީސީއަށް މިއަދު މެމްބަރުން އައްޔަންކޮށް، ރައީސާއި ނައިބު ރައީސް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ރައީސަކަށް އާދަމް ޝާމިލް ކަނޑައެޅި އިރު، ނައިބަކަށް ހަމަޖެއްސީ އަބްދުއްސަލާމް އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފަސް ބޭފުޅުންނަށް އޭސީސީގެ މެންބަރުކަމުގެ ހުވާލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.

އެނގުން މުހިންމު - އޭސީސީގައި މެމްބަރުން ނެތުމުގެ ސަބަބުން، އޭސީސީއަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތަކެއް ނުބެލި އެބަހުއްޓެވެ.

އޭސީސީއަށް މިއަދު އާ މެމްބަރުން އައްޔަންކުރުމަށް ފަހު، ކުރީ ސަރުކާރުން ހިންގި ހިޔާނާތްތައް ބެލުމަށް ރައީސް އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް މީގެ ކުރިން ވަނީ ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ދެން އޮތް ބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލާ އޭސީސީން ކަމަށެވެ.

ނަމަވެސް، އެ ކޮމިޝަން އުވާލުމާ މެދު އަދި ގޮތެއް ނުނިންމަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް